Friday, March 19, 2021

ކަތްދަދައިތަ ގެއްލުނު ހާދިސާ




ޢަބްދުﷲ ސަޢީދު 

އަޅުގަނޑު ރުންމަގު ހޮޅުއަށީގައި އޮތް ދުވަހެކެވެ. އެއީ ރޯދަ މަހެވެ. ރުންމަގުގައި އެންމެ މީހުން ބައިބޯ ހަވީރުގެ ވަގުތެވެ. އަލިކޮބޭގެ ހާރޫނުބޭ ރުންމަގުގައި އިނީ ކާފަ ދަރިއަކު ގޮވައިގެންނެވެ. ހާރޫނުބޭ ހޮޅުއަށީގައި އިނީ އުތުރު ފަރާތަށް އެނބުރި ދެ ފައި އެލުވާލައިގެން އިށީންދެއެވެ.  އެތަނަށް އެ ވަގުތު ހާރޫނުބޭގެ ބޭބެ އަލިކޮބޭގެ އަބުދުބޭ އަތުވެއްޖެއެވެ. އެއީ އިރުމަތީ އަވަށުގައި ހުންނަ މަސްޖިދިލް އަމާނުގެ އޭރުގެ މުދިމެވެ. ހާރޫނުބެއާއި އަބުދުބެއަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ. އަބުދުބެއަށް ކިޔަނީ ޢަބްދުއްރަޙްމާން ޢަލީއެވެ. ހާރޫނުބެއަށް ކިޔަނީ ހާރޫނު ޢަލީއެވެ. ހާރޫނުބޭ ކައިރިއަށް ލެފިލާފައި ހާރޫނުބޭގެ ކާފަ ދަރިފުޅުގެ ގައިގައި ކޮއްޓާލަމުން އަބުދުބޭ ބުންޏެވެ. "ކާފައައިމާ ކޮއްކޮމެން ތިޔަ އުޅެނީ މާމަ ވެސް ގެންގޮސްގެން ދޯ" އެވެ. އެހެން ބުނުމާއެކު ހާރޫނުބެއަށް ލިބުނު ހައިރާން ކަމާއެކު ބުންޏެވެ. "މަންމަ ކޮބައިހެއްޔެވެ؟ "އަބުދުބޭ ބުންޏެވެ. "މަންމަވީ ތިޔަގޭގައި ނޫން ހެއްޔެވެ." ވާހަކަ ދެކެވުނު ވަރަކަށް ހާރޫނުބޭގެ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ. ކުޑަކޮށް އަޑު ވެސް ދިޔައީ ބާރުވަމުންނެވެ. "އަހަރެންމެންގެ ގެއަކަށް މަންމައެއް ނާދެއެވެ."  އޭރު ރުންމަގުގައި ތިބި އެހެން މީހުންގެ ސަމާލުކަން އެ ދެބެންގެ ވާހަކައަށް ހުއްޓިއްޖެއެވެ. އެ ދެބެންގެ މަންމަވީ ތަނަކާމެދު ސުވާލު އުފެދުނީ އެހިސާބުންނެވެ.

 

ދުވަހަކީ މީލާދީން 5 އެޕްރީލް 1990 އެވެ. އެއީ ހިޖުރައިން 09 ރަމަޟާން 1410ވީ ބުރާސްފަތި ދުވަހެވެ. އެއީ މަނަދޫ ފީރޯޒުގޭ ޚަދީޖާ މުޙައްމަދު (ކަތްދަދައިތަ) ގެއްލުނު ދުވަހެވެ. މަނަދޫ ކައުންސިލް އިދާރާގެ ލިޔެކިޔުމުން ފެންނަނީ އެ ތާރީޚުގައި "ވީނުވީގޮތެއް ނޭނގި ގެއްލުނީ" ކަމަށެވެ. 

 

އޭގެ ދެ ދުވަހެއް ކުރިން ހާރޫނުބޭ އައީ މާލެއިންނެވެ. ހާރޫނުބެއާއި އަބުދުބޭގެ މަންމަ (ކަތްދަދައިތަ) ދިރިއުޅެނީ އަބުދުބޭގެ ގެ މަނަދޫ ފީރޯޒުގޭގައެވެ. އެ ގެ ހުންނަނީ މަލަންމަގުގައި މަގުގެ އިރުމަތީ ކޮޅުގައެވެ. ހާރޫނުބޭ ދިރިއުޅޭ ނޫރާނީގެ ހުންނަނީ ސޯސަންމަގުގައެވެ. އެއީ އޭރު މީހުން ދިރިއުޅޭ ސަރަހައްދަށް ބަލައިފިނަމަ ގާތްގަނޑަކަށް ރަށުގެ މެދުތެރެއެވެ. ހާރޫނުބެއަށް މަލަންމަގުގެ ހުޅަނގުކޮޅުން އަލަށް ލިބުނު ގެވަޅުގައި ގެއެއް އަޅައިގެން އެގެއަށް ހާރޫނުބޭގެ ދަރިއެއް ކަމުގައިވާ ހައްވާކޮއިދައްތަ ނިކުމެ އުޅެއެވެ. އެއީ ރީހުއްޞަބާއެވެ.  

ކަތްދަދައިތަ ނިސްބަތް ވަނީ މަނަދޫ ބޮނޑިބަތް އާއިލާއަށެވެ. އެއީ ބޮނޑިބަތް މުޙައްމަދުބޭގެ ބޮނޑިބަތް ކަތްދަދައިތައެވެ. ފޮތުނަމަކީ ޚަދީޖާ މުޙައްމަދެވެ.  ކަތްދަދައިތައާ އަލިކޮބެއާ ކައިވެނިކޮށްގެން ފަސް ދަރިން ލިބިފައިވެއެވެ. އެއީ ފާތުމަދައިތައާއި އަބުދުބެއާއި، ހާރޫނުބެއާއި އާދަމްބެއާއި، ކަނބުލޮދައިތައެވެ. ކަތްދަދައިތަގެ އާއިލާ މުޅި ރަށަށް އޮތީ ފެތުރިފައެވެ. އުފަން ދަރިންނާއި މާމަ ދަރިންނާއި މުނިމާމަ ދަރިން ވެސް ތިއްބެވެ. 

ކަތްދަދައިތައަކީ ވަރަށް ރީތި ދިރިއުޅުމެއް އުޅުނު ކަނބަލެކެވެ. ނަމާދަށާއި ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށިއިރު އަބަދުވެސް ފެންނަނީ ފެންވަރާ ރީތިވެގެން ހުއްޓައެވެ. ލަނީ ދިވެހި ލިބާހާއި ކަނޑިއްކެވެ. ބޯ ނިވާކޮށްލެއްވުމަށް ރުމާ ފަޅިއެއް އަޅައެވެ. 

ކަތްދަދައިތައަކީ ފޫޅުމައިކަން އެތައް އަހަރަކުކޮށް ތަޖުރިބާ ލިބިފައިވާ އަދި ފޫޅުމައިކަމުގެ ތަމުރީނު ފުރިހަމަކޮށް ފޮށި ލިބިފައިވާ ފޫޅުމައެކެވެ. މަނަދޫގައި އެތައް ބަޔަކު ވިއްސާފައިވާ، މީހުންގެ ލޯތްބާއި އިހުތިރާމާއި އިތުބާރު ލިބިފައިވާ ބޭކިނބި ދައިތައެކެވެ. މީހުން ހިނަވައި ކަށުކަމާކެމީގެ ކަންތައް ކޮށްދީހެދި ޚިދުމަތްތެރިއެކެވެ. މި ހުރިހާ ކަމެއް ކޮށްދީ ހެދީ އެއްވެސް އަގަކާނުލައި ހިލޭސާބަހަށެވެ. ދަރުމައަށެވެ. އެ ކަންކަން ޢަމަލީ ގޮތުން ކުރުން ހުއްޓާލީ ދުވަސްވެ ލޯބޯކޮށިވުމުގެ ސަބަބުންނެވެ.

ކަތްދަދައިތަ ގެއްލުނުއިރު ބަލިކޮށް އުޅުނަސް ތެދުވެލައި އުޅެއެވެ. ހިނގާބިނގާވެ އުޅެން ފަސޭހައަކަށް އޭރު ބައެއް ފަހަރު އަސައެއް ގެންގުޅެއެވެ. އެއްގެއިން އަނެއްގެއަށް ލަސްލަހުން މަޑުމަޑުން ހިނގާލައި، ގޭގެއަށް ޒިޔާރަތްކޮށްލައި އުޅެއެވެ. އަބުދުބޭ ހީކޮށްގެން ހުރީ ހާރޫނުބޭ މާލެއިން އައީމާ އެގެއަށްގޮސް އެ ގޭގައި މަންމަ އިނީ ކަމަށެވެ. ކަތްދަދައިތަ ގެއްލުނުކަން އެނގުނީ ރުންމަގުގައި ދެކެވުނު ވާހަކައަށްފަހު ކަތްދަދައިތަ އާންމުކޮށް ގޮސްއުޅޭ ގޭގެ ބަލައި އެއިން އެއްވެސް ގެއަކުން އަދި އެހެން ތަންކުން ވެސް ނުފެނުމުންނެވެ. އެ ހިސާބުން ރަށުގެ ވެރިންނަށް އެކަން އެންގުމުން ރައްޔިތުންނަށް ގޮވިއެވެ. ރައްޔިތުން ނުކުމެ ކަތްދަދައިތަ ހޯދުމުގެ މަސައްކަތް ފެށިއެވެ. ރަށުތެރެއާއި ވަލުތެރެއާއި ފަޅުމައްޗާއި ބޭރުމަތި ވެސް ބެއްޔެވެ. ރޭގަނޑަށް ބިގަރާއި ޓޯޗުބައްތި ހިފައިގެންނެވެ. ކަތްދަދައިތަ ހޯދަން ރޭގަނޑު ރަށުތެރޭގައި ހިނގި ގުރޫޕެއްގައި އަޅުގަނޑު ވެސް ދިޔައިމެވެ. ފުރަތަމަ ރޭ ދިޔައީ މަނަދޫ އިރުމަތީ އަވަށުގައި އޮންނަ ކޮށިމަގުގެ ދެ ފަރާތު ހޭޅިފަށް ބަލަންދިޔަ ކުދިބަޔަކާ އެކުގައެވެ. އެރޭ އެނބުރި އައީ ބޯހުރާ ވަށާލައިފައެވެ. ކަތްދަދައިތަ ހޯދުމަށް ރައްޔިތުން ނުކުމެ ކުރި މަސައްކަތް ހުއްޓާލީ ހަފުތާއަކަށްވުރެ ގިނަ ދުވަހު އެ މަސައްކަތްކޮށް ކަތްދަދައިތަގެ އެއްވެސް ލިސާނެއް  ނުވުމުންނެވެ.

 



  

ކަތްދައިތަ ފެނުނީ ހުކުރު ދުވަހެއްގައެވެ. އޭރުއޮތީ ގެއްލުނުތާ 40 ދުވަސް ހަމަވަން ދެ ދުވަހެވެ. 

ހުކުރުން އައިސް ކައިހަދައިގެން  ނ. މަނަދޫ ނިޝާން ހާރޫން ޢީސާ ނިކުތީ  ގޭފާރުގައި ރޯނެއް ދަމަންވެގެން ދެތިން ބުރި ކުރެދި ކަނޑަން ދާށެވެ. އޭނާގެ ހައެއްކަ އަހަރުގެ ދަރިފުޅު ޢަބްދުއްރަޙީމް ބައްޕައާއެކު ދާންވެގެން އެދުނެވެ.  އެ ދަރިފުޅަކީ ދުވަހަކު ވެސް އެގޮތަށް ބައްޕައާއެކު ދާންކިޔާ ކުއްޖެއް ނޫނެވެ. އެ ދުވަހު ކީވަރުން ހާރޫނުބޭ ދިޔައީ ޢަބްދުއްރަޙީމް ގޮވައިގެންނެވެ. އެ ދެބަފައިން ދިޔައީ މަނަދޫގެ ވަލުތެރެއިން ހުޅަނގު ދެކުނަށް ފޫދުއްވާލާފައި އޮންނަ ނާމަގުކޮޅަށެވެ. ނާމަގުކޮޅުން އުތުރު ފަރާތުން ތަންކޮޅަކަށް ހިނގާފައި ހާރޫނުބޭ އުޅުނީ ކުރެއްޖެއް ކެނޑޭތޯއެވެ. އެއީ ގަސްމަދު އަލިކޮށްއޮތް ތަންކޮޅެކެވެ. ކޮންމެވެސް ވަރަކަށް ވިނައާއި ހުއި ގަސް ހުއްޓެވެ. ކުރެއްޖެއް ކަނޑާފައި  ބަލާލިއިރު ދިއްގާގަހެއް ކަނޑާލާފައި ހުރި ބުޑެއްގެ ކައިރީގައި ބިންމައްޗަށް ބަލަހައްޓައިގެން ޢަބްދުއްރަޙީމް  ހުއްޓެވެ. އެ ދިއްގާ ބުޑުން ފަޅާފައިހުރި ކުރިތައް ދިއްގާ ގަސް ފީންޏެއް ގޮތަށް މީހެއްގެ އިސްކޮޅުހާތަންށް ހުރީ ހެދިފައެވެ. ހާރޫނުބޭ ގޮސް ޢަބްދުއްރަޙީމް ކައިރިއަށް ހުއްޓުމާއެކު އެ ދިއްގާ ބުޑުކައިރީގައި މަރުވެފައި އެ އޮތީ ކަތްދަދައިތަކަން އެނގުނެވެ.  ލައިގެން އޮތީ ފެހިކުލައިގެ ދިވެހި ލިބާހެކެވެ. އަނދެގެން އޮތީ ކަޅު ކުލައިގެ ކަނޑިއްކެކެވެ. އާންމުކޮށް އަޅަން ގެންގުޅޭ ރުމާފަޅި ވެސް އޮތެވެ. ހީވަނީ އަވީގެ ހޫނުން ކަންކަށިމަތި ނިވާކޮށްލުމަށް ރުމާފަޅީގައި އަތުން ހިފަހައްޓާލައިގެން އޮތް ހެންނެވެ.  ލިބާސް އޮތީ ގައިގައި ތަތްވެފައެވެ. މުޅި މީހާއޮތީ ގަދަ ހޫނުގެ ސަބަބުން ކިހިފައެވެ. ފައިގެ ފެންނަން އޮތް ހިސާބުގައި ނާރުތަކާއެކު ކަށިގަނޑު ފެންނަން އޮތެވެ. އޮތީ ކުޑަކޮށް އެއް ފަރާތަކަށްވާ ގޮތަށެވެ. އެއްވެސް ވަހެއް ނުދުވައެވެ.

 



ހާރޫނުބެއަށް އެއީ ކަތްދަދައިތަކަން އެނގުމާއެކު އަވަސް އަވަހަށް ޢަބްދުއްރަޙީމުގެ އަތުގައި ހިފައިގެން އަވަށުތެރެއަށް އަންނަން ހިނގައިގަތެވެ. އަވަށުތެރެއަށް އަންނަނިކޮށް ފުރަތަމަ ބައްދަލުވީ މަނަދޫ ފްލާވަރ ޢަބްދުﷲ ހާރޫން (އިންޖީނު ކުޑަބެ) އާއެވެ.  އޭނާ ކައިރީގައި ކަތްދަދައިތަ ފެނުނު ވާހަކަ ބުންޏެވެ. ދެން ވެސް ބައްދަލުވި މީހަކަށް ވިއްޔާ ޚަބަރުދެމުން ރަށުތެރެއަށް އައިސް ވެރިންނަށް އެ ކަން އެންގިއެވެ.  އިސާހިތަކު ރަށުގެ ކުދިބޮޑު އެތައް ބަޔަކު ކަތްދަދައިތަ އޮތް ސަރަޙައްދަށް ދިޔައެވެ. 

ކަތްދަދައިތަގެ ކަށުކަމާކެމީގެ ކަންތަކުގައި އިސްކޮށް އުޅުނު އެކަކީ މަނަދޫ އަލިވާގޭ މުޙައްމަދު އާދަމް (ނަކުވާ) އެވެ.  

"އެ ދުވަހަކީ ދިލާވަރު އެހެލަން އުޅުނު ދުވަހެއް. އެކަމުގައި އުޅެނިކޮށް ކަތްދަދައިތަ ފެނުނު ޚަބަރު ލިބުނީ. ވަގުތުން އެ މަސައްކަތް ހުއްޓާލާފައި ދިޔައީ އެތަނަށް. ދަމުން އާފިހާރައަށް ވަދެފައި އަބޫބެ އަތުން ބޭނުންވާނެ ކަފުނާއި ފިލަޔާ ސާމާނު ހިފައިގެން ދިޔައީ. އޭރަކު ވެހިކަލެއް މިރަށަކު ނުހުރޭ. ކުދިން އަތަށް ދީގެން އެއްޗެހި ގެންދިޔައީ. ހުރިހާ އެއްޗެއް ގެންދިޔައިރު ނުގެންދެވި އޮތީ ސައިބޯނި އެކަނި. ސައިބޯނި ގެންދިޔައީ ކޮންމެ ވެސް އެހެން ކުއްޖެއް. އަޅުގަނޑު ދިޔައިރު އިންޖީނު ކުޑަބެއާއި އަދި އެހެން މީހަކާ ދެ މީހުން އުޅޭ. އަޅުގަނޑުގެ ފަހަތުން މީހުންތައް އައީ. އެދިޔަ މީހުންގެ ތެރޭގައި ސިއްތި ހުސެންބެ ދިޔަ. ހުސެންބެ ބުނީ ކުދިންނޭވޭ މިއަޅާ މިހެން ނުބާއްވާށޭ. މިއަޅާ މިތަނުން ނަގާށޭ. އެހެން ބުނީމާ ކަނިކަނޑައިގެން ބިމަށްޖަހައި  ބިމުން މަތީގައި އަށިގަނޑެއް އެޅާފައި އަށިގަނޑުމަތީގައި ބޭއްވީ. އަށިގަނޑަށް ލާންވެގެން ހިއްލާލި ވަގުތު ބޮލުގެ އިސްތަށިކޮޅު ބޮލުން ވަކިވެގެން ރުމާފަޅި މައްޗަށް ވެއްޓުނީ. އެ ވަގުތު މިސްކިތް މުގުރިކިޔާ ވައްތަރުގެ ކަކުންޏެއް ދުށިން. އެ ނޫން ދިރޭ އެއްޗެއް ވެސް ނުދެކެން. އޭރުވެސް އެއްވެސް ވަހެއް ނުދުވާ.  ދެން ކަށުކަމާކެމީގެ ކަންތައްކުރީ. ފުރަތަމަ ފޮނުވީ ފާތުމަދައިތަ (ފާތުމަތު އަބޫބަކުރު) ކައިރަށް. އޮތްގޮތް ނޭނގޭތީ ކޮންމެ މީހަކު ވެސް ބުނަނީ ނުކެރޭނެޔޭ. ދެން ބައިސްކަލެއްގައި އަޅުގަނޑު ދިޔައީ ސިއްތި ހުސެންބެ އަންހެނުން ކައިރިއަށް. އެ ދައިތަބުނީ ކޮއްކޯއޭ ދައިތައަކަށް އެހާ ދުރަށް ހިނގާފައެއް ނުދެވޭނެޔޭ. ގެންގޮސް ދީފިއްޔާ ތިކަން ކޮށްދޭނަމޭ. އެހެން ބުނީމާ އަޅުގަނޑުބުނީ އެބަ އަންނަމޭ ބަރޯއެއް ހިފައިގެން. އެ ދައިތަ ބުނީ ހިނގާފައިދާނަމޭ ހުކުރު މިސްކިތާ ހަމައަށް އެ ހިސާބަށް އަންނާށޭ. އަޅުގަނޑު ބަރޯ ހިފައިގެން ދިޔައިރު އެ ދައިތަހުރި. އެ ވަގުތު އެތަނަށް އައީ ފާތުމަދައިތަ ވެސް. ފާތުމަދައިތަ ބުނީ ކޮއްކޯއޭ ދައިތަ ގެންދާނެކަމެއް ނެތޭ ދައްތަ މިދަނީ އެކަން ކޮށްދޭށޭ. އެހެންކިޔާފައި ގޮސް ހިނަވާ ކަފުންކޮށް ހެދީ ފާތުމަދައިތަ. އަށިގަނޑުމަތީގައި ބާއްވައިގެން މޫދުން ލޮނު އަޅައިގެން ހިނެވީ. ވަށައިގެން ފަރުދާކޮށްގެން ހިނަވައިކަފުންކުރީ.  ކަތީބު ހާރޫނުބޭ (ހާރޫނު މޫސާ) އިމާމުވެ ކަށުނަމާދުކުރެއްވީ. މަރުވެފައި އޮއްވާ ފެނުނު ތަނުގައި ވަޅުކޮނެ، ވަޅުގެ ބިއްތަކުގައި ފިލާޖަހައި (ކަތްދަދައިތަ) ބޭއްވީ. ދެން މަތިން ފިލައެއް ބާއްވާފައި ފަސްލީ. އިރު އޮއްސި އިރުކޮޅެއް ވީތަނާ އެކަން ނިންމާލެވުނު"  މުޙައްމަދު ކިޔައިދިނެވެ.


 

އެއީ 12 މޭ 1990 (17 ސައްވާލު 1410) ވީ ހުކުރު ދުވަހެވެ. ކަތްދަދައިތަ ގެއްލުނު ދުވަހުން ބަލައިފިނަމަ 38 ދުވަހުއެވެ. ކިރިޔާ ހިނގާބިނގާވެ އުޅެވޭ މީހަކަށް ރަށުގައި މީހުން އުޅޭ ފަރާތްނޫން އަނެއް ފަރާތަށް އަދި އެހާ ދުރަށް ދެވުނު ގޮތަކާމެދު އެ ދުވަސްވަރު މީހުން ވާހަކަ ދައްކާ ސުވާލު އުފައްދައި އުޅުނެވެ. ގިނަ ބަޔަކަށް އެއްބަސްވެވި އެ ދުވަސްވަރު ގަބޫލުކުރެވިފައި އޮތީ ފީރޯޒުގެއިން ނިކުމެގެން ކަތްދަދައިތައަށް މާމަކިޔާ ޙައްވާކޮއިދައްތަ އުޅޭ ރީޙުއްސަބާއަށް އައި މަގުމަތީގައި މަގު އޮޅިގެން ރޭގަނޑެއްގައި ނާމަގަށް ދެވުނީ ކަމަށެވެ. މީހަށް ނުފެނި ނާމަގުންގޮސް ކަތްދަދައިތަ އޮތް ހިސާބަށް ދެވުނުތަނުން ވެއްޓިފައި ނުތެދުވެވި އެހެންއޮވެ ނިޔާވީ ކަމަށެވެ. ކަތްދަދައިތަ އޮތްގޮތަށް ބަލައި ދުވާލު އިރުއަރައިގެން އައިއިރު މޫނު މައްޗަށް އަވިއެޅުމުން ކަންކަށިމައްޗާއެކު މޫނުމަތީގައި ރުމާ އަޅާފައިވާކަމަށް ގަބޫލުކުރެވޭތީ ދުވާލު ވީއިރު ވެސް ފުރާނަ ހުރިކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.  

ނާމަގަކީ އޭރު ސީދާ ތެދަށް އޮންނަ މަގަކަށް ނުވެފައި އެ މަގުމަތީގައި ގަސްގަހުގެ މުލާއި ފަތާއި ރުއްރުކުގެ ފަނާއި ކާއްޓާއި އުނބުފަދަ ތަކެތި  ހުންނާތީ އެއިން އެއްޗެއްގައި އަޅައިގަނެ  ނުވެއްޓި އެހާ ދުރަށް ކަތްދަދައިތައަށް ދެވުނު ގޮތަކާމެދު ކޮންމެ މީހަކު ވެސް ހައިރާންވާނެއެވެ.  މީހަކާ ދިމާނުވީ ރޭގަނޑު އެ މަގުން ދިއުމުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރިޔަސް ނާމަގު ކޮޅަށް ގޮސް ކަތްދަދައިތަ އޮތް ހިސާބަށް ދިޔައީ ވަލުތެއިންތޯ ނުވަތަ ނާމަގުން އަތިރިއަށް ފައިބައިގެން ގޮސް ވަލު ތެރެއަށް ވަދެގެންތޯ މިއީ ވެސް އެ ދުވަސްވަރު އުފެދުނު ސުވާލެކެވެ. އެ ގޮތަށް ދާން ބަލާއިރު އަތިރިމަތީގެ ފަސްމަޑުކަމުން ކަތްދަދައިތައަށް އެހެން ދެވިދާނެ ކަމަށް ގަބޫލުކުރާ މީހުން ވަރަށް މަދެވެ. އަދި ވަލުތެރެއިންލާފައި އެ ހިސާބަށް ދިޔަ ކަމަށް ބަލާނަމަ އެއީ ވެސް  ކަތްދަދައިތަ ހިނގާބިނގާވެ އުޅުނު ގޮތަށް ބަލާއިރު މީހުންނަށް ގަބޫލުކުރަން ފަސޭހަ ކަމެއް ނޫނެވެ. ކަތްދަދައިތަގެ އުމުރާއި ބަލި ހާލަތު ހުރިގޮތުން ކަތްދަދައިތަ މަރުވެފައި އޮތް ސަރަހައްދަށް ދެވުނު ގޮތަކާމެދު ސުވާލުތައް އުފެދި އެ ވާހަކަ ދެކެވުނަސް އެ މަރަކީ ޤުދުރަތީ މަރެއް ނޫންކަމަކަށް އެ ދުވަސްވަރު އެއްވެސް މީހަކު ޝައްކެއް ނުކުރެވެ.   

ކަތްދަދައިތަގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ދުނިޔޭގައި އިންސާނިއްޔަތަށް ޓަކައި  ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކަށް ހެޔޮ ޖަޒާ މިންވަރުކުރައްވާށިއެވެ. އާމީން.



ނޯޓް: މީގެ 15 ވަރަކަށް އަހަރުކުރިން އަޅުގަނޑު ކަތްދަދައިތަ މަހާނައަށް ޒިޔާތްކުރިއިރު މަހާނައެއް ނެތަސް އެތަން ފާހަގަވާން ހުއްޓެވެ. މިހާރު އެ ސަރަހައްދަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ސީދާ އެ ތަން ފާހަގަކުރާކަށް ނޭނގުނެވެ. އަޅުގަނޑަށް އެތަން ދައްކަން 08 ޖަނަވަރީ 2021 ވީ ހުކުރު ދުވަހު އެ ސަރަހައްދު ބަލަން ދިޔަ ބޭކަލުންނަށް ވެސް އެކަންވީ އުނދަގޫ ކަމަކަށެވެ. ހުކުރު ދުވަހު 12 ޖަހާ ބޮޑުވަންދެން އަޅުގަނޑުމެން މަސައްކަތް ކުރީމެވެ. ޖެހިގެން އޮތް ދުވަހު މާލެ ފުރަން ޖެހޭތީއެވެ. ދެން ރަށަށް ދެވޭނެ ދުވަހެއް ނޭނގޭތީއެވެ. މި މަސައްކަތުގައި ބައިވެރިވި ޢަބްދުﷲ ރަޝީދު (ޖުންމާ) އަށާއި ރިޟްވާނަށް ޝުކުރިއްޔާއެވެ.

 


No comments: