Friday, March 10, 2023

ތާރީޚުގެ ތެރެއިން ސިފައިންގެ ބަޑި މުބާރާތް

 


ޢަބްދުﷲ ސަޢީދު

މީލާދީން 1942 ވަނަ  އަހަރު ދިވެހި ދައުލަތް ހިންގެވުމުގެ ބާރުތައް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ އަތްޕުޅުމައްޗަށް އެރިއެވެ. ވަޒީރުއްދާޚިލިއްޔާގެ ޤާއިމު މަގާމާއި ވަޒީރުއްދާޚިލިއްޔާގެ ޤާއިމު މަޤާމާއެކުގައެވެ. ފަހުން ދައުލަތް ހިންގާ މަޖިލިސްގެ ރައީސްކަމާއި ސިފައިންގެ ވެރިކަން ވެސް ލިބިވަޑައިގަތެވެ. ސިފައިންގޭގައި އެންމެ ފުރަތަމަ ބަޑި މުބާރާތެއް ބޭއްވީ މުޙައްމަދު އަމީނުގެ ސިފައިންގެ ވެރިކަމުގައި 1947 ވަނަ އަހަރުއެވެ. އެ މުބާރާތުގައި އެ މަނިކުފާނު ވެސް ބަޑި ޖެއްސެވިއެވެ

 

މިހާރު މި ފެންނަ ދިވެހި އަސްކަރިއްޔާގައި ސިފަވަންތަ އަސްކަރީ ކުލަތައް ޖައްސަވައި، ދައުލަތުގެ ހައިބަތު ދައްކުވައިދޭ ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ފެށްޓެވި ބޭފުޅަކީ މުޙައްމަދު އަމީނެވެ. މިގޮތުން ސިފައިންގެ ޔުނީފޯމަށް ބަދަލުގެންނަވައި އެ ޒަމާނުގައި އެހެނިހެން އަސްކަރިއްޔާތަކުގައި ވެސް ބޭނުން ކުރާ ކަހަލަ ޔުނީފޯމެއް ތަޢާރަފު ކުރައްވައި، ސިފައިންގެ އިދާރީ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެންނެވިއެވެ. އޭރު މުޙައްމަދު އަމީނަކީ ވެސް ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން ކާކީ ޔުނީފޯމު ތުރުކުރައްވާ ބޭފުޅެކެވެ. ސިފައިންގެ ގިނަ ހަރަކާތްތަކެއްގައި ބައިވެވަޑައި ގަންނަވާ ބޭފުޅަކެވެ. މުޙައްމަދު އަމީން ބޭނުންފުޅުވި އިންގިލާބީ ބޮޑު ބަދަލު ދިވެހި އަސްކަރިއްޔާއަށް ގެންނަވަން ފެށްޓެވީ 1947 ވަނަ އަހަރުއެވެ. އެ ކަމަށް ޓަކައި އެމަނިކުފާނު ފާހަގަކުރައްވަން ނިންމެވީ ސިފައިންގެ ފުރަތަމަ އަހަރީ ދުވަހެވެ.

މުޙައްމަދު އަމީން ސިފައިންގެ އަހަރީ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރައްވަން ފެށްޓެވީ ރަޖަބު މަހުގެ 16 ވަނަ ދުވަހެވެ. އެ ދުވަސް ސިފައިންގެ އަހަރީ ދުވަހެއްގެ ގޮތުގައި މުޙައްމަދު އަމީން ކަނޑައެޅުއްވި އެއްވެސް ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނެތެވެ. ސިފައިން އުފެއްދެވީ ނޫރައްދީނު ބަންޑާއިގެ ރަސްކަމުގައެވެ. މިހާރު ސިފައިންގެ ދުވަސް ފާހަގަކުރަނީ އެ ރަދުން ހިޖުރައިން 1309 ވަނަ އަހަރުގެ ރަމަޟާންމަހުގެ 23 ވަނަ ދުވަހު ހެންވޭރު ބޮޑު ހިއްޗަށް ވަޑައިގެންނެވި ދުވަހަށް ބަލައިގެންނެވެ. އާންމު ރައްޔިތުންނަށް އެންމެ ފުރަތަމަ ސިފައިން ފެނުނީ އެ ރޭ ރަދުންގެ އަރިހުގައި ސިފައިން އެ ޕްރޮސެޝަންގައިބައިވެރިކުރެއްވުމުންނެވެ. އެ ތާރީޚަށް ބަލައިގެން ސިފައިން އުފެދުނު ދުވަހެއް ކަމަށް މިހާރު ސިފައިން ބަލަނީ 21 އެޕްރީލް 1892 އެވެ. މުޙައްމަދު އަމީން 16 ރަޖަބުގައި ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރައްވަން ނިންމެވީ އެ ދުވަހަކީ ސިފައިން އުފެއްދުމަށް ނޫރައްދީން ބަންޑާރައިން ނިންމެވި ދުވަސްކަމުގައި ވުމުން ކަމަށް ވެދާނެއެވެ. އެކަމަކު އެކަން ތާރީޚުން ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ.

ސިފައިންގެ ފުރަތަމަ އަހަރީ ދުވަހެއްގެ ގޮތުގައި މުޙައްމަދު އަމީން ފާހަގަ ކުރެއްވި ދުވަހަކީ 16 ރަޖަބު 1366 އެވެ. އެއީ މީލާދީން 06 ޖޫން 1947 އެވެ. ސިފައިންގެ އަހަރީ ދުވަހެއްގެ ގޮތުގައި އިބްރާހީމް ނާޞީރުގެ ދުވަސްވަރު ޖޫން 6 ފާހަގަކުރެއްވި ސަބަބަކީ މިއީއެވެ. ޙަޤީޤަތުގައި ޖޫންމަހުގެ 6 ވަނަ ދުވަހަކާ ސިފައިންގެ އުފެދުނު ދުވަހަކާ ގުޅުމެއްނެތެވެ. އެހެން ނަމަވެސް 1947 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހަކީ ސިފައިންގެ ތާރީޚުގައި މުހިންމު ދުވަހެކެވެ. އެ ދުވަހަކީ ސިފައިންގޭގައި ފުރަތަމަ ފަހަރަށް ބަޑި މުބާރާތެއް ބޭއްވި ދުވަހެވެ. އަދި އެ މުބާރާތުގެ ވަނަތައް އިޢުލާންކޮށް އިނާމު ދެއްވި ދުވަހެވެ. އެ ދުވަހު ސިފައިންގެ ދިދަ އިފްތިތާޙުކޮށްދެއްވިއެވެ. އަދި ސިފައިންނަށް ދިދަ ދެއްވުން ވެސް ރަސްމީގޮތުން އޮތެވެ. ސިފައިންގެ ލަވަ ވެސް ސިފައިން ކިޔާފައިވަނީ އެ ދުވަހުއެވެ. އެ ދުވަހަކީ ސިފައިން ބޭންޑާއެކު މާޗުކުރަން ފެށީ ދުވަހެވެ. މީގެ އިތުރުން އެ ދުވަހަކީ ސިފައިންގެ މޮޓޯގެ ގޮތުގައި "ޤައުމީ ޚިދުމަތް" ކަނޑައެޅުއްވި ދުވަސް ވެސް މެއެވެ. މި ރަސްމިއްޔާތު އޮތީ ހެންވޭރު ދަނޑުގައެވެ.

1947 ވަނަ އަހަރުގެ ޖޫން 6 ވަނަ ދުވަހު ސިފައިންގެ ފުރަތަމަ ބަޑި މުބާރާތް ބޭއްވުނީ މާލެ އަތޮޅު ދޫނިދޫގައެވެ. އެ މުބާރާތުން ދެ ބޭފުޅަކު އެއްވަނަ ހާސިލުކުރެއްވިއެެެވެ. އެއީ ސިފައިންގެ ސަރުދާރު ބަންދު މުޙައްމަދު ކަލޭފާނާއި ސަރުދާރު ޅަރީތި ދޮންތުއްތުއެވެ. މި ދެ ބޭފުޅުންނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސްރީލަންކާގައި އޮތް 16 ވަނަ ޕަންޖާބު ރެޖިމެންޓްގައި އެންމެ ފުރަތަމަ އަސްކަރީ ތަމްރީނު ހެއްދެވި ދިވެހި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. ސިފައިންގެ ބަޑި މުބާރާތުން ދެވަނައަށް ދެ ބޭފުޅުން ހޮވިވަޑައިގަތެވެ. އެއީ ސިފައިންގެ ވެރިޔާ މުޙައްމަދު އަމީނާއި ސަރުދާރު މޫސާ ކަލޭފާނު ދޮންތުއްތުއެވެ. ތިންވަަނަ ތިން ބޭފުޅަކު ހާސިލުކުރެއްވިއެވެ. އެއީ ސަރުދާރު ކެޔޮޅުގޭ ޢަލީ ފުޅާއި ނާއިބުގޭ ޅަތުއްތުއާއި އޮގަރު ކަޅު ތުއްތެވެ.

ސިފައިންގެ ފުރަތަމަ ބަޑި މުބާރާތުގައި ބޭނުންކުރީ ތްރީއޯތްރީ ބަޑިއެވެ. ބަޑި މުބާރާތުގައި ބަޑި ޖަހަން ކޮންމެ މީހަކަށް ދެއްވީ ތިން ވަޒަނެވެ. ސިފައިންގެ ވެރިޔާއާއި ސިފައިންގެ ސަރުދާރާއި ބަޑި މުބާރާތުގެ ބައިވެރިން މެންދުރު ފަރިއްކުޅުއްވީ ދޫނިދޫގައެވެ. ފަރިއްކޮޅަށް ތައްޔާރުކުރެއްވުމާއި ކެއްކެވުމުގައި ވެސް ސިފައިންގެ ވެރިޔާ މުޙައްމަދު އަމީނާއެކު ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ބަޑި މުބާރާތް ނިންމާލުމަށްފަހު ސިފައިން މާލެއައީ އެ ދުވަހު ހަވީރުއެވެ. ސިފައިން މާލެއައިސް ބެރުދުންމާރި ތާޅަފިލިވެރިންނާއެކު ސިފައިންގެ ލަވަ ކިޔަމުން މާޗުކޮށްފައި ދިޔައީ ހެންވޭރު ދަނޑަށެވެ. އެއީ ހެންވޭރު ދަނޑުގައި ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށެވެ. އެ ރަސްމިއްޔާތުގައި ސިފައިންގެ ބަޑައި މުބާރާތުގެ ވަނަތައް އިޢުލާން ކުރެއްވިއެވެ. ވަނަތައް ހާސިލުކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވީ ސަރުކާރުގެ ވަލީ ކޮމެޓީގެ މެންބަރު އަލްއަމީރު ޢަލީ ކުޑަރަންނަބަޑޭރި ކިލެގެފާނެއެވެ.

އޭގެފަހުން ސިފައިންގެ ބަޑި މުބާރާތް ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން އައީ ބާއްވަމުންނެވެ. ބޭނުން ކުރަމުން އައީ ތްރީއޯތްރީ ބަޑިއެވެ. މުބާރާތުގައި ކޮންމެ ބަޑިޖެހުންތެރިއަކަށް ދެމުންއައީ 3 ވަޒަނެވެ. ތިން ވަޒަނުގެ ބަދަލުގައި 5 ވަޒަން ދެއްވަން ފެށްޓެވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ސިފައިންގެ ވެރިކަމުގައި 1979 ވަނަ އަހަރުއޮތް ބަޑި މުބާރާތުގައެވެ. ސިފައިންގެ ބަޑި މުބާރާތުގައި އޭކޭ 47 ގެ ބަޑި ބޭނުންކުރަން ފެށީ 1984 ވަނަ އަހަރުއެވެ. މި ބަދަލާއެކު ކޮންމެ މީހަކަށް ބަޑި މުބާރާތުގައި 10 ވަޒަން ދެއްވާގޮތަށް ހަމަޖެއްސެވިއެވެ.

1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ދިވެހި އަސްކަރިއްޔާގެ ކަންތައްތަކަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ސިފައިންގެ ތަމްރީނުތަކުގައި ބަޑިޖަހަން ދަސްކޮށްދިނުން ހަރުދަނާކޮށް، ޖަހަންދޭ ވަޒަން އިތުރުކޮށް، ބަޑި މުބާރާތަށް ވެސް  ބަދަލުތައް ގެންނެވިއެވެ.

ސިފައިންގެ ބަޑި މުބާރާތް މިހާރު މި ބޭއްވޭގޮތަށް ފަރުމާކުރެވުނީ 1995 ވަނަ އަހަރުއެވެ.  އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވޭ ސިފައިންގެ އަހަރީ ބަޑި މުބާރާތުގެ ނަމުގައި ސިފައިންގެ ބަޑި މުބާރާތެއް ފުރަތަމަ ބޭއްވުނީ 1995 ވަނަ އަހަރުއެވެ.  އޭގެ ފަހުން މުބާރާތުގައި ޖަހާ ވަޒަނުގެ އަދަދަށާއި އެކި ދުވަސްވަރު މުބާރާތް ބާއްވާ ފޯމެޓަށް ތަފާތު ހެޔޮ ބަދަލުތައް ވަނީ ގެންނަވާފައެވެ. ސިފައިންގެ ބަޑި މުބާރާތް ވެފައި އޮތީ ސިފައިންގެ ކޮންމެ މީހަކު ވެސް ބައިވެރިވެ ބަޑި ޖަހަންޖެހޭ މުބާރާތެއްގެ ގޮތުގައެވެ.

No comments: