Monday, January 16, 2012

މަނަދޫގެ ވިޔަފާރިގެތަކުގެ ތާރީޚް


ޢަބްދުﷲ ސަޢީދު

(ފޮޓޯ: އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫނު ކޮޅުބަށް ވިޔަފާރިކަމު ކުރެއްވި ދަތުރުފުޅެއްގައި ބޭނުންކުރެއްވި ޕާސްޕޯޓެއް)

މަނަދޫގައި ވިޔަފާރިކުރާ ފިހާރަތަކުގެ ތާރީޚަކީ މާގިނަދުވަސްވީ ތާރީޚެއްނޫނެވެ. އެކަމަކުވެސް ކޮންމެވެސް މީހަކު މި ތާރީޚަށް ކަޅިއެއް އެއްލާނުލައި އޮތިއްޔާ ފަހުން މި ތާރީޚު ހޯދަން ދަތިވެދާނެއެވެ. މިހާރުވެސް ތާރީޚަކަށް އެންމެ އެކަށޭނަ މިންވަރަށް މަނަދޫގައި ކުރިން ހުރި ފިހާރަތަކުގެ ތާރީޚު ލިޔެވޭކަށް ނެތެވެ. އެއީ އެފިހާރަތައް ހިންގި ތާރީޚުތައް އަތުޖެހޭ ހިސާބުގައި ނެތީތީއެވެ.
މިހާރު ލިޔެވެންއޮތީ ފިހާރަތަކުގެ ނަންތަކެވެ. މިއިން ނަމެއްގެ ތެރެއިން ނަމެއް ވެއްޓިފައި އޮތްނަމަ ނުވަތަ އިތުރުކޮށްލަން ބޭނުންވާ ނަމެއް އޮތްނަމަ ކިޔުންތެރިން ކޮމެންޓްސްގައި ލިޔުއްވާށެވެ. އޭރުން ފަހުން އެހެން މީހަކު ކުރާ ދިރާސާއަކަށްވެސް ބޭނުން ހިފިދާނެއެވެ. އަދި މި ކޮލަމްގެ މުއްސަދިކަންވެސް އިތުރުވާނެއެވެ.

މަނަދޫގައި މިޒަމާނުގެ އުސޫލުން ގަނެވިއްކުމުގެ ވިޔަފާރިކުރަން ފެށުނީ "ކާޑުގެ" ދުވަސްވަރުގައެވެ. މަނަދޫ ކާޑުގެ ހުރީ މިހާރު ބިކިރި ރެސްޓޯރެންޓް އެހެރަ )މަނަދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ދީފައިވާ ބިމުގެ( ސަރަޙައްދުގައެވެ. ކާޑުގޭގައި ވިއްކާ ހެދީ ކާޑުގެ ބައިވަތްތަކެވެ. އޭރު ވިޔަފާރިކުރީ ބާޓާ ސިސްޓަމަށެވެ. ތަކެތީގެ ބަދަލުގައި ތަކެތި ދޭ އުސޫލުންނެވެ. ކާއްޓާއި މަސް ގަތުމަށްފަހު، ކަނޑޫ، ހަކުރު، ގޮދަން، ޒުވާރި ފަދަ ތަކެތި ދޫކުރާ ގޮތަށެވެ. 

މަނަދޫގައި އަމިއްލަ ގޮތުން ފުރަތަމަ ވިޔަފާރި ކުރަންފެށީ މަނަދޫ ކާސިން ހާޖީއެވެ. މަނަދޫ ފިނިވާގޭގައި މިހާރުވެސް އެ ވިޔަފާރި ކުރި ޢިމާރާތް ފެންނަން އެބަހުއްޓެވެ. އެވިޔަފާރި ކާސިންހާޖީގެ މަރުދުވަހަށް ދެމިގެންދިޔައެވެ. އެފިހާރައަށް ކިޔަނީ "ސަމަރވައިޓް ޝޮޕް" އެވެ. ކުދިން މަޖަލަކަށް "ސަމަރުވައިޓްޝޮޕް، ކަމަނައުމަރުކޯޓް" މިހެން ކިޔާ އަޑު އަހަރެންނަށް އިވެއެވެ. މިހެން ކިޔަނީ މި ފިހާރައަށް ނިސްބަތްކޮށެވެ. މިއީ ސިލޯނުން ސީދާ މުދާގަނެގެން ގެނެސް ވިއްކި ފިހާރައެކެވެ. މުޅި އުތުރުގައިވެސް ނަން މަޝްހޫރު ފިހާރައެވެ. އަހަރެމެންނަށް ވީއިރު ނުވަތަ 1970 ގެ އަހަރުތަކުގައި މިފިހާރަ ވަރަށް ހިނގިއެވެ. އެންޓިޕާއަކީ މިފިހާރައިން ވިއްކި ޚާއްޞަ އެއްޗެކެވެ. އެއީ ފަނިވުމުން ކުޑަކުދިންނަށް ބޯންދޭ ދިޔާ ބޭހެކެވެ. މި ފިހާރައިގެ ވިޔަފާރި މަޑުޖެހިގެންދިޔައީ ކާސިންހާޖީ ބަލިވުމުންނެވެ. އޭރު އެފިހާރައިގައި ހުރި ގިނަ އަދަދެއްގެ ބްރިސްޓޯލް ސިގިރެޓްތަކެއް ފީވުމުގެ ސަބަބުން އުކާލިއެވެ. ވަލުތެރޭގައި ބަބުކެޔޮމޫ ބޮއިހަދަމުންދިޔަ ކުދިން ކާޓޫނު ކާޓޫނުން ރައްކާކޮށްގެން ބޮއި ހެދިއެވެ.

ދެން ފާހަގަކުރެވޭ ތަނަނީ ނ. އަތޮޅު އިސްޓޯރެވެ. ނ. އަތޮޅު އިސްޓޯރަކީ 1970 ގެ ދުވަސްވަރު  މަނަދޫގައި އެންމެ ވަރުގަދައަށް ހިންގި އަނެއް އިސްޓޯރެވެ. އަތޮޅު އިސްޓޯރުގައި އަހަރެމެންނަށް ފެންނަން ފެށިއިރު އިންނަ ސޭޓަކީ މަރުހޫމް މޫސާފުޅުބެއެވެ. އެޒަމާނުގައި ނ. އަތޮޅުގެ ހުރިހާ ރަށަކުން މަނަދޫއަށް އައިސް ވިޔަފާރިކުރެއެވެ. އަހަރެމެން ސްކޫލަށް ދާއިރު އިރުވައި ތޮށީގެ ރަށްރަށުގެ މީހުންގެ ކާޑު ޑަބިޔާތައް ބޭރުގެ ގާގަނޑުމަތީގައި އަތުރާފައިވާތީ ދެކެމެވެ. އޭރު ކިޔުތައް އޮންނަނީ ދަމާލާފައެވެ. އޭރު ދިހަ ލާރިއަށް އަލަނާސި މެޓައެއް ލިބެއެވެ. އަތޮޅު އިސްޓޯރު ގާގަނޑު ކައިރިން ދިހަލާރި ހޮވައިގެން ކުދިން އަލަނާސި މެޓާ ހަމަ އެފިހާރައިން ގަނެއެވެ.

އަތޮޅު އިސްޓޯރުގެ އިތުރުން ދޮންތުއްތުބޭ)ސަޢީދު ޤާސިމް(ގެ "އާފިހާރަ" އަކީ 1990ގެ އަހަރުތަކުގައި މަނަދޫގެ އެއްނަންބަރު ފިހާރައެވެ. އެފިހާރަ ހިންގަންފެށިތާ މާގިނަދުވަހެއް ނުވަނީ މަރުހޫމް ސީނު އިސްމާޢީލް)އިސްމާޢީލް( ގެ "މަތިސްޓަރ" ހުޅުވިއެވެ. އަދި ކަރިންބޭގެ މުޙައްމަދުބޭގެ އިބްރާހިމް )އިބްރާހީމް މުޙައްމަދު( ގެ ޚިދުމަތް ފިހާރައިގެ ޚިދުމަތް މަނަދޫ ރައްޔިތުންނަށް ލިބެން ފެށިއެވެ. ވިޔަފާރީގައި މުޅިން އާނަމެއް އަނެއްކާވެސް އަތުވެއްޖެއެވެ. އެއީ ކެލާ ޝަރީފާގެ އިބްރާހިމް )އިބްރާހީމް ޙުސައިން( ގެ "ގިގުނި" ފިހާރައެވެ. ޚިދުމަތް ފިހާރަ އާއި އާފިހާރައަށްވުރެ މާފުރިހަމައަށް ގިގުނި ހިގަންފެށިއެވެ. ގިގުނީގެ އަޑު ފަޑުވަންފެށީ ދޮންއައިމިންދައިތަގެ ވަހީދު ) ވަޙިދު( ގެ "އާތު" ފިހާރައެވެ. މިހާރު މަނަދޫގައި ހުރި އެންމެ ގިނަ މުދާ އެއްތަނަކުން ލިބޭ އެންމެ ފިހާރައަކީ އާތު ފިހާރައެވެ. ނޫހުބޭގެ ރައްޒާޤު) ޢަބްދުއްރައްޒާޤު ނޫޙު( ގެ "ފަޒާއިސްޓޯރު" ، އަލީ ސޮރު )ޢަބްދުﷲ ޢަލީ( ގެ "މިރުސް އިސްޓޯރު އަހަރެމެންނާ ވަކިވެގޮސްފައިވިޔަސް އަލީސޮރުގެ ޔޫސުބު )ޔޫސުފް ޢަބްދުﷲ(ގެ "މަގަތު" އެއްވާނެއްގައި އެބަހިފަހައްޓައެވެ. ރާކެއްޓު)އިސްމާޢީލް ޢުމަރު(ގެ "ޕެންޒީމާ ސްޓޯރު"، އަލިބެ ރަޝީދުގެ "ސާތު" ފިހާރަ ވަރަށް ހިނގިއެވެ. ކަޑަވައި)އަބޫބަކުރު ޢުމަރު) ހިންގި ފިހާރައާއި މާޅެންދޫ ކާސިންފުޅުބެ ހިންގަމުންދާ ފިހާރައިގެ ނަން ކުއްލިއަކަށް ހަނދާނަކަށް ނައެވެ.

މިހާރު މަނަދޫގައި ޒަމާނީ އާ ގޮތްތަކަށް ވިޔަފާރިތައްދަނީ ބަދަލުވަމުންނެވެ. ގަދީމީ ގޮތްދޫކޮށްލައި ޒަމާނީ ކުލަތަކާއި ރަހަތައްދަނީ ތަޢާރަފުކުރަމުންނެވެ. އެގޮތުން ޖޯކޭ ) ޢަބްދުލްޙަމީދު ޙުސައިން( ގެ "ނިއުވިއު" އަކީ މަނަދޫގެ ވިޔަފާރީގެ ސްޓައިލް ބަދަލުކޮށްލި ފިހާރައެކެވެ. ހަމަ އެހެންމެ ސޯލިންބެގެ އަޙްމަދު )އަޙްމަދު ޝިޔާމް( ގެ މައިސްޕޮޓް ފާހަގަކުރެވެއެވެ. މަނަދޫގައި ކޮމްޕިއުޓަރ ވިޔަފާރި ފުރަތަމަ ކުރަންފެށީ މަނަދޫ ކުންނަމަލައިގައި ހުޅުވި "ޓެކްގައިސް" އިންނެވެ.

ބޭސްފިހާރަތައް މަނަދޫގައި އިތުރުވެގެންދިޔައިރު މި ވިޔަފާރި މަނަދޫއަށް އަދި މުޅި ނ. އަތޮޅަށްވެސް ތަޢާރަފުކުރީ މަނަދޫ ކަރަންކާވިލާ އިބްރާހިމް މަނިކު )ހާރޫނު މޫސަގެ މަނިކު( އެވެ. އޭނާގެ "ފުރަވެރި" ބޭސްފިހާރައަށްފަހު ރައްޔިތުންގެ "ފަސްސަންގު" ބޭސްފިހާރަ ހުޅުވިއެވެ. ފުރަވެރި ފުރަތަމަ ހިންގީ ކަރަންކާވިލާގައެވެ. މިހާރު ފުރަވެރި އެހިންގަނީ ތިންވަނަ ތަނުގައެވެ. ވިޔަފާރީގައި ތެޔޮދޮންބެ )ޢަބްދުﷲ މޫސާ( އަކީ ނަމޫނާއެކެވެ. ފުރަތަމަ ތަނެއް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަން ފެށީ އޭނާއެވެ. އެއްފަހަރާ މަނަދޫގައި ދެ ފިހާރަ ހިންގީވެސް އޭނާއެވެ.

މިހާރު މަނަދޫއަކީ ޖޫގޯގެ ވިޔަފާރިވެސްކުރާ ރަށެކެވެ. ޖޫގޯގެ ވިޔަފާރި ފުރަތަމަ ފެށީ މަނަދޫ ނިޝާންގައި "އެމްކިޔުބް" ގެ ނަމުގައި އަޙްމަދު ފައިސަލް )އިބްރަބޭ ތުއްތުބޭގެ ފައިސަލް( އެވެ. މަނަދޫ ލިލީގައި މިހާރު މަޢުރޫފް ޢަބްދުލްޢަޒީޒު )މާއްޓޭ( ވެސް ޖޫގޯގެ ޚިދުމަތްދެއެވެ. ހާޑްވެއަރ ފިހާރަތަކަށް ބަލާއިރު ފުރަތަމަ ހުޅުވީ މަނަދޫ ޒުވާނުންގެގުޅުމުގެ ޢިމާރާތުގައި ދޮންތުއްތުބޭގެ މުޙައްމަދު )މުޙައްމަދު ސަޢީދު( ހުޅުވި ހާސާ ހާޑްވެއަރ އެވެ. މިހާރު އާތުހާޑްވެއަރ ވަނީ އާތުވަހީދު ހިންގަން ފަށާފައެވެ. މިހާރު އެފިހާރައަކީ ބޭނުންކުލައެއް މެޝިން ބޭނުންކޮށްގެން މިކްސްކޮށް ތައްޔާރުކޮށް ފޯރުކޮށްދޭ ޒަމާނީ ފިހާރައެކެވެ. ހަނދާން ބަލި ނޫނިއްޔާ ބައިޓީ ) ޢަބްދުﷲ މުޙައްމަދު( ހިންގި "ބިނާ އިސްޓޯރު" އާއި ޢަބްދުއްރަޙިންބެ ހިންގި ފިހާރައާއި މަރުޙޫމް މަނަދޫ ޢަބްދުއްސައްތާރު ހިންގި ސަންލައިޓް ޝޮޕް ހަނދާނަށް އަންނާނެއެވެ. މި ސަންލައިޓް ޝޮޕް ފުރަތަމަ ހިންގީ މަނަދޫ ފިނިވާގޭގައި ކުރިން ސަމަރުވައިޓް ޝޮޕް ހިންގި ތަނުގައެވެ.

މަނަދޫގެ ވިޔަފާރިތައްދަނީ ކުރިއަށެވެ. ސައިފިހާރަތަކާއި ވަޑާންކުރާ ތަންތަންދަނީ އިތުރުވަމުންނެވެ. ތަފާތު އެކި ބާވަތްތަކުގެ ވިޔަފާރިކުރާ ވިއްސަކަށް ފިހާރަ މިހާރު މަނަދޫގައި އެބަހުއްޓެވެ. ކޮމެންޓްސް ކުރައްވާ ބޭފުޅުން ފިހާރަތަކާއި އެތަންތަނުގެ ވެރިންގެ ނަންތައް ކޮމެންޓްސްގައި ހިމަނުއްވާށެވެ. އޭރުން މިލިޔުން އިތުރަށް ފުރިހަމަ ވާނެއެވެ.

No comments: