Saturday, January 25, 2020

އިޚްލާޞްތެރި ހެޔޮ ދުޢާ

 


ޢަބްދުﷲ ސަޢީދު

 

ކޮރާނާ ވައިރަސް ޑިޒީޒް (ކޯވިޑް-19) ދިވެއްސަކަށް ޖެހުނު ޚަބަރާއެކު އަޅުގަނޑުގެ ދެ އަތް އުފުލާ ﷲއަށް އިބުތިހާލުވެ މިދަނީ ދުޢާ ދަންނަވަމުންނެވެ. އަޅުގަނޑުމެންގެ އަޚާ/އުޚުތާ އަށް އަވަސް ޝިފާއެއް ދެއްވުން އެދިއެވެ. އޭނާއަށާއި އާއިލާއަށް ހެޔޮ ތަޢުފީޤާއި ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. ފުރިހަމަ ޞިއްޙަތާ ޢާފިޔަތުގައި ލައްވާށިއެވެ. ބަލީގައި ބޮޑުވަރުނުވެ އަވަސް މުއްދަތެއްގައި ބަލިން ނަޖާކުރައްވާށިއެވެ. އަޅުގަނޑުގެ ފުރިހަމަ އުންމީދާއި ޔަޤީންކަން ﷲޢަށް އެބައޮތެވެ.

 

އަޚާ/އުޚުތާ އެވެ. އަޅުގަނޑުމެން އެންމެން ވަނީ ތިބާއާއެކުގައެވެ. މުޅި ދިވެހި އުންމަތުގެ ހެޔޮ ދުޢާ ތިބާއާއެކުގައި ވެއެވެ. އަޅުގަނޑުމެން މިތިބީ ތިބާއަށް ހެޔޮދުޢާކުރުން މަތީގައެވެ. މިއީ އެއް ބައެކެވެ. އެއް ހަށިގަނޑެކެވެ. ތިބާއަށް ވެސް މިކަން އެނގޭނެއެވެ. އަޅުގަނޑުމެން އެންމެން ތިބޭނީ ތިބާއާއެކުގައެވެ. ތިބާއަކީ ދިވެހި އިސްލާމީ ހަށިގަނޑުގެ އެއް ގުނަވަނެވެ. ތިޔަ ގުނަވަނުގައި އަޅާ ކޮންމެ ވޭނެއް މި ވަޠަނުގައި އަޅާނެއެވެ. މިއީ އެއްބައިވަންތަ އަދި އެއްބައެއްވަންތަ ބައެކެވެ. އާދެ! ދިވެހީންނެވެ.

 

މިއީ އުނދަގޫ ވަގުތެކެވެ. މި ބަލީގެ ނުރައްކާތެރިކަމަށްޓަކައި އައިސޮލޭޓް ކުރެވިފައިވާ މީހުންނާއި ކަރަންޓީނު ކުރެވިފައިވާ މީހުންވެސް އެވަނީ މަތިވެރި ގުރުބާނީއެކެވެ. ތިޔަ ކެތްތެރިކަމުގައި ވަނީ ޤައުމާއި ރައްޔިތުންގެ ސަލާމަތެވެ. ތިޔައީ ވެސް ދިވެހި އިސްލާމީ ހަށިގަނޑުގެ ގުނަވަންތަކެކެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަޅުގަނޑުމެންގެ ތެރެއިން ޒުވާނަކު މި ނުރައްކާތެރި ކޯވިޑް ބައްޔަށް ފައްސި ވެއްޖެއެވެ. މި ހަގީގަތާ ކުރިމަތިލުން ނޫންގޮތެއް ނެތެވެ. މިއަދު އޭނާއެވެ. މާދަމާ އަޅުގަނޑު ނޫންކަމެއް ވެސް ނޭނގެއެވެ. ދުނިޔޭގެ ނަން މަޝްހޫރު ޤައުމުތަކުގެ އެންމެ އިސް ވެރިން ވެސް މި ބައްޔަށް އެ ދަނީ ފައްސިވަމުންނެވެ. މިއަދު އޮތް ގޮތަކީ ރައްކާތެރިކަމަށްޓަކައި އެޅެއްހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ. ފަރުދީ ޒިންމާއަށް އިހުމާލުނުވުމެވެ. ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކުގައި ހިފުމެވެ. ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމެވެ. ބޭރުތެރެއަށް ނުނިކުމެ ގޭގައި މަޑުކުރުމެވެ. ކެއްސާ ކިނބިހިއަޅާއިރު އަގަޔާއި ނޭފަތް ނިވާކުރުމެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހުން މާސްކު އެޅުމެވެ. ބައްޔަށް ޝައްކުވާނަމަ 1676 މި ނަންބަރަށް ގުޅާ މަޢުލޫމާތު ހިއްސާކުރުމެވެ. އެ ފަރާތުން ދެއްވާ އިރުޝާދުތަކާއެއްގޮތަށް ޢަމަލު ކުރުމެވެ.

 

މި ވަގުތަކީ ހިތްވަރު އެލުވާލަންވީ ވަގުތެއް ނޫނެވެ. މިއީ އާ ހިތްވަރަކާއެކު ތެދުވާންވީ ވަގުތެވެ. ބަލި މީހުންނަށާއި ޝައްކުކުރެވޭ މީހުންނަށާއި އަޅުގަނޑުމެންނަށްޓަކައި އެންމެ ކުރީ ސަފަށް ނިކުމެ މަސައްކަތްކުރަމުންދާ ޚިދުމަތްތެރިންނަށް ހިތްވަރުދޭންވީ ވަގުތެވެ. ﷲ އަށް ދުޢާ ދެންނެވުން އިތުރުކުރާންވީ ވަގުތެވެ.

 

ތިމާމެންމެ އަމިއްލަ ނަފްސުތައް ނުރައްކަލަށް ހުށަހެޅިގެންދާފަދަ ހާލަތްތަކުގައި ދީނީ އަދި ޤައުމީ ވާޖިބު އަދާކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންނަށާއި ޞިއްޙީ ޚިދުމަތްތެރިންނަށާއި ދިވެހި ސިފައިންނަށް އައްސަރިބަހާއި ސާބަހެވެ. ދިވެހި އުންމަތް ތިޔަ ބޭފުޅުންނަށްޓަކައި ފަޚުރުވެރިވެއެވެ. ތިޔަ ބޭފުޅުންގެ ހަށިތަކުގައި ހިނގަމުންދާ ހިތްވަރާއި ޢަޒުމް ވަރުގަދަ އިޚްލާޞްތެރި ލެއަށް މި ފަސްގަނޑު ޝުކުރުވެރިވެއެވެ. މި ފަޒާ އުފާކުރެވެ. މި ކަނޑުތައް ސަނާކިޔައެވެ. ދިވެހިން އިސްލާމީ ވަޠަން ފަޚުރުވެރިވެއެވެ. ތިޔަފަދަ ޚިދުމަތްތެރި ދަރިންތަކަކަށް ތިޔަ ބޭފުޅުން ވީތީއެވެ.

No comments: