Thursday, April 21, 2022

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފުގެ އަސްކަރީ ޚިދުމަތް


ޢަބްދުﷲ ސަޢީދު 


ގ. ކަނޑިތޮޅިއާގެ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސިފައިންގެ ޚިދުމަތް ފެށްޓެވީ 18 ފެބްރުވަރީ 1985 ގައެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ ސިފައިންގެ ކޮމިޔުނިކޭޝަން ސެކްޝަންގައި ރޭޑިއޯ އޮޕަރޭޓަރެއްގެ ގޮތުގައެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމަކީ އެންލިސްޓެޑް ރޭންކުތަކުން ވަޑައިގެން ކޮމިޝަން އޮފިސަރަކަށް ވެވަޑައިގެންނެވި ބޭފުޅެކެވެ.   

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް  ފުރިހަަމަ ކުރެއްވި ކޯސްތަކުގެ ތެރެއިން އެމެރިކާއިން ރޭޑިއޯ ރިޕެއަރ ކޯހެއް ފުރިހަމަކުރައްވައި އެ ކޯހުން 1 ވަނަ ހޯއްދަވައިގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު، 1989 ވަނަ އަހަރު ހާސިލުކުރެއްވިއެވެ.

 

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެމްއެންޑީއެފްގައި ތަފާތު ގިނަ ދާއިރާތަކުގައި ޚިދުމަތް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ އެމް.އެން.ޑީ.އެފް.ގެ ކޮމިއުނިކޭޝަން ތަރައްޤީ ކުރެއްވުމަށް ޢަބްދުއްރަޙީމް ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން، ކުރިން ސިފައިންގެއިން ބޭރުން ފަންނީ މީހުން ގެނެސްގެން ކުރަމުންގެންދިޔަ އެ ދާއިރާގެ މަރާމާތުކުރުމުގެ އެކިއެކި މަސައްކަތްތައް ސިފައިންގެއިން ކުރައްވަން ފެށްޓެވުން ހިމެނެއެވެ. އަދި ކޮމިއުނިކޭޝަން ވާރކްޝޮޕެއް ޤާއިމުކުރެއްވުމަށްފަހު، އެތަން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގައި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް އަދާކުރެއްވި ހިއްސާ ވަރަށް ބޮޑެވެ. 

އެ ދުވަސްވަރަކީ ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަން ހާލަތު ވަރަށް ދަށް ލެވެލެއްގައި އޮތް ދުވަސްވަރެކެވެ. އޭރު ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ޑިފެންސް މިނިސްޓަރުގެ ނައިބު އޮނަރަބަލް އިލްޔާސް އިބްރާހީމް، ރާއްޖޭގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ކޮމިއުނިކޭޝަންގެ ކަންތައް ބެލެހެއްޓެވުމުގައި، އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މިގޮތުން، ރާއްޖެތެރޭގެ ރަށްރަށުންނާއި، ދަތުރުފުޅު ކުރައްވާ އުޅަނދުފަހަރުން ޓެލެފޯނާއި، ރޭޑިއޯ ޓެލެފޯނުން މާލެއާ ގުޅޭނެގޮތް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެ ދުވަސްވަރު ދަތުރުކުރައްވައިފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 

 

ސިފައިންގެ އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރެއްވުމަށާއި، ސިފައިންގެ ހެވިކަމާއި ކުޅިވަރު ތަރައްޤީ ކުރެއްވުމަށް، އިސްނަންގަވައިގެން ކުރައްވައިފައިވާ މަސައްކަތްޕުޅުތައް ފާހަގަ ވެއެވެ. މީގެއިތުރުން، ސާރކް ސަމިޓުގެ ސެކިއުރިޓީއާ ބެހޭ މަސައްކަތާއި، ސުނާމީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ބަދަލުގައި ގއ.މާމެންދޫގައި އިމާރާތްކުރި ގެތަކުގެ މަސައްކަތާއި، ކޯވިޑް19އާ ގުޅިގެން ހުޅުމާލޭގައި ޢިމާރާތްކުރި ކޯވިޑް ފެސިލިޓީގެ މަސައްކަތްތަކާއި، 1988 ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގެ މަސައްކަތްފަދަ ޤައުމީ ބޮޑެތި މަސައްކަތްތަކުގައި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވަރަށް އިސްދައުރެއް ވަނީ އަދާކުރައްވައިފައެވެ.ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ދިވެހި އަސްކަރިއްޔާގައި ފުރުއްވައިފައިވާ އިސް މަގާމުތަކުގެ ތެރޭގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގެ އިތުރުން ސަދަން އޭރިޔާގެ ކޮމާންޑަރުގެ މަގާމާއި، ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގެ ކޮމަޑާންޓުގެ މަގާމާއި، މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ސްޕެޝަލް އެސެސްމަންޓް ޔުނިޓުގެ ކޮމާންޑިންގ އޮފިސަރުގެ މަގާމާއި، ޑައިރެކްޓްރޭޓް އޮފް މިލިޓަރީ އިންޓެލިޖެންސްގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑައިރެކްޓަރުގެ މަގާމާއި، ޑައިރެކްޓަރ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖަންސް ސަރވިސްގެ މަޤާމާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މާލީ ޒިންމާދާރު ވެރިޔާގެ މަގާމާއި، އެމްއެންޑީއެފް ވެލްފެއަރ ބޯޑުގެ ޗެއަރމަންކަމުގެ މަގާމުގެ އިތުރުން، އެމްއެންޑީއެފް ގްރީވަންސް ބޯޑުގެ ޗެއަރޕަރސަން ކަމުގެ މަގާމާއި، އެމްއެންޑީއެފްގެ ސްޕޯކްސްޕާރސަން ކަމުގެ މަގާމު ހިމެނެއެވެ. އަދި ސިފައިންގެ ލަފާދޭ މަޖިލީހާއި، އެކިއެކި ކޮމިޓީތަކާއި، ބޯޑުތަކާއި، މަޖިލިސްތަކުގައިވެސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ސިފައިންގެއަށް ކުރައްވައިފައިވާ އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ 10 މެޑެއްޔާއި، ޝަރަފުގެ 8 ކުލަ ވަނީ ހާސިލުކުރައްވައިފައެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑެއްޔާއި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚްލާޤީ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެލް ހިމެނެއެވެ. ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި، ކާމިޔާބުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. މީގެއިތުރުން، އަޚްލާޤީ ކުލަ ތިންފަހަރު އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، ދެފަހަރު ހާސިލު ކުރައްވައިފައި ވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވާ 5 ވަނަ ބޭފުޅާއެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް، ދިވެހި ޢަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢައްޔަނުކުރައްވައިފައި ވަނީ 11 ޑިސެންބަރު 2018 ގައެވެ.

No comments: