Wednesday, October 13, 2021

ޤައުމީ ސަލާމާއި ޤައުމީ ސަލާމުގެ މާނަ

ޢަބްދުﷲ ސަޢީދު




ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ފުރަތަމަ އިވިގެން ދިޔައީ 1946 ފެބުރުވަރީ 3 ވަނަ ދުވަހުއެވެ. އެއީ 1 ރަބީޢުލްއައްވަލް 1365 ގައި ދިވެހިރާއްޖޭގައި ފާހަގަކުރި ފުރަތަމަ ޤައުމީ ދުވަހުގެ ޖަލްސާގައެވެ. އިހުޒަމާނުގައި ބެރުދުންމާރި ތާޅަފިލީގައި ރަސްމީ ކަންތައްތަކުގައި ބޭނުންކުރާ "ސަލާމަތީ"އޭ ކިޔާ ލަވައެއް އޮތެވެ. އެކަމަކު ފުރަތަމަ ފާހަގަކުރި ޤައުމީ ދުވަހުގެ ކުރިން ޤައުމީ ސަލާމެއްގެ ގޮތުގައި ކިޔާ ވަކި ޚާއްޞަ ޅެމެއް ނުވަތަ ނަޝީދެއް ނެތެވެ. ދިވެހީންގެ ކީރިތިކަމާއި މޫރިތިކަން ހާމަކޮށްދޭ ތަރާނާއެއް ނެތެވެ. 
 

ޤައުމީ ސަލާމުގެ ޅެމުގެ ޝާޢިރަކީ އުސްތާޛުލް ޖީލް، އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީއެވެ. އެއީ އިތުރު ތަޢާރަފަކަށް ބޭނުންނުވާ ދިވެހި ޅެންވެރިކަމުގައި "އުޖާލަވި ރަންތަރި"އެވެ. ޤައުމީ ސަލާމުގެ ޅެން ޖަމީލް ދީދީ ހެއްދެވީ އޭރު ދިވެހި ދައުލަތް ހިންގަވަމުން ގެންދެވި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ އެދިވަޑައިގަތުމަށެވެ. ޤައުމީ ސަލާމުގެ ޅެމުގައި އެވަނީ މުޙައްމަދު އަމީން ދެއްވި ޚިޔާލުފުޅުތަކާއި ޖަމީލު ދީދީގެ އަދަބީ ޝުޢޫރެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމުގެ ޅެމަކީ 8 ބައިތުގެ މައްޗަށް އެކުލެވިގެންވާ ޤައުމީ ޝުޢޫރުތަކެއްގެ މައްޗަށް ތަރުތީބުކުރެވިފައިވާ ހިތްގައިމު ޅެމެކެވެ. އަދި އެއީ ޤައުމާމެދު ކުރެވޭ އުންމީދުތައް ހިމެނޭ އަސަރު ގަދަ "ދުޢާ" ތަކެއް ހިމެނޭ ޅެމެއް ވެސް މެއެވެ.
ޤައުމީ ސަލާމުގެ ޅެމަށް ދެއްވި ރީތި ސުރުހީއާއެކު "ޤައުމީ ސަލާން" މި ލަފުޒު ވެފައިވަނީ އިނގިރޭސި ބަހުން ކިޔާ "ނެޝަނަލް އެންތަމް" (national anthem) އަށެވެ. ކޮންމެ ޤައުމެއްގައި ވެސް ޤައުމީ މުނާސަބަތުގައި ކިޔަން ހަދާފައި އޮންނަ ޚާއްޞަ ލަވައަކީ އެ ޤައުމެއްގެ ޤައުމީ ސަލާމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަލާމުގެ މާނައާމެދު ވިސްނާލާއިރު ޤައުމީ ސަލާމުގެ ކޮންމެ ބައިތެއް ވެސް ނިންމާލައްވާފައިވަނީ "ކުރީމެ ސަލާމް" މިގޮތަށް ވިދާޅުވަމުންނެވެ. ދިވެހި ބަސްފޮތުގައި ވާގޮތުން ސަލާން ކުރުމަކީ މީހަކާ ބައްދަލުވާހިނދު "އައްސަލާމް ޢަލައިކުމް" ކިޔުމެވެ. ނުވަތަ ސަލާން ކުރުމުގެ ގޮތުން އަތާއަތް ޖޯޑުކުރުމެވެ. އިސްލާމްދީނުގައި ސަލާމް ކުރުމަކީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އެއީ ކުރެވޭ ހެޔޮ ދުޢާއެކެވެ. ފާޅުކުރެވޭ ހިތްހެޔޮކަމުގެ ޝުޢޫރެކެވެ. ސަލާމަކީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ.
ޤައުމީ ސަލާމުގައި ތިން މާނައެއްގައި ސަލާމް ގެންނާވާފައި ވެއެވެ. އެއް މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދަންނަވާ ދުޢާއެއްގެ މާނައެވެ. މިތަނުގައި "ސަލާމް" މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅެއްކަން ހަނދާނަށް އިތުރުކޮށްލަން ޖެހެއެވެ. އެ ކަލާނގެއީ ސަލާމަތްކަން ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. ޤައުމީ ސަލާމުގައި ސަލާމް ހިމަނުއްވާފައިވާ ދެވަނަ މާނަކުރުމަކީ ސެލިއުޓް ނުވަތަ ކުރުނީހެވެ. ޤައުމީ ޤައުމީ ދިދައަށް ކުރާ ސަލާމަކީ އެއީއެވެ. ތިންވަނަ މާނައަކީ އަދަބު އިޙުތިރާމާއި އަދަބު ތައުޒީމެވެ. ޤައުމީ ބަޠަލުންނަށާއި ޤައުމުގެ ވެރީންނަށް ރައްދުކުރާ ސަލާމަކީ އެއީއެވެ.
ޤައުމީ ސަލާމުގެ ފުރަތަމަ ބައިތު ނުވަތަ ޤައުމީ ސަލާމުގެ މައިގަނޑު ރައްދުވަނީ އިންސާނާ ނެތުމުގެ ތެރެއިން ހައްދަވާ ބޮޑުކުރެއްވި މަތިވެރި އިލާހަށެވެ. އެއީ އެ ކަލާނގެއަށް ކޮށްފައިވާ ދުޢާއެކެވެ.
"ޤައުމީ މި އެކުވެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް
ޤައުމީ ބަހުން ގިނަ ހެޔޮ ދުޢާ ކުރަމުން ކުރީމެ ސަލާމް"
ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެން މުސްލިމު ދިވެހި އުންމަތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި ދުޢާ ދަންނަވާނެ އެހެން ފަރާތެއް ނުވެއެވެ. ދިވެހީން އެ ކަލާނގެއަށް ދަންނަވަނީ ދިވެހީން މި ތިބީ ޤައުމީ އެކުވެރިކަމުގެ މަތީގައި ކަމަށެވެ. އަދި މި ދުޢާ މި ދަންނަވަނީ ދިވެހީންގެ މާދަރީ ބަސްކަމުގައިވާ ދިވެހި ބަހުން ކަމަށާއި މިއީ ތަކުރާރު ކުރެވޭ ހެޔޮ ދުޢާއެއް ކަމަށެވެ. ދެވަނަ ބައިތާއި ތިންވަނަ ބައިތުގައި ވަނީ ޤައުމީ ދިދައަށް ކުރާ ކުރުނީހުގެ ވާހަކައެވެ.
"ޤައުމީ ނިޝާނަށް ޙުރުމަތާއެކު ބޯލަނބާ ތިބެގެން
އައުދާނަކަން ލިބިގެން އެވާ ދިދައަށް ކުރީމެ ސަލާމް
ނަޞްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
ފެއްސާ ރަތާއި ހުދާ އެކީ ފެނުމުން ކުރީމެ ސަލާމް"
ޤައުމީ ސަލާމުގެ ދެވަނަ ބައިތުގައި އިޝާރާތްކުރާ ޤައުމީ ނިޝާނަކީ ދިވެހި ދިދައެވެ. ދިވެހީން ކުރުނީސް މި ކުރަނީ މާތްކަން ބޮޑު ޤައުމީ ދިދައަށް ޙުރުމަތާއެކު ބޯލަނބައިގެން ތިބެއެވެ. ތިންވަނަ ބައިތުގައި ވަނީ ދިވެހީންގެ ނަޞްރާއި ނަސީބާ ކާމިޔާބުގެ ރަމުޒަކީ ދިވެހި ދިދަކަން ބަޔާންކޮށްފައެވެ. ފެހިކުލައާއި ރަތްކުލައާއި ހުދު ކުލައިގެ ޤައުމީ ދިދަ އަށް ކުރުނީސް ކުރަމެވެ. ހަތަރުވަނަ ބައިތުގައި މުޚާތަބު ކުރަނީ ޤައުމީ ބަޠަލުންނަށެވެ.
"ފަޚުރާ ޝަރަފު ޤައުމަށް އެ ހޯއްދަވައިދެއްވި ބަޠަލުންނަށް
ޛިކުރާގެ މަތިވެރި ޅެންތަކުން އަދުގައި ކުރީމެ ސަލާމް"
ޤައުމީ ބަޠަލުންނެވެ. ތިޔަ ބޭފުޅުންނަކީ ދިވެހި ޤައުމަށް ފަޚުރާއި ޝަރަފު ހޯއްދަވައިދެއްވި މި ޤައުމު ފަޚުރުވެރިވާ ބަޠަލުންނެވެ. ތިޔަ ބޭފުޅުންގެ ޒިކުރާ މި އާކުރަނީ މަތިވެރި ޅެންތަކުން ފޮނުވާ ސަލާމާއެކުގައެވެ. ފަސްވަނަ ބައިތަކީ ހުސްޠާހިރުވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދަންނަވާފައިވާ މަތިވެރި ދުޢާ އެކެވެ.
"ދިވެހީންގެ އުންމަތް ކުރިއަރައި ސިލްމާ ސަލާމަތުގައި
ދިވެހީންގެ ނަން މޮޅުވުން އަދައި ތިބެގެން ކުރީމެ ސަލާމް"
ދިވެހި އުންމަތް ސިލްމާއި ސަލާމަތުގައި ކުރިއަރާށިއެވެ. މި ދުޢާ މި ދަންނަވަނީ ދިވެހީންގެ ނަން މޮޅުވުން އަދައިގެންނެވެ. ހަވަނަ ބައިތުގައި ކޮށްފައިވާ ދުޢާއަކީ ދިވެހިރާއްޖޭގެ ކުރިމަގު އުޖާލާކޮށްދެއްވުން އެދި ކޮށްފައިވާ ދުޢާއެކެވެ.
"މިނިވަންކަމާ މަދަނިއްޔަތާ ލިބިގެން މި އާލަމުގައި
ދިނިގެން ހިތާމަތަކުން ތިބުން އެދިގެން ކުރީމެ ސަލާމް"
މި ދުނިޔޭގައި މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ލައްވާށިއެވެ. އަދި މަދަނިއްޔަތު (ރަށްވެރިކަން) ލިބިގެންދާށިއެވެ. ހިތާމައާއި ހިތްދަތިކަމުން (އަޅުވެރިކަމުންނާއި ނިކަމެތިކަމުން) ސަލާމަތް ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. ހަތްވަނަ ބައިތުގައި ވަނީ ދީނާއި ވެރިންނަށް ވަފާތެރިވެ ޙުރުމަތް އަދާކުރާނެ ވާހަކައެކު ޤައުމުގެ ވެރީންނަށް ކުރުނީސް ކުރާ ވާހަކައެވެ.
"ދީނާ ވެރީންނަށް ހެޔޮހިތުން ޙުރުމަތް އަދާކުރަމުން
ސީދާ ވަފާތެރިކަން މަތީ ތިބެގެން ކުރީމެ ސަލާމް"
ޤައުމީ ސަލާމުގެ ޅެން ހެއްދެވިއިރު މި ބައިތުގެ ޞަދުރުގައި "ދީނާއި ތަޚުތަށް ހެޔޮހިތުން ޙުރުމަތް އަދާކުރަމުން" މިގޮތަށެވެ. "ދީނާއި ތަޚުތަށް" އޮތްތަން "ދީނާ ވަރިންނަށް" މިގޮތަށް ބަދަލު ކުރެއްވީ 17 މާރިޗު 1970 ގައެވެ. އެ ބައިތު މިހާރު އޮންނަނީ މިހެންނެވެ. ދިވެހީން ބުނަނީ މާތްވެގެންވާ އިސްލާމްދީނަށާއި މި ޤައުމުގެ ވެރީންނަށް ހެޔޮހިތުން ޙުރުމަތް އަދާކުރާނަމުއެވެ. ދިވެހީން ކުރުނީސް މި ކުރަނީ ވަފާތެރި ކަންމަތީގައި ތިބެގެންނެވެ. އަށްވަނަ ބައިތަކީ ޤައުމީ ސަލާމުގެ އެންމެ ފަހު ބައިތެވެ. އެއީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކޮށްފައިވާ ދުޢާއެކެވެ.
"ދައުލަތުގެ އަބުރާ ޢިއްޒަތާ މަތިވެރިވެގެން އަބަދަށް
އައުދާނަވުން އެދި ހެޔޮ ދުޢާ ކުރަމުން ކުރީމެ ސަލާމް"
ދިވެހި ދައުލަތުގެ އަބުރާއި ޢިއްޒަތް އަބަދުގެ އަބަދަށް މަތިވެރި ކުރައްވާށިއެވެ. އަދި ދިވެހި ދައުލަތަކީ މާތްކަން ބޮޑު ދައުލަތެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރަމެވެ. މިއީ އަޅުގަނޑުމެން ހުރިހާ ދިވެހީންގެ ވެސް ދުޢާއެވެ.

No comments: