Tuesday, January 7, 2020

އައްސަވަމުން ތިޔަގެންދަވަނީ ދިވެހިރާއްޖޭގެ އަޑު


ލިޔުނީ: ޢަބްދުﷲ ސަޢީދު 
 
 
ފަތިހު ހާގޮވާ އަޑާއި ކޮވެލި ގޮވާއަޑެވެ. އެކަމަކު އެއީ ރޭޑިޔޯއިންނެވެ. ބައެއް ރޭރޭ ރަށުތެރޭގެ އަޑާއި އެއަޑާ އެކުވެއެވެ. ގިނަ ރޭރޭ ނިދިން ހޭލެވެނީ އެއަޑަށެވެ. ބައެއް ރޭރޭ ނިދި ގަދަވެފައި އޮވެވުނަސް ކީރިތި ޤުރުއާނާއި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގެ އަޑުއިވިއިވި ހުރެއެވެ. އުސްތާޛުލްޖީލް، އަލްމަރުޙޫމް މުޙައްމަދު ޖަމީލުދީދީގެ އަޑުފުޅުން އަންނަ ތަރުޖަމާގައި އަޑުއަހާހިތްވާ ގޮތެއް ހުރެއެވެ. ކޮންމެ ދުވަހަކު އަަޑުއިވިއިވި ކީރިތި ޤުރުއާނުގައި ހުންނަ ބައެއް ހާދިސާތައް ހިތުދަހެވެ. މޫސާގެފާނާއި ހިޟްރުގެ ފާނުގެ ވާހަކައެވެ. ޛުލްޤަރުނައިނި ރަސްގެފާނުގެ ވާހަކައެވެ. ނޫހުގެފާނުގެ ނައުކޮޅުގެ ވާހަކައެވެ. މަންނައާއި ސަލްވާގެ ވާހަކައެވެ. މިހެންގޮސް ކިތަންމެ ކިތަންމެ ވާހަކައެކެވެ.

ކުއްލިއަކަށް އިވެން ފަށަނީ ފޯރިގަދަ ބޮޑުބެރު ލަވައެކެވެ. "ދަންކުޑަވެލީމާ ތެދުވޭ ތަންވަޅު ބަލާފާ ކެޔޮޅާ" ފަދަ އެތައް ލަވައެވެ.

އޭރު ވަރަށް ފޫއްސެވެ. އެ ގަޑި ދިމާވަނީ ސްކޫލަށްދާން ފެންވަރަން ގިފިއްޔަށް ވަންނަގަޑިއާއެވެ. އެ ލަވައާއެކު ބާއްޖަވެރި ހެނދުނެއް ފެށުނީއެވެ. ދެމާނަ އެކުލެވޭގޮތަށް ބަދުރުބެއާއި ސަމަރުބުލޫ އިބްރާހީމް މަނިކު އޭރު އެދައްކަވާ ވާހަކަތައް އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނެއެވެ. އެކަމަކު އަބަދުވެސް ބަދުރުބޭ ހުންނަގޮތެއް ދެކިލާހިތްވެއެވެ. އޭގެ އެތައް އަހަރެއް ފަހުން ބައްދަލުވެ ދަންނަ ބޭފުޅަކަށް ވިއެވެ. އެއީ އަޅުގަނޑުގެ ރަޙުމަތެރި ނިޔާގެ ބައްޕައެވެ. ހަމަ ވަރަށް ތަފާތު ބޭފުޅެކެވެ.

ބާއްޖަވެރި ހެނދުނަކަށްފަހު ދެން އަންނަނީ ރޭޑިޔޯ ހަވީރެވެ. ހަފުތާގެ އެއްދުވަހު އާންމު ޞިއްޙަތެވެ. ގޭގައި ލޮނުފެން ތައްޔާރުކުރާނެ ގޮތް ދަސްވިއެވެ. އަނެއްދުވަހު ތާރީޚާ އާދަކާދައެވެ. މަރުޙޫމް ބާބާގޭ ދޮންމަނިކުމެން އޭރު ނުފެނަސް އަޑުން ވަރަށް ފަރިތައެވެ. އަނެއް ދުވަހު ދިވެހިބިމުންނެވެ. ކާދު ތައްޔާރުކުރާނެ ގޮތް އެނގުނެވެ. ހުކުރު ދުވަހު މުދައްރިސުންގެ ދުނިޔެއެވެ. ސްކޫލަށްދާން ގެއިން ނުކުންނައިރު އަންނަ ރޭޑިޔޯ ހަވީރުގެ ޕްރޮގްރާމު ތަކަކީ ދުރުންދޭ ތައުލީމުގެ ބޮޑު ސިލްސިލާ އެކެވެ. ދުވަސް ވަރަކީ 1980ގެ އަހަރުތަކެވެ. އެއީ ރޭޑިޔޯގެ ރަންޒަމާނެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށީ އަމިއްލަގޮތުންނެވެ. އެއީ މާލޭ ރޭޑިޔޯގެ ނަމުގައި 29 ޑިސެންބަރު 1962ގައެވެ. ސަރުކާރުގެ ފަރާތުން ރޭޑިއޯ ހިންގަން ފެށީ 11 ސެޕްޓެންބަރު 1966ގައެވެ. ރޭޑިއޯ މޯލްޑިވްސްގެ ނަން ދިވެހިރާއްޖޭގެއަޑު ގެ ނަމަށް ބަދަލުވީ 19 ޖަނަވަރީ 1980ގައެވެ.

"އައްސަވަމުން ތިޔަގެންދަވަނީ ދިވެހިރާއްޖޭގެ އަޑު" މިހެން ބުނުމާއެކު އިވެން ފަށާނީ ހިތްގައިމު މިއުޒިކެކެވެ. "ކީރިތި ރަސޫލާގެ ސިޔަރަތު"، އެހެން އެ ވިދާޅުވާ މަރުޙޫމް ހާޖަރާގޭ ތަޢުފީޤުގެ ހިތްގައިމު އަޑާއި ރާގާއި މަޚުރަޖުގަނޑާއެކު ސިޔަރަތުގެ ތެރެއަށް ގެންބިގެން ދެއެވެ. ބޮޑު އުނދޯލީގައި ބައްޕަ އިންނަވަނީ ރޭޑިޔޯ އަރިއަހުގައި ބަހައްޓަވައިގެން ސިޔަރަތު އައްސަވާށެވެ. މަންމަ ބަދިގޭގައި އުޅުއްވާއިރު ކުޑަ ރޭޑިޔޯއެއް ބަދިގޭގައި ހުރެއެވެ. އަބޫބެ އިންނަވަނީ ފިހާރައިގައި ރޭޑިޔޯއިން ސިޔަރަތު އައްސަވާށެވެ. ގޭގެ ކޮންމެ ތާކަށް ދިޔަޔަސް ކޮންމެ ކުޅިވަރެއްގައި އުޅުނަސް މެދުނުކެނޑި އަޅުގަނޑަށް ސިޔަރަތު އިވެއެވެ. މަންމަ ބުނުއްވައިގެން ކާފަމެންގެއަށް ދިޔަޔަސް މެދުނުކެނޑި ސިޔަރަތު އިވޭނެއެވެ. ކޮންމެ ގެއަކުންނާއި ކޮންމެ އަޅޯވަށްޓަކުން ވެސް އިވޭނީ ސިޔަރަތެވެ. ކޮންމެ ރޯދަމަހަކު އެގޮތަށް ސިޔަރަތު އިވިއިވި އިސްލާމީ ތާރީޚުގެ އެންމެ މުހިންމު ވާހަކަތައް ހިތުދަހެވެ. ދީނީ ތަރުބިއްޔަތު ފޮތެއް އޮތެއް ކަމަކު އެއިން ދަސްކުރަންޖެހޭ އެއްޗެއް ނޯވެއެވެ.

މިއީ އެހާރާއި މިހާރުގެ ވަރަށް ބޮޑު ތަފާތެކެވެ. އަޅުގަނޑުމެންގެ ދަރިންނަށް ބަދުރު ހަނގުރާމައާއި އުހުދު ހަނގުރާމައިގެ ވާހަކަތައް ހާދައަލެވެ. އަބޫބަކުރުގެ ފާނާއި ޢުމަރުގެފާނާއި ޢަލީގެފާނާއި އުސްމާނުގެފާނުގެ ހަގީގީ ޝަޚްޞިއްޔަތެއް ނޭންގެއެވެ. ފޮތުން ދެލިގަނޑު ދަސްކުރެއެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެ ބޭބޭފުޅުންގެ ޝަޚްޞިއްޔަތު ރޭޑިޔޯއިން ބިންވަޅު ނަގައިދިން ގޮތަށް އެކަން ކުރާނެ ވަގުތެއް، ފުރުސަތެއް މިއަދު ނެތީތާއެވެ.

ހުކުރު ދުވަހު ނުވައެއް ޖެހުމާއެކު އަންނަ ފިނިމައިޒާނުން ބޮޑު ތަކުރުފާނު ވާހަކައާއި އަމީރުހަމްޒާ ވާހަކައާއި ސައިފް ރަސްގެފާނު ވާހަކަފަދަ އެތައްއެތައް ދިގު ވާހަކަތަކެއް ތަކުރާރުކޮށް އަޑުއެހީމެވެ. ހުކުރުވިލޭރޭ ފޮނުވާ ރޭޑިޔޯ ތަމުސީލުން އެންމެ ކަމުދިޔައީ މާވަހަރު ކިޔާ ޑްރާމާއަކާއި ނެގިގާގަނޑެވެ. ނެގިގާގަނޑު، އެންމެ ކަމުދިޔައީ ދުވަސްވަރުގެ ހާދިސާތަކާ ގުޅުވާލާފައި ހުންނަލެއް މޮޅުކަމުންނެވެ. ދިވެހިބަސް ދިވެހިކުރުމާއި ވަޅޯމަސް ވަޅޯކުރުން ފަދަ ކަންކަން ގުޅުވާލާ ގޮތުންނެވެ.

"ޑްރާމާ ލިޔެ އުފެއްދީ އަޅުގަނޑު ޔޫސުފް ރިޔާޒު ނައިފަރު" އެ އަޑުގެ ވެރިޔަކީ މިއަދު އަޅުގަނޑުގެ ރައްޓެއްސެކެވެ. އޭރު އެންމެ ބައްދަލުކޮށްލަން ބޭނުންވި އެއް ޝަޚްސިއްޔަތެވެ. ރޯދަމަހު މެންދަމު ފުޅިއެއްގައި ސަމުސަލުން ތަޅާލާ އަޑާއެކު "ލޯބީގެ ދަރުބާރު" ޔޫސޭ ކިޔާލާ ގޮތަށް އެއްފުރާ ކުދިންނާއެކު ކިޔާކުޅެމެވެ.

ފަލަސްތީނުގެ ރައީސް އައްސައްޔިދު ޔާސިރު ޢަރަފާތު ރާއްޖެ ވަޑައިގެންނެވި ދުވަހަކީ ޚާއްޞަ ދުވަހެކެވެ. ރޭޑިޔޯއިން އެފަދަ ދުވަސްތައް ވަގުތުން ސިފަކޮށްދޭ ގޮތުން ހީވަނީ އެތަނުގައި ހުރެވޭހެންނެވެ.

"ޝުކުރިއްޔާ މިންނާ" މިއީ ވަގުތުން ފޮނުވާ ޕްރޮގްރާމު ތަކުން އިވިއިވި ކަންފަތުގައި ހަރުލައި، ދުލުކުރީގައި އޮންނަ ޖުމުލައެކެވެ. މީހަކަށް ޝުކުރު އަދާކުރާއިރު މަޖަލަކަށް ބައެއް މީހުން ބުނެވެސް ލައެވެ. މިންނާދައްތައާއި، ހަފުސާ ދައްތައާއި، ނަޖުމާ ދައްތައާއި، މޫމިނާދައްތައާއި ޝަރުމީލާ ދައްތަމެން ހީވަނީ ހަމަ އާއިލާގެ ދައްތަތަކެއް ހެންނެވެ. "އެބައުޅޭއެބައުޅޭ" ގައި ބައެއް ދައްތަތައް ޖަނަވާރުންނަށް ހެދިގެން އެޅުނަސް އަޑު ރީތިވެފައި ހިތްގައިމީއެވެ. ޑްރާމާ ތަކުގައި ލޯބީގެ ބައިތައްވެސް ކުޅެން މޮޅީއެވެ. އަޑުގައިވާ އަސަރާއި ޖަޒުބާތުން ހަގީގީ ދައްތައިންގެ ދަރަޖަ އޮތީ މާރަނގަޅަށް ވެސް ހޯދާފައެވެ.

އޭރު ޚަބަރު ވިދާޅުވާ ފިރިހެން ބޭފުޅުންގެ ތެރެއިން އަޅުގަނޑަށް އެންމެ ކަމުދިޔައީ އަޙްމަދު މޫސާއެވެ. މިއަދު އެއީވެސް އަޅުގަނޑު ދަންނަ ރައްޓެއްސެކެވެ. ވަރަށް ކަމުދާ ޝަޚްޞިއްޔަތެކެވެ. ރޭޑިޔޯއިން އިވުނު އަޑުގެ މައްޗަށް ހިތުގައި އޭރު ކުރަހާލެވުނު ޚިޔާލީ ޝަޚްޞިއްޔަތުންގެ ތެރެއިން އަސްލާ އެންމެ ވައްތަރުވީ އަމްސާއެވެ.

ހުކުރު ދުވަހު ދޭއްގެ ޚަބަރަށްފަހު ބޭރު ދުނިޔޭގެ ޚަބަރުތަކުގެ މައްޗަށް ބަލާލައި ތައްޔާރުކޮށް ފޮނުވާ ޕްރޮގްރާމުން އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއި މުޙައްމަދު ޖަވާދު ޔޫސުފުގެ ބޭރު ދުނިޔޭގެ ވާހަކަތައް އަހާފޫހިނުވެއެވެ. މައުލޫމާތު އެހާ މުއްސަންޖެވެ. ދޭއްގެ ޚަބަރަށްފަހު އެހެން ދުވަސް ތަކުގައި ފޮނުވާ ޢަލީ ޢަބްދުﷲގެ ޚަބަރު ފީތާ ކޮންމެހެން އަހާލަންޖެހެއެވެ. ޝައިޚް އުސްމާން ޢަބްދުﷲ ހުށަހަޅުއްވާ ފަރުޟު ޒަކާތާއި އާންމުކޮށް ޝައިޚް ޖަމީލްދީދީ ހުށަހެޅުއްވި 'އަލީގެމައްޗަށް އައްޔެއް" އަޑުއަހަން ކަމާކަންފަށާ ރޭޑިޔޯ ކައިރި ނީން ކަމުގައިވިޔަސް ބައެއް ފަހަރު ސަމާލުކަން ދެވެއެވެ.

ރޭގަނޑު އަށެއް ޖެހީއެވެ. "ފުޓްބޯޅަ އަށްޑިހަ ހަތެއް" މިއީ، ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ކުރިއަށްދާނަ ރޭގަނޑު އަށެއް ޖަހާއިރު ފޮނުވާ ޕްރޮގްރާމެކެވެ. "ފުޓްބޯޅަ" ކިޔުމަށްފަހު ދެން އޮންނަނީ އެ އަހަރުގެ ނަމެވެ. އަހަރު ބަދަލުވީމާ ޕްރޮގްރާމުގެ ނަމަށް އެ ބަދަލު އާދެއެވެ. ހަވީރު ފޮނުވި ކޮމެންޓްރީގެ މުހިންމު ތަންތަންކޮޅާއެކު ފޮނުވާ އެ ޕްރޮގްރާމު އަހަންވެގެން ބައެއް ރޭރޭ އިޝާ ނަމާދު ޖަމާޢަތުގައި ކޮށްފައި ގެއަށް އަންނަނީ ދުވެފައެވެ. ލަނޑުތައް ކެސެޓުން ރެކޯޑުވެސް ކުރަމެވެ. އެއީ ކުޑަ މޫސައާއި، ކަލީމާއި، ދޮންބިލެތާއި، މާއްޓޭއާއި ކުޑަ ހީނާއާއި ބޮޑު ޖަޑާމެންފަދަ ކުޅުންތެރިންގެ ރަން ޒަމާނެވެ. އެއްވެސް މީހަކު ލޮލަކަށް ނުފެނެއެވެ. އެއީ ކޮންކޮން ބައެއްކަން އަޅުގަނޑު ކަހަލަ ރަށްފުށުގައި އޭރު ބޮޑެތިވަމުންދިޔަ ކުދިންނަށް ބުނެދެމުން ދިޔައީ ރޭޑިޔޯ އިންނެވެ.

ދޭތެރެ ދޭތެރެއިން ބުނެއެވެ. "ތިޔަބޭފުޅުން އައްސަވަމުން ތިޔަ ގެންދަވަނީ ދިވެހިރާއްޖޭގެ އަޑެވެ." ތެދެކެވެ. އޭރުު އަޅުގަނޑުމެން އަހަމުން ގެންދިޔައީ ދިވެހިރާއްޖޭގެ އަޑެވެ. ކޮންމެ ރެއަކު ވަކިވުމުގެ ކުރިން ފެށުމަށް އެ ފޮނުވާ ރީތި ރާގާއި މަޑުމައިތިރި ހިތްގައިމު ލަވަތަކާއެކު ނިދިން ދެލޯ ބަރުވެއެވެ.

"އެންމެ ރަނގަޅު ނިންމުމަކީ ކީރިތި ޤުރުއާނުގެ ބަރަކާތުން ނިންމާ ނިންމުންކަން ކަށަވަރު. މިހިސާބުން އަޅުގަނޑުމެންގެ ޕްރޮގްރާމްތައް ވެސް ނިމުމަކަށް އައީ........" ކޮންމެ ރެއަކު އެތަކުރާރުކުރާ ޖުމުލައާއެކު ފެށޭ ކީރިތި ޤުރުއާނުގެ ހިމޭން ރީތި ކިޔެވުމުގެ އަޑާއެކު ގިނަރޭރޭ ނިދީގެ އަރާމަށް ދެލޯ މެރެއެވެ

1 comment:

voila said...

One of the best articles I came across in recent times. Anyone from the 80s or 90s can definitely relate to. Talk about nostalgia!
Great job!