Friday, November 19, 2021

މިނިވަން ވަޠަން

 


 

ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖެއަކީ ދިވެހިންގެ ވަޠަނެވެ. ދިވެހިންގެ ރާއްޖެއެވެ. ދިވެހިންގެ ވަޠަން ދިވެހިރާއްޖެ ވަނީ އެ ބިމަކަށް ދިވެހިން އުފަންވީމައެވެ. ދިވެހިން އެތަނަކަށް ވިހާ ބޮޑުވީމައެވެ. ދިވެހިން ދިރިއުޅޭ ޤައުމަށް ވީތީއެވެ. ޖުމުލަގޮތެއްގައި މިހެން މާނަ ކުރެވުނަސް ދިވެއްސަކު ބޭރު ޤައުމެއްގައި އުފަންވެފައި ހުރެދާނެއެވެ. ވިހާ ބޮޑުވެފައި ވެސް ހުރެދާނެއެވެ. ދިވެއްސަކު ބޭރު ޤައުމެއްގައި ދިރިއުޅެމުން ވެސް ހިގައިދާނެއެވެ. އެކަމަކު މި ޤައުމަށް ނިސްބަތްވާ ކޮންމެ ރައްޔިތެއްގެ ޙަޤީޤީ ވަޠަނަކީ ދިވެހިރާއްޖެއެވެ. މިއީ ދިވެހިންގެ ޤައުމެވެ. މިއީ އަޅުގަނޑުމެން ދިވެހިންގެ މިނިވަން ވަޠަނެވެ. ދިވެހިރާއްޖެއަކީ މިނިވަން ޤައުމެކެވެ. މި ޤައުމުގައި އަޅުވެތިކަމެއް ނެތެވެ. ދިވެހިންނަކީ އަޅުވެތިކަމަށް ނަފުރަތުކުރާ އަދި މިނިވަންކަމަށް ލޯބިކުރާ ބައެކެވެ. މިއީ ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިފައިވާ ޤައުމެކެވެ. ދިވެހިންނަކީ އަމިއްލަވަންތަ ސިފަތަކެއް ލިބިފައިވާ ބައެކެވެ. ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ވެސް އިއްތިފާޤުވެއެވެ. އެކަމަށް އިންކާރުކުރާ އެއްވެސް ބަޔަކުނެތެވެ.

 

ޕޯޗްގަލްގެ ލިޒްބަންގައި ދިރިއުޅުއްވި ވެލެންޓައިން ފާރނާންޑެޒް (1518-1459)، މީލާދީން 1500 ވަނަ އަހަރު ދިވެހިރާއްޖެއާއި ދިވެހިންނާބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމަކީ ޕޯޗްގީޒުން ރާއްޖެއާބެހޭ ގޮތުން ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުމެވެ. އެ ލިޔުމުގައި ދިވެހިންނާ ބެހޭގޮތުން އޭނާ ލިޔުއްވާފައިވާގޮތުގައި ދިވެހި ފިރިހެނުންގެ ހެދުމަކީ އުނަގަނޑުން ފެށިގެން ތަނބިކަށްޓާއި ދެމެދަށް ހުންނަ އުއިގެ ފޭރާމެކެވެ. އަންހެނުންގެ ހެދުމަކީ ހުދުކުލައާއި ކަޅުކުލައިގެ އުއިން ގަތާފައިހުންނަ ދިގު ހެދުމެކެވެ. "ރަސްގެފާނުގެ ހުއްދަ ނެތި ހަރުވާޅު ލުމާއި ފަގުޑި އެޅުން އަދި ފައިވާނަށް އެރުން މި ބައިމީހުންނަށް މަނާކުރެވިގެން ވެއެވެ. އެހެން ނަމަވެސް ބޮލުގައި ރުމާއެއްސުމުގެ ހުއްދަ އޮވެއެވެ."

މި ލިޔުމުގައި ރާއްޖޭގެ ވެރިކަންކުރާ ރަށާއި ދިވެހި ރަސްކަމާބެހޭ ގޮތުން ލިޔެފައިވެއެވެ. "މި ރަށްތަކުގެ ތެރެއިން މައި ރަށަކީ "މާލެ" ކިޔާ ރަށެވެ. އެހެން ރަށްރަށަށް ވުރެ މާލެ ބިމުގެ ގޮތުން ބޮޑުކަމަކުން ނޫނެވެ. ނަމަވެސް، ރަސްގެފާނާއި ރަސްކަމުގެ ގަނޑުވަރު ހުންނަ ރަށަކީ މާލެކަމުގައި ވާތީއެވެ. އަރަބިން މި ރަށަށް ކިޔަނީ "ދީވީ މަހަލް" އެވެ.  މި ބަހުގެ މާނައަކީ ޚަޒާނާ ހުންނަ ރަށެވެ. މަހަލްގެ މާނަ އަކީ ޚަޒާނާއެވެ. މި ރަށުގައި ކޯއްޓޭއެއް ހުރެއެވެ. އަދި ހުރިހާ ރަށެއްގައި އުޅޭ މީހުން ވެސް ކިޔަމަންވާން ޖެހެނީ މި ރަށުގައި ހުންނަ ރަސްގެފާނުންގެ އަމުރަށެވެ."

ފާރނާންޑެޒްގެ މި ލިޔުމުގައި ދިވެހި ބަހާބެހޭ ގޮތުން ލިޔުއްވާފައިވެއެވެ. "މި ރަށްތަކުގެ އަހުލުވެރިންނަށް ވާހަކަދައްކާނެ އަމިއްލަ ބަހެއް ލިބިގެންވެއެވެ. ވިޔަފާރިވެރިން ފިޔަވައެވެ. ވިޔަފާރިވެރިން ވާހަކަދައްކާ އުޅެނީ އަރަބި ބަހުންނެވެ."

ދިވެހިންގެ ދީނާބެހޭ ގޮތުން ފާރނާންޑެޒް ލިޔުއްވާފައިވެއެވެ. "މިބައިމީހުންގެ ރަށްތަކުގައި ބިނާކުރެވިފައިވާ ފައްޅިތައް ވަނީ ފަހުން މިސްކިތްތަކަށް ބަދަލުކުރެވިފައެވެ. މި ރަށްތަކުގެ އަހުލުވެރިންގެ ތެރޭގައި ނަސޯރާއިންނާއި ޔަހޫދީންނެއް ނޫޅެއެވެ. އަދި އެއީ ކޮން ބައެއް ކަންވެސް މިބައިމީހުން ނުދަނެއެވެ."

މި ލިޔުމުން ދިވެހިންގެ އަމިއްލަ ވެރިކަމާއި، އެ ވެރިކަމުގެ ބާރާއި، ދިވެހިންގެ މިނިވަންކަމާއި، ސިޔާދަތީ ބާރު އޮތް މިންވަރު ތަސައްވުރުކޮށްދެއެވެ. ދިވެހިން، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކުރުމަށްޓަކައި މާލޭގައި ދިފާޢީ ކޯއްޓޭ ހަދާފައި ހުރިކަން އެނގެއެވެ. އޭރުވެސް ދިވެހިންނަކީ އަމިއްލަ ބަހަކުން ވާހަކަދައްކާ ބައެއްކަން އެނގި ހާމަވެއެވެ. އަދި ދިވެހިންނަކީ އޭރުވެސް ސައްތައިންސައްތަ މުސްލިމުންކަމާއި ދިވެހިން ތިބީ ޙައްޤު އަޤީދާގައި ފައިތިލަ ސާބިތުކޮށްގެންކަން ކަށަވަރުކޮށްދެއެވެ. ދިވެހިންގެ ތެރޭގައި އެހެން ދީނެއް ދަންނަ މީހަކު ނެތެވެ. އަދި އެހެން ދީނަކަށް އަޅުކަންކުރާ ތަނެއް ވެސް މި ފަސް މައްޗަކުނެތެވެ. މިއީ އޭރު ވެސް މިހާރުވެސް އަޅުގަނޑުމެންގެ މިނިވަން ވަޠަންގެ ޚާއްޞަ ސިފަތަކެކެވެ.

ދިވެހިންނަށް ލިބިފައިވާ މިނިވަންކަމަކީ، މާތްﷲ ޞުބުހާނަހޫ ވަތަޢާލާ ދެއްވާފައިވާ އަގުހުރި ނިޢުމަތެކެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް މިއީ ވަރަށް ބޮޑު ޢިބުރަތްތެރި ފިލާވަޅެކެވެ. ދިވެހިން ދިރިއުޅެމުންދާ މި ޖަޒީރާގެ ރަށްތަކަކީ ވަރަށް ތިރި ރަށްތަކެކެވެ. ޤުދުރަތީ ގޮތުން ރަށްތައް އުފެދުމުގައި ކަނޑުގެ ސަތަޙައަށްވުރެ މައްޗަށް ހިކިފައިހުންނަނީ ވަރަށް ކުޑަކޮންނެވެ. އެއީ ވެސް އެކި ރަށް އެކި ވަރަށެވެ. މިފަދަ ތިރި ރަށްތަކެއްގައި މީހުން ވަޒަންވެރިވެ ދިރިއުޅެމުންދާތާ އެތައް ޒަމާނެއް ވެފައިވާތީ ބައެއް މީހުން ހައިރާންވެއެވެ. އެކަމަކު ޤުދުރަތުން މި ރަށްތަކުގެ އަހުލުވެރިންނަށް ދެއްވާފައިވާ އިނާޔަތްތަކާމެދު އެ ފަރާތްތައް އަދި މާބޮޑަށް އަޖައިބުވެއެވެ. މި ރަށްތައް އުފެދިފައިވަނީ އެތައް ޒަމާނަކުން ހެދިބޮޑުވާ ގަލާއި މުރަކައިން އުފެދޭ ސާފު ތީރި ހުދު ދޮން ވެލިންނެވެ. ދިވެހިރާއްޖޭގެ ރަށްރަށުގައި ހެދޭ ގަސްގަހާގެހި ފެހިކަން ގަދައެވެ. ކަނޑުފަޅުތައް އަލިވެފައި ޖައްވާއި ފަޒާއާއި ވައި ވެސް ނުހަނު ސާފެވެ. މިއީ އަޅުގަނޑުމެންގެ މިނިވަން ވަޠަނަށް ލިބިގެންވާ ކޮންފަދަ ނިޢުމަތްތަކެއް ހެއްޔެވެ. މި ނިޢުމަތްތައް ގުޅިފައިވަނީ ދިވެހިންގެ ކެއިން ބުއިމާއި ދިވެހިންގެ ރަށްވެހިކަމާއެވެ. ދިވެހިންގެ ސާދާ ދިރިއުޅުމާއެވެ. ދިވެހިންގެ އިޤްތިޞާދާއެވެ. ތަރައްޤީއާއި ކުރިއެރުމާއެވެ.

މި ރަށްތަކުގައި ދިރިއުޅެމުންދާ ދިވެހިންގެ އާބާދީ ކުޑައެވެ. ނަމަވެސް މި ކުޑަކުޑަ އާބާދީއަށް ނިސްބަތްވާ ދިވެހިން އަމިއްލަ ބަހަކުން ވާހަކަ ދައްކައި، އަމިއްލަ އަކުރަކުން ލިޔެ ހަދައެވެ. ދުނިޔޭގައި ކުދި އާބާދީތަކަށް ނިސްބަތްވާ ބަސްތައް އުވިނެތެމުންދާއިރު ދިވެހި ބަސް ދެމިއެބައޮތެވެ. ރީތި ވަރުގަދަ އަދަބިއްޔާތަކާއި ހަރުދަނާ ޤަވާޢިދުތަކާއެކުގައެވެ. ދިވެހިންގެ އާދަކާދައާއި ސަޤާފަތް ސާފުކޮށް ފަހުމުވެ އެނގޭނެ މުއްސަދި ބަސްކޮށާރަކާ އެކުގައެވެ. ދުނިޔޭގައި ދިވެހިންނަށް ވުރެ މާ އާބާދީ ބޮޑެތި އާބާދީތައް އަމިއްލަ ބަހެއް ނެތި އެބައުޅެއެވެ. ބައެއް ޤައުމުތަކަށް އަމިއްލަ ބަހެއް ލިބިފައިވިޔަސް އަމިއްލަ އަކުރެއްނެތެވެ. 21 ވަނަ ޤަރުނާ ހަމައަށް ދިވެހި ބަސް ފޯރާފައިވަނީ ކިހިނެއްހެއްޔެވެ؟

ދިވެހިންނަކީ އަމިއްލަ އާދަކާދަތަކަކާއި އަމިއްލަ ސަޤާފަތެއްގެ ވެރި ބައެކެވެ. އެ އާދަކާދަތަކާއި ސަޤާފަތް އަދިވެސް ދިރިދިރި އެބައޮތެވެ. ދިރެމުން ވެސް އެބަދެއެވެ. ދިވެހިންގެ މަސައްކަތްތެރިކަމާއި، ހެދުންއެޅުމާއި، ކުޅިވަރުތަކުން އެކަން އެބަފެނެއެވެ. އޮޑީދޯނިފަހަރު ބަނުމާއި، ލިޔެލާޖެހުމާއި، ރޯނުވެށުމާއި، ފަންގިވިނުމުގައި ޒަމާނުންސުރެ ދިވެހިން ގެންގުޅުނު ދިވެހިވަންތަ އާދަކާދަތައް މި ޖީލަށް އޮތީ ފޯރާފައެވެ. ދިވެހިވަންތަ ހެދުމާއި ލިބާހާއި ގަހަނާ އަޅުގަނޑުމެންނަށް ވަކިކުރަން އެނގެއެވެ. އެތަކެތި ބޭނުންވެސް ކުރެވެއެވެ. ދިވެހިވަންތަ ސަޤާފީ ކުޅިވަރުތަކަކީ ކޮބައިކަން އޮޅިފައެއް ނެތެވެ. ދިވެހިންގެ މައުނަވީ ތަރިކަތަކާއި މާއްދީ ތަރިކަތަކުގެ ގޮތުގައި ލިސްޓުކުރެވޭ ބައިވަރު ތަރިކަތައް މި ޖީލަށް މިވަނީ ފޯރާފައެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ބައެއް ކަންތައްތަކަށް ބަދަލު އަޔަސް ދިވެއްސަކަށްވީތީ ފަޚުރުވެރިވެވޭ ޚާއްޞަ ސިފަތަކެއް ދިވެހިންނަށް އަދިވެސް ލިބިގެންވެއެވެ. މިއީ މި މިނިވަން ވަޠަނުގެ އަދުގެ ޖީލުން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭ ތަރިކަތަކެއްކަން ކަށަވަރެވެ.

ދިވެހިންނަކީ މިނިވަންކަމުގެ ފަޚުރުވެރި ދިގު ތާރީޚެއް ލިބިގެންވާ ބައެކެވެ. ދުނިޔޭގެ އެންމެ ބިޔަ ބޮޑެތި ޤައުމުތަކެކޭ އެއް ސަފެއްގައި މި ޤައުމުގެ ދިދަ ވެސް މިިނިވަންކަމާއެކު ވިހުރެމުން އެބަ ދެއެވެ. ކޮންމެ ދިވެހި ރައްޔިތަކީ މުސްލިމެކެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން ޤާނޫނު އަސާސީން ކަށަވަރުކޮށްދެއެވެ. ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ، އަމިއްލަ ވެރިކަންކުރާ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ" އެވެ. މިކަންކަން މިމަގުން ކަނޑަޅައި ޤާނޫނު އަސާސީއެއް ލިޔެ، އެ ޤާނޫނު އަސާސީއާ އެއްގޮތަށް ދުސްތޫރީ ވެރިކަމެއް ކުރުމުގެ ޤާބިލުކަން ދިވެހިން މިވަނީ ހޯދާފައެވެ. ޒަމާނީ ޑިމޮކްރެޓިކް އަސާސްތަކާއި، އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ ޤާނޫނު އަސާސީއެއް ދިވެހިންނަށް ލިބިގެންވާކަން ދުނިޔެ ހެކިވެއެވެ. ނުރުހޭ ބަޔަކު ނުރުހެނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ ބުނާތީއެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރޭ ބުނާތީއެވެ. އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ދިވެހިރާއްޖެއަކު ނުހެދޭނެއޭ ބުނާތީއެވެ. އެކަމަކު މިކަންކަމަކީ ދިވެހިން އެންމެ ބޮޑަށް ހިފަހައްޓަން ބޭނުންވާ ކަންތައްތަކެވެ. ދަމަހައްޓަން ބޭނުންވާ ކަންތައްތަކެވެ. އެއީ މި މިނިވަން ވަޠަނުގެ ޚާއްޞަ ސިފައެކެވެ.

ދިވެހިރާއްޖޭގެ ސަރަޙައްދަކީ ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިންމާއި، ޖައްވާއި، ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި، ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ރާއްޖޭގެ ސަރަޙައްދީ ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ. މި ސަރަޙައްދާއި ނުވަތަ ސަރަޙައްދުން ބައަކާ ވެސް އަވަށްޓެރި އެއްވެސް ޤައުމަކާ ދެމެދު ޚިލާފެއް ނެތެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކަންކަންހުރީ މިހެންތޯއެވެ؟ މިއީ މި މިނިވަން ވަޠަނަށް ލިބިގެންވާ ކޮންފަދަ ބޮޑު ނަސީބެއްތޯއެވެ.

ދިވެހިރައްޔިތުންގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ އަތްމަތީގައޭ ޤާނޫނު އަސާސީގައި ބުނެއެވެ. ދިވެހިންގެ އޮތީ ކޮން ބާރެއްތޯއެވެ؟ ދިވެހިންނަކީ އަސްކަރީ ގޮތުން ދުނިޔޭގައި ގުނާލެވޭ ވަރުގެ ޤައުމެއްތޯއެވެ؟ ނޫނެވެ. އެކަމަކު މިއަށްވުރެ އަސްކަރީ ގޮތުން މާ ބާރުގަދަ ފުދުންތެރި ބައެއް ޤައުމުތަކަށްވުރެ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚު ދިގެވެ. ޤައުމަށް ދިމާވި ކޮންމެ ނުރައްކަލަކުން މި ޤައުމު ސަލާމަތްކުރީ ދިވެހިންނެވެ. ޤައުމު ވެއްޓުނު ކޮންމެ ވަޅުގަނޑަކުން ނަގާފައިވަނީ ދިވެހިންނެވެ. އަޅެ! އަޖައިބެއް ނުވާނެހެއްޔެވެ. ރާއްޖޭގެ ކަނޑުތައް އޮތީ ބޭރުގެ އެހެން ކަނޑުތަކާއި ގުޅިފައެވެ. އެ ކަނޑުތަކުގައި ދިރިއުޅޭ މީހުންނަށް ހަމަލާދޭ ނުރައްކާތެރި ބޮޑެތި މިޔަރުފަދަ ތަކެތި ދިވެހި ކަނޑުފަޅުތަކަށް ވަނުން މަނާކުރަނީ ކޮން ބާރެއްތޯއެވެ؟  ދުނިޔޭގައި ބޮޑެތި ބިޔަ ރަށްތައް ފަނާކޮށްލާފަދަ ބާރުގަދަ ތޫފާންތަކާއި ބިންހެލުންތަކުން މި ޤައުމު ސަލާމަތް ކުރައްވަނީ ކޮން ބާރެއްތޯއެވެ. އާދެ! ގަދަ ކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ދިވެހިންގެ ބާރަކީ އެ ކަލާނގެއަށް ދިވެހިން ކުރާ އިތުބާރާއި ދުޢާއެވެ. އިސްލާމީ އަޤީދާގައި ސާބިތުބެ ތިބި ތިބުމެވެ. އިބުނު ބަޠޫޠާ ވެސް ވިދާޅުވެފައިވަނީ ދިވެހިންގެ ހަތިޔާރަކީ އެބައި މީހުންގެ ދުޢާ ކަމަށެވެ. 

ދިވެހިންގެ މި ލޮބުވެތި މިނިވަން ވަޠަން، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ ދިވެހިން، އިސްލާމްދީނުގެ ހަރުދަނާ އަޤީދާގައި ވަރުގަދައަށް ފައިތިލަ ސާބިތުކޮށްގެންނެވެ. ފަޚުރުވެރި ތާރީޚަކާއި ޝަރަފުވެރި މާޒީއެއް އޮތެއް ކަމަކު މިއަދު ތަފާތު އިޙްސާސްތަކެއް މި ޤައުމު އެބަކުރެއެވެ. ދިވެހިންނަކީ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބައެއްތޯ ސުވާލު އެބަ އުފައްދައެވެ. ދިވެހިންނަކީ ހަނގުރާމަތަކުގައި ދުޝްމަނުންގެ މައްޗަށް ލިބުނު ކާމިޔާބާއި ނަޞްރު ބަލައިގަންނަ ބައެއްތޯ އެބަ އަހައެވެ. ކުރީގައި ދީނީ ކަންކަމުގައާއި ޤައުމީ ގޮވާލުންތަކަށް އިޖާބަދިނުމުގައި ދިވެހިންގެ ފަރާތުން ފެނިފައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމަށް އެބަ އުންމީދުކުރެއެވެ. މި މިނިވަން ވަޠަން އަންނަންއޮތް ޖީލުތަކަށް ވާސިލުކޮށްދެވޭނީ މިއަދު މި ޤައުމުގެ އިޙްސާސްތައް މި ޤައުމުގެ ދަރިންނަށް އެނގިގެންނެވެ. އަމިއްލަ އެދުމުގެ ކުރިއަށް މި މިނިވަން ވަޠަން އިސްކޮށްނެވެ.

 

ނޯޓް: ފާރނާންޑެޒް މި ލިޔުއްވުމަކީ ޕޯޗުގީޒުން ރާއްޖެއާބެހޭ ގޮތުން ލިޔެފައިވާ އެންމެ ދުވަސްވީ ލިޔުންކަމުގައި ބުނެއެވެ. ޕޯޗްގީޒުން ރާއްޖެ ހިފީ މީލާދީން 1558 ވަނަ އަހަރުއެވެ. މި ލިޔުމަކީ އޭގެ 58 އަހަރު ކުރީގެ ލިޔުމެކެވެ. ފާރނާންޑެޒަކީ ޕޯޗްގީޒުންގެ ރަސްގެފާނު މެނުއަލް (އެއްވަނަ)ގެ ދުވަސްވަރު ޖަރުމަނާއި ޕޯޗްގީޒުންނާ ދެމެދު ލިޔާ ލިޔުންތައް ބެލެހެއްޓި، ޖަރުމަނަށް އުފަން ބޭފުޅެވެ. ފާރނާންޑެޒުގެ މި ލިޔުމުގެ އަސްލު އޮތީ ޖަރުމަނުވިލާތުގެ މިޔުނިކުގެ އަރުޝީފެއްގައެވެ. މި ލިޔުން އިނގިރޭސިބަހަށް ތަރުޖަމާކުރައްވައި ޝާއިޢުކުރައްވާފައިވަނީ ޗަންޑްރާ ރިޗަރޑް ޑެސިލްވާގެ "ޕޯޗްގީޒް އެންކައުންޓަރސް ވިޗް ސްރީލަންކާ އެންޑް ދަ މޯލްޑްސް : ޓްރާންސްލޭޓެޑް ޓެކްސްޓްސް ފްރޮމް ދަ އޭޖް އޮފް ދަ ޑިސްކަވަރީސް" މި ފޮތުގައެވެ.

No comments: