Wednesday, June 28, 2023

މާދެލި ފަޅުވި ހާދިސާ

 

 

ހުޅުދެލީގައި ހުރި މާދެލީ މިސްކިތް (ފަހުން ދޮރޯށި މިސްކިތް)


ޢަބްދުﷲ ސަޢީދު

 

ނިލަންދެއަތޮޅު ދެކުނުބުރި (ދ. އަތޮޅު) މާދެއްޔަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ބުނެވޭ ގޮތުގައި އެ ރަށުގެ މީހުން ބަދަލުވީ އެ އަތޮޅު ހުޅުދެއްޔަށެވެ. މި ވާހަކައަށް ބާރުދޭ ތާރީޚީ ހެކިތައް އެ ދެ ރަށުން ވެސް ފެންނަން ހުއްޓެވެ. މާދެލީގައި ހުރި މިސްކިތްތަކާއި ގޭގޭގެ ތަރާގަނޑުތަކާއި ވަޅުފަދަ ތަންތަނުގެ ގާފޮޅުތަކާއި ކަށްފާތަކަކީ މީގެ ހެއްކެކެވެ. ހުޅުދެލީގައި ދާދި ފަހަކާ ޖެހެންދެން ހުރި މާދެލީ މިސްކިތް ނުވަތަ ދޮރޯށި މިސްކިތަކީ ވެސް މި ވާހަކައިގެ ހެއްކެކެވެ. ހުޅުދެލީގައި ހުރި މާދެލީ މިސްކިތަކީ މާދެލީ މީހުން ހުޅުދެއްޔަށް ބަދަލުވުމަށްފަހު އެ މީހުން ނަމާދުކުރުމަށް ބިނާކުރި ހިރިގަލުގެ މިސްކިތެކެވެ. ފަހުން މި މިސްކިތަށް ކިޔެމުން އައީ ދޮރޯށި މިސްކިތެކެވެ. އެގޮތަށް ނަން ކިޔުނީ ހުޅުދެލީގައި އޭރު މާދެލި މިސްކިތް ފިޔަވައި ދޮރުއަށި ހުންނަ މިސްކިތެއް ނުހުންނާތީއެވެ. 

 

މާދެއްޔާއި ހުޅުދެއްޔަކީ ނަމުގެގޮތުން ބެއްޔަސް ގާތް ދެ ރަށްކަން އެނގެއެވެ. ބުނެވޭގޮތުގައި މާދެއްޔަށް "މާދެލި" ކިޔަނީ އެއީ ހުޅުދެލީ މީހުން ތިލޭރުކަން ނުވަތަ އަތްކަންކުރުމަށް ބޭނުންވާ ދެލި ހަދާ މާ ނުވަތަ ބޮޑު ރަށަށް ވާތީއެވެ. ހުޅުދެލި ކިޔަނީ ތިލޭރުކަން ކުރުމަށް ދެއްޔަށް ހުޅުލާތީކަމަށް ބުނެވެއެވެ. ހުޅުދެއްޔަކީ ޒަމާނުއްސުރެ ތިލޭރުކަމަށް ރާއްޖޭގައި އެންމެ މަޝްހޫރު އެއްރަށެވެ.

މާދެލި ފަޅުވިގޮތާ ބެހޭގޮތުން ކިޔާ އުޅޭ ފޯކުލޯރެއް އޮވެއެވެ. އެ ވާހަކައިގައި ކިޔާ އުޅޭގޮތުން މާދެލި މީހުން ހުޅުދެއްޔަށް ބަދަލުވީ މީހުން މަރުވާ އަދަދު ގިނަވެގެންގޮސް، ވަޅުނުލެވި ފަސްމަތީގައި ކަށްތައް ގިނަވެ މުޅި ރަށް ނާމާންވެގެންނެވެ.

ކޮންމެ ދުވަހަކު އިރުއޮއްސޭ ދަޅަމައްޗަށް ރަށުގެ ވަލުތެރެއިން ނުކުމެގެން އަންނަނީ ވަރަށް ވަރަށް ބޮޑު ރަތް ހާލެކެވެ. އާދައިގެ ކުކުޅު ހާލަށްވުރެ ބޮޑު ހާލެކެވެ. ވަލުތެރެއިން ނުކުމެގެން އައިސް އެކި ދުވަހު ރަށުގެ އެކި ހިސާބުގައި ގޮވާހަދައެވެ. ގޭގޭގެ ދޮރުމައްޗަށް އަރައި، "ކައްކަކާކޯ" އޭ ކިޔާ ގޮވާލައެވެ. އެ އަޑު އިވޭ މީހުން ކިޔައެވެ. އާންމުކޮށް ހާގޮވާ އަޑަށްވުރެ މާރީތި އަޑެކެވެ. އެ ހާ ފެންނަ މީހުން ބުނެއެވެ. އެހެން ހާތަކަށްވުރެ މާ ރީތި އަދި މާ ބޮޑު ހާލެކެވެ. އެ އަޑު އިވޭ ކޮންމެ މީހަކު އަނެއް ދުވަހަށް އިރުއަރާއިރު އޮންނަނީ މަރުވެފައެވެ. އެންމެ ފުރަތަމަ މި ވާގޮތެއް އެނގޭ ހަމަ އެކަކު ވެސް ނޫޅެއެވެ. ގިނަ ފަހަރަށް މަރުވަމުން ދިޔައީ ބޮޑެތިބޮޑެތި އާއިލާތައް އެއްކޮށެވެ. މިގޮތަށް ހަފުތާގެ އަށްޑުވަސް ފާއިތުވިއިރު އެ ރަށުން ކަފުނާއި ކަފައާއި ސަންދޯއްޖަހާ ފިލަޔާ ހުސްވެއްޖެއެވެ. މީހުން މަރުވާވަރު ގިނަކަމުން ވަޅުލެވޭނެ ގޮތެއްނެތިފައި ފަސްމަތީގައި ކަށްތައް ކުނިވެ މުޅި ރަށް ނާމާންވެއްޖެއެވެ. ވިގަނި ދުނިޖަހައި މީހުންގެ ހިތްތަކަށް ބިރުވެރިކަން ވަދެ ގޭގެއިން ނިކުންނަށް ނުކެރި އެ މީހަކު ދަންނަ ހެޔޮ އެއްޗެއް ކިޔައިގެން ގޭގޭގެ ދޮރު ލައްޕައިގެން ތިބުން ނޫންގޮތެއް ނެތިއްޖެއެވެ. 

މާދެލި (ފޮޓޯ: އަޙްމަދު ނިޔާޒް ނިޒާރު)

މި ހާލަތަށް ދިޔައިރު މާދެލީގެ ވެރިޔަކަށް ހުރީ އޮޅިންގިނާކަލޯ ކިޔާ މީހެކެވެ. މިވާގޮތް އޮޅިންގިނާކަލޯ ދެނެގަނެއްޖެއެވެ. ކޮންމެ ރެއަކު ޢިޝާ ނަމާދުން ފައިބައިގެން ރަށުގެ އެކި ހިސާބުގަނޑަށް އޭނާގެ ފަސްދަރީން ފޮނުވައިގެން ބެލި ބެލުންތަކަކުން މީހުން މަރުވަމުން އަންނަނީ ކޮންމެ ދުވަހަކު އިރުއޮއްސޭ ދަޅަމަތީގައި ރަށުތެރެއަށް އަރައިގެން އަންނަ ހާލެއްގެ ސަބަބުންކަން އެނގިއްޖެއެވެ. މިކަމުން ރަށް ސަލާމަތްކުރުމަށް އޮޅިންގިނާކަލޯ ނުހަދާ ފަންޑިތައެއް ނެތެވެ. އެންމެ ފަހުން އޮޅިންގިނާކަލޯ ހުސްވެއްޖެއެވެ. އެހިސާބަށް ދިއުމުން އޭނާގެ ފަސްދަރިން ކައިރިއަށް ގެނެސްފައި ބުނެއްޕެވެ. ދަރިންނޭވެއެވެ. މި ރަށުގައި ސަލާމަތުން ތިބި ބަޔަކާއެކު ވީހާ އަވަހަކަށް ކިއިރީގައި މިއޮތް ހުޅުދެއްޔަށް ދާން އުޅޭށެވެ.  އެހެން ނޫނީ ހަމަ އެންމެ މީހަކު ވެސް މި ރަށަކުން ސަލާމަތެއް ނުވާނެއެވެ. އެ ވާހަކަ ދެއްކިރޭ އޮޅިންގިނާކަލޯ މަރުވެއްޖެއެވެ. ބައްޕަކުރި ވަސިއްޔަތާ އެއްގޮތަށް އޮޅިންގިނާކަލޯގެ ފަސްދަރިން އިސްވެތިބެގެން މާދެލީގައި ސަލާމަތުން ތިބި މީހަކު ވިއްޔާ ގޮވައިގެން އަނެއް ދުވަހު ހުޅުދެއްޔަށް ބަދަލުވެއްޖެއެވެ. އޮޅިންގިނާކަލޯގެ ފަސްދަރިންނާއެކު މާދެލިން ހުޅުދެއްޔަށް ހައެއްކަ ސަތޭކަ މީހުން ބަދަލުވިކަމަށްވެއެވެ.

ހުޅުދެއްޔަށް ބަދަލުވީ ނަމަވެސް މާދެލީ މީހުން ހުޅުދެލީގައި އުޅުނީ ހުޅުދެލީ މީހުންނާ ވަކިންނެވެ. މަސައްކަތްތެރިކަމުގެ ގޮތުން ބަލާއިރު ހުޅުދެލީ މީހުންނަކީ މާމަތީ ފެންވަރެއްގެ ބަޔަކަށްވެފައި، މާދެލީ މީހުންނަކީ އެއަށްވުރެ މާ ދަށް ފެންވަރުގެ ބައެއްކަމުގައިވާތީއެވެ. ހުޅުދެލީގައި އެންމެ ފުރަތަމަ މާދެލީ މީހުން ވަޒަންވެރިވެގެން އުޅުނުއިރު އެ މީހުންގެ ވެރިންނަށް ތިބީ އޮޅިންގިނާކަލޯގެ ފަސްދަރިންނެވެ.  މާދެލީ މިސްކިތުގެ ގޯތިތެރޭގައި އޮންނަ އޮތް މަހާނަފަލުގައި އޮޅިންގިނާކަލޯގެ ފަސްދަރިންގެ ފަސް މަހާނަ ހުއްޓެވެ.

މާދެލި މީހުން ހުޅުދެއްޔަށް ބަދަލުވީ ކޮން ތާރީޚެއްގައި ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް އެއީ އައްސުލްޠާން މުޙައްމަދު މުޙްޔިއްދީނުލް ޢާދިލް (1691-1692) ގެ ރަސްކަމުގެ ދުވަސްވަރުގައި ކަމަށް ބުނެއެވެ. ތާރީޚަށް ބަލާއިރު އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން (1767-1773) ގެ ރަސްކަމުގައި މާދެއްޔަކީ ހުޅުދެލީ މީހުންގެ ވަޤުފު ރަށެއްކަމުގައި ހަމަޖައްސަވާފައިވެއެވެ.

No comments: