Friday, January 20, 2023

ސިފައިންގެ އަސާސީ ތަމްރީނު އުމުރުން 50 އަހަރުގައި


 

 

 

ޢަބްދުﷲ ސަޢީދު

 

އެމެރިކާގެ އަސްކަރިއްޔާގައި ސިފައިންގެ އަސާސީ ކޮމްބެޓް ޓްރޭނިންގ (ރެކްރޫޓް ޓްރޭނިންގ) 50 އަހަރުގެ މީހަކު ފުރިހަމަކޮށްފާނެ ކަމަށް ގަބޫލުކުރެވޭހެއްޔެވެ؟ ދިވެހި އަސްކަރިއްޔާގައި އަސާސީ ތަމްރީނު ހެދޭނެ އެންމެ ދޮށީ އުމުރަކަށް ވެސް ވާނީ 25 އަހަރަށްވުރެ ހަގު އުމުރެކެވެ. އެއީ ސިފައިންގެއަށް މީހުން ވައްދާ އުމުރަކީ 18 އަހަރާއި 25 އަހަރާ ދެމެދުކަމަށްވާތީއެވެ.

 

އޮރލަންޑޯ ކިންޗްލޯއަށް 50 އަހަރު ފުރުނީ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރަމުން ދަނިކޮށެވެ. އޭނާ 50 ވަނަ އުފަންދުވަސް އޭނާއާއެކު ތަމްރީނު ހަދަމުންދިޔަ ޒުވާން އެކުވެރިން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެއީ 10 ވަނަ އިންފެންޓްރީ ރެޖިމެންޓުގެ 2 ވަނަ ބެޓޭލިއަންގެ ޑެލްޓާ ކޮމްޕެނީ އެވެ. މި އާދަޔާ ޚިލާފު ފުރުސަތު ކިންޗްލޯ އަށް ލިބިގެން ދިޔައީ އަސްކަރީ ޚިދުމަތުގައި 21 އަހަރުގެ މެދުކެނޑުމަކަށް ފަހު ދެވަނަ ފަހަރަށް އަސްކަރީ ޚިދުމަތާ ގުޅި އަސާސީ ހަނގުރާމަވެރި ތަމްރީނުތައް ފުރިހަމަކުރަން ޖެހުމުންނެވެ.

 

ކިންޗްލޯ ފުރަތަމަ ސިފައިންގެ ޚިދުމަތާ ގުޅުނީ 1990 ވަނަ އަހަރު، އުމުރުން 17 އަހަރުގައެވެ. އޭރު އޭނާ ސިފައިންގެ ވަންނަން ހިތްޖެހިގެންދިޔަ ސަބަބަކީ އޭނާ ބޮޑު ބޭބެއެވެ. ރާއްޖޭގައި ޤާނޫނުތަކާއި ގަވާއިދުތައް  ހުރިގޮތުން 18 އަހަރު ނުވަނީސް ސިފައިންގެ ޚިދުމަތާ ގުޅެވޭނެ ފުރުސަތެއް މިހާރަކު ނެތެވެ. ނަމަވެސް ތަންކޮޅެއް ކުރިން އުމުރުން 16، 17 އަހަރުގައި ސިފައިންގެ ޚިދުމަތާ ގުޅިފައިވާ މީހުން މިހާރު ވެސް ސިފައިންގެ ޚިދުމަތުގައި އެބަތިއްބެވެ. މިހާރު ރާއްޖޭގެ ތަޢުލީމީ ނިޒާމު އޮންނަ ގޮތުން ޖީސީއީ އޯލެވެލް އުމުރުން 16، 17 އަހަރުގައި ނިންމައެވެ. އެ ކުދިން 18 އަހަރުވަންދެން ވަޒީފާއަކަށް ނުގޮސް ތިބޭ ތިބުމަކީ ތަފާތު ކުށުގެ ވެށިތަކަށް ހުށަހެޅިގެންދާން ދިމާވާ ސަބަބެކެވެ. ޖީސީއީ އޯލެވެލް ނިންމުމަށްފަހު އިތުރަށް ކިޔަވަން ބޭނުންނުވާ ކުދިންނަށް އަސްކަރީ ޚިދުމަތްފަދަ ޤައުމީ ޚިދުމަތްތަކާ ގުޅެން ފުރުސަތު ލިބިދިނުމަކީ ރިވެތި އަޚްލާޤާއި ޤައުމީ ލޯތްބާއި ދީނީ ޞައްޙަ އަޤީދާގައި ޒުވާން ޖީލު ސާބިތުވެ ދެމި ތިބުމަށް ކުރެވިދާނެކަމެކެވެ.

 

 

ކިންޗްލޯ އެންމެ ފުރަތަމަ ސިފައިންގެއަށް ވަނީ އޭނާގެ ބޮޑު ބޭބެ ފެހިބެރޭ އަޅައިގެން ސިފައިންގެ ޔުނީފޯމުގައި އޭނާގެ ގެއަށް އައިތަން ފެނިފައި އުފެދުނު ޝައުޤުވެރިކަމުގެ ސަބަބުންނެވެ. ބޮޑު ބޭބެގެ ދުޅަހެޔޮ އަދި ހަށިހެޔޮ ރީތި ހަށިގަނޑާއި ސްމާޓްކަން ފެނިފައެވެ.

 

ކިންޗްލޯއީ 1990 ވަނަ އަހަރު ޖޯޖިއާގެ ފޯޓް ބެނިންގްގައި ތަމްރީނު ފުރިހަމަކޮށްގެން 10 އަހަރު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އެމެރިކާގެ ސިފައިންގޭގެ މީހެއްގެ ގޮތުގައި ޚިދުމަތްކުރިއެވެ. އޭނާ ސިފައިންގެ ޚިދުމަތުން 2001 ވަނަ އަހަރު ވަކިވީ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ބޭނުމުގައެވެ. އޭނާ ވަނީ

ފޮރެސްޓް ސިޓީ ޕާކް ޕޮލިސް ޑިޕާޓްމަންޓުގައި މަސައްކަތްކޮށްފައެވެ.

 

ކިންޗްލޯއީ ބުނެފައިވާ ގޮތުގައި އޭނާ ފުރަތަމަ ހެދި އަސާސީ ތަމްރީނު ތަޖުރިބާ ފަހުން އޭނާ އަދާކުރި ފުލުހުންގެ ވަޒީފާއާއި އެހެނިހެން ވަޒީފާތަކުގައި ވެސް ވަރަށް ބޮޑަށް ބޭނުން ހިފުނެވެ. ފާއިތުވި މާޒީއަށް ބަލާފައި ސިފައިންގެ ޚިދުމަތުގައި 20 އަހަރު ފުރިހަމަ ކުރަން ކިންޗްލޯއީ ބޭނުންވިއެވެ. އެކުވެރިއެއްގެ ފަރާތުން އެ ފުރުސަތު ނޭޝަނަލް ގާޑުންގެ ތެރެއިން ލިބިދާނެކަން އޭނާއަށް އެނގުނެވެ. އޭނާ ބޭނުންވީ 60 އަހަރު ވަންދެން އަސްކަރިއްޔާގައި ޚިދުމަތްކުރާށެވެ. އޭރުން އޭނާގެ ސިފައިންގެ ޚިދުމަތަށް 20 އަހަރުވާނެއެވެ.  އޭރުން އޭނާއަށް ރިޓަޔަމަންޓް ބެނެފިޓްތައް ލިބޭނެއެވެ.

 

އަންހެނުންނާ މަޝްވަރާކުރުމަށްފަހު ސައުތު ކެރޮލައިނާ ނޭޝަނަލް ގާޑުގައި ޖުލައި 26، 2021 ގައި ރަޖިސްޓްރީވިއެވެ. ހަމަ އެ ދުވަހު އޭނާގެ ޔުނިޓަށް ރިޕޯޓް ކުރި އެވެ. އޭނާއަށް އަލުން ސިފައިންގެ ޔުނީފޯމު އެޅީ 21 އަހަރުފަހުންނެވެ.

 

ދިވެހި އަސްކަރިއްޔާގައި އަމިއްލައަށް ޚިދުމަތުން ވަކިވެގެން ދިއުމަށްފަހު އަލުން އެނބުރި ސިފައިންގެ ޚިދުމަތަށް އަންނަ މީހުން ނޫޅުނަސް އެކިއެކި ގޮތްގޮތުން ވަޒީފާއިން ވަކިކުރާ ބައެއް މީހުން އެނބުރި ސިފައިންގެ ޚިދުމަތަށް ގިނަ ދުވަސްތަކަކަށްފަހު އަލުން އާދެއެވެ. އެގޮތަށް އަންނަ ފަރާތްތައް އަލުން އަސާސީ ތަމްރީނު ހަދާކަށް ނުޖެހެއެވެ. ސިފައިންގެ ތާރީޚަށް ބަލާއިރު ސިފައިންގެ ޚިދުމަތުން ވަކިވުމަށްފަހު އަލުން ސިފައިންގެ ޚިދުމަތް ފެށުމަކީ އޮތް ކަމެކެވެ. 1988 ނޮވެންބަރު ތިނެއްގައި ޝަހީދުވި ސިފައިންގެ ތެރޭގައި ވެސް މިފަދަ ބޭފުޅަކު ހިމެނެއެވެ.

 

އުމުރުން 50 އަހަރުގައި 17 އަހަރުގެ ޒުވާން ކުދިންތަކަކާއެކު އަސާސީ ތަމްރީނު ހެދުމަކީ ކޮންމެ ކޮންމެ މީހަކަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެކަން ކިންޗްލޯއީ ނެގީ ވަރަށް ޕޮޒިޓިވްކޮށެވެ. އެކަމުގެ ނަތީޖާ ވެސް ރަނގަޅެވެ. ޒުވާން ދަރިވަރުން ކިންޗްލޯއީގެ ހިތްވަރުން ހިތްވަރު ލިބިގަނެގެން މޯޓިވޭޓްވިއެވެ. އަދި ޒުވާން ކުދިންގެ ހިތްވަރުން ހިތްވަރު ހޯދައިގެން ކިންޗްލޯއީ މޯޓީވޭޓްވިއެވެ. ކިންޗްލޯއީ އާމެދު ކޯހުގެ މުދައްރިބުން ވެސް ފާޅުކޮށްފައިވަނީ ރަނގަޅު ޝުޢޫރުތަކެވެ.

 

މަސްދަރު: ޔޫއެސް އާމީ ރަސްމީ ވެބްސައިޓް


No comments: