Thursday, September 1, 2022

އަސްކަރީ ދާއިރާގައި އަންހެނުން: ސަގާފަތާއި މިންތީގެ ގޮންޖެހުންތައް

 


 ޢަބްދުﷲ ސަޢީދު

ދުނިޔޭގައި އަސްކަރީ ދާއިރާގައި އަންހެނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ހަމައެކަނި އަދަދެއް ނޫނެވެ. އަސްކަރިއްޔާތަކުގައި އަންހެނުންގެ ދައުރު ވެސް ދަނީ ފުޅާވަމުންނެވެ. މި ބަދަލާއެކު ވަރަށް މުހިންމު ސުވާލެއް ދިރާސާވެރިން އުފައްދައެވެ. އަސްކަރީ ޚިދުމަތުގައި އަންހެން ސިފައިންނަށް ހުރި ގޮންޖެހުންތައް ނިމުމަކަށް އައީތޯއެވެ؟ ޒަމާންވީ އަސްކަރީ ސަޤާފަތް ބަދަލުވީތޯއެވެ؟

 

މި ސުވާލުތައް ކުރެވެނީ އަސްކަރިއްޔާގެ ތެރޭގައި އަންހެނުންގެ އަދަދު އިތުރުވުމުން އަސްކަރީ އޮޕަރޭޝަންތަކަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާނެކަމަށް ޒަމާނުއްސުރެ ބައެއް ފަރާތްތަކުން ގަބޫލުކުރަމުން އަންނާތީއެވެ. އަދި އަންހެން ސިފައިން އިތުރުވުމުން އަސްކަރީ ޚިދުމަތަށް ހުރަސްތަކެއް ކުރިމަތިވެދާނެކަމަށް ބައެއް ފަރާތްތަކުން ހީކުރަމުން ގެންދާތީއެވެ. މި ހީކުރުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުން އަންހެން ސިފައިންނަށް އަސްކަރިއްޔާގައި ޚިދުމަތް ކުރުމަށާއި ކުރިއަށް ދިއުމުގައި ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިވާތީއެވެ.

އަސްކަރީ ޚިދުމަތުގެ ތެރެއިން އަންހެނުންނަށް ކުރެވޭނީ ވަކި ކަހަލަ ކަންތައްތަކެއް ކަމަށް ހީވި ޒަމާން ފަސްދީ ހިނގައްޖެއެވެ. ލުއި ޓާސްކްތަކާއި އިދާރީ ޖޮބްތައް ދޫކޮށް މިއަދު އަންހެން ސިފައިންނަކީ އަސްކަރިއްޔާގެ ފްރޮންޓްލައިންގައި ހަނގުރާމަ ވެސް ކުރާ ބައެކެވެ. އަސްކަރިއްޔާގެ ތަފާތު ފީލްޑްތަކުގައި އިސް ސަފުގައި ޚިދުމަތްކުރާ ބައެކެވެ. މި ހިސާބަށް އަންހެން ސިފައިން ދަތުރުކުރީ ތަފާތު ގޮންޖެހުންތަކާއެކުއެވެ.

އެމެރިކާގެ ޕްރިންސިޕަލިޓީ އޮފް ލިޗްޓެންސްޓައިންގެ އެހީތެރިކަމާއެކު ޖޯޖްޓައުން އިންސްޓިޓިއުޓް ފޯ ވިމެން، ޕީސް އެންޑް ސެކިއުރިޓީން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބައިވެރިވި ޚިދުމަތުގައި ތިބި އަންހެން ސިފައިންނާއި ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އަންހެން ސިފައިންނާއި އަސްކަރީ ތަޖުރިބާކާރުންގެ ވާހަކަތަކުން އެނގޭ އެއް ޙަޤީޤަކީ އަދިވެސް އަންހެން ސިފައިންނަށް ގޮންޖެހުންތައް ދުނިޔޭގެ އެންމެ ބޮޑެތި ޕްރޮފެޝަނަލް އަސްކަރިއްޔާތަކުގައި ވެސް ހުރިކަމެވެ. ސަރުކާރުތަކުގެ އަސްކަރީ ސިޔާސަތުތަކާއި، މިނިވަން ރިވިއު ރިޕޯޓްތަކާއި، އެކަޑަމިކް ލިޓަރޭޗަރތަކުން ވެސް ދައްކަނީ އަންހެން ސިފައިން އިތުރަށް ބާރުވެރިކުރުވަން ކުރެވިދާނެ ކަންތައްތައް ހުރިކަމަށެވެ.

މި ދިރާސާގައި އެމެރިކާގެ އަސްކަރިއްޔާގައި މިންތީގެ ހަމަހަމަކަމާ ގުޅުންހުރި މަރުކަޒީ ތިން މައްސަލައެއް ފާހަގަކޮށްފައި ވެއެވެ. އެއީ އަންހެން ސިފައިން، ހަމަހަމަ އަދި މާނަހުރި ގޮތެއްގައި އަސްކަރީ ޚިދުމަތުގައި ޝާމިލު ނުކުރުމާއި، ދެ ޖިންސްގެ ދެމެދުގައި އޮންނަ ޖިސްމާނީ މިންގަނޑުތަކަށް ބެލުމާއި، ޖިންސީ ގޯނާއާއި އަނިޔާގެ މައްސަލައެވެ.

މި ދިރާސާގައި ބުނަނީ އަންހެނުން އަސްކަރިއްޔާއަށް ވަނުމަށާއި އަސްކަރީ ޚިދުމަތުގައި ކުރިއަށް ދިއުމަށް މަގުތައް ކޮށަމުން ދިޔައިރު، ފިރިހެން ސިފައިން ދިޔައީ އޯގަނައިޒޭޝަނަލް ހައިރާކީގައި އެ މީހުންގެ ވެރިކަން ދެމެހެއްޓޭނެ ގޮތްތައް ހޯދަމުން ކަމަށެވެ. މިގޮތުން ފިރިހެން ސިފައިންނާއި އަސްކަރިއްޔާއިން މުއައްސަސާއެއްގެ ގޮތުގައި ތިން އަސާސީ ފިޔަވަޅެއް އެޅިކަމަށް ވެއެވެ. އެއީ:

1. އަންހެނުންނަށްވުރެ ފިރިހެނުންނަށް ފައިދާހުރިގޮތަށް ޕްރޮމޯޝަންނުވަތަ މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމުގައި ޢަމަލުކުރާ ޝަރުތުތައް ހެދުން. މިސާލަކަށް އެއްވެސް ބެލުމެއްނެތި ޖިސްމާނީ ބާރު ފަދަ މިންގަނޑުތަކަށް އިސްކަންދިނުމާއި އަންހެން ސިފައިން ޒާތީ ކަންތައްތަކަށް ރިޢާޔަތްނުކުރުމެވެ.

ދިވެހިރާއްޖޭގައި މީގެކުރިން ވިހެއުމުގެ ޗުއްޓީއާއެކު ގިނަ ދުވަސް ޗުއްޓީގައި އަންހެން ސިފައިން ހޭދަކުރާނެކަން އެނގިތިބެ ޝަރަފުގެ ނިޝާން ދިނުމުގައި އެ ޗުއްޓީތައް އިސްތިސްނާ ނުކުރެވި ދިޔައެވެ. އެކަމަކު އެކަން މިހާރުވަނީ ބަދަލުކޮށްފައެވެ.

2. އަސްކަރިއްޔާގެ އިސް ލީޑަރޝިޕުގެ މަޤާމުތަކަށް އަންހެނުންނަށް ފުރުސަތު ހަނިވާގޮތަށް ޕްރޮމޯޝަން ޝަރުތުތަކުގައި ކޮމްބެޓް (ހަނގުރާމަވެރި) ތަޖުރިބާއަށް އިސްކަންދީގެން ގަވާއިދު ހެދުން؛

3. ގާތްގަނޑަކަށް ހަމައެކަނި ފިރިހެނުން ހަރަކާތްތެރިވާ ސްޕެޝަލް އޮޕަރޭޝަންތަކަށް އެމެރިކާގެ އަސްކަރީ ސްޓްރެޓެޖީގައި މައިގަނޑު ދައުރެއް ދިނުން.

ޖިސްމާނީ ވަރުގަދަކަމަށް އިސްކަން ދިނުމަކީ އަސްކަރިއްޔާގައި އަންހެނުންނަށް ލިބޭ ފުރުސަތުތައް ކުޑަކުރާ ކަމެކެވެ. މަތީ ރޭންކްތަކަށް ދިއުމަށް ޓަކައި ހަނގުރާމަވެރި އޮޕަރޭޝަންތަކުގެ ތަޖުރިބާއަށް ބޮޑު އަހުމިއްޔަތުކަމެއް ދިނުމަކީ ފިރިހެނުންނަށް ފުރުސަތު ފަހިވާކަމެކެވެ. މިހެން ދިމާވަނީ މިހާރު ސްޕެޝަލް އޮޕަރޭޝަންތަކަށް ފިރިހެނުން ޚާއްޞަވެފައިވާ ވަރުންނާއި އެ އޮޕަރޭޝަން ޔުނިޓްތައް ވަރަށް ބޮޑަށް ފިރިހެނުންނަށް ބަރޯސާވާން ޖެހިފައިވާތީއެވެ.

މި ކަންކަމުން އަރައިގަނެވޭނީ އަންހެން ސިފައިން ވެސް ހިތްވަރާއެކު ކުރިއަށް ދިއުމުގެ ޢަޒުމުގައި މަސައްކަތްކޮށްގެންނެވެ. އަސްކަރީ ނުވަތަ ހަނގުރާމަވެރި ހަރަކާތްތަކާއި ބަޑިފޯރިތަކާއި ގާޑް ޑިއުޓީތަކުން ފެށިގެން ސްޕެޝަލް އޮޕަރޭޝަންސް ތަމްރީނުތަކާއި ސްޕެޝަލް އޮޕަރޭޝަންސް ތަކުގައި ވެސް ޝާމިލުވެގެންނެވެ. ރާއްޖެއަށް ބަލާއިރު ޑްރައިވަރުކަމާއި އިންޖިނިއަރިންގ ފަދަ ޚިދުމަތްދޭ ދާއިރާތަކާއި ކަނޑުމަތީގެ ޚިދުމަތުގައި މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރި ވެގެންނެވެ. ފިޒިކަލް ފިޓްނަސް ދަމަހައްޓައި ފިރިހެން ސިފައިން އެ ގިންތީގައި ހޯދާ ކާމިޔާބު އަންހެން ސިފައިން އެ މީހުންގެ ގިންތީގައި ވެސް ހޯދައިގެންނެވެ. އަންހެން ސިފައިންނަކީ އިދާރީ ނުވަތަ ލުއި ޖޮބްތައް އަދާކުރާ ބައެއްގެ ލޭބަލް ބަދަލުކޮށްގެންނެވެ. އަސްކަރިއްޔާގެ ހުރިހާ ހިސާބެއްގައި މާނަހުރި ގޮތެއްގައި އަންހެނުން ބައިވެރިވެ، އަދި ބައިވެރިކުރުން އިތުރުކޮށްގެންނެވެ.

އަސްކަރިއްޔާގައި އަންހެން ސިފައިންގެ ބައިވެރިވުން އިތުރުކުރެވޭނީ ހަމައެކަނި ސިޔާސަތުތަކަށް ބަދަލުގެނެސްގެން ނޫނެވެ. ދެ ޖިންސްގެ ހުރިހާ ސިފައިން ވެސް އެކަމަށް ހިތްވަރުދޭ މާހައުލެއް ގާއިމުކޮށްގެންނެވެ. މިކަމަށް މަގުފަހިކުރުމަށް ޓަކައި ކުރިން ދެންނެވި ދިރާސާގައި ލަފާދީފައި ވަނީ މައިގަނޑު ތިން މައްސަލައަކަށް ފޯކަސްކުރުމަށެވެ. އެއީ:-

1. އަންހެނުންގެ މާނަހުރި ބައިވެރިވުން ކަށަވަރުކުރުން:

އަންހެނުންގެ މާނަހުރި ބައިވެރިވުމުގައި، ލީޑަރޝިޕް މަގާމުތަކަށް ޕްރޮމޯޓްކުރުމާއި، އެމީހުންނަށް ނުފޫޒު ނުފޯރުވުން ކަށަވަރުކުރުމާއި، އެމީހުންގެ ޚިދުމަތުގެ އަގުވަޒަންކުރުން.

2. ޖިސްމާނީ މިންގަނޑުތަކާއި ހުރަސްތައް އިސްލާހުކުރުން:

ޞިއްޙަތާއި ފިޓްނަސް ވަޒަންކުރުމުގެ މިންގަނޑުތަކަކީ އިދާރީ މިންގަނޑުތަކަކަށް ވާތީ ޖެންޑަރ ނިއުޓްރަލް އޮކިއުޕޭޝަނަލް ސްޓޭންޑަރޑްތަކާއި ޖިސްމާނީ ފިޓްނަސް ވަޒަންކުރުމުގައި ތަފާތުކޮށް މުއާމަލާތްކުރުން.

3. ޖިންސީ ގޯނާއާއި ޖިންސީ އަނިޔާއަށް ޙައްލު ހޯދުން:

މި ދާއިރާއިން އެމެރިކާގެ އަސްކަރިއްޔާގައި ބާރު އަޅަނީ ގުޅިފައިވާ ދެ ފިޔަވަޅަކަށް:

ފުރަތަމަ ކަމަކީ، ހުރިހާ ފެންވަރެއްގެ ލީޑަރުންނާއި ކޮމާންޑަރުން ފެށިގެން ހަތަރު ތަރީގެ ޖެނެރަލުންނާ ހަމައަށް ވެސް އެ މީހުންގެ ޢަމަލުތަކާމެދު ޖަވާބުދާރީ ކުރުވުމެވެ.

ދެވަނަ ކަމަކީ ތަމްރީނުތަކާއި އޮޕަރޭޝަންސް ތަކުގައި އަންހެނުންގެ ކަރާމާތް ހިފެހެއްޓޭކަން ޔަޤީންކުރުނެވެ. ވަކި ޖިންސެއްގެ މީހަކަށްވާތީ ކުޑައިމިސް ނުކުރުމާއި ތަފާތު ނުކުރުމެވެ.

ދިވެހި އަސްކަރިއްޔާގައި އަންހެން ސިފައިން ޚިދުމަތްކުރަންފެށީ 1989 ވަނަ އަހަރުން ފެށިގެންނެވެ. ފާއިތުވި މުއްދަތުގައި އަންހެން ސިފައިންވަނީ ވަރަށް ބޮޑު ބަދަލެއް ދިވެހި އަސްކަރިއްޔާގައި ދައްކުވައިދީފައެވެ.

 


No comments: