Monday, January 16, 2012

އޮޕަރޭޝަން ކޮޅުފުށި ރިލީފް-2011

ޢަބްދުﷲ ސަޢީދު- 

މ. ކޮޅުފުށްޓަކީ 2004 ޑިސެމްބަރ 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންލިބުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މ. އަތޮޅުގެ ކޮޅުފުށްޓާއި ވާރެއާފުށްޓަކީ މިހާރު އެއްރަށެކެވެ. އެކަމަކު ވާދަވެރި ދެއަވަށެވެ. ސުނާމީއަށްފަހު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާތާ ހަތް އަހަރުވެފައިވާ ކޮޅުފުށީގެ ރައްޔިތުންނަށް 2011 ޑިސެމްބަރ 18 ވަނަ ދުވަހުގެރެއަކީ ބިރުވެރި ރެއެކެވެ. އެރަށު މީހުން ސިފަކުރަނީ އެއީ ސުނާމީއަށްވުރެވެސް ބިރުވެރި ރެއެއްގެ ގޮތުގައެވެ. ސުނާމީގައި ގެދޮރުގެއްލުމުގެ ސަބަބުން ވަގުތީ ހިޔަލުގައި ދިރިއުޅުން ވޭތުކުރަމުންދަނިކޮށް ކޮޅުފުށީގައި ހުރި ސުނާމީ ހިޔާތަކުގެ ތެރެއިން އެންމެ އިރުމައްޗަށްހުރި ހިޔަލުގައި އަލިފާންރޯވެ އަނދައިގެން ދިޔައީ އެވަގުތު އެތަނުގައި ނިދަންތިބި މީހުން ލައިގެން ލިބި އަންނައުނު ފިޔަވާ އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވިއެވެ. އެ ޚަބަރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާގުޅިގެން ރިލީފް އޮޕަރޭޝަނެއް ވަގުތުން ފެށުނެވެ.

ވަގުތީ ހިޔާ
އަލިފާން ރޯވި ވަގުތީ ހިޔަލަކީ ޢިމާރާތް ވަށައިގެން ބޭރު ފާރު އެއްފޫޓަށް ރޭނުމަށްފަހު ދަގަނޑުހޮޅިން މުޑިޖަހާ ދަގަނޑު ހޮޅިން ޓްރަސް އަޅައިގެން ލަކުޑި ފައްޗާއި ފްލައިވުޑް ފިލާ ބޭނުންކޮށްގެން ކޮޓަރިތައްވަކިކޮށް ދެފުރާޅަށްވާގޮތަށް ހަދާފައިވާ ޢިމާރާތެކެވެ. މިއީ ދެފަރާތުން ވަދެނިކުމެވޭގޮތަށް ފަރާތެއްގައި 20 ކޮޓަރި ހަދާފައިވާ 40 ކޮޓަރީގެ ޢިމާރާތެކެވެ. 160 ފޫޓް ދިގު 24 ފޫޓް ފުޅާ މި ހިޔަލުގައި  108 މީހުން ދިރިއުޅެއެވެ. އެއީ 49 އަންހެނުންނާއި 59 ފިރިހެނުންނެވެ. 18 އަހަރުންމަތީގެ 73 މީހުން ތިބިއިރު 18 އަހަރުން ދަށުގެ 35 ކުދިން މި ޢިމާރާތުގައި ދިރިއުޅެއެވެ. މިއީ 20 ގެއެއްގެ މީހުންނެވެ. މި އަލިފާނުގެ ހާދިސާ ކުރިމަތިވިރޭ އެތަނުގައި ތިބީ 44 މީހުންނެވެ.

އަލިފާންރޯވުން
ވަގުތީ ހިޔަލުގައި އަލިފާން ރޯވީ 2011 ޑިސެމްބަރ 18 ވަނަ ދުވަހުގެރޭ ދަންވަރު 1:15 ގައެވެ. މިކަން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް އެނގިފައިވަނީ 1:42 ގައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް މިޚަބަރު ދީފައިވަނީ ފަޔަރ އެންޑް ރެސްކިޔު ސާރވިސް އިންނެވެ. ފުރަތަމަ އަލިފާން ރޯވި ރަންދޯދި ގޭގެ ކޮޓަރި ހުންނަނީ ވަގުތީ ހިޔަލުގެ ގާތްގަޑަކަށް މެދާހިސާބުގައެވެ. އެވަގުތު އެތަނުގައި އެއްވެސް މީހަކު ނެތެވެ. އަލިފާން ރޯވެފައި ހުރިތަން ފެނުމާއެކު ހިޔަލުގައި ތިބި މީހުން ނިކުމެ އަލިފާން ނިއްވުމުގެ މަސައްކަތްފެށިއެވެ. އަލިފާން ރޯވެފައިވާ ކޮޓަރީގެ ދޮރު ވައްޓާލުމާއެކު އަލިފާންގަނޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. މި ހާދިސާގައި މުޅި ޢިމާރާތާއި ޢިމާރާތުގައި ހުރި ހުރިހާތަކެއްޗެއް އަނދައިގެންދިޔައެވެ. އޭގެތެރޭގައި ފައިސާއާއި އަންނައުނާއި ޕާސްޕޯޓާއި އައިޑީކާޑް ފަދަ މުހިންމު ލިޔެކިޔުންތައްވެސް ހިމެނެއެވެ. މީގެ އިތުރުން 3 ސައިކަލާއި ފެންއަޅާ 13 ކަޅުހަންއަނދައިގެން ގޮސްފައިވެއެވެ. މި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓަކުން ކަމަށް ލަފާކުރެވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް
       އަލިފާން ރޯވިކަން އެނގުމާއެކު ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ އަލިފާން ނިންވުމަށް ބޭނުންކުރީ އެސަރަޙައްދުގައި ބޯފެން ރައްކާކޮށްފައިހުރި ކަޅުހަންތަކުން ބޯފެނާއި، ހޮޅިއަޅައިގެން މޫދުން ލޮނު ނަގައިގެންނެވެ. މިއަލިފާންގަނޑު ނިވާލީ ކޮޅުފުށީގެ ރައްޔިތުންގެ މަސައްކަތުންނެވެ. ކޮޅުފުށީގެ ރައްޔިތުންނާއެކު އެރަށުގައި ދާއިމީ ގެތައް އެޅުމުގެ މަސައްކަތްކުރަމުންދިޔަ އެމްޓީސީސީގެ މުވައްޒަފުންނާއި ވެހިކަލްތައްވަނީ ހަރަކާތްތެރިވެފައެވެ. އަލިފާންގަނޑު ނިވާލެވުނީ 3:48 ގައެވެ.
       އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބުމާއެކު ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ފަޔަރ ފައިޓަރުންނާއެކު ފަޔަރބޯޓް (އެކޯ-9) މާލެއިން ފުރައިގެން ކޮޅުފުށްޓަށް ދަތުރުކުރިއެވެ. ހަތަރު ގަޑިއިރުގެ ދަތުރަކަށްފަހު ފަޔަރ ބޯޓަށް ކޮޅުފުށްޓަށް އާދެވުނީ ހެނދުނު 6:13 ގައެވެ. ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ. ކައްދޫގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ އަލިފާން ނިއްވާ ބޭކަލުންނާއި އެކަމާގުޅޭ ސާމާނެއް އަދި މިވަގުތަކު ޤާއިމުކުރެވިފައެއް ނުވެއެވެ. މ. މުލީގައި ތިބި ފުލުހުންނަށް ކޮޅުފުށްޓަށް ދެވުނުއިރުވެސް އަލިފާންގަނޑުވަނީ ނިންވާލާފައެވެ.

ރިލީފް އޮޕަރޭޝަން

       ކޮޅުފުށީ ރައްޔިތުންގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް ދިރިއުޅެވޭނެ ގޮތަކާއި ނިދާހެދޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސެންޓްރަލް އޭރިއާ ހެޑްކްއޯޓާރޒް ލ. ކައްދޫއިން ދިޔަ ޓީމަށް ކަޅައިދޫއަށް ދެވުނީ މެންދުރު 12:15 ގައެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ރިލީފް އޮޕަރޭޝަނަށް ލިބުނު ތަކެތި ހިފައިގެން ކޯސްޓްގާޑު އިސްކަންދަރު ލޯންޗްގައި ސެންޓްރަލް އޭރިއާގެ ހުޅުލޭ ޕޯސްޓްގެ ސިފައިންގެ ޓީމު ކޮޅުފުށްޓަށް ދިޔައީ 17:30 ގައެވެ.
       މި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ސުނާމީގައި ހާލުގައިޖެހިފައިވާ ކޮޅުފުށީގެ ރައްޔިތުންގެ "ރިހޭފައިމައްޗަށް (ވަނީ) ފޮއި ވެއްޓިފަ"އެވެ. ކުޑަކުދިންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި ހާސްކަމެވެ. އަންހެންވެރިން ތިބީ "ހިމޭން" ވެފައެވެ. ސެންޓްރަލް އޭރިއާގެ ސިފައިން ކޮޅުފުށީގައި ރިލީފް އޮޕަރޭޝަން ފަށާ ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލުކޮށް އެމީހުންނަށްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ހާލުގައި ޖެހުނު މީހުން ތިބުމަށް ކޮޅުފުށީ ސްކޫލް ހަމަޖައްސާފައިވިޔަސް ހާލުގައި ޖެހުނު މީހުން ބޭނުންވީ އެމީހުންގެ އާއިލާތަކާއެކު ތިބުމަށެވެ. އެހެންކަމުން އެމީހުންނަށް ބޭނުންވާނެ ގޮދަޑިއާއި ބެޑްޝީޓާއި ރަޖަލާއި ޓީޝާޓާއި ބަދިގެ ސެޓްފަދަ ތަކެތި ސިފައިންވަނީ އެމީހުން ތިބި ތަންތަނަށް ގެންގޮސްދެވިފައެވެ. ސެންޓްރަލް އޭރިއާއިން ހިންގި ރިލީފް އޮޕަރޭޝަން ނިންމާލީ 2011 ޑިސެމްބަރ 20 ވަނަ ދުވަހުއެވެ.

ކޮޅުފުށީ ދާއިމީ ހިޔާތައް
       ސުނާމީގައި ހާލުގައި ޖެހުނު ކޮޅުފުށީ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެމްޓީސީސީއިން މި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ހަވާލުވެފައިވަނީ 2009 އޮކްޓޯބަރ 17 ވަނަ ދުވަހުއެވެ. އޭގެކުރިން ރެޑް ކްރޮސް ޖަމާޢަތުން ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި މަޝްރޫޢުވަނީ ޚިޔާލު ތަފާތުވުންތަކާއެކު ކުރިއަށް ނުގެންދެވި ހުއްޓިފައެވެ. އެ މަޝްރޫޢަށް ކޮޅުފުށްޓަށް ގެންދިޔަ ސިމެންތިތައް ގަނޑުވެފައި އަތިރިމަތީގައި އެބަހުއްޓެވެ. ހިލައާއި ހިލަވެލިތައް އެކި ހިސާބުތަކުގައި ފުނިފުންޏަށް ހުރިއިރު އެ މަސައްކަތަށް ގެންދިޔަ ދަގަނޑުތައް ފީވެ ހަލާކުވަމުން އެބަދެއެވެ.
       ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި 167 ގެ އެޅުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 120 ގެ ވަނީ ރާނާ ނިމިފައެވެ. މިއީ 2012 ވަނަ އަހަރުގެ މާޗްމަހުގެ 17 ވަނަ ދުވަހަށް ނިންމުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

No comments: