Saturday, December 24, 2011

ދިވެހި ތާރީޚުގެ ތެރެއިން ޅ. މާފިލާފުށި

ދިވެހި ތާރީޚުގެ ތެރެއިން ޅ. މާފިލާފުށި

ޢަބްދުﷲ ސަޢީދު- 

ޅ. މާފިލާފުށްޓަކީ މިހާރު ސިފައިންނަށް ސަރުކާރުން ދެއްވާފައިވާ ރަށެކެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މެރިންކޯ ޓްރޭނިންގ ސްކޫލާއި ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ހިންގަމުންދާރަށެވެ. ކުރިން މީހުން ދިރިއުޅެފައިވާ އަދި ދިވެހިތާރީޚުގައި އެރަށުގެ ވާހަކަތައް ލިޔެވިފައިވާ ފާދިއްޕޮޅު މާފިލާފުށި ސިފައިންގެ ތަމްރީނުތަކުގެ މުހިންމު މަރުކަޒަކަށް ވަނީ ބަދަލުވެފައެވެ. މާފިލާފުށި އޮންނަނީ ފާދިއްޕޮޅުގެ ހުޅަނގު ދެކުނުގައިވާ އަޑީގެ އުތުރުގައި، ލޯކުރެންދޫގެ ހުޅަގު އުތުރުގައެވެ. އެއީ، ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު މާރަށެކެވެ. އެރަށުގައި މީހުން ދިރިއުޅެފައިވަނީ ރަށުގެ އުތުރުކޮޅުގައެވެ. މާފިލާފުށި އޮންނަ ފަޅުގައި އިރުމަތީގައި މާކޯ އާއި މެދަފުށިކިޔާ ދެފަޅުރަށް އޮވެއެވެ. ހުޅަނގުކޮޅުގައި މީދާހުރާކިޔާ ފަޅުރަށެއް އޮވެއެވެ. ޅ. މާފިލާފުށްޓަށް އަޅުގަނޑު އެންމެ ފުރަތަމަ ދިޔައީ 2010 ވަނަ އަހަރުއެވެ. އޭރުއެއީ ސިފައިންގެ ރަށެކެވެ. އެހެންނަމަވެސް އޭރުވެސް އެރަށުގައި ފަސްދޮޅަހަކަށް މީހުން ދިރިއުޅެމުން ގެންދެއެވެ.
       މާފިލާފުށީގައި ދިރިއުޅެމުންދާ މީހުންގެ ގޮތުގައި އަޅުގަނޑަށް ފެނުނު މީހުންނަކީ މާފިލާފުށީގައި އުފަންވެ އުޅެބޮޑުވިބައެއް ނޫނެވެ. އެއީ އެރަށުގައި ވަޒަންވެރިވުމަށް ގޮސްއުޅުނު އާއިލާތަކެވެ. އޭރުވެސް އެރަށުގެ ވަލުތެރޭގަޔާއި ރަށުތެރޭގައި މާކުރިން މީހުން ދިރިއުޅެފައިވާކަމުގެ ނިޝާންތައް ފެންނަންހުއްޓެވެ. ބޮޑެތި ގަބުރުސްތާނުތަކާއި ދުވަސްވީ ގާފޮޅުތަކެވެ. ސިފައިންގެ ރަށަކަށް މާފިލާފުށި ހަމަޖައްސަވާފައި އޮތުމާއެކު އެރަށުގެ ޤަދީމީ ތާރީޚާއި އެރަށާބެހޭގޮތުން މީހުންގެ ތުންތުންމަތިން ދެކެވެމުންއައިސްފައިވާ ފޯކްލޯރްތައް ހޯދުމުގެ ޝަޢުޤުވެރިކަންބޮޑުވިއެވެ.
       މާފިލާފުށީގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެންފެށީ ކިހާދުވަސްވަރެއްގައި ކަމެއް ނޭނގެއެވެ. އެހެންނަމަވެސް އެރަށް ތިން ފަހަރެއްގެ މަތިން ފަޅުވިކަމަށް ވާހަކަ ދެކެވެއެވެ. އެރަށުގައި ރަސްކަމެއް ހިންގިކަމަށާއި އެއީ އެދުވަސްވަރު ފާދިއްޕޮޅުގައި އޮތް ނަގާކިޔާ އާބާދީބޮޑު ރަށެއްކަމަށްވެސް ބުނެވެއެވެ. މާފިލާފުށީގައި ރަސްކަންކުރެއްވީ ސާމިޔާ ފާށަނާ ކިލެގެފާނެވެ. ސާމިޔާ ފާށަނާކިލެގެފާނަކީ ގަޑުވަރުތެރޭގައި އުޅުއްވި ދައުލަތުގެ ވަޒީރެކެވެ. ފަރަންސޭސި ލިޔުންތެރިޔާ ޕިރާޑް ލިޔުއްވާފައިވާ ގޮތުގައި އޭނާއަށް 1602މ. ގައި ރާއްޖެވަޑައިގެންނެވުނުއިރު ސާމިޔާ ފާށަނާ ހުންނެވީ ރަންނަބަޑޭރި ތަކުރުގެ މަޤާމުގައެވެ. ޕިރާޑް ދަތުރުކުރި "ކޯބިން" ކިޔާނާ ބ. ގޮއިދޫ ފަރަށް 1602 ޖުލައި 2 ގައި އުރުމާގުޅިގެން ސަރުކާރުގެ ފަރާތުން އެނައުދޮށަށް ފޮނުވީ ސާމިޔާ ފާށަނާއެވެ. ސާމިޔާ ފާށަނާއަކީ ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ އަނބިކަނބަލުން އައިޝާ ކަނބާއާ އެއްބަޑު އެއްބަފާ ބޭފުޅެކެވެ. ކަލާފާނުގެ ކައިވެނިފުޅާ ގުޅިގެން ސާމިޔާ ފާށަނާ ގަނޑުވަރަށް ވަޑައިގަތީއެވެ. ކަލާފާނު ޝަހީދުވުމަށްފަހު ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ނުވަތަ ބޮޑު ރަސްގެފާނު މީލާދީން 1620 ން 1648 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. "ކަޅުތުއްކަލާ" ގެނަމުން މަޝްހޫރުވެފައިވާ މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތްތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާވެސް ކަނބާ ޢާއިޝާ އާއި ކައިވެނި ބައްލަވައިގެންފި އެވެ. މިކަނބާއައިޝާ އާއި ސާމިޔާފާށަނާ ކިލެގެފާނުގެ އުފަންރަށަކީ ޅ. މާފިލާފުށްޓެވެ.
މާފިލާފުށީ ރަސްގެފާނު  
ބޮޑުރަސްގެފާނުގެ ރަސްކަމުގައި އެއްފަހަރަށްވުރެ ގިނަފަހަރު ސާމިޔާ ކިލެގެ ރަސްކަން ހިއްޕެވުމަށް މަސައްކަތް ކުރެއްވިއެވެ. މިނަންގަތް ސާމިޔާ ކިލެގެ އަކީ ދިވެހި ތާރީޚްގައި މަޝްހޫރު މާފިލާފުށީ ރަސްގެފާނު އެވެ. އެތައް ފަހަރަކު ސާމިޔާ ކިލެގެ އަތުލައިގެންނެވުމަށްޓަކައި މާފިލާފުއްޓަށް ރަދުން ލަޝްކަރު ފޮނުވަން ޖެހިވަޑައިގަތެވެ. އެންމެ ފަހުން މާފިލާފުށީ ރަސްގެފާނު ފިލާވަޑައިގެން މަލިކަށް ވަޑައިގެންނެވީ އެވެ. މަލިކުގައި ހުންނަވަނިކޮށް މާލޭގެ ލަޝްކަރު ގޮސް އޭނާ ހައްޔަރުކޮށް ރިހި ހިލިހިލާ ޖަހައިގެން މާލެ ގެނައީ އެވެ. ސާމިޔާ ކިލެގެ އަވަހާރަވީ ފުވައްމުލަކަށް އަރުވާލާފައި ހުންނަވަނިކޮށެވެ. ސާމިޔާފާށަނާ އަވަހާރަވެ ފަސްދާނުލައިފައިވަނީ ރަސްގެފަންނު (މާލެގަމުއަވަށު) ހުކުރުމިސްކިތް ދޮށުގައެވެ. އެމިސްކިތް ހުންނަނީ ބަންޑާރަކިޅިޔާއި، ރަސްގެފަންނާ ދޭތެރޭގައެވެ.

ކޯމާރެ ސަރަޙައްދުގެ ނާމާންކަން

ރަސްކަމުގެ ކޮއިލުތެރެއިން ނިކުމެވަޑައިގެން ސާމިޔާ ފާށަނާކިލެގެފާނު މާފިލާފުށްޓަށް ވަޑައިގެންނެވިއިރުވެސް މާފިލާފުށީގައި މީހުން ދިރިއުޅުނެވެ. މާފިލާފުށި ފުރަތަމަ ފަޅުވީ "މާފިލާފުށީ ރަސްގެފާނު" ގެ ރަސްކަން ނެތިދިއުމާގުޅިގެން ކަމަށްބެލެވެއެވެ. އެހެންނަމަވެސް އެރަށް ފަޅުވީ "ފުރޭތަ" އަރާ ރަށް ނާމާންވެގެންކަމަށްވެސް ބުނެވެއެވެ. އެފޯކްލޯރު ކިޔާގޮތުން ރޭގަނޑަށް ގޭގެ ތަންޑުގަނޑުތަކަށްދަމާ، ފާޑުފާޑުގެ ބިރުވެރި އަޑުތައް ރަށުތެރެއިން އިވި، ރޫޙާނީ ކަންތައްތައް މީހުންނަށް ފެންނަން ފެށުމުން ބިރުން އެރަށުން މީހުން ފޭބީއެވެ. މާފިލާފުށްޓަކީ ބިރުވެރި ކަންތައްތައް ފެންނަ ނާމާން ރަށެއްކަމަށް އެ އަތޮޅުގެ ދުވަސްވީ މީހުން ބުނެއެވެ. ވަކިން ޚާއްޞަކޮށް އެރަށުގެ އިރުމަތީ ކޮޅުގައި އޮންނަ "ކޯމާރެ" ސަރަޙައްދަކީ އެފަދަ ކަންތައްތައް ވަރަށް ގިނައިން ދިމާވާ ސަރަޙައްދެއްކަމަށް ބުނެވެއެވެ. އެންމެފަހުން ވަރުވާއަށް މާފިލާފުށި ލިޔުއްވައިގެން އުޅުއްވީ ނައިފަރު ދޮންކަލޭފާނެވެ. އޭނާ އެރަށް ލިޔުއްވައިގެން 35 ވަރަކަށް އަހަރުވަންދެން އުޅުއްވިއިރު، އެރަށަށް ދަރުހޮވަންދާ ނައިފަރު މީހުންނާއި އެއަތޮޅުގެ އެހެން ރަށްރަށުގެ މީހުންވެސް ކޯމާރެ ސަރަޙައްދުން ދަރުހޮވާނަމަ މެންދުރުވުމުގެ ކުރިން އެ ސަރަޙައްދު ދޫކޮށް ނިކުންނަކަމަށްވެއެވެ. އެދުވަހެއްގައި ހޮވިދަރު މެންދުރުވުމުގެ ކުރިން ނުނެރެވިއްޖެނަމަ ދެން އެދަރު އެމީހުން ނެރެނީ އަނެއްދުވަހު ހެދުނުއެވެ. މެންދުރުވަގުތު އާންމުކޮށް އެ ސަރަޙައްދުން ވާވަނުމާއި މަގުއޮޅުންފަދަ ކަންތައްތައް ދިމާވާކަމަށް ނައިފަރުގެ ދުވަސްވީ މީހުން ބުނެއެވެ. އޭރު މާފިލާފުށީ ރަށްވެރިގެ ހުންނަނީ ޕްރޮޖެކްޓް އޮފީސް ހިންގި ޢިމާރާތް ހުންނަ ހިސާބުގައެވެ. ކޯމާރެ ސަރަޙައްދަކީ މިހާރު ބަޑިޖެހުމަށް ސިފައިން ހަދާފައިވާ ރޭންޖްގެ އިރުމަތީ ފަރާތުން އޮންނަ ގަބުރުސްތާނުގެ އިރުމައްޗެވެ.

ނައިފަރާއި ހިންނަވަރުގައި މީހުން ވަޒަންވެރިވުން
ޅ. އަތޮޅުގައި މިހާރު އެންމެ އާބާދީބޮޑު ނައިފަރާއި ހިންނަވަރުގައި މީހުން ވަޒަންވެރިވީ ވަރަށް ފަހުންކަމަށް ބުނެވެއެވެ. އެދެރަށުގައި މީހުން ވަޒަންވެރިވުމުގެ ކުރިން މާފިލާފުށީގެ އިތުރުން ކަނިފުށްޓާއި، ކުރެއްދޫއާއި، މާބިންހުރާއާއި ދިއްފުށިމާދޫ އަދި ހުރަވަޅީގައިވެސް މީހުން ދިރިއުޅުނެވެ. ނައިފަރާއި ހިންނަވަރާ ދެމެދު ޒަމާނުއްސުރެ ބޮޑު ވާދަވެރިކަމާއި ފިތުނަވެރިކަމެއް އޮވެއެވެ. އެއީ އެދެރަށުގައި މީހުން ވަޒަންވެރިވީ ދުވަހުންފެށިގެން އޮންނަ ކަމެއްކަމަށް ބުނެވެއެވެ. ބުނެވޭ ގޮތުގައި އެދެރަށުގައި ވަޒަންވެރިވީ އެއަތޮޅު ހުރަވަޅި މީހުންނެވެ. ރަށުތެރެ ފިތުނަވެ އުޅެވެންނެތިގެން މީހުންފައިބާ ހުސްވި، ހުރަވަޅި މީހުން ތިން ރަށެއްގައި ވަޒަންވެރިވިއެވެ. އެއީ ހއ. ދިއްދޫ އާއި ޅ. ނައިފަރާއި ޅ. ހިންނަވަރެވެ. އެދުވަސްވަރު އެއަތޮޅުގައި ވާރުކުރީ ދިއްފުށިމާދޫގައެވެ. އަތޮޅުވެރިން އަތޮޅުވަށި ޖެހުމުގެ ތެރޭގައި ހުރަވަޅިއަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުން ވަރަށް ރީތި އަންހެން ކުއްޖަކު ފެނިވަޑައިގެން ހިތްޕުޅާ ހަމަކުރެއްވީއެވެ. އޭރު އެރަށުގައި ބޭރު ކަރަތަކަށް ދަތުރުކުރާ ދެ ބަގަލާ އޮޑި އޮވެއެވެ. ހުރަވަޅީގެ މުއްސައްޖެއްގެ ރީތި އަންހެން ކުއްޖަކާ އަތޮޅުވެރިން ހިތްޕުޅާ ހަމަކުރެއްވުމުގެ ސަބަބުން އުފެދުނު ފިތުނަގަނޑުގައި އެރަށް ފަޅުވީ ކަމަށް ބުނެއެވެ. މުއްސަދި ވިޔަފާރިވެރިންގެ ތެރެއިން ގިނަ ބަޔަކު ބަދަލުވީ ހިންނަވަރަށެވެ. ކިޔަވައިގެން ތިބި އެދުރު ބޭކަލުންކަހަލަ ޢިލުމީ މީހުން ބަދަލުވީ ނައިފަރަށެވެ. ބުނެވޭގޮތުގައި ޒަމާނުއްސުރެ ނައިފަރުގައި ޢިލުމީ މީހުން ގިނަވެފައި، ހިންނަވަރުގައި ވިޔަފާރިވެރިން ގިނަވި ސަބަބަކީ އެއީއެވެ. 

ފަޅުވުން
       މާފިލާފުށި މަދުވެގެން ތިން ފަހަރެއްގެމަތިން ފަޅުވެފައިވާ ކަމަށް ބުނެވެއެވެ. މިރަށް ފަޅުވި ސަބަބުތަކުގެ ތެރޭގައި އެރަށަށް ވާރޭވެހުން ދުރުވުމާއި ބިންގަޑު ރަނގަޅުނުވުން ހިމެނެއެވެ. މާފިލާފުށި ފުރަތަމަ ފަޅުވީ ސާމިޔާކިލެގެފާނު ހިންގި ރަސްކަން ނުވަތަ ވެރިކަން ނެތިދިއުމާގުޅިގެންނެވެ. ދެވަނަ ފަހަރަށް ފަޅުވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. އެއީ ނައިފަރުގެ ބަޔަކު އެރަށުގައި ވަޒަންވެރިވުމަށް ގޮސް ވަޒަންވެރި ވެގެން ނޫޅެވިގެން ފޭބުމުންނެވެ. ނައިފަރު ޢީސާކަލޭފާނު ކިޔާ ބޮޑު މުއްސައްޖެއް އޭނާގެ އޮޑިދޯނިފަހަރު ހިފައިގެން މާފިލާފުއްޓަށް ދިރިއުޅުން ބަދަލުކުރިއެވެ. އެހެންނަމަވެސް އޭރު ރަށްވެރިއެއްގެ ގޮތުގައި އެރަށުގައިހުރި މަޑުއްވަރީ ޢަލިފުޅާ ޖެހުނު މައްސަލަތަކެއްގައި ޢީސާ ކަލޭފާނާއި އޭނާއާއެކު ހިޖުރަކުރި މީހުން މާފިލާފުށިން ފޭބުމުން އެރަށް ދެވަނަ ފަހަރަށް ފަޅުވިއެވެ.  މާފިލާފުށި ތިންވަނަ ފަހަރަށް ފަޅުވީ ޚާއްޞަ ޕްރޮޖެކްޓެއްގެ ދަށުން އެރަށުގައި މީހުން އާބާދުކުރުމަށް ސަރުކާރުން ފެއްޓެވި މަޝްރޫޢު ނިމުމާގުޅިގެންނެވެ. 1986 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 5 ވަނަ ދުވަހު ފެށުނު ސިލެކްޓެޑް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހުއްޓާލައްވާ ، ޅ. މަޑިވަރުގެ ބަދަލުގައި ސިފައިންގެ ރަށެއްގެ ގޮތުގައި ސަރުކާރުންވަނީ މާފިލާފުށި ހަމަޖައްސަވާ އެރަށް ސިފައިންނާ ހަވާލުކުރައްވާފައެވެ. މިހާރު މާފިލާފުށްޓަކީ ސިފައިންގެ މަރުކަޒީ ތަމްރީނަށް ޚާއްޞަވެފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާގައި އޮންނަ ރަށެކެވެ.

No comments: