Thursday, March 16, 2023

ޤާރީ ޝަކީބުބޭ - ޒަމާންވީ ޢާއިލީ އެކުވެރިއެއް


 



ޢަބްދުﷲ ސަޢީދު

އަޅުގަނޑަށް އެންމެ ފުރަތަމަ ޝަކީބުބެއާ ބައްދަލުވި ހަނދާންވަނީ އަޅުގަނޑުމެންގެ ރަށަށް ކުރު ޗުއްޓީއަކަށް ދުރުވުމުންނެވެ. އޭރު އެއީ އަޅުގަނޑުގެ ޢުމުރުން ދިހަ ބާރަ ވަރަކަށް އަހަރެވެ.  އެ ދަތުރުގައި ވެސް ބައްޕަ ވިދާޅުވެގެން ޝަކީބުބޭ އަރިހުން ޤުރުއާން ކިޔެވީމެވެ. ތަޖުވީދޭ ކިޔާ އަޑު އަޅުގަނޑު އެންމެ ފުރަތަމަ އެހީ ވެސް ޝަކީބުބޭ އަރިހުންނެވެ. އޭރު ރަށުގައި އަޅުގަނޑުމެން ޤުރުއާން ކިޔެވި އެދުރުގެތަކަކީ ތަޖުވީދު ކިޔަވައިދިން ތަންތަނެއް ނޫނެވެ
.

ޝަކީބުބޭގެ ފަރާތުން ވަރަށް ޚާއްޞަ އަޚްލާޤީ ރިވެތި ސިފަތަކެއް އެންމެ ފުރަތަމަ ބައްދަލުވި ފަހަރު ވެސް ފާހަގަވިއެވެ. އެއީ ސާފުތާހިރުކަމާއި މަޑުމައިތިރި ކަމާއި ދީނަށް ލޯބިކުރެއްވުމާއި ދިރިއުޅުމުގައި ގެންގުޅުއްވާ ތަރުތީބު އާދަތަކެވެ. ޖަމާއަތަށް ނަމާދަށް ދުރުވުމަށް ދެއްވާ އިސްކަމާއި ކޮންމެ ނަމާދު ވަގުތަކަށް ދަތް އުނގުޅާ، ވުޟޫކުރައްވައި ތައްޔާރުވެލައްވާ ގޮތެވެ.  އަޅުގަނޑުގެ ބައްޕައަކީ ވެސް މިފަދަ  ރިވެތި އާދަތަކެއް ގެންގުޅުއްވާ ބޭފުޅަކަށްވާތީ މި ދެ ބޭފުޅުންގެ އެކުވެރިކަމާއި ގާތްކަން ފެނިފައި އަޅުގަނޑު ހިތަށް އަރައެވެ. މި ދެ ބޭފުޅުން ވެސް "ތަމުރީނު ހައްދަވާފައި މިވަނީ އެއް މަރުކަޒަކުން" ނެވެ.

ޝަކީބުބެއާއި ބައްޕައާ އޮތް ޒަމާންވީ އެކުވެރި ގާތްގުޅުމަކީ އަޅުގަނޑުމެން ހޭލަގަތުގެ މާ ކުރީގެ ގުޅުމެކެވެ. ދެ ބޭފުޅުން މާލޭގައި އެއް ގެއެއްގައި އުޅުއްވި ދުވަސްވަރުގެ މަޖާ ހަނދާންތަކުގެ ވާހަކަތައް މިހާރު ވެސްބައްޕަ ވިދާވެދެއްވައެވެ. އެއީ ދެ ބޭފުޅުން މާފަންނު ފީގޭގައި އުޅުއްވިއިރުގެ ވާހަކަތަކެވެ.

މާލޭގައި ހުންނެވި ގޭގެގޮތުންނާއި ޒަމާންވީ އާއިލީ އެކުވެރިކަމާއި ގާތްކަމުގައި އަޅުގަނޑުމެން ރަށަށް ވަޑައިގަންނަވައި އުޅުއްވުމުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ ރަށުގެ ގިނަ ބަޔަކަށް ޝަކީބުބޭ އެނގި ދަސްވުމެވެ. ރަށުގެ އެ ދުވަސްވަރުގެ ގިނަ ބަޔަކު ދަންނަ، މީހުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ ބޭފުޅަކަށް ޝަކީބުބޭ ވުމެވެ. ޝަކީބުބެއަކީ މާލެއާއި މުޅި ރާއްޖޭގެ ވެސް ގިނަ ބަޔަކު ދަންނަ  ބޭފުޅެކެވެ. ގިނަ ދުވަސްތަކެއްގައި ޤުރުއާން ކިޔަވައި ދެއްވުމުގައި މާލޭގައި ޚިދުމަތް ކުރެއްވުމަށްފަހު ރަށަށް ދިރިއުޅުއްވުން ބަދަލު ކުރެއްވީއެވެ. މިހާރު ޝަކީބުބެއާ ބައްދަލުވަނީ ދަތުރުވަރިއެއްގައި މާލެ ދުރުވުމުންނެވެ. އަބަދުވެސް ޝަކީބުބޭ އަޅުގަނޑުގެ ބައްޕަގެ އަރިހުން އެދޭ ކަމެއް އޮވެއެވެ. އެ ރަށަށް ބައްޕަ ދުރުވެދެއްވުމެވެ.

ގއ. މާމެންދޫ، މަންޒިލުއްސަޢާދާ، އަލްޤާރީ އަޙްމަދު ޝަކީބަކީ، ގދ. ވާދޫއަށް އުފަން ބޭފުޅެކެވެ. ޝަކީބުބޭ 1970 ވަނަ އަހަރުން ފެށިގެން ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ކީރިތި ޤުރުއާން ކިޔަވައިދެއްވުމުގައެވެ. މާލޭގެ ގިނަ ސްކޫލުތަކެއްގައި ޚިދުމަތް ކުރެއްވިއެވެ. އެ ދުވަސްވަރަކީ ވަޒީފާގެ ހައިސިއްޔަތުންނާއި، އަމިއްލަ ގޮތުން ކީރިތި ޤުރުއާނަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ދުވަސްވަރެކެވެ.  ކިޔަވައިދެއްވާފައިވާ ސްކޫލްތަކުގެ ތެރޭގައި، ޠައިބާ ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، މާލޭ އިންގްލިޝް ސްކޫލާއި، ގއ. މާމެންދޫ ސްކޫލު ހިމެނެއެވެ. މީގެއިތުރުން،  ޝަކީބުބޭގެ ނަމުގައި ރަޖިސްޓަރީ ކުރައްވައިގެން ފަހުން ހިންގެވި "ތަރްތީލުލް ޤުރްއާން " ކްލާހުގައި ވެސް ބޮޑެތި މީހުންނަށާއި، ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދެއްވައި، ޤުރްއާން ހިތުދަސްކޮށްދެއްވަމުން ގެންދެވިއެވެ. އަދި ވަކި މާއްދާއެއްގެ ގޮތުގައި ތަޖުވީދު ކިޔަވައިދެއްވަމުން ގެންދެވިއެވެ.

މި އަގުހުރި ދީނީ އަދި ޤައުމީ ޚިދުމަތް، ދިވެހި ދައުލަތުން ވަޒަންކުރައްވައި 2007 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޝަކީބުބެއަށް ދެއްވިއެވެ. ތަޢުލީމަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޤުރުއާން ކިޔަވައިދިނުމުގެ ރޮނގުން އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ އަތްޕުޅުން ޤައުމީ އިނާމު ހާސިލުކުރެއްވުމަށް ފަހުގައި ވެސް ޤައުމީ އެ އަގުހުރި ޚިދުމަތުގައި ސާބިތުވެ ދެމި ހުންނެވިއެވެ.

އެތައް ދުވަހަކަށް ފަހު ޝަކީބުބެއާ ބައްދަލު މިވީ ބޭސްފަރުވާއަކަށް މާލެ ދުރުވުމުންނެވެ. އަޅުގަނޑުގެ ބައްޕައާއި މަންމައާއެކު މާގާތް ބޭފުޅަކު ބައްޕަގެ ދަރިން އުޅޭ ގޭގެއަށް ގެންދަވާ ޢާއިލީ އެކިއެކި ހަފުލާތަކުގައި ބައިވެރިކުރައްވައި ހައްދަވާތީ ބައްޕައާއި މަންމަގެ ކާފަމާމަ ދަރިންނަށް އެބަފެނެއެވެ. އެ ފޮޓޯތައް ޢާއިލާގެ މީސްމީޑިއާގެ އޮޅިތަކަށް ލުމުން އަޅުގަނޑުމެންގެ ދަރިން އެއީ ކޮން ބޭފުޅެއްތޯ ސުވާލު އެބަ ކުރެއެވެ. މި ޖީލުގެ ކުދިންނަށް ޝަކީބުބޭ ކިޔައިދޭން ޖެހެއެވެ. މިފަދަ އަޚުލާޤު ރިވެތި، އަގުހުރި ޤައުމީ ޚިދުމަތްތެރިންގެ ވާހަކަ ނުދައްކައި އަޅުގަނޑުމެން ދައްކަން އޮތީ ކޮންވާހަކައެއް ހެއްޔެވެ؟

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ ޝަކީބުބެއަށް ފުރިހަމަ ޞިއްޙަތަކާ ބާއްޖަވެރި ހަޔާތެއް މިންވަރުކޮށް ދެއްވުމެވެ. އަދި ޝަކީބުބޭ ޤުރުއާން ކިޔަވައި ދެއްވުމުގައި ކުރެއްވި އަގުހުރި ޤައުމީ ޚިދުމަތުގައި ބަރަކާތްލެއްވުމެވެ.

No comments: