Wednesday, January 1, 2020

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތަށް 40 އަހަރު

ލިޔުނީ: ޢަބްދުﷲ ސަޢީދު 

 ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑުގެ ޚިދުމަތަކީ ޤައުމީ ދިފާޢުއާއި ސަލާމަތާއި ރައްކާތެރިިކަމުގެ އިތުރުން އިންސާނީ ވަރަށް މުހިންމު ޚިދުމަތެކެވެ. 1980 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު ރަސްމީ ގޮތުން ދިވެހި އަސްކަރިއްޔާގައި ފެށުނު ކޯސްޓްގާޑުގެ ޚިދުމަތަކީ ފަޚުރުވެރި ތާރީޚެއް ލިބިފައިވާ އަގުހުރި ޤައުމީ ޚިދުމަތެކެވެ. މި ޚިދުމަތް ތަރައްޤީކޮށް މިހިސާބަށް ގެނެސްދީފައިވަނީ ދިވެހި އަސްކަރިއްޔާގައާއި ކޯސްޓްގާޑުގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި ވެރިންނާއި، ކޯސްޓްގާޑުގައި ޚިދުމަތްކުރެވި މާލިމީންނާއި ނެވިން، އަދި ކަލާސީނުންގެ އިޚްލާޞްތެރި ބުރަ މަސައްކަތުންކަން ކަށަވަރެވެ.

މިއަދު (01 ޖަނަވަރީ 2020) އަކީ ކޯސްޓްގާޑުގެ ޚިދުމަތަށް 40 އަހަރުފުރޭ  ތާރީޚީ ދުވަހެވެ. 1980 ވަނަ އަހަރު ދިވެހި އަސްކަރިއްޔާގެ ވަކި ޚާއްޞަ ޔުނިޓެއްގެ ގޮތުގައި ކޯސްޓްގާޑުގެ ޚިދުމަތް ފެށުނު ކަމުގައި ވިޔަސް އޭގެ ކުރިންވެސް ރާއްޖޭގެ ސަރަޙައްދާއި މަސްކަނޑުތައް ބެލެހެއްޓުމުގައި ދިވެހި ސިފައިން ހަރަކާތްތެރިވެފައިވެއެވެ. އައުޓްބޯޑު އިންޖީނުއެޅި 6.95 މީޓަރުގެ ކުޑަކުޑަ ތިން ލޯންޗާއެކު "ސިފައިންގެ ލޯންޗް ސެކްޝަން"ގެ ނަމުގައި ފެށުނު ކޯސްޓްގާޑުގެ ޚިދުމަތް މިއަދު މިވަނީ އެތައް ކުރިއެރުމަކާއި ތަރައްޤީއެއް ހާސިލުކޮށްފައެވެ. އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރިންގައި ވާގޮތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ މިޝަންއަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިޝަން ހާސިލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ދިފާޢުކުރުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި، މެރިޓައިމް ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ހިމާޔަތްކޮށް ބެލެހެއްޓުމާ އަދި ކަނޑުމަތީގައި ހާލުގައިޖެހޭ މީހުންނާ މުދާ ސަލާމަތްކުރުމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑާއި ވައިގެ ދިފާޢުއަށް ޒިންމާވާ، ދިވެހި އަސްކަރިއްޔާގެ ކޮމްބެޓް އަދި މެނޫވަރ ފޯސް އެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކޮންވެންޝަނަލް ނޭވީއަކުން އަދާކުރަންޖެހޭ ދައުރާއި ދިވެހިރާއްޖޭގެ މެރިޓައިމް ސިވިލް ޑިފެންސް އަދި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މަސްއޫލިއްޔަތު ސިފައިންގެ ޤާނޫނާއި ދިވެހިރާއްޖޭގެ އެހެނިހެން ޤާނޫނުތަކުން ހަވާލުކޮށްފައިވާ ފަރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބައިނަލް އަޤްވާމީ ކަނޑުގެ ޤާނޫނު ތަންފީޒުކުރުމާއި، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމުގެ ގޮތުން އެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހައި ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަކީ ވެސް ކޯސްޓްގާޑުގެ މަސްއޫލިއްޔަތެކެވެ.  

ކޯސްޓްގާޑާ މަތިކުރެވިފައިވާ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށްޓަކައި ކަނޑާއި ވައިގެ ބާރު ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ރާވައި ހިންގަނީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމާ އެއްގޮތަށް ދިވެހި އަސްކަރިއްޔާއިން ރާއްޖޭގެ ސަރަޙައްދު ހަތަރު އޭރިއާއަކަށް ބަހާލައި ޤާއިމުކޮށްފައިވާ އޮޕަރޭޝަނަލް ކޮމާންޑްތަކުންނެވެ. މިއިން ކޮންމެ އޭރިއާ ކޮމާންޑެއްގައި ވެސް އޮޕަރޭޝަނަލީ ސަބޯޑިނޭޓްވާ ކޯސްޓްގާޑް ސްކޮޑްރަންތަކެއް މިހާރު ވަނީ ޤާއިމުކުރެވިފައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައާއި ދިވެހިރާއްޖެއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބައިނަލް އަޤްވާމީ ކަނޑުގެ ސަރަޙައްދުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި ސާޗް އެންޑް ރެސްކިޔު ޚިދުމަތް ދިނުމަށްޓަކައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއް ކޯސްޓްގާޑުގައި ޤާއިމުކޮށް ދަނީ ޚިދުމަތް ދެމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލި މީހުން އެއްރަށުން އަނެއް ރަށަށް ކުއްލިހާލަތުގައި އުފުލައިދިނުމަށް ސީއެމްބިއުލާންސްގައި ކޯސްޓްގާޑުގެ ސިފައިން ރެއާއި ދުވާލު ކުރަމުންދާ އިންސާނީ ޤައުމީ ޚިދުމަތަކީ ފާހަގަކޮށްލަންޖެހޭ ޚިދުމަތެކެވެ.

ކަނޑުމަތީގެ ހާދިސާތަކުގައި ކޯސްޓްގާޑުގެ ޚިދުމަތަށް އެދި ގުޅަންޖެހޭ ފޯނު ނަންބަރަކީ 191 އެވެ. ހިލޭގުޅޭ މި ނަންބަރަށް ގުޅައި، މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ކޯސްޓްގާޑުން ހިންގާ އޮޕަރޭޝަންތަކަށް އަބަދުވެސް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަކާ އެއްބާރުލުން ކޯސްޓްގާޑުން އަބަދުވެސް ފާހަގަކުރެއެވެ. ވީހާވެސް އަވަހަކަށް އެންމެ ގާތުން ޚިދުމަތް ދިނުމަށް އެކި ފަރާތްތަކާ ވިލަރެސްކޮށްގެން ކޯސްޓްގާޑުން ކުރާ މަސައްކަތްތަކުގައާއި ހިންގާ މެރިޓައިމް އޮޕަރޭޝަންތައް ކާމިޔާބުކުރުމުގައި އެއީ އަބަދުވެސް ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަމަކާއި އެއްބާރުލުމެކެވެ. 

ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑާ ހަވާލުކުރެވިފައިވާ މިޝަން އަދާކުރުމަށް ހުރި ވަސީލަތްތައް މަދެވެ. މިއަދަށްވުރެ އިއްޔެގެ ހާލަތު އަދި މާދަށެވެ. އެހެންނަމަވެސް ލިބިހުރި ވަސީލަތެއްގެ ބޭނުން ހިފައިގެން އެވަގުތެއްގެ ހާލަތާ ކަންކަމަށް ބަލައި ދެމުން ދިޔަ ޚިދުމަތަކީ ފާހަގަކޮށްލަންޖެހޭ ޚިދުމަތެކެވެ. ކޯސްޓްގާޑް އުފައްދަވައި ފުރަތަމަ ކޮމާންޑަރަކަށް (އޮފިސަރ އިންޗާޖަކަށް) ހަމަޖެއްސެވި އަލްމަރުޙޫމް ކާނަލް ޙުސައިން އިބްރާހީމްފުޅު (ކާށިދޫ ޙުސައިން ފުޅު)އާއި، އޮފިސަރ އިންޗާޖުގެ އެހީތެރިޔާގެ މަޤާމަށް ހަމަޖެއްސެވި އަލްމަރުޙޫމް ކާނަލް ޙަސަން ނަޞީރާއި އޭރު ކޯސްޓްގާޑުގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު މާލިމީ، އަލްމަރުޙޫމް ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ފަދަ ޚިދުމަތްތެރިންގެ އަގުވަޒަންކުރާ ހާލު، އެ ބޭފުޅުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތްލެއްވުން އެދި ދުޢާކުރަމެވެ. މީގެއިތުރުން ކެޕްޓަން ނަންނާރި ޢަބްދުލްޢަޒީޒާއި ކާނަލް (ރިޓަޔަރޑް) އަޙްމަދު ޒާހިރާއި، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރާއި، މޭޖަރ (ރިޓަޔަރޑް) އަޙްމަދު ނަޢީމް (ބުރެޑް) އާއި ކެޕްޓަން (ރިޓަޔަރޑް) މުޙައްމަދު ރިފްޢަތު މޫސާމެންފަދަ ބޭފުޅުންނަކީ ކޯސްޓްގާޑަށްޓަކައި މަތިވެރި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅުންނެނެވެ. ކާނަލް (ރިޓަޔަރޑް) އަޙްމަދު ޖިހާދާއި، ކާނަލް އިސްމާޢީލް ޝަރީފާއި، ކާނަލް އިބްރާހީމް ޙިލްމީއާއި، ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ހަވަލެވި ޢަބްދުލްޣަނީއާއި، ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް އަފްޒަލާއި، ފަސްޓް ލެފްޓިނަންޓް (ރިޓަޔަރޑް) ގްރޭވޫލް މުޙައްމަދު ނަޢީމާއި، ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ކަނޑިތީމު ޙުސައިން ފަދަ ބޭފުޅުންނަކީ ކޯސްޓްގާޑުގެ ޅަފަތުންސުރެ ތަރައްޤީގެ ހަރުފަތްތަކަށް ވާސިލުކޮށްދިނުމުގައި އާދަޔާޚިލާފު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ. މީގެއިތުރުން ކާނަލް މުޙައްމަދު އިބްރާހީމާއި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލާއި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމާއި، ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝާހިދު ކޯސްޓްގާޑުގެ ކޮމާންޑަރުގެ މަޤާމުގައި ކުރައްވާފައިވަނީ ވަރަށް އަގުހުރި މުހިންމު ޚިދުމަތްތަކެކެވެ. މިވަގުތު ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަޤާމުގައި ހުންނެވީ ކާނަލް މުޙައްމަދު ސަލީމާއި ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް އަޙްމަދު މުޖްތަބާ މުޙައްމަދުގެ މާލިމީ ކަމުގައި ކޯސްޓްގާޑު ކުރަމުންދާ ދަތުރަކީ ނިޔާމަ ދަތުރެއްކަމުގައި ލައްވާށިއެވެ.

ވޭތުވެދިޔަ 40 އަހަރަށް ބަލާލާއިރު، އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި ހޯދާފައިވާ ކާމިޔާބީއެވެ. އަދި ވަސީލަތުގެ ގޮތުން ހޯދާފައިވާ ކުރިއެރުމާއި، ކޯސްޓްގާޑުގެ ފްލީޓް ބޮޑުކޮށް ޚިދުމަތް ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތެވެ. މިގޮތުން ބަލާއިރު ކޯސްޓްގާޑާ ގުޅުންހުރި ތަފާތު ފަންނީ ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުދީ މީހުން ގެންދަނީ ބިނާކުރަމުންނެވެ. ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ބިނާކޮށް، ބައިނަލް އަޤްވާމީ އަދި ޤައުމީ ސަނަދުގެ ފެންވަރަށް ކޯސްތައް ފަރުމާކޮށް ދަނީ ހިންގަމުންނެވެ. އެ ސްކޫލުން ހިންގާ ކޯސްތަކުގެ ތެރޭގައި ކޯސްޓްގާޑް ބޭސިކް ކޯހާއި، ސާރޗް އެންޑް ރެސްކިޔު ކޯހާއި، ބޭރުގެ އަސްކަރިއްޔާތަކަށް ހުޅުވާލައިގެން ބައިނަލް އަޤްވާމީ ފެންވަރުގައި ހިންގާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯސް ފާހަގަކޮށްލެވެއެވެ. އަދި ކޯސްޓްގާޑް ސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން މަތިކޮށް ފެންވަރު ދެމެހެއްޓުމަށް ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ފަރިތަކުރުންތައް ކުރިއަށްގެންދާ ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ ފާހަގަކޮށްލެވެއެވެ. ދޯސްތީ އެކްސަސައިޒަކީ 1991 ވަނަ އަހަރު ދިވެހި ސިފައިންނާއި އިންޑިއާގެ ކޯސްޓްގާޑު ގުޅިގެން ރާއްޖޭގައި ހިންގަންފެށި ތަމްރީނެކެވެ. 2018 ވަނަ އަހަރު ބޭއްވީ ދޯސްތީގެ 14 ވަނަ އެކްސަސައިޒެވެ. މިހާރު އެ އެކްސަސައިޒްގައި އަވަށްޓެރި ސްރީލަންކާގެ ކޯސްޓްގާޑުން ވެސް ދަނީ ބައިވެރިވަމުންނެވެ.

ބޭރުގެ އަސްކަރިއްޔާތަކުގެ އެހީގައި ކޯސްޓްގާޑުގެ ޚިދުމަތް ހަރުދަނާކޮށް އޮޕަރޭޝަނަލް ޤާބިލްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ދިވެހި ދައުލަތުން ވެސް ކޯސްޓްގާޑުގެ ޚިދުމަތް ޚާއްޞަ އިސްކަމެއް އަބަދުވެސް ދެއްވައެވެ. ދެއްވާކަން މިގޮތުން އާ އުޅަނދުފަހަރާއި ވަސީލަތްތައް ހޯދައިދެއްވުމުގެ އިތުރުން މީހުން ބިނާކުރުމަށް ދެއްވާ އިސްކަން ފާހަގަކުރެވެއެވެ. މިއަދު އެއް ދާއިރާއަކުން އެންމެގިނަ ފަންނީ މީހުން އެމްއެންޑީއެފްގައި ބިނާކުރެވިފައިވާ ދާއިރާއަކީ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ޚިދުމަތެވެ. މިއީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ދެ ޖިންސުގެ ޒުވާނުންނަށް ވެސް ތަފާތު ފަންނީ ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުސަތު އޮތް ޚިދުމަތެކެވެ. މިގޮތުން ބަލާއިރު، ނެވިގޭޝަން ނުވަތަ ނިޔަމިކަމާއި މާލިމީކަން، ޑައިވިންގ އެންޑް ސެލްވޭޖް، ސާރޗް އެންޑް ރެސްކިޔު، މެރިން އިންޖިނިއަރިންގ، ކިމިއުނިކޭޝަން، ގަނަރީ، ކަލްނަރީ، އޯޝަނަ ގްރަފީ، މީޓިއޮރޮލޮޖީ، ބޯޑިންގ، މެޑިކަލް، ނޭވަލް އާކިޓެކްޗަރ އަދި މެރިޓައިމް ލޯ ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ޕައިލެޓްކަމާއި، އެއަރ ކްރާފުޓް އިންޖިނިއަރކަމާއި، އެކްރޯ ޑައިނަމިކްސްގެ ދާއިރާއިން ވެސް ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ކޯސްޓްގާޑުގައި ދޮރުތައްވަނީ ހުޅުވިފައެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ކޯސްޓްގާޑުން ކުރަމުންދާ އެންމެ ޚާއްޞަ މަސައްކަތަކީ މިދާއިރާއިން އާންމު ރައްޔިތުން ހޭލުންތެރިކުރުމެވެ. 1996 ވަނަ އަހަރު ކޯސްޓްގާޑުން މަސްވެރިން ހޭލުންތެރިކުރުމަށް ފެށި މެރިޓައިމް ސޭފްޓީ ޕްރޮގްރާމްތައް ދަތުރުވެރިންނާއި ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން ރިސޯޓްތަކަށް ވެސް މިހާރުވަނީ ފުޅާކޮށްފައެވެ. ހަމައެހެންމެ މިއަދުގެ ކިޔަވާ ދަރިވަރުންނަކީ ތިމާވެށްޓަށް ހޭލުންތެރި ދަރިވަރުންތަކަށް ހެދުމަށް ވެސް ކޯސްޓްގާޑުން ތަފާތު ގިނަ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

ކޯސްޓްގާޑުގެ މޮޓޯގައިވާގޮތަށް "އަބަދުމެ ތައްޔާރު" ގައި ތިބޭ ކޯސްޓްގާޑު ސިފައިންގެ އެންމެ މުހިންމު އެއް އަސާސަކީ އަސްކަރީ ގޮތުން ޤާބިލު ހުޝިޔާރު ބަޔަކަށްވުމެވެ. ދިވެހިރާއްޖެއަށް އަތުވެދާނެ ކޮންމެ އުދުވާނަކާ ކުރިމަތިލައި ދުޝްމަނުންނާއި ބަޣާވާތްތެރިން ބަލިކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާ އިސްތިޤުލާލު ރައްކާތެރިކުރުމެވެ. އަދި މިކަމަށްބޭންވާ ޢިލްމާއި ހުނަރު ތަރައްޤީކޮށް، ރާއްޖޭގެ ކަނޑުފަޅުތަކަށާއި މޫސުންތަކަށް ފަރިތަ ބަޔަކަށްވުމެވެ.

ކޯސްޓްގާޑުގެ ޚިދުމަތަށް 40 އަހަރު ފުރޭއިރު، ފެންނަން އޮތީ ދިވެހި އަސްކަރިއްޔާއާއި ކޯސްޓްގާޑު ފަޚުރުވެރިވާފަދަ މާޒީއެކެވެ. އެބައެއްގެ އަމިއްލަ އެތައް ކަމެއް ޤުރުބާންކޮށް ރާއްޖޭގެ ބިޔަ ބޮޑެތި ކަނޑުތަކުގައާއި ގިރިފަރުތަކުގައި ކުދިކުދި ލޯންޗުފަހަރުގައި ކުރި އަގުހުރި ޤައުމީ ޚިދުމަތެވެ. މިއަދު މިދެކޭ ދިވެހި އަސްކަރިއްޔާގެ ކަނޑުމަތީގެ ބާރަށް ކޯސްޓްގާޑު ހެދުމަށްޓަކައި ރެއާއި ދުވާލު ވާރެއާއި އަވީގައި ދިވެހި ދަރިންތަކެއް ވެފައިވާ މަތިވެރި ޤުރުބާނީއެވެ.
.

No comments: