Thursday, January 16, 2020

ޖަމާޢަތުގެ އެހީތެރިން


 

ޢަބްދުﷲ ސަޢީދު

 

އަޅުގަނޑު އިނީ ބިންމަތީގައި ފައި ވަށްކޮށްލައިގެން އިށީންދެގެންނެވެ. އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައިންނެވެ. ރަށުގެ ކުދިބޮޑު ވަރަށް ގިނަ ބަޔަކު އެތަނަށް އެއްވެފައި އޮތެވެ. ދޭތެރެދޭތެރެއިން ހަޅޭއްލަވައިގަނެއެވެ. ފޯރިއަރަނީއެވެ. ބިނދިބިނދިފައި ހޭފަހަރާއި މުޅިތަން ހިމޭންވާ ފަހަރެވެ. 

 

ކުއްލިއަކަށް ހުރިހާ އެންމެން ކަހަލަ ގޮތަކަށް ހަޅޭއްލަވައިގަތެވެ. އިންސާނެއް ވަރުގެ ބޮޑު މެއްސެކެވެ. ވަޅުނުޖަހާ އަތިރިއަށް ގޮސްފައިހުރި ތަނެއްގައި ޖެހިގަތީއެވެ. ދެން އުދުހިފައި އައިސް ޖެހިގަތީ މަތިނުޖަހާ ހުރި ނިކަންބޮޑު ބުއްފުޅިއެއްގައެވެ.

 

މުޅިންތަން ހިމޭންވިއެވެ. އެ ހިމޭންކަން ފޫދުއްވާލީ ފޮތިނެޕީ ޖަހާފައިހުރި އޮތް ބޮޑު ފިރިހެނެއް ރޮއިގަން އަޑެވެ. ނޫނެކެވެ. އެއީ އެ ތަމުސީލުގައި ތުއްތު ކުއްޖެކެވެ. އެ ތުއްތު ކުއްޖާ ރޯންފެށި އަޑަށް މަންމަ އައިސް ބުއްފުޅި ޖެއްސިއެވެ. ކުއްޖާ ހުއްޓާލައިފިއެވެ. އަޑުލައްވަމުން އުފަލުން އޮވެ ބުއްފުޅި ބޮނީއެވެ. އިރުކޮޅެއް ނުވެ ފުޅި އެއްލާލާފައި ރޯން ފަށައިފިއެވެ. ވީގޮތެއް މަންމައަކަށް ވެސް ނޭނގުނެވެ. ބަނޑެއްގައިވެސް ރިހެން ފަށައިފިއެވެ. އިންނަން އޮންނަން ނުލިބެއެވެ. ނެޕީ ބަލާލިއިރު ސީލެވިފައެވެ. ދޮށްވައިފިއެވެ. ދެން ފެންނަނީ ދޮށްވާ ތަނާއި ލެވޭތަނެވެ. އެންމެން ބާރަށް ހެނީއެވެ. މަންމަ އާ ދަރިފުޅު އުޅޭ ގޮތް ވަރަށް މަޖަލެވެ.

 

އިރުކޮޅަކުން ބޭފުޅަކު ނުކުންނަވާފައި ވިދާޅުވިއެވެ. މިއީ މަޖާކަމެއް ނޫނެވެ. މިހެން ބޭރަށް ހިންގައިގެން އެތައް ކުދިންނެއް އަޅުގަނޑުމެންގެ ތެރެއިން މި ދުނިޔެ ދޫކޮށްފިއެވެ.... ހަނދާންވާ ގޮތުން އެ ބޭފުޅާގެ ނަމަކީ ޚަލީލުއެވެ.

 

ތެދެކެވެ. އެއީ މަޖާކަމެއް ނޫނެވެ. އެކަމަކު އަޅުގަނޑުމެންނަށް އެ ތަމުސީލުތައް ވަރަށް މަޖަލެވެ. ކުރީގެ ބާ އަތޮޅުގެ ގޯތިތެރޭގައި އެރޭ އެ ދައްކާލި ތަމުސީލުތައް ފަދަ އެތައްއެތައް ތަމުސީލެއް އެ ދުވަސްވަރު މަނަދޫއަށްދިޔަ ޕަބްލިކް ހެލްތުގެ ހިތްވަރުގަދަ ހުނަރުވެރި ޓީމުތަކުން ހުށަހަޅައެވެ. ފުރަތަމަ އެފަދަ ޓީމުތައް ދިޔައީ ވެކްސިން ދަތުރު ތަކުގައެވެ. ފަހުން ތަފާތު ވޯކްޝިޕްތައް ހިންގާށެވެ. ވޯކްޝޮޕްތައް ފަށުމަށާއި ނިންމުމަށް ވަރަށް ކުލަގަދަ ޖަލްސާއެއް ބާއްވައެވެ. އެފަދަ ޖަލްސާއެއްގައި ކީރިތި ޤުރުއާން ކިޔަވަން އަޅުގަނޑަށް ލިބުނެވެ. ޕޯޑިޔަމުމަތިން ބޯ އަރަނީ ކިރިޔާއެވެ. އެ ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ރައީސް ނާޞިރުގެ ކުރީގެ އަނބިކަނބަލުން ނަސީމާ މުޙައްމަދެވެ. ކުރީގެ އެ މަހާރެހެންދި އަކީ އަޅުގަނޑު މިހާރު ދަންނަ ރަޙުމަތްތެރި ބޭފުޅެކެވެ.

 

އެ ދުވަސްވަރަކީ ކޮމިޔުނިޓީ ހެލްތު ވޯކަރުންނާއި އާއިލާ އެހީތެރިންގެ ޒަމާނެވެ. އައުޓްބްރޭކު ތަކުގައި ވަޅުވަޅަށް ގަވާއިދުން ކޮލޮރިން އަޅައެވެ. ބަލިމީހުންގެ ގޭގެއަށް "ސެންޓަރު" ޒިޔާރަތް ކުރެއެވެ. އައިވީ ގުޅާނީ ބަލިމީހާ ގޭގައި އޮއްވައެވެ. އައިވީ ހުސްވާއިރަށް ގެއަށް އައިސް ފުޅި ހަދަލުކޮށްލަ ދޭނެއެވެ. ދޭތެރެ ދުރުކުރާނެ ގޮތް ކިޔައިދެއެވެ. ޓީބީ ބަލިމީހާ ކައިރިއަށް ގޮސް ގަވާއިދުން ބޭސް ކާންދެއެވެ. މާބަނޑު މީހުން ބަނޑުގައި ރިހެންފެށީމާ ފޫޅުމަޔާ ސެންޓަރާ ދެމީހުން ގެންނަން ޖެހެއެވެ. ފޫޅުމައިން ވިއްސަން އުޅޭއިރު ގޭގައި ސެންޓަރު އިންނާނެއެވެ. ކަމެއް ގޯސްވެއްޖެއްޔާ އެތެރިގޭތެރެއަށް ވަދެ ފޮތިގަނޑުގެ އަނެއް ފަރާތުގައި ހުރެގެން ހަދަންވީގޮތް ކިޔައިދެއެވެ.

 

އެއީ އަޅުގަނޑުމެންގެ ތެރޭގައި އާންމު ހޭލުންތެރިކަން ކުޑަ ޒަމާނެކެވެ. އެހެންވެ ހޭލުންތެރިކަން އަށަގަންނުވަން ކުރަންޖެހިފައި އޮތީ ބޮޑު ހަނގުރާމައެކެވެ. ނަމަވެސް ދަންނަވަން އޮތް ހަގީގަތަކީ އެ ހަނގުރާމަ އެކަމުގައި އުޅުއްވި ބޭފުޅުން ކާމިޔާބު ކުރެއްވި ވާހަކައެވެ. ވަސީލަތްތައް ނުހަނު މަދު، ހޭލުންތެރިކަން ނުހަނު ދަށް ދުވަސްވަރެއްގައެވެ. ބަޖެޓު ކުޑަ ދުވަސްވަރެކެވެ. ދަތުރުފަތުރު ދަތި ދުވަސް ވަރެކެވެ.

 

ކޮމިއުނިޓީ ހެލްތު އެޑިއުކޭޝަން ދެއްވަން އުޅުއްވި ބޭފުޅުންނާއި އަތޮޅު ތެރެއިން އެބޭފުޅުންނަށް އެއްބާރުލުން ދެއްވި ކޮމިޔުނިޓީ ހެލްތު ވޯކަރުންނާއި އާއިލާ އެހީތެރިންގެ މުހިންމު ދައުރު ފާހަގަކުރަންޖެގެނީ ޝުކުރުވެރި ހިތަކުންނެވެ. އެ ބޭފުޅުގެ އިޚްލާޞްތެރި ޚިދުމަތް ވަޒަން މި ކުރެވެނީ އޭގެތެރެއިން ފާހަގަ ކުރެވޭ އެތައް ޚިދުމަތްތެރިންނެއް އަޅުގަނޑުމެންނާ ވަކިވި ފަހުންނެވެ.

No comments: