Wednesday, August 18, 2021

ކޮވިޑާއެވެ. ތިޔަ ވަބާ ލައިގަންނަ ގޮތެއް ވިސްނަވިސްނާ ނޭނގުނެވެ.

 


ޢަބްދުﷲ ސަޢީދު

 

ބިރުފިލާ ހިގާއްޖެއެވެ. އެކަމަކު މިއަދު ވެސް ދުނިޔޭގައި ރެކޯޑު އަދަދަކަށް ބަލި ޖެހުނެވެ. ރެކޯޑު އަދަދަކަށް މީހުން މަރުވިއެވެ. ބިރެއް ނެތެވެ. މުޖުތަމަޢު ފެންނަނީ ޣާފިލުކަމުން ނިދާފައިވާތީއެވެ. ރާއްޖޭގައި ވެސް ބަލިޖެހޭ މީހުންގެ އަދަދުތައް ގިނަ ދުވަހު ގުނަނީ ސައްތައިންނެވެ. މީހުން ނިޔާވަނީއެވެ. އެ ދޭތެރެ އަންނަނީ ގާތްވަމުންނެވެ. ހަސްފަތާލުތަކުގައި ފަރުވާ ހޯދާ މީހުން އިތުރުވަމުންނެވެ. އަމިއްލައަށް ނޭވާނުލެވިގެން މެޝިނުން އެހީދޭންޖެހޭ މީހުން ވެސް އިތުރުވަމުންނެވެ.

 

ކޮވިޑަށް ނޭނގިދާނެއެވެ. އެއީ އަހުރެމެންގެ ކޮންމެ ވެސް މީހެއްގެ ލޯބިވާ މަންމައެކެވެ. ނޫނީ ލޯބިވާ ބައްޕައެކެވެ. ނޫނީ ވަރަށް ލޯބިވާ ކާފައެއް ނޫނީ މާމައެކެވެ. އެހާމެ ލޯބިވާ ދައްތައެއް ނޫނީ ބޭބެއެކެވެ. ނިހާޔަތަށް ލޯބިވާ ދަރިއަކަށް ވެސް ވެދާނެއެވެ. އެ ފަރާތްތަކުން މަރާ ހަނގުރާމަ ކުރަނީއެވެ. ޢާއިލާތަކާ ދުރުގައެވެ. އެއް ބަޔަކު އެ ހިތްދަތި އެކަނިވެރިކަމުގައި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އަނެއް ބަޔަކު އެތިބީ މަރުގެ ތުންފަތް މަތީގައެވެ. ތިޔަ ބަލީގެ ނުރައްކާތެރި ކަމުންނެވެ. މި ކުޑަކުޑަ ޤައުމުން ހީވެސް ނުކުރާ ވަރަށް ކައްވަޅު ކޮންނަން ޖައްސައިފީމުއެވެ.

 

އަހުރެމެންނަށް މި އުޅެވެނީ އާ އާންމު ހާލަތެއްގައެއް ހެނެއް ހިޔެއް ނުވެއެވެ. ހީކުރި ވަރަށްވުރެ މީހުންގެ ބެލުން ކުޑައެވެ. ގައިދުރުކަން ހަމަ ނުބެހެއްޓެނީއެވެ. މާސްކު ވެސް ބައެއް މީހުން އަޅަނީ ނަމަކަށެވެ. މާސްކު އެޅެނީ ޖޫރިމަނާއަށް ބިރުންހެން ހީވެއެވެ. މާސްކުގައި ހުންނަންވީ ވަރަށް ރައްކާތެރިކަމުގެ ފަށަލަތައް ބައެއް މީހުން އަޅާ މާސްކު ތަކަކު ނުހުރެއެވެ. ދޮންނަވައްތަރުގެ މާސްކުތައް ދޮންނަ މީހަކު އުޅޭ ބާވައެވެ. މާސްކުތައް އަޅައަޅާފައި އެއްލާ ލެވެނީ ވެސް މަގުމައްޗަށެވެ. މިއީ އަހުރެމެންގެ ހާލަތެވެ. އަމިއްލަ ނަފުސަށް ވެސް އޮޅުވާލަނީއެވެ. އަހުރެމެން މޮޔައީ ހެއްޔެވެ. ގަމާރީ ހެއްޔެވެ. ބަސް ނޭހެނީ ހެއްޔެވެ. ނޫނީ ޖާހިލީ ހެއްޔެވެ.

 

ކޮވިޑާއެވެ. ތިޔަ ވަބާ ލައިގަންނަ ގޮތެއް ވިސްނަވިސްނާ ނޭނގުނެވެ. ބަލި މީހަކާ އެއް ގެއެއްގައި ކީއްކުރަން ހެއްޔެވެ. އެއް ކޮޓަރިއެއްގައި އުޅުނަސް ބައެއް ފަހަރު ނުޖެހެއެވެ. އެއްތާކު ނިންޖަސް ފައްސިއެއް ނުވެއެވެ. ބައެއް ފަހަރު ވަރަށް އޯގާތެރިހެން ހީވެއެވެ. ބައެއް މީހުން ދެކެ ބިރުން އުޅޭހެންވެސް ހީވެއެވެ. ތިޔައީ ކުށުވެރިކަމެކޭ ވެސް ހީވާފަހަރު އާދެއެވެ. ފަންޑިތަވެރި ކަމަކީ ހެއްޔެވެ.

 

އެކަމަކު ތިޔައީ ވަރަށް ބޮޑު އަނިޔާވެރިއެކެވެ. ހާޓް އެޓޭކާއި ސްޓްރޯކް ވެސް އެބަ ޖައްސަމުއެވެ. ނުދެނެ ހުއްޓައި އައިސް ބައެއް މީހުންނަށް ހަމަލާ ދެމުއެވެ. ނޭނގިހުއްޓައި އައިސް ލައިގަނެއެވެ. ބަލި ޖެހުނު މީހަކާ ދިމާވިކަމެއް ވެސް ނޭނގޭ ހާލުގައި އެބަ ފައްސި ކޮށްލަމުއެވެ. ރޫޙާނީ އެއްޗަކީ ކޮވިޑް ހެއްޔެވެ. ނޫނީ ބަލީގެ އިމްތިހާނު ހެއްޔެވެ. އެއް ފަހަރު ފައްސިވެފައި އަނެއް ފަހަރު ނައްސި ވެސް ވެދާނެއެވެ. ނައްސިވެފައި ފައްސި ވެސް ވެދާނެވެ. މީ އަޅެ ސަމާސާއެއް ހެއްޔެވެ. ނޫނީ ކުރާ ޖެއްސުމަކީ ހެއްޔެވެ. ގައިބާރު ދެރަ ދުވަސްވީ މީހުންނަށް އެބަޖެހެމުއެވެ. ހަކުރު ބައްޔާއި ލޭމައްޗަށްދާ ބަލި މީހުންނާއި ކެންސަރަށް ފަރުވާ ހޯދާ މީހުންނާ ވެސް އެބަ ދިމާކުރަމުއެވެ. އެއީ ބަލީގައި އެންމެ ނުރައްކާވާނެ މީހުން ކަން ރަނގަޅަށް އެނގޭނެއެވެ. ޞިއްޙީ ޒިންމާދާރުވެރިން އެ ވިދާޅުވާ ވާހަކަ އަޑު ނާހަން ހުއްޓަސް އިވޭނެއެވެ. ނުބަލަން ހުއްޓަސް ފެންނާނެއެވެ. އެ މީހުންނަށް ހުށަހޮޅިގަތީމާ ބަލީގައި ސީރިއަސްވާ މީހުން ގިނަވެއެވެ. ނިޔާވާ މީހުން އިތުރުވެއެވެ.

 

ކޮވިޑާއެވެ. މިހާރު ފުރަމާލެ ފަހަނައަޅައި އަތޮޅު ތެރެއަށް ވެސް ތިޔަ ދާން ފެށީއެވެ. ތިޔަ ދަތުރުގެ ބިރުވެރި ކަމާއެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލަމުއެވެ. ރަށްރަށުގައި ޞިއްޙީ ޚިދުމަތްތައް ހުރި ނެތް ގޮތެއް ވަޒަނެއް ނުކުރަމުއެވެ. ދާން ހިތަށްއެރި ރަށަކަށް ދަނީއެވެ. ގިނަ ރަށްތަކެއް މޮނީޓަރިންގެ ހާލަތުގައި ބޭއްވުމަކީ އުފަލެއް ކަހަލައެވެ. މިކަމުގައި ކޮވިޑަށް އޮތީ ކޮން ހާއުފާވެރި ކަމެއް ހެއްޔެވެ؟

No comments: