Friday, June 16, 2023

ހުޅުދެލީ ރަޝާދުބޭގެ ތިލަފިހިން ބިނާކުރި ކާމިޔާބު ދިރިއުޅުން





ޢަބްދުﷲ ސަޢީދު

 

ތިލަފިހި

ތިލަފިއްސަކީ އަތްކަން ނުވަތަ ތިލޭރުކަން ކުރާ އާލަތްތައް އަޅާ ފޮށްޓަށް ކިޔާ ނަމެކެވެ. ތިލަފިހިގެއަކީ އަތްކަންކުރާގެއެވެ. ނުވަތަ އަތްކަންކުރަން ތިބޭ ތަނެވެ.  ތިލަފިހި އެޅުމަކީ ރަންރިހީގެ މަސައްކަތް ކުރުމަށް އެ ކަމާބެހޭ ސާމާނު އަތުރައިގެން ވަކި ތަނެއްގައި ތިބުމެވެ. ނިލަންދެ އަތޮޅު ދެކުނު ބުރި (ދ. އަތޮޅު) ހުޅުދެލީގެ ތާރީޚާ ތިލަފިއްސާ ވަނީ ގުޅިފައެވެ. ހުޅުދެލީ މީހުން އަތްކަން ނުކުރާ ޒަމާނެއް ތާރީޚުން ފެންނާކަށް ނެތެވެ. ހުޅުދެއްޔަކީ ރަންރިއްސާއި އެންދެރިން ގަހަނާ ހެދުމަށް ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށެވެ. އެރަށުގެ ޒަމާނީ އާދައަކީ ހެނދުނު އިރުއަރައިގެން އަންނައިރު ތިލަފިހި އެޅުމެވެ. ފަތިސްނަމާދުން ފައިބައިގެން އަތްކަންކުރުމުގެ މަސައްކަތަށް ނުކުތުމެވެ. ތިލޭރުކަން ނުވަތަ އަތްކަންކުރުމަށް ހުޅުދެލީ މީހުން އާންމުކޮށް ކިޔަނީ އަތްތެރިމަސައްކަތެވެ. ދިވެހި ބަހުގައި އެއީ އަމިއްލަ ހުނަރުވެރިކަން ބޭނުންކޮށްގެން ކުރާ ކަވި މަސައްކަތެވެ. އޭގެ ތެރޭގައި އަތްކަންކުރުން ވެސް ހިމެނެއެވެ.

 

ތާރީޚީ ގޮތުން ހުޅުދެލި

ދޫދޫމަތިން ކިޔެމުން އައި މުޅި ދިވެހިރާއްޖެއަށް މަޝްހޫރު "ބުރުނީ ކަމަނާގެ ރައިވަރު" ނުވަތަ އާދަޔާ ޚިލާފު ލޯބީގެ ފޯކުލޯރު  "ދޮންހިޔަލަ އާއި އަލިފުޅު ވާހަކަ" އިން ވެސް އަތްކަންކުރުމުގައި ހުޅުދެއްޔަކީ ކިހާވަރަކަށް ކުރިއަރާފައިވާ، ކިހާ މަޝްހޫރު ރަށެއްކަން އެނގެއެވެ. އަދި ހުޅުދެއްޔާ ބެހޭ އެހެން ކަންތައްތަކެއްގެ އެ ފޯކުލޯރުން ކިޔައިދެއެވެ.

ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގައި ކިޔާގޮތުގައި އެ ވާހަކައި ބަޠަލާ ދޮންހިޔަލަ ނުވަތަ ބުރުނީ ކަމަނާއަކީ  އަންހެންވަންތަ ހުރިހާ ރީތި ސިފަތަކެއް ލިބިފައިވާ ބުރުސޫރަ ރީތި ތޫނުފިލި ފަތްމިންޏެކެވެ. ބަޠަލަކީ ހުޅުދެލީ އަލިފުޅެވެ. އެ ވާހަކަގައި އަލިފުޅު ސިފަކޮށްދެނީ  މުއްސަނދި ކަމާއި ނުފޫޒުގަދަ އާއިލާއެއްގެ ހެދިހުރި ރީތި ފިރިހެންވަންތަ ޒުވާނެއްގެ ގޮތުގައެވެ. އެ ޒަމާނުގައި ދިވެހި ފިރިހެނުން ކުރާ ހުރިހާ ހުނަރުވެރި މަސައްކަތެއް ދަންނަ ޚާއްޞަކޮށް އަތްކަންކުރުމުގައި އަރާހުރި، އެހެން މީހުންގެ ލޯތްބާއި އިޙުތިރާމް ލިބިފައިވާ ޒުވާނެއްގެ ގޮތުގައެވެ. ހުޅުދެލީ އަލިފުޅުގެ ޝަޚްސީ ސިފަތަކާއި މަސައްކަތްތެރިކަމުން ހުޅުދެއްޔަކީ އަތްކަންކުރުމުގައި އަރާތިބި އަދި ޢިލްމީ ރައްޔިތަކު ދިރިއުޅުނު ރަށެއްކަން ބުނެދެއެވެ. ނިޔަމިކަމާއި ނުޖޫމީ ޢިލްމާއި ފަންޑިތަ ޢިލްމާއި  މަސައްކަތްތެރިކަމާއި ފަންނުވެރިކަމާއި  ހުނަރުވެރިކަމުގައި  ކުޅަދާނަ އަދި ހިތްވަރާއި  ޢަޒުމު ވަރުގަދަ، ކެރޭ ރައްޔިތުން ތަކެއް ދިރިއުޅުނު ރަށެއްކަން ބަޔާންކޮށްދެއެވެ. 

ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގައި ކިޔާގޮތުން އެ ދެ ލޯބިވެރިން އެންމެ ފުރަތަމަ ބައްދަލުވަނީ އަލިފުޅު، ރަންރިހީގެ މަސައްކަތްކުރުމަށް ތިލަފިހި ހިފައިގެން  ބުރުންޏަށް ކުރާ ދަތުރެއްގައެވެ. ހުޅުދެލީ މީހުންނަކީ ދާދި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ރަންރިހީގެ މަސައްކަތް  ކުރުމަށް އެގޮތަށް ދަތުރުކުރި ބައެކެވެ. އެއީ ކުދިކުދި ބައްތެލިތަކުގައި ރަށްރަށަށް ގޮސް ބަނޑަހަ ޖަހައިގެން ތިބެ، މި މަސައްކަތް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދި ބައެކެވެ. ހިތްވަރާއެކު މަސައްކަތްކޮށްގެން ހަލާލު މަސައްކަތުން ދިރިއުޅުނު ސުލުވެރި ރައްޔިތެކެވެ. ތިލަފިއްސަކީ ހުޅުދެލީ ރައްޔިތުންގެ ދިރިއުޅުމާއި ހަޔާތުގެ ނާރެހެވެ. ހުޅުދެލީގެ ގިނަ ބައެއްގެ ދިރިއުޅުން އުޖާލާވެގެން ދިއުމުގެ އަސްލެވެ.

ހުޅުދެލީ މީހުން ވަޒަންވެރިވެގެން އުޅޭންފެށި ދުވަސްވަރެއް ނޭނގެއެވެ. ދިވެހި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީއާ ހަވާލާދެއްވާ އިބްރާހީމް ޢަބްދުއްސައްތާރު ވިދާޅުވާ ގޮތުގައި ހުޅުދެއްޔަށް އެންމެ ފުރަތަމަ ކިޔާ އުޅުނު ނަމަކީ "ސަލަޒާރ އައިލޭންޑް" ނުވަތަ ބުދު ދީނުގެ ޚާއްޞަ މަރުކަޒެވެ. އެހެން ނަމަވެސް ހުޅުދެލީގައި އެފަދަ އާސާރީ އެއްވެސް ބިނާއެއް އަދި އެއްވެސް ހެއްކެއް އަދި އެފަދަ އެއްވެސް ފޯކުލޯރެއް ނެތެވެ. ހުޅުދެއްޔަށް ހުޅުދެލިކިޔުމުގެ ކުރިން ކިޔުނީ ސުޅުދެލިކަމަށް ވެސް ލުޠުފީއާ ހަވާލާދެއްވާ އިބްރާހީމް ޢަބްދުއްސައްތާރު ވިދާޅުވެއެވެ. ސުޅުދެލި ބޭނުން ކުރެވިފައިވަނީ ސ ގެ ބަދަލުގައި ހ ބޭނުންކުރުމުގެ އުސޫލުގެ ތެރެއިންކަމަށް ވެއެވެ. އެހެން ނަމަވެސް ހުޅުދެލީގެ ނަމާއި އެއަތޮޅު މާދެލީގެ ނަމަކީ ވަރަށް ބޮޑު ގާތްކަމެއް ހުރި ދެނަންކަމަށް ގަބޫލުކުރެވެއެވެ. މާދެލީގެ މާނައަކީ ބޮޑުދެއްޔެވެ. ސުޅުދެލީގެ މާނައަކީ ކުޑަދެއްޔެވެ. ހުޅުދެލީ މީހުން އަތްކަންކުރުމަށް ބޭނުންކުރި ދެލި ގެންނަނީ މާދެލިންކަމަށް ޒަމާނުއްސުރެ ކިޔާއުޅެއެވެ. މާދެއްޔަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. 

 

ރަޝާދުބޭގެ ތިލަފިހީގެ ވާހަކަ

މިއީ، އޭގެތެރެއިން އެއް ބޭކަލެއް ކަމަށްވާ ދ. ހުޅުދެލި، އިރުވާގޭ ރަޝާދު އިބްރާހީމް (ރަޝާދުބޭ) ގެ ވާހަކައެވެ. އޭނާ ތިލަފިހިން ފެށި ދިރިއުޅުން، މަސްވެރިކަމާއެކު އާއުސްމިންތަކަކަށް ގެންދިޔަ ގޮތުގެ ވާހަކައެވެ. ޚުލާސާއެވެ.

ރަޝާދުބޭ އުފަންވީ 1942 ވަނަ އަހަރުއެވެ. އެއީ ކުރިނބީ އިބްރާހީމާއި ނަށާ ސަންފަގެ ދަރިއެކެވެ. ކުރިނބީ އިބްރާހީމަކީ ރަންރިހީގެ މަސައްކަތަށް އަރާހުރި އަދި ވަރަށް ބޮޑު މުއްސަނދި ދިރިއުޅުމެއް ބިނާކުރި ހިތްވަރުގަދަ މީހެކެވެ. ރަޝާދުބޭގެ އުމުރުން ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެއެވެ. ޒުވާން ދުވަސްވަރަށް އެޅުނުތަނުން މަންމަ ވެސް ނިޔާވެއްޖެއެވެ. އެހެންކަމުން އަމިއްލަ މަސައްކަތުން ދިރިއުޅުމެއް ބިނާކުރަން ރަޝާދުބެއަށް މަޖުބޫރުވިއެވެ. ރަޝާދުބޭގެ އަލަތު ކައިވެނި ކުރެވުނީ އުޅުމާއި އަޚްލާޤު ރަނގަޅު އާދައިގެ އާއިލާއެއްގެ އަންހެން ކުއްޖަކާއެވެ. އެއީ އާމިނަތު މޫސާއެވެ.

ރަޝާދުބޭގެ އުމުރުން ސޯޅަސަތާރަ އަހަރު ވީ އިރު ހުރީ އޭރު ހުޅުދެލީގައި އެފުރައިގެ ކޮންމެ ކުއްޖަކަށް ވެސް ދަސްވާ މިންވަރަށް އަތްކަންކުރުމުގެ މަސައްކަތް ދަސްވެ އެ މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަދެވިފައެވެ. އެ މަސައްކަތުގައި ކުރަން ނޭނގޭ އެއްވެސް ކަމެއް ނެތްއިރު ފަށްގެތުން ނޫނީ މީހެއްކައިރިން އަހައިގެން ދަސްކުރި ކަމެއް ނެތެވެ. ރަޝާދުބޭ އަމިއްލައަށް މަސައްކަތް ދަސްކޮށްގެން ކުރަމުން އައީ މީހުން ކޮށްފައި ހުންނަ މަސައްކަތް ކޮށްފައި ހުންނަގޮތް ބަލައިގެންނެވެ. އެއީ ރަޝާދުބެއަކަށް ދަތި އުނދަގޫކަމެއް ނޫނެވެ. ރަޝާދުބޭ ފަށްގަތަށް ދަސްކުރީ  އޭރު އެ މަސައްކަތުގައި އަރާހުރި ބޭކަލެއް ކަމަށްވާ ދ. ރިނބުދޫ ޢަބްދުއްސަމަދު ކައިރިންނެވެ.

ރަޝާދުބޭ ރަންރިހިން ހަދާ ގަހަނާތަކުގެ ތެރޭގައި ފައްޓަރުބައި، އެއްނަރު ފައްޓަރު، ގޮށް ފައްޓަރު، އަތު ކެވެލި، ފައި ކެވެލި، އަނގޮޓި، ކަރުގައި އަޅާ ފަށް، ފަށުފޫ އަދި ކަންފަތު މުންޖާ މި ނޫނަސް އެތައް ގަހަނާއެއް ހިމެނެއެވެ. ހުޅުދެލީ އެހެން މީހުންނެކޭ އެއްގޮތަށް ރަޝާދުބޭ ވެސް ރަންރިހީގެ މަސައްކަތް ކުރަމުން އައީ ހަމައެކަނި ހުޅުދެއްޔަށް ބަލައިގެންނެއް ނޫނެވެ.  މުޅި ރާއްޖެއަށް އަމާޒުކޮށްގެންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ  ދިވެހީންގެ ޝައުޤާ ގުޅޭގޮތަށެވެ. ދިވެހީންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަމާއި ދިވެހިވަންތަކަމާއެކުގައެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު އަތްކަން ކުރުމުގެ ވައްޓަފާޅިއަށް މިއަދު ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވީ ނަމަވެސް ރަޝާދުބެއަކީ ކުދިކުދި ބައްތެލީގައި އޭނާގެ ތިލަފިހި ހިފައިގެން ރާއްޖޭގެ އެކި ކަންކޮޅަށް ދަތުރުކޮށް އާމުދަނީ ހޯދި ހުނަރުވެރި، މުރާލި މަސައްކަތްތެރިއެކެވެ. އެ ދަތުރަށް ބޭނުންވާ ގިނަ ގަހަނާތައް ހަދަނީ ރަށުގައި ތިބެގެންނެވެ. ދަތުރަކަށް  އެކަށީގެންވާ ވަރަށް ގަހަނާ ހެދުމުން  ދަތުރަށް ފުރަނީއެވެ. ފަނަރަ ވަރަކަށް ރިޔަނުގެ ބައްތެލިތަކުގައި އެއްރަށުން އަނެއް ރަށަށް ގޮސް ބަނޑަހަޖަހައިގެން ތިބެ އެތަކެތި ވިއްކައި އަދި އެ ރަށްރަށުގެ މީހުން ބޭނުންވާ ގޮތްގޮތަށް ގަހަނާ ހަދައިދީ، ގަހަނާ މަރާމާތުކޮށްދީ ހަދަނީއެވެ.  އޭގެ ދަތުރެއްގައި ހަތަރު ފަސް މީހުން ބައްތެލީގައި ދަތުރުކުރާއިރު އެ މީހުންގެ ތިލަފިހިގެއަކީ އެ ބައްތެއްޔެވެ. އަތްކަންކުރަނީ ފަޅުގައި ބައްތެލި އަޅައިގެން ތިބެއެވެ. ކައިބޮއިހަދައި ނިދާ ހަދަނީ ވެސް ބައްތެލީގައެވެ.

ރަންރިހީގެ ދަތުރެއްގައި 20 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތަކަށް ހޭދަވާއިރު ބައެއް ދަތުރުތަކުގައި ރާއްޖޭގެ އެންމެ އުތުރުން ތިލަދުންމަތީ އުލިގަމާއި ތުރާކުނަށް ރަޝާދުބޭ ދަތުރުކުރިއެވެ.  ބައެއް ދަތުރުތަކުގައި ހދ. މަކުނުދުއަށް ވެސް ދިޔައެވެ. އާންމުކޮށް ހުޅަނގު މޫސުމުގައި ކުރާ މި ދަތުރުތަކުގައި ހުޅަނގުގެ ފަހި ވައިގައި ދެ ރިޔާ ނަގާފައި  ބައްތެލީގައި ހަފުތާއަކުން ހޯރަފުށްޓަށް ފޯރައެވެ. މިއީ ރަޝާދުބެއާއި އޭނާއާއެކު ދާ  މީހުން އެންމެ އާންމުކޮށްދާ އެއް މަންޒިލެވެ. ރަޝާދުބޭމެންގެ މި ދަތުރު ނިންމާލައި ރަށަށް އަންނަނީ މާލެއަށް ދިއުމަށްފަހު މާލެއިން ގަންނަން ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެހެނިހެން ސާމާނު ގަނެގެންނެވެ. މިއިން ކޮންމެ ދަތުރަކުން ގާތްގަނޑަކަށް ދިހަވަރަކަށް ހާސް ރުފިޔާގެ ފައިދާއެއް ލިބުނު ކަމަށް ރަޝާދުބޭ ބުނުއްވައެވެ. އެއީ އޭރަށް ބަލާއިރު ވަރަށް ބޮޑު އާމުދަނީއެކެވެ.

ހުޅުދެލީ މީހުން އަތްކަންކުރުމުގެ ދަތުރުތައް ރާއްޖޭގެ އެކި ކަންކޮޅަށް ކުރަމުން އައިސް އެކަން ހުއްޓުނީ 1990ގެ އަހަރުތަކުގެ ތެރޭގައެވެ. އެންމެ ފަހުން ވެސް އަށެއްކަ ބައިމީހުން އެކިއެކި ބައްތެލިތަކުގައި އެ ދަތުރު ކޮށް އުޅުނެވެ. މިބައިތައް ބޮޑަށް އެކުލެވިފައި އޮންނަނީ ޢާއިލީ ގުޅުމުގެ މައްޗަށެވެ. މި ދަތުރު ތަކުގައި އެއް ބަޔަކު ދާ ހިސާބެއް އަދި ވިޔަފާރީގެ މޮޅުދެރަ ވަރެއް އަނެއް ބަޔަކަށް އޮންނަނީ ވިޔަފާރީގެ މަސްލަހަތަށް ޓަކައި ސިއްރުކޮށްފައެވެ. އެއްބަޔަކު ރާއްޖޭގެ އުތުރަށް ދާއިރު އަނެއްބަޔަކު ދަނީ ރާއްޖޭގެ ދެކުނަށެވެ. މެދު ރާއްޖެތެރެއަށް ވެސް ބައެން ބައްތެލިތައް ދެއެވެ. އެ ވަގުތަކަށް ހެދިފައި ހުންނަ ގަހަނާކޮޅެއް ހިފައިގެން ގޮސް އެ އެތިކޮޅު ވިއްކާލެވުމުން ދަތުރު ކުރުކޮށްލައިފައި އަންނަ ދަތުރުތައް ވެސް މަދެއް ނޫނެވެ. އެ ދަތުރުތަކުގައި ރަޝާދުބެއާއި އޭނާގެ ބައިވެރިންގެ މިސްރާބު ރާއްޖޭގެ އެންމެ އުތުރަށް ހުރީ ސަބަބެއް ނެތިއެއް ނޫނެވެ.  ކިތަންމެ ދިގު ދަތުރެއް ކުރަން ޖެހުނަސް އެ ދަތުރުތަކުގެ ފައިދާ ބޮޑުކަމަށް ފެންނާތީއެވެ.


ރަޝާދުބޭގެ އެންދެރީގެ މަސައްކަތް  

 

ރަންރިހީގެ މަސައްކަތާއެކު ހުޅުދެލީ މީހުން ކުރަމުންދިޔަ އަނެއް މަސައްކަތަކީ އެންދެރިންނާއި މުތްތޮށިން ގަހަނާ ހެދުމުގެ މަސައްކަތެވެ. ރަޝާދުބޭ ވެސް ކޮންމެ ވެސް ވަރަކަށް އެންދެރީން ގަހަނާ ހެދިއެވެ. ހުޅުދެލީ މީހުން އާންމުކޮށް އެންދެރި ނަގަމުން ދިޔައީ ލ. އަތޮޅުގެ އެތެރެވަރީންނެވެ. މި މަސައްކަތް އެންމެ ފޯރީގައި ކޮށްއުޅުނީ ދިވެހިރާއްޖެއަށް ޓޫރިޒަމް ތަޢާރަފުވެގެން އައި ދުވަސްވަރުއެވެ. އާންމުކޮށް ހަދަނީ އޮށްފައްޗާއި، ދޯންޏާއި، ވަޅިއާއި، އެކިވައްތަރުގެ ހާރުފަދަ ތަކެއްޗެވެ. އެތަކެތި އޭރު އާންމުކޮށް ވިއްކާ ހަދަނީ މާލެއަށާއި މާލެއަތޮޅު ހުރާ، ހިންމަފުށި މި ރަށްރަށަށެވެ. އެންދެރީގެ މަސައްކަތްތަކުގެ ތެރެއިން ރަޝާދުބޭ ހެދީ ދޯންޏާއި އޮށްފައްޗެވެ. އެ މަސައްކަތަށް ވުރެ ފައިދާ ބޮޑީ ރަންރިހީގެ މަސައްކަތަށްވީމާ އަބަދުވެސް ރަޝާދުބޭގެ ސަމާލުކަން ހުއްޓިފައި ހުންނަނީ އެ މަސައްކަތަށެވެ. 

 

ރަޝާދުބޭގެ މަސްވެރިކަމުގެ ވާހަކަ

ހުޅުދެއްޔަކީ އަބަދުވެސް މަސްވެރި ރަށެކެވެ. ރަޝާދުބޭމެން ޒުވާން ދުވަސްވަރު ވެސް ހުޅުދެލީގައި އަތްކަންކުރުމުގެ މަސައްކަތާއެކު މަސްވެރިކަން ކުރަމުން އައެވެ. ހުޅުދެލީގެ މަސްވެރިކަމަށް މި ފާއިތުވި އަށްޑިހަވަރަކަށް އަހަރުގެ ތެރޭގައި އައި ބަދަލުތަކާއި ކުރިއެރުމާއި ތަރައްޤީ އެންމެ ކައިރިން ދުށް އެކަކަށް ރަޝާދުބޭ ވާނެއެވެ. މިހާރާއި އެހާރާހުރި އެންމެ ބޮޑު ތަފާތަކީ ޒަމާނާއެކު މަސްވެރިކަމަށް އައިސްފައިވާ އިންގިލާބީ ބޮޑު ބަދަލުތަކެވެ. މަސްދޯނިފަހަރުގެ ސައިޒަށާއި މަސްވެރިކަން ކުރާ ގޮތަށް އައިސްފައިވާ ބަދަލުތަކެވެ. މިއަދު މަސް ބާނަން ރަށް ދޫކޮށް ދުރަށް ދުއްވަން ޖެހޭއިރު އޭރު މަސް ބާނަނީ ރަށާ ވަރަށް ކައިންކަމުގައި ރަޝާދުބޭ ބުނުއްވައެވެ. "ރަށުގައި ތިބޭއިރުވެސް ކުރަނގި އަޅާފައި އޮންނަ ބޮޑެތި މަސް އައިންތައް ތަޅާއަޅާފައި އޮންނަތަން ފެންނަން އޮންނެ. ގޮސްފައި ބާނައިގެން އަންނަންވީ. މެންދުރުވާންވާއިރަށް ގިނަ ދުވަސްތަކުގައި އާދެވޭނެ"

ރަޝާދުބެއަކީ މަސްވެރިކަންކޮށް، އެހެން މީހުންގެ ދޯނި ދުއްވައިގެން އަމިއްލަ ދޯނިފަހަރު ދުއްވުމުގެ ހުވަފެނުގައި ކުލަ ޖެއްސި ހިތްވަރުގަދަ، މުރާލި، ކެޔޮޅެކެވެ. ރަޝާދުބޭ މަހަށްދާން ފެށިއިރު ވިއްސަކަށް އަހަރެވެ. އެންމެ ފުރަތަމަ ދުއްވީ ޤާޟީ ޢަބްދުއްސައްތާރުގެ ތިން ދޯންޏެވެ. އެއީ "ބުރިކެނޑި" އާއި "ބިރުދައްކާލި" އާއި "ސިތާރާ" އެވެ.  އެ ދޯނިތައް ދުއްވައިދިނުމުގައި ތިރީސްފަސް ވަރަކަށް އަހަރު ހޭދަކުރިއެވެ. ސައްތާރުބޭ ކިޔަވައިގެން ރަށަށް އައުމުން ދޯނިތައް ހަވާލުކޮށްފައި އަމިއްލަ ދޯންޏެއް ހޯދަން ރަޝާދުބޭ ނިންމިއެވެ. މިގޮތުން ފުރަތަމަ  ދޯންޏެއް ގަތީ އެއްބަޑު ވަކިބަފާ ބޭބެ ޤާސިމު ޢަލީ (ވައި ދޮންއަލީގެ އިރުވާ ޤާސިމް) އާއި ދެބޭން އެއްވަރަކަށް ބައިވެރިވެގެންނެވެ. އެއީ 17 ރިޔަނުގެ އާދައިގެ މަސްދޯންޏެކެވެ.  އެ ދޯނި ދުއްވީ ރަޝާދުބެއާއި ޤާސިމްބެއާއި ދަރީންނެވެ. އެ ދޯނި ހަތަރު ފަސް ވަރަކަށް އަހަރު ދުއްވިއެވެ. މި ދޯނި ބާކޮށްފައި ދެން ދުއްވީ ދ. ވާނީ އަޙްމަދުބެ އަތުން ގަތް "ހުސްނުހީނާ" ދޯންޏެވެ.

ރާއްޖޭގައި 1974 ވަނަ އަހަރު މަސްދޯނި ފަހަރުގައި އިންޖީނުއަޅަން ފެށުމާއެކު އެ ކަމުގެ ޚަބަރުތައް ރަޝާދުބޭމެންނަށް ލިބެމުންދިޔަޔަސް، އިންޖީނަށް ބަދަލުވާން ދެތިން އަހަރު ނެގިއެވެ. ރަޝާދުބޭ ދުއްވި ހުސްނުހީނާ ދޯނީގައި އިންޖީނު އެޅުމާއެކު އެ ދޯނި ވެގެންދިޔައީ އޭރު ރާއްޖޭގެ މަސްވެރިކަމަށް އައި ބޮޑު އިންގިލާބުގައި ރަޝާދުބެއަށް ފައިހަމަކޮށްލަން ލިބުނު ފުރުސަތަކަށެވެ. ނަމަވެސް އެ ދޯނިވެސް އެންމެފަހުން ކުޑަވީއެވެ. ޤާސިމްބެއާއި ރަޝާދުބެއާ ވާހަކަ ދައްކައިގެން މި ދޯނި ޤާސިމްބެއަށް ވިއްކާލައި ރަޝާދުބޭ އަމިއްލަ ދޯންޏެއް ގަތީއެވެ. އެއީ ރ. މީދޫން ގަތް "ގޮދާ" ދޯންޏެވެ. އެއަށްފަހު ދުއްވީ މާލެ އަތޮޅު ދިއްފުށިން ގަތް "މަޝްރޫޢު" ދޯންޏެވެ. އެ ދޯންޏަކީ ރަޝާދުބޭގެ ރައްޓެއްސެއްކަމަށްވާ ބިލެއްދޫ ނަށާ ޔޫސުފް އަނބުރާ ދައްކާގޮތަށް ލާރިދީގެން ގަތް ދޯންޏެކެވެ. ނަމަވެސް ފަހުން ފަންސަވީސް ހާސް ރުފިޔާ އޭނާ މާފުކޮށްދިނެވެ.

ދޯންޏަކަށްފަހު ދޯންޏެއް ބާކޮށް އާކުރަނީ ރަޝާދުބޭ ބުނުއްވި ގޮތުގައި މަސްވެރިކަމަށް ދޯނި ކުޑަވެގެން ބޮޑުކުރާށެވެ. މިގޮތުން ގަންނަ ކޮންމެ ދޯންޏަކާއެކު ކުރެވޭ އިންވެސްޓްމަންޓް ބޮޑުވަމުން ދިޔައިރު ލިބޭ އާމުދަނީ ވެސް ދިޔައީ އިތުރުވަމުންނެވެ. މިގޮތުން ތ. ވިލުފުށިން ގަތް މަސްދޯނި، "ކުޑަ ނަޞްރު" އަކީ ވެސް ރަޝާދުބޭގެ ހަޔާތުގެ ވަރަށް ބޮޑު ބައެކެވެ. 65 ފޫޓުގެ އެ ދޯނި ގަތީ އަށްލައްކަ ރުފިޔާއެވެ. އެ ދޯނި ދުއްވައިގެން "ނަޞްރު 2" ގަތެވެ. އެއީ 93 ފޫޓަށްވުރެ ދިގު ދޯންޏެކެވެ. ގަތީ 4 މިލިއަން ރުފިޔާއަށެވެ. މިހާރު ބަނުމުގެ މަސައްކަތް ކުރަމުންދަނީ "ނަޞްރު 3" އެވެ. 113 ފޫޓުގެ ދޯންޏެވެ. އެ ދޯނި ފަރުމާކޮށްފައިވަނީ އެންމެ ޒަމާނީ މަސްދޯނިފަހަރުގައި ހުންނަ ހުރިހާ ސާމާނަކާއި ނިޒާމެއް ޤާއިމުކުރާ ގޮތަށެވެ. މިގޮތުން ފެންފިނިކުރާ ނިޒާމާއި، ރާޑަރ ސިސްޓަމާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސިސްޓަމްތައް ޤާއިމުކުރެވޭނެއެވެ.

މި ފެންވަރުގެ ދޯންޏެއް އިރުވާގެއިން ވުޖޫދަށް ގެންނައިރު އެ މަސައްކަތް ކުރެވެމުން މިދަނީ މުޅިން އާ ޖަނަރޭޝަނެއްގެ ވިސްނުމާއި ފިކުރުގެ ތެރެއިންނެވެ. މިއީ ހުޅުދެލީ އިރުވާގޭ ރަޝާދު އިބްރާހީމާއި އާމިނަތު މޫސާގެ ޒަމާންވީ ޒަވާޖީ ހަޔާތުގެ ލޯބީގެ މަރުކާއަކަށްވާނެއެވެ. މި ދެމަފިރިންނަށް 11 ދަރިންނާއި، ކާފަމާމަ އަދި މުނިކާފަ އާއި މުނިމާނަ ކިޔާ 44 ދަރިން މިހާތަނަށް ލިބިފައިވާއިރު މިއީ އެއް އާއިލާއެއްގެ ގޮތުގައި ދިރިއުޅުމުގެ ރީތި އައުލާ މިސާލެކެވެ. މި ކާމިޔާބު ހަޔާތާއި އާއިލީ ބަދަހިކަމުގެ ފަހަތުގައި އޮތީ ރަޝާދުބޭގެ ދެމަފިރިންގެ މަތިވެރި އަޚްލާޤާއި ހިތްހެޔޮކަމާއި އޯގާތެރިކަމާއި އެކަކު އަނެކަކު ދެކެވާ މަތިވެރި ލޯތްބާއި، ދިރިއުޅުމުގައި ގަދައަޅައި ކުރި ހިތްވަރާއި ދަރިންނަށް ދައްކައިދިން ފުރިހަމަ ރީތި ނަމޫނާއެވެ.

 

މަޢުލޫމާތު:

·       ރަޝާދު އިބްރާހީމް، އިރުވާގެ / ދ. ހުޅުދެލި

·       އާމިނަތު މޫސާ، އިރުވާގެ / ދ. ހުޅުދެލި

·       ޢަލީ ރިޟާ / ގަނޑޭރިކޮށި 186

·       އިބްރާހީމް ޢަބްދުއްސައްތާރު / ދ. ހުޅުދެލި

·       ޢަބްދުﷲ ރަޝާދު، އިރުވާގެ / ދ. ހުޅުދެލި

·       އަޙްމަދު ފަރުހާދު، ލަކީލާސްޓް / ދ. ހުޅުދެލި

No comments: