Tuesday, February 2, 2021

ކްރިޓިކަލް ތިންކިންގ އަދި ކްރިޓިކަލް ތިންކިންގ ތަރައްޤީ ކުރުމުގެ މަރުހަލާތައް


ޢަބްދުﷲ ސަޢީދު 


ކްރިޓިކަލް ތިންކިންއަކީ އެއްވެސް ތައައްސުބެއްނެތި ސާފުކޮށް ކަންކަމާމެދު ވިސްނައި ސުވާލު އުފައްދައި  ބުއްދީގެ އަލީގައި ޚިޔާލާތުން ސާފުކޮށް ފަހުމްވެގަތުމުގެ ޤާބިލިއްޔަތެވެ. ކްރިޓިކަލް ތިންކިންގެ ތެރޭގައި ހިމެނެނީ ބަހުސްތައް ތަހުލީލުކުރުމާއި، މަޢުލޫމާތު އެއްކުރުމާއި، ވަޒަންކުރުމެވެ. ސުވާލުކުރުމާއި ސުވާލު އުފެއްދުމެވެ. ޒާތީ ތަޢައްޞުބާއި އަމިއްލަ މަސްލަހަތުން އެއްކިބާވެ ވިސްނުމެވެ. ޢިލްމީ ހެކި ނުވަތަ ލޮޖިކުގެ މައްޗަށް ބަރޯސާވެ ގޮތް ނިންމުމެވެ. ކަންކަން ވަނީ ކިހިނެއްކަން ސާބިތުކުރުމެވެ. ވަކި ނަތީޖާއަކާއި ހަމައަށް ދިއުމަށް ފީނާ މަޢުލޫމާތު އެއްކުރުމެވެ. ވިސްނޭ ކަމެއް އެއީ ރަނގަޅު ގޮތްތޯ ނުވަތަ ނުރަނގަޅު ގޮތްތޯ ބެލުމެވެ.

 

ކްރިޓިކަލް ތިންކިންގ ނުވަތަ ފުންކޮށް ވިސްނުމަކީ ދިރިއުޅުމުގެ ހުރިހާ ހާލަތެއްގައި ވެސް ބޭނުން ހިފޭނެ މުހިންމު ކަމެކެވެ. މިގޮތުން ކަންކަމުގައި ގޮތް ނިންމާއިރުގައާއި، އަނެކުންނާ މުޢާމަލާތް ކުރާއިރުގައާއި، އަމިއްލަ ވިސްނުން ހުށަހަޅާއިރުގައި ވެސް ކްރިޓިކަލް ތިންކިންގއަކީ ބޭނުން ހިފަންޖެހޭ މުހިންމު އެއްޗެކެވެ.

ކްރިޓިކަލް ތިންކިންގ ތަރައްޤީކުރުމުގައި އޮންނަނީ 6 މަރުހަލާއެކެވެ. އެއީ

1. އަން ރިފްލެކްޓިވް ތިންކަރ (ރިވެލިކުރަން ނޭނގޭ މީހާ)

2. ޗެލެންޖްޑް ތިންކަރ  (ގޮންޖެހުން ކުރިމަތިވެފައިވާ މީހާ)

3، ބިގިނަރ ތިންކަރ  (ވިސްނުން ރަނގަޅުގޮތުގައި ބޭނުންކުރަންފަށާ މީހާ)

4. ޕްރެކްޓިސިންގ ތިންކަރ  (ވިސްނުން ފަރިތަކުރާ މީހާ)

5. އެޑްވާންސްޑް ތިންކަރ (ވިސްނުން ތަރައްގީވެފައިވާ މީހާ)

6. އެކޮމްޕްލިޝްޑް ތިންކަރ (ވިސްނުމުގެ ހުނަރު އަށަގަނެފައިވާ މީހާ) އެވެ. 


ފުރަތަމަ މަރުހަލާ: އަންރިފްލެކްޓިވް ތިންކަރ - ރިވެލިކުރަން ނޭނގޭ މީހާ Unreflective

މިފަދަ މީހުންނަކަށް ދިރިއުޅުމުގައި ވިސްނުން އަދާކުރާ ދައުރެއް ނޭނގޭނެއެވެ. އަދި ވިސްނުމަށް ބާރު ލިއްބައިދޭ ކަންތައްތައް ދެނެގަންނާކަށް ނޭނގޭނެއެވެ. އަމިއްލަ ވިސްނުމުގައި ހުރި މައްސަލަތަކެއް ވެސް ދެނެގަންނާކަށް ނޭނގޭނެއެވެ. ވިސްނުމުގައި ތަޢައްޞުބާއި އަމިއްލަ މަޞްލަޙަތު އެއްފަރާތެއް ނުކުރާނެއެވެ. ވިސްނުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް ބޭނުމެއް ނުކުރާނެއެވެ.  

މި މަރުހަލާގައި އުޅޭ މީހުންނަކީ އަމިއްލަ ވިސްނުމާއި ދޭތެރޭ ރިވެލި ނުކޮށް ހަމައެކަނި ތިމާގެ އަމިއްލަ ޚިޔާލާއި ވަކި ކޮޅަކަށް ޖެހުމާއި،  ވަކި  މީހަކަށް ފައިދާހުރިގޮތަކަށް ކަންކަން ކުރުމަށް ވިސްނުން ބިނާކޮށްގެން ކުރިއަށް ދާ މީހުންނެވެ. މި ފަދަ މީހުންނަށް ހަގީގަތާއި ޚިލާފު މަފްހޫމްތައް ގަބޫލުކުރެވޭނެއެވެ. ކަންކަން ނިންމާއިރު ނުވަތަ ކަންކަމާމެދު ވާހަކަ ދައްކާއިރު އެކަންކަމުން ކޮށްފާނެ ނޭދެވޭ އަސަރުތަކާމެދު ރިވެލިނުކޮށް ނުވަތަ ވިސްނުން ނުހިންގާތީ އެކަމުގެ ސަބަބުން ހަޔާތުގެ އެކި ކަންކަމަށް އަސަރުކުރެވެ. ވިސްނުމުގެ މި މަރުހަލާގައި އުޅޭ މީހުންނަކީ ކުއްލި ކުއްލިއަށް ކަންކަން ނިންމާ މީހުންނެވެ. އެމީހުންގެ ވިސްނުން އެކި ދިމަދިމާއަށް ހިންގައިގެން ވިސްނުމުގެ ހުނަރު ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ ހުނަރެއް އެމީހުންގެ ނުހުރެއެވެ.

މި މަރުހަލާގައި ތިބޭ މީހުން ވިސްނުމަށް އެކަށީގެންވާ މިންގަނޑުތައް ނުވަތަ ސްޓޭންޑަރޑުތައް ކަމަށްވާ ބަރާބަރުކަމާއި ކޮލިޓީއާއި ބުއްދި ގަބޫލުކުރެވޭގޮތް ފަދަ ކަންކަން ބޭނުމެއް ނުކުރެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެވެސް އިރެއްގައި ރިވެލިކުރަން ނޭނގޭ މީހުންނެވެ.


ދެވަނަ މަރުހަލާ: ޗެލެންޖްޑް ތިންކަރ - ގޮންޖެހުން ކުރިމަތިވެފައިވާ މީހާ Challenged

މި މަރުހަލާގެ މީހުންނަކީ ދިރިއުޅުމުގައި ހަރުދަނާ ވިސްނުމުގެ މުހިންމުކަން އެނގޭ މީހުންނެވެ. ވިސްނުމުގައި މައްސަލަ އުޅޭނަމަ ދިރިއުޅުމުގައި ދަތިއުޅުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ގަބޫލުކުރާ މީހުންނެވެ. މި މަރުހަލާގައި އުޅޭ މީހުންނަށް ވިސްނުމުގައި ބޭނުންކުރާ މިންގަނޑުތައް ކުޑަކޮށް އެނގޭނެއެވެ. އަދި ވިސްނުމަށް ހުރަސްއަޅާ ކަންތައް ކޮންމެވެސް ވަރަކަށް ދެނެގަނެވޭނެއެވެ. 

މި މަރުހަލާގައި ތިބޭ މީހުންނަށް އެމީހުންގެ އުޅުމާއި ގުޅުމުގައި ވިސްނުމުގެ ބޭނުންޖެހޭކަން އެނގޭނެއެވެ. އެހެން ނަމަވެސް މިފަދަ މީހުންގެ ކިބައިގައި ކްރިޓިކަލްކޮށް ވިސްނުމުގެ ގާބިލުކަން ނެތުމުން ދިރިއުޅުމުގައި ބޮޑެތި މައްސަލަތަކާއި ކުރިމަތި ވެއެވެ.

މައްސަލައެއް ހައްލުކުރުމަށް ފުރަތަމަ ކުރަންޖެހޭކަމަކީ މައްސަލައެއް ވާކަން ފާހަގަކުރުމެވެ. ޕޯލް އާއި އެލްޑާ ވިދާޅުވާ ގޮތުގައި "ވަރަށް މަތީ ދަރަޖައިގެ ވިސްނުމަށް އެމީހާގެ ވިސްނުމާމެދު ގަސްތުގައި ވިސްނާ ރިވެލިކުރަން ޖެހެއެވެ." މިގޮތަށް ރިވެލިކުރާއިރު ވިސްނުމުގެ މަސައްކަތުގެ ތެރޭގައި ހަގީގަތާ ޚިލާފު ގަބޫލުކުރުންތަކާއި ވަކިފަރާތަށް ޖެހެވުން އަދި ތެދުނޫން ހީކުރުންތައް ހިމެނޭކަން ފާހަގަކުރުން ހިމެނެއެވެ. މި މަރުހަލާގައި ތިބޭ މީހުންނަށް އެމީހުންގެ އަމިއްލަ ނަފްސަށް އޮޅުވާލެވޭކަން ވަރަށް ރަނގަޅަށް އެގޭނެއެވެ.

ވިސްނުމުގެ ފެންވަރު މި މަރުހަލާގައި ތިބޭ މީހުން ގަބޫލުކުރާގޮތުގައި އެމީހުން ހީކުރާ ވަރަށްވުރެ އެމީހުންގެ ވިސްނުމުގެ ފެންވަރު ރަނގަޅެވެ. އެހެންކަމުން އެމީހުންގެ ވިސްނުމުގައި ހުންނަ ދޯހަޅިކަން އެމީހުންނަށް ފާހަގަކުރަން ވަރަށްބޮޑަށް އުދަގޫ ވެއެވެ.

ތިންވަނަ މަރުހަލާ: ބިގިނަރ ތިންކަރ- ވިސްނުން ރަނގަޅުގޮތުގައި ބޭނުންކުރަންފަށާ މީހާ Beginner

މި މަރުހަލާގައި އަމިއްލަ ވިސްނުމުގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަންނާނެއެވެ. އަދި އެ މައްސަލަތައް ރަނގަޅުކުރަން މަސައްކަތް ކުރާނެއެވެ. އެހެން ނަމަވެސް ސިސްޓަމެޓިކް ގޮތެއްގައި (ނިޒާމެއްގެ ތެރެއިން ވަކި ތަރުތީބަކުން) މިކަމެއް ނުކުރެވޭނެއެވެ. ވިސްނުމުގައި ބޭނުންކުރާ މިންގަނޑުތައް ބޭނުންކުރަން މަސައްކަތް ކުރާނެއެވެ. އަމިއްލަ ވިސްނުމުގައާއި އެހެން މީހުންގެ ވިސްނުމުގައި ހުންނަ އަމިއްލަ މަޞްލަޙަތު ދެނެގަންނާނެއެވެ. 

މި މަރުހަލާގައި ތިބޭ މީހުން އެމީހުންގެ ދިރިއުޅުމުގެ ގިނަ ކަންކަމުގައި އަމިއްލަ ވިަސްނުނ ބޭނުން ބޭނުންކޮށް, އެމީހުންގެ އުޅުން ވަކިގޮތަކަށް ބައްޓަންކުރެއެވެ. މި މީހުންނަށް އެމީހުންގެ ވިސްނުމުގައި ހަމަނުޖެހޭ ބައެއްކަންކަން ހުަންނަ ކަމާއި ބައެއް މައްސަލަތައް ހުރިކަން ފާހަގަކުރެވި އެފަދަ ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާނެއެވެ.

ވިސްނުން ރަނގަޅުގޮތުގައި ބެނުންކުރަންފަށާ މަރުހަލާގައި ތިބޭ މީހުންނަށް ވިސްނާ ފިކުރުކުރުމުގެ އަގު ވިސްނޭނެއެވެ. އަދި އެމީހުންގެ ވިސްނުމުގެ މަސައްކަތުގެ ކަންކަމާއިމެދު ބޮޑަށް ހޭލުންތެރިވެ, ވިސްނުމުގެ ތެރޭގައި ހުންނަ ވަކި ފަރާތަކަށް ޖެހުމާއި ހީކުރާ ހީކުރުންތަކާއިމެދު އިތުރަށް ބަލާ ފިކުރު ކުރާނެއެވެ. މީގެ އިތުރުން, މައްސަލަ ސާފުކުރުމާއި, ބުއްދި ގަބޫލުކުރެވޭ ގޮތަށް ކަންކަން ކުރުމާއި ބަރާބަރަށް ކަންކަންކުރުންފަދަ އަމިއްލަ މިންގަނޑުތަކެއް ހިފަހައްޓާނެއެވެ. އަދި ކްރިޓިކަލްކޮށް ވިސްނާއިރު ތިމާގެ ޖަޒުބާތުތަކާއި ގޮތްދޫނުކުރުމުގެ ސަބަބުން ވިސްނުމަށް ކުރާ އަސަރު އެގޭނެއެވެ.

މިމަރުހަލާގައިހުންނަ މީހާ އެހެން މީހުންގެ ފީޑުބެކާއި ފާޑުކިޔުން ބަލައިގަނެ, ވިސްނުން ރަނގަޅު މިސްރާބަކަށް ގެންދިއުމަށް އެތަކެތި ބޭނުންކުރާނެއެވެ.

ހަތަރުވަނަ މަރުހަލާ: ޕްރެކްޓިސިންގ ތިންކަރ - ވިސްނުން ފަރިތަކުރާ މީހާ Practicing

މި މަރުހަލާގައި ވިސްނުމުގެ މަރުހަލާ އުޅޭ މީހުން ވިސްނުމުގައި ހުރި މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ހައްލުކުރަން ސިސްޓަމެޓިކްކޮށް މަސައްކަތްކުރާނެއެވެ. ވިސްނުމުގައި ހިމެނޭ މިންގަނޑުތައް ދޭހަވެ އަމިއްލަ ވިސްނުމުގައި އެ މިންގަނޑުތައް ބޭނުންކުރަން މަސައްކަތް ކުރާނެއެވެ. އަދި އަމިއްލަ ވިސްނުމުގައި ހުރި ރަނގަޅު ކަންތައްތަކާއި އުނި ކަންތައްތައް ދެނެގަނެވޭނެއެވެ. 

މި މަރުހަލާގައި ތިބޭ މީހުންނަށް އެމީހުންގެ ވިސްނުމުގައި ހުންނަ އުނިކަންކަން އެނގި. އެކަންކަން ހައްލުކުރުމަށް ތަފާތު ހުނަރު ތަރައްގީކޮށް ބޭނުންކުރާނެއެވެ. އެމީހުން ވިސްނުން އިތުރަށް ހަރުދަނާވާނެފަދަ އާދަކާދަތައް ގެންގުޅެ, އެމީހުންގެ ވިސްނުމުގެ ކަންކަން ކޮންމެ ދުވަހަކުހެން ދިރާސާކުރާނެއެވެ. މިފަދަ މީހުންގެ ވިސްނުމުގެ ބާރާއި, ވިސްނުމުގައި ހުރި ދެރަވަރުކަންކަން އެނގޭނެއެވެ. އެހެންނަމަވެސް އެމީހުންގެ ވިސްނުމުގެ ހުރިހާ ކަމަކަށްވަކި އިންތިޒާމަކަުން ބަލާލުމުގެ ގާބިލުކަމެއް ނުހުންނާނެއެވެ. މިމަރުހަލާގައި އެމީހުންގެ އަމިއްލަ ކަންކަމުގެ ސަބަބުން ވިސްނުމަށް ނޭދެވޭ އަސަރުފޯރާނެއެވެ.

މި މަރުހަލާއަށް އައުމަށް ހުއްޓާނުލައި ކޮންމެދުވަހަކުވެސް ވިސްނުމުގެ ބާރު ގަދަކުރަން މަސައްކަތްކުރަންޖެހޭނެއެވެ. މީގާއި ވިސްނުމުގެ ބާރުގަދަކުރާފަދަ ހަރަކާތްތަކެއް ކޮންމެ ދުވަހަކުވެސް ކޮށް, ފަރިތަކުރުމުގެ ޕްލޭނެއް އެކުލަވާލައި, އެ ޕްލޭން ކުރިއަށް ގެންދަންޖެހޭނެއެވެ. ވިސްނުން ބޭނުންކުރަންޖެހޭ ހާލަތު އުފެދެނީ ސުވާލުތަކުންނެވެ. ވަކި ބޭނުމެއް ހާސިލުކުރުމަށް ސުވާލުތަކެއްގެ ޖަވާބު ހޯދަން ޖެހުމުންނެވެ. މިގޮތަށް މިކަންތައް ވުމަށް, އަހަރެމެންނަށް މަޢުލޫމާތު ބޭނުންވެއެވެ. އަދި ހޯދާ މަޢުލޫމާތު މާނަކޮށް, ދޭހަކޮށް, ގޮތްތަކެއް ނިންމަންޖެހެއެވެ.

އަހަރެމެން ނިންމާ ނިންމުން ނިންމަނީ އަހަރެމެންނަށް ވިސްނިފައިވާ ނުވަތަ ހީވެފައިވާ ހީކުރުންތަކަށް ބިނާކޯށްގެންނެވެ. އަދި އެނިންމުން އަންނަނީ އެނގިފައިވާ މަފްހޫމަކާއި އަހަރެމެން އެކަމަކާއި ދޭތެރޭ ދެކޭގޮތަށްވެސް ބިނާވެގެންނެވެ.

ފަސްވަނަ މަރުހަލާ: އެޑްވާންޑްސްޑް ތިންކަރ - ވިސްނުން ތަރައްގީވެފައިވާ މީހާ Advanced

މި މަރުޙަލާގައި ވިސްނުންގެ މަރުހަލާ ހުންނަ މީހުން ދިރިއުޅުމުގެ މުހިންމު ދާއިރާތަކުގައި ކްރިޓިކަލް ތިންކިންގ ބޭނުންކުރަން ފަށާނެއެވެ. ވިސްނުމުގައި އަމިއްލަ މަޞްލަޙަތު އަންނަ ވަގުތުތަކުގައި އެކަން ދެނެގަނެ އެކަމުން އެއްކިބާވާނެއެވެ. މިފަދަ މީހުންނަށް ވިސްނުމާއި އިހުސާސްތަކާ ބޭނުންތަކާ ހުންނަ ގުޅުން އެނގޭނެއެވެ. 

ވިސްނުން ތަރައްގީވެފައިވާ މީހާ އޭނާގެ އަމިއްލަ ވިސްނުނަތަކަށް ރިވެލިކޮށް ހަޔާތުގެ ގިނަ ދިމަދިމާއަށް ނަޒަރު ހިންގައި ވިސްނުމުގެ އާދަ ހަރުލާފައި ހުންނާނެއެވެ. އެމީހުންނަށް އެމީހުންގެ ވިސްނުން ވަކި އަތަކަށް ޖެހިއްޖެނަމަ އެކަން އެނގި, އެހެން ގޮތަކަށް ވިސްނުން އަނބުރާލުމުގެ ގާބިލުކަން ލިބިގެންވެއެވެ. އެމީހުން ވަކި އަތަކަށް ނުޖެހި ހަމައާއި އިންސާފުން ވިސްނާނެއެވެ. މި މަރުހަލާގައި ތިބޭ މީހުންނަށް އެމީހުންގެ ވިސްނުމަށް އަސަރުފޯރާ ކަންކަން ވަރަށް ރަނގަޅަށް އެނގި ގަބޫލުކުރާ އިރުވެސް އެމީހުންގެ ވިސްނުމަށް އަދި އެހެންމީހުންގެ ވިސްނުމަށް އަސަރުކޮށްފާނެ ހުރިހާ ކަމެއް ނުވިސްނި އޮވެދާނެއެވެ. ވިސްނުން ތަރައްގީވެފައިވާ މީހަކުނަމަ އަމިއްލަ ވިސްނުންތަކަށް އަމިއްލައަށް ފާޑުކިޔައި ރަނގަޅުނޫން ކަންކަން ރަނގަޅުކުރުމަށް ފަހަރަކު ފިޔަވަޅެއް އަޅާނެއެވެ. އާ ވިސްނުންތަކާއި އާދަތައް ހަރުލައްވާނެ ވިސްނުމާއި ބުއްދި މި މީހުންގެ ހުންނާނެއެވެ. ތިމާގެ ވިސްނުމުގައި ހުންނަ ހަމަނުޖެހޭ ކަންކަން އަމިއްލައަށް ފާހަގަކޮށް, އެހެން މީހުންގެއިހްސާސަތައް ދަނެ އެހެން މީހުން ކަންކަމާއިމެދު ދެގޭގޮތް ވިސްނައި, ތެދުހިތަކުން ކަންކަންކުރުމުގެ ގާބިލުކަން މިމީހުންނަށް ލިބިފައިވާނެއެވެ. އެހެންމީހުން ހުށަހަޅާ ޚިޔާލާއި ގަބޫލުކުރާ ގަބޫލުކުރުންތައް ތިމާގެ ބުއްދީގެ ތަރާދުން ކިރައި, އެފަދަ ކަންކަން ގަބޫލުކުރުމުގެ ވިސްނުމާއި ކުޅަދާނަކަން މީ މީހުންގެ ކިބައިގައި ހުންނާނެއެވެ.

ހަވަނަ މަރުހަލާ: އެކޮމްޕްލިޝްޑް ތިންކަރ - ވިސްނުމުގެ ހުނަރު އަށަގަނެފައިވާ މީހާ Master/Accomplished

މި މަރުހަލާގައި އުޅޭ މީހުން ސިސްޓަމެޓިކްކޮށް ވިސްނުމުގެ އިތުރުން އަބަދުވެސް ވިސްނުން ހަރުދަނާކުރުމަށް ރިފްލެކްޓްކުރާނެއެވެ. ފަރިތަކަމާއެކު ވިސްނުމުގެ މިންގަނޑުތައް އަބަދުވެސް ބޭނުންކުރާނެއެވެ. އަމިއްލަ ވިސްނުމަށް ފާޑުވެރި ނަޒަރަކުން ބަލައި އަބަދުވެސް ރަނގަޅު ކުރެވޭތޯ ބަލާނެއެވެ. 

ވިސްނުމުގެ ހުނަރު އަށަގެންފައިވާ މީހުންތިބޭނީ މައުލުމާތު ބަލައިގަތުމުގައްޔާއި ކަންކަން ނިންމުމުގައި އެހެން މީހެއްގެ/ކަމެއްގެ ނުފޫޒެއްނެތި ތިމާގެ ފުރިހަމަ ބާރާއެކުގައެވެ. އެމީހުން އަބަދުވެސް އެމީހުންގެ ވިސްނުމުގެ ބާރު ގަދަކުރުމުގެ މަސައްކަތްކުރާނެއެވެ. ކޮންމެ ދުވަހަކު ވިސްނުމުގެ ތަމްރީންތައް ހަދަން ފެށުމުން ވިސްނުމަކީ ތިމާ ގަސްތުގައި އެނގިގެންކުރެވޭ ކަމެއްގެ ގޮތުގައި ވެގެންދާ މަރުހަލާއަކަށް ދާނެއެވެ.

މިމަރުހަލާގައި ތިބޭ މީހުންނަށް ވިސްނުމުގެ ވަރަށްގިނަ ކަންކަން އެނގި, ވިސްނުމުގެ މަސައްކަތަށް ނޭދެވޭ އަސަރުކުރާ ކަންކަން ކޮންޓްރޯލް ކުރެވޭނެއެވެ. މިމީހުން އަބަދުވެސް އެމީހުން ކަންކަމާއިމެދު ދެކޭ ގޮތާއި ވިސްނުމުގައި ހުންނަ ވަކިފަރށާތަކަށް ޖެހެވޭ ކަންކަމަށް ވިސްނައި ދާނެއެވެ. އަދި ތިމާގެ ޖަވަބުތައް ބަލާ, ދިރާސާކުރާނެއެވެ.

އަހަރެމެން ވިސްނުން ވަކި ގޮތަކަށް ނުހާނައިފިނަމަ ފަސޭހަ ގޮތްގޮތަށް ދީލައިލުމަށް ބާރުއަޅާނެއެވެ. އަދި ކުއްލި ނިންމުން ނިންމަން ބާރުއަޅާނެއެވެ. ސިކުނޑި ބޭނުންވާނީ ހަކަތަ ބޭކާރު ނުކުރުމަށެވެ. އަހަރެމެންގެ ހަށިގަނޑުގެ ހަކަތައިގެ %20 ސިނކުޑިން ބޭނުންކުރެއެވެ. އެހެންކަމުން ވީހާވެސް ކުޑަކޮށް ވީހާވެސް މަދުން ހަކަތަ ބޭނުންކުރެވޭނެ ގޮތްތައް ހޯދުމަށް ސިކުނޑި މަސައްކަތް ކުރެއެވެ. ސިކުނޑި މަސައްކަތްކުރާނީ ވީހާވެސް ކުޑަކޮށް ހަކަތަ ބޭނުންކުރެވޭނެ ގޮތްތަކެވެ. އެހެންކަމުން އޮޅުންފިލުވަން އުނދަގޫ އޮޅުންބޮޅުން ބޮޑު އެއްޗެއް އަތުވެއްޖެނަމަ އެ އެއްޗަކާމެދު ވިސްނުމުން ވަގުތުން ދުރުހެލި ކުރެއެވެ.

ނަފްސާނީ ޢިލްމުވެރިން ގަބޫލުކުރާގޮތުގައި އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް މި މަރުހަލާއަކަށް ނުދެވޭނެއެވެ. އެހެންނަމަވެސް ހުއްޓާނުލައި އަބަދު ވިސްނުމުގެ ތަމްރީން ހަދާނަމަ ވިސްނުން ތަރައްގީވެ ކުރިއަރާކަން އަހަރެމެންނަށް ފާހަގަކުރެވޭނެއެވެ. ޚާއްޞަކޮށް ކްރިޓިކަލް ވިސްނުމާއި މައްސަލަތައް ދޭހަވެ ހައްލުކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.


No comments: