Thursday, March 16, 2023

ޤައުމީ ޝުޢޫރުން ވޮނަދޮނަ ރާއްޖެ




ޢަބްދުﷲ ސަޢީދު


ޤައުމީ ޝުޢޫރަކީ މާނަ ފުން އިހުސާސެކެވެ. އެއީ މި ލޮބުވެތި ވަޠަނަށް ނިސްބަތްވާ ކަމުގެ އިޙްސާސެވެ. މި އިހުސާސްތައް ހޭލައްވަނީ މިނިވަންކަމާއެކު ޖެހޭ ވައިރޯޅިންނެވެ. މިނިވަންކަމާއެކު ގޮނޑުދޮށްތަކުގައި ބީހޭ ރާޅުތަކުގެ މިއުޒިކުންނެވެ. މިނިވަން ޖައްވުގައި ވިހުރޭ ދިދައިގެ ނިދާއިންނެވެ. އެ ދިދައިން ކިޔައިދޭ މިނިވަންކަމުގެ ދިގު ތާރީޚުންނެވެ. ދިވެހި ކާބައިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން އާރާސްތުކުރި ދިވެހި ރަށްވެހިކަމުންނެވެ. ދިވެހީންގެ ފަޚުރުވެރި ޙަޟާރަތުންނެވެ. ދިވެހީންގެ ގޮތްފޮތުންނެވެ.


މިއީ ވޮނަދޮނަ (ވޮނަދަނަ) ރާއްޖެއެވެ. ވޮޑިގިރާ ރާއްޖެއެވެ. މި ޤުދުރަތީ ޠަބީޢަތުގެ ތެރެއިން ފެންނާނީ ރީތި އަމާން ޗާލު ޖަޒީރާ ރަށްތަކެކެވެ. ނޫއުޑާއި ނޫކަނޑާއި ފެހިކުލައިގެ މުތީތަކެއްފަދަ ކުދިކުދި ރަށްތަކެވެ. ރަށްތަކާއި އަތޮޅުތަކުން ގެތިފައިވާ ރީތި ހާރެކެވެ. އުދަރެހަށް އަރައިފައިބާ ހިތްގައިމު ގިނަ ކުލަތަކެވެ. އިރުއުދަވާ ވަގުތުގަޔާއި އިރުއަސްތަވާ ވަގުތުގައެވެ. ވިނަރެހުން ކުރަހައިދޭ ރަށްރަށުގެ ނަލަ މަލަތަކެވެ. ވައިފެނުގެ ސާފުކަމެވެ. ނޫ އިޤްތިޞާދުގެ ހިތްގައިމު ދިރުންތަކެވެ. ދަނޑުފަނގުގެ މުއްސަނދި މަތިވަރެވެ. ދިވެހި ބޭސްވެރިކަމަށް ފުދޭ ގަސްގަހާގެހީގެ ފަންސަންގެވެ. ކަނޑުފަޅާއި ވިލުތަކުގައި އުޅޭ މަސްމަހާމެއްސާއި ދިރުންތަކެވެ.  ކަނޑު ރޯދީގެ ބަރަކާތެވެ. މީ ޤުދުރަތުގެ ހާސް ނިޢުމަތެވެ.


މިއީ ދީނާއި ވަޠަނުގެ ޙައްޤުގައި ލޭ އޮހޮރުވާލި ޝަހީދުންގެ ލޮބުވެތި ފަސްގަނޑެވެ. އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އިސްކުރި އައުދާނަ އަބުޠާލުންގެ ވަޠަނެވެ. އެ ދަރީންގެ ހަށިތަކާއި ކަށިތައް ފިސްފިސްވެ ވެއްޔާ މެކިފައިވާ މުގައްދަސް ބިމެވެ. އެ ރޫޙުތަކުގެ މަތީން ހަނދާން ނައްތައިނުލާނެ ޒިކުރާތައް ދިރިދިރި އޮތް ޤުދުރަތުގެ ހަދިޔާއެވެ.  ޤައުމުގައި މިނިވަންކަމުގެ ނޫރާނީ ވޮށް ދިލައިދިނީ އެ ދަރީންގެ ލެއާއި ދަލުންނެއެވެ.  އެ ނޫރަކީ ޤައުމީ ލޯތްބެވެ. ޤައުމީ ޝުޢޫރެވެ.


ޤައުމީ ހަޔާތުގައި މާޒީގެ ކޮންމެ ޞަފުޙާއަކީ އިބުރަތުގެ ފިލާވަޅެކެވެ. އަގު މާތް ދަރުހެކެވެ. ދިވެހީންގެ މިނިވަންކަމުގެ ރޫޙަކީ ދިވެހީންގެ އިސްލާމީ އަޤީދާއެވެ. އެ މާތް ދީނުގެ ވަހުދަތެވެ. ދިވެހީންގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމެވެ. ދިވެހި ކާބަފައިންގެ  ފުރާނަ ހިބަކޮށްދީފައިވަނީ ދީނާއި ވަޠަނަށް ޓަކައެވެ. މިއަދުގެ ޖީލަށް ޓަކައެވެ.  އެ ކާބަފައިން ކަށިން ހިތްވަރު ނެރެގެން ހޯދައި ދަމަހައްޓައިދިނީ ދިވެހިއްޔަތެވެ. ދިވެހިވަންތަކަމެވެ. ދިވެހީންގެ މިނިވަންކަމެވެ.


ދިވެހީންގެ ސާދާ ދިރިއުޅުމާއި ދިވެހީންގެ ރީތި އާދަކާދައާއި ދިވެހީންގެ ޗާލު ސަޤާފަތުގެ ނާރެހަކީ ދިވެހީންގެ އަގު ބޮޑު ޤައުމިއްޔަތެވެ. ދިވެހީން އިޚްތިޔާރުކޮށްފައިވާ މާތްވި އިސްލާމް ދީނެވެ. ދިވެހީންގެ ޝަރަފުވެރި ދިވެހިބަހެވެ. ދިވެހީންގެ ރީތި ސަޤާފަތެވެ. ދިވެހީންގެ ފަޚުރުވެރި ތާރީޚެވެ.


ދިވެހިރާއްޖޭގެ ނާޒުކުކަމާއެކު ވެސް ކާބަފައިން އެބައިމީހުންގެ ދިރިއުޅުން އާރާސްތުކުރިއެވެ. ފަޤީރުކަމާއި ހައިހޫނުކަމުގައި ވެސް ޤައުމަށް ޓަކައި ހަށިފޮޅާލިއެވެ. އަޅުވެތިކަމުގެ ކޮންމެ ބަނަ ވިލާގަނޑަކާއެކު އުފެދޭ ބިރުވެރިކަމުގެ ބިޔަ ރާޅުތަކުން ޤައުމީ ނައު ސަލާމަތްކުރިއެވެ. ވައިމައްޗަށް ދުއްވަން ޖެހުމުން ހޭރިޔާކުރިއެވެ. ފައްސިޔަކުރަން ޖެހުމުން ދަންމާނަށް ދޫދިނެވެ. ވައިބާރުވުމުން ކުޑަރިޔަލަކަށް ބަދަލުކުރިއެވެ. ވައި ފަހިވުމުން ތުންމަތި ނަގާ ރިޔާތައް ފޮޅުވާލިއެވެ. ވައި ހިނދުމުން ހިތްވަރާއެކު ފަލި ޖެހިއެވެ. ޤައުމަށް ޓަކައި ފޫއްސެއް ނުވިއެވެ. ހިތްވަރު އެލުވައެއް ނުލިއެވެ. އޮޔަކަށް ވަޔަކަށް މި ޤައުމު ދޫކޮށެއް ނުލިއެވެ.  ދިވެހީންގެ އެ ހުރިހާ ދަތުރެއް ގުޅިފައި ވަނީ ދިވެހީންނާއި ޤައުމުގެ މަސްލަހަތާއެވެ.


ޤައުމީ ޝުޢޫރުން ލޭ ތާޒާވެއެވެ. ލޭގައި ހޫނުކަން އުފައްދައިދެއެވެ. އާރޯކަމާއި ތާޒާކަން ނަފުސަށާއި ޒަމީރަށް ގެނެސްދެއެވެ. ޤައުމީ ކުލަތަކަށް ހިތް ލަންބާލައެވެ. ޤައުމީ ވިސްނުމަކުން ވިސްނާލެވެއެވެ. ޤައުމަށް ޓަކައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް މަތީން ހަދާން އާކޮށްދެއެވެ. މި ވަޠަނަށް ޓަކައި ފަޚުރުވެރި ވެވެއެވެ. މި ޤައުމުން ހިބަކޮށްދޭ އަމާންކަމާއި ރައްކާތެރިކަން އިހުސާސް ކުރެވެއެވެ. މާޔޫސްކަމާއި އެކަނިވެރިކަން ފިލުވައިދެއެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރި ވެވެއެވެ. ޤައުމަށް ލިބޭ ކާމިޔާބާއި ނާކާމިޔާބުގައި ވެސް ފެއްސާއި ރަތާއި ހުދުކުލައިގެ ފަހަތަށް އެރޭނެއެވެ. ކަނޑުގެ ސަތަހައިގެ މަތިން މި ޖަޒީރާ ތޮޅިލަތޮޅިލާ އޮތްހާ ހިނދެއްގައި މި ޙަޤީޤަތް ބަދަލެއް ނުވާނެއެވެ. އެކި މޫސުމަށް އަންނާނީ އެކި ބަދަލެވެ. އެބަދަލުތައް ދާނީ އަންނަމުންނެވެ. މިރާއްޖެ ދާނީ ވޮޑެމުން ގިރަމުން ދާނެއެވެ. މިއީ ވޮނަދޮނަ ރާއްޖެއެވެ.

No comments: