Friday, August 12, 2022

އަސްކަރިއްޔާތަކުގައި އެންލިސްޓެޑް ސިފައިން ގިންތި ކުރެވޭގޮތް




ޢަބްދުﷲ ސަޢީދު

ދުނިޔޭގެ އަސްކަރިއްޔާތަކުގައި ސިފައިން ގިންތިކުރެވެނީ އެތަނެއްގެ ރޭންކް ސްޓްރެކްޗަރއާއި ކެރިއަރ ޕާރތު ކަނޑައެޅިފައި އޮންނަ ނިޒާމެއްގެ މައްޗަށެވެ. ދުނިޔޭގެ އަސްކަރިއްޔާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އޮންނަނީ  ދެ ނިޒާމެކެވެ. އެއްގޮތަކީ އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ ގިނަ ޤައުމުތަކުގައި އޮންނަ ގޮތެވެ. އަނެއް ގޮތަކީ އެމެރިކާގައި އޮންނަ ގޮތެވެ. 2010 ވަނަ އަހަރުން ފެށިގެން ދިވެހި އަސްކަރިއްޔާގައި އޮންނަނީ އެމެރިކާގެ އަސްކަރިއްޔާއާ އެއްގޮތް ނިޒާމެކެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރިއްޔާގައި އޮންނަ ނިޒާމުގެ އިތުރުން ދެން އޮންނަނީ މި ދެ ނިޒާމުގެ މަސްހުނިކަން ފެންނަ ނުވަތަ މުޅިން މިއިން އެއްވެސް ނިޒާމަކަށް ނުފެތޭ އަމިއްލަ ނިޒާމުތަކެވެ

 

އިނގިރޭސިވިލާތުގައި ސިފައިންގެ ކެރިއަރ ޕާރތު ކަނޑައެޅިފައި އޮންނަނީ ދެ ހަރުގަނޑަކަށެވެ.  އެއީ އެންސީއޯއިންނާއި އޮފިސަރުންނެވެ. އެންސީއޯއިންގެ ކެރިއަރ ޕާރތު އޮންނަނީ ޕްރައިވެޓުންނާއި އެންސީއޯއިންނާއި ވޮރަންޓް އޮފިސަރުން ހިމެނޭ ގޮތަށެވެ.

ދިވެހިރާއްޖޭގައި ކުރިން އޮތީ އިނގިރޭސިވިލާތާ އެއްގޮތްކަމެއް ހުރި ނިޒާމެކެވެ. ރާއްޖޭގައި އޮތް ނިޒާމުގައި ސިފައިންގެއަށް ވަންނަ ކޮންމެ މީހަކު ވެސް ސިފައިންގެ ކެރިއަރ ފަށަނީ ޕްރައިވެޓެއްގެ ގޮތުގައެވެ. ފަށެއް އެރީމާ އެންސީއޯއަކަށް ކިޔައެވެ. އެންސީއޯއެއްގެ ގޮތުގައި މައްޗަށް ދަމުންގޮސް، ވޮރަންޓް އޮފިސަރަކަށް ވެއެވެ. އެއަށްފަހު އޮފިސަރަށް ވެވެއެވެ. ލެފްޓިނަންޓަކަށް ވުމަށްފަހު އޮފިސަރެއްގެ ގޮތުގައި ކެރިއަރ ޕާރތު ފެށިގެން ގޮސް އަސްކަރީ އެންމެ މަތީ ކޮމާންޑަރުގެ މަޤާމަށް ވެސް ދެވެއެވެ. ރާއްޖޭގައި މި ނިޒާމު އޮތް އިރުވެސް އިނގިރޭސިވިލާތުގައި އޮފިސަރ ކެނޑިޑޭޓް ކޯސް ހެދުމަށްފަހު ސީދާ އޮފިސަރުންނަށްވެ، އޮފިސަރެއްގެ ކެރިއަރ ޕާރތުގައި ކުރިއަށް ދެވެއެވެ.

 އެމެރިކާގައި އޮންނަނީ ތްރީ ލެޑަރ ސިސްޓަމެއް ނުވަތަ ތިން ހަރުގަނޑު  ހިމެނޭ ނިޒާމެއްގެ މައްޗަށް އޮންނަ ކެރިއަރ ޕާރތެކެވެ. އެއީ އެންލިސްޓެޑް ކޯރއާއި ވޮރަންޓް އޮފިސަރ ކޯރއާއި އޮފިސަރ ކޯރއެވެ. 2010 ވަނަ އަހަރު  ދިވެހި އަސްކަރިއްޔާއިން ވަނީ އެމެރިކާގައި އޮންނަ ތިން ހަރުގަނޑު ނިޒާމަށް ޢަމަލުކުރަން ފަށާފައެވެ. މިބަދަލާއެކު ދިވެހި އަސްކަރިއްޔާގައި މިއަދު ތިން ކެރިއަރ ޕާރތެއް ސާފުކޮށް ފެންނަން އޮވެއެވެ. އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ޒުވާނުން އޮފިސަރ ކެނޑިޑޭޓް ކޯސް ހަދައިގެން ސީދާ އޮފިސަރަކަށް މިއަދު ވެވެއެވެ. އަދި އޮފިސަރުންގެ މުހިންމުކަމަށް ބަލައި، ޢުމުރާއި ތަޢުލީމާއި ފަންނީ ހުނަރުވެރިކަމަށް ބަލައި ބިލެޓް ހުންނަ މިންވަރަކުން ޝޯޓް ކަމިޝަން ކޯސް ފުރިހަމަކުރާ އެންލިސްޓެޑް ސިފައިންނާއި ވޮރަންޓް އޮފިސަރުންނަށް ކަމިޝަން އޮފިސަރުންނަށް ވުމަށް ފުރުސަތު ދެވެއެވެ.

ތިން ކޯރ އުފައްދަވައި ދިވެހި އަސްކަރިއްޔާގައި ސީނިއަރ އެންލިސްޓެޑް ލީޑަރުން އުފައްދަވައި، ދިވެހި އަސްކަރިއްޔާގެ ސާޖަންޓް މޭޖަރގެ މަޤާމު އުފެއްދެވީ 2010 ވަނަ އަހަރުއެވެ. އެމެރިކާގެ އަސްކަރިއްޔާގައި އޮންނަ މި ނިޒާމުގައި އަސްކަރިއްޔާގެ ކޮންމެ ކޯރއަކީ ވެސް ހައިބަތާއި ގަދަރާއި ޝަރަފު އޮތް ތިން ކޯރއެވެ. މުސާރައާއި އިނާޔަތްތައް ވެސް އެއް ކޯރއާއި އަނެއް ކޯރ އަޅާކިޔުމެއްނެތި އޮންނަނީ ރޭންކާއި މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތާ އެއްވަރަށެވެ. އެންލިސްޓެޑް ސިފައިންގެ ތެރޭގައި ވެސް ޓެކްޓިކަލް ލެވެލްއާއި އޮޕަރޭޝަން ލެވެލްގެ އިތުރުން އިސްތިރާޖީ ލެވެލުގައި މަސައްކަތްކުރާގެ ބެލެޓުތައްވަނީ އުފައްދާފައެވެ.

އެމެރިކާއިން ބޭނުންކުރާ "އެންލިސްޓްޑް ރޭންކްސް" މި ލަފުޒުގެ ބަދަލުގައި އިނގިރޭސިވިލާތުގައި ބޭނުންކުރަނީ "އަދަރ ރޭންކްސް" އެވެ. އެއީ ޕްރައިވެޓުންނާއި ނޮން ކޮމިޝަންޑް އޮފިސަރ (އެންސީއޯ) އިންނާއި ވޮރަންޓް އޮފިސަރުން ހިމެނޭގޮތަށެވެ.

ނޭޓޯގެ ރޭންކް ކޯޑުގައި ކަނޑައެޅިފައިވަނީ އަދަރޭންކްސް (އޯއާރު) 1 އިން އޯއާރު 9 އަށެވެ. އެމެރިކާގެ އަސްކަރިއްޔާގައި އެންލިސްޓެޑް(އީ) 1 އިން އީ9 އަށެވެ.  އެމެރިކާއަށް ބަލާއިރު އެމެރިކާގެ އާމީއާއި ނޭވީއާއި އެއަރ ފޯސްގައި ވެސް އެންލިސްޓެޑް ސިފައިން ގިންތިކުރެވިފައިވާގޮތް ތަފާތެވެ.

އެމެރިކާގެ އާމީގައި އޯއާރު1 އިން އޯއާރު 4 އޭ (ސްޕެޝަލިސްޓް) ންނަކީ ޖޫނިއާ އެންލިސްޓުންނެވެ. އޯއާރް-4ބީ (ކޯޕަރަލް) އިން އޯއާރް-6 އަށް އެއީ ޖޫނިއަރ ނޮން ކޮމިޝަންޑް އޮފިސަރުން (އެންސީއޯ) އިންނެވެ. އަދި އޯއާރް-7 އިން އޯއާރް-9 އަށް ސީނިއާ ނޮން-ކޮމިޝަންޑް އޮފިސަރުން (އެސްއެންސީއޯ) އެވެ.

ޔޫއެސް އެއަރފޯސްގައި އީ-1 އިން އީ-4 އަށް އެއީ ޖޫނިއަރ އެންލިސްޓެޑުންނެވެ. އީ-5 އިން އީ-6 އަށް އެއީ އެންސީއޯ އިންނެވެ. އަދި އީ-7 އިން އީ-9 އަށް އެއީ ސީނިއަރ އެންސީއޯ އެވެ.

 އެމެރިކާގެ މެރިން ކޯރގައި އީ-1 އިން އީ-3 އަށް އެއީ ޖޫނިއަރ އެންލިސްޓެޑުންނެވެ. އީ-4 އިން އީ-5 އެއީ އެންސީއޯއިންނެވެ. އަދި އީ-6 އިން އީ-9 އަކީ ސްޓާފް ނޮން ކޮމިޝަންޑް އޮފިސަރުންނެވެ.

އެމެރިކާގެ ނޭވީ އާއި ކޯސްޓްގާޑްގައި އީ-1 އިން އީ-3 ނުވަތަ "ނޮންރޭޓެޑް (ވު)މެން" އަކީ ޖޫނިއަރ އެންލިސްޓުންނެވެ. އީ-4 އިން އީ-6 ނުވަތަ ޕެޓީ އޮފިސަރުންނަކީ އެންސީއޯއިންނެވެ. އަދި އީ-7 އިން އީ-9 ނުވަތަ ޗީފް ޕެޓީ އޮފިސަރުންނަކީ އެސްއެންސީއޯ އިންނެވެ.

މިގޮތުން ބަލާއިރު ދިވެހި އަސްކަރިއްޔާގައި ޕްރައިވެޓުންނާއި ލާންސް ކޯޕްރަލުންނަކީ ޖޫނިއަރ އެންލިސްޓެޑުންނެވެ. ކޯޕްރަލުންނާއި ސާޖަންޓުންނަކީ ނޮން ކޮމިޝަންޑް އޮފިސަރ (އެންސީއޯ) އިންނެވެ. ސްޓާފް ސާޖެންޓުންނާއި ސާޖަންޓް ފަސްޓް ކްލާސް ރޭންކުގެ ސިފައިންނަކީ ސީނިއަރ އެންސީއޯއިންނެވެ. ފަސްޓް ސާޖަންޓް، ސާޖަންޓް މޭޖަރ އަދި ކޮމާންޑް ސާޖަންޓް މޭޖަރުންނަކީ ސީނިއަރ އެންލިސްޓެޑް ލީޑަރުންނެވެ.

ސިފައިންގެ ޕްރޮފެޝަނަކީ ގާނޫނު އަސާސީއާއި ދިވެހި ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތު ދިފާއުކުރުމަށް ހަވާލުކޮށްފައިވާ ތަޖުރިބާކާރުންގެ ތަފާތު ޚިދުމަތެކެވެ. މުސާރައިގެ ލެވެލަށްވުރެ ބޮޑަށް، ސިފައިންގެ ރޭންކްތަކުން ފޯރުކޮށްދެނީ އެ ޕްރޮފެޝަންގެ ތެރޭގައި ސިފައިންގެ މީހެއްގެ ތަޖުރިބާއާއި ޒިންމާއާއި ބާރުގެ ފެންވަރު ދައްކުވައިދޭ ލީޑަރޝިޕްގެ ނިޒާމެކެވެ. ރޭންކަށް ބެލުމެއް ނެތި، އަސްކަރިއްޔާގެ  މިޝަން އަދާކުރުގައި ކޮންމެ ސިފައިންގެ މީހެއްގެ ވެސް މުހިންމު ދައުރެއް އެބައޮތެވެ.

 

No comments: