Tuesday, December 5, 2017

ބިޓްކޮއިން


ޢަބްދުﷲ ސަޢީދު 

ބިޓްކޮއިންއަކީ ދުނިޔޭގައި ދައުރުވަމުން އަންނަ ކްރިޕްޓޯ ކަރަންސީ އެކެވެ. އަދި މިއީ މުޅި ދުނިޔެއަށް ފުޅާވެފައިވާ ޕޭމަންޓް ސިސްޓަމެކެވެ. ބިޓްކޮއިން ނޫނަސް ކްރިޕްރޯ ކަރަންސީ ހުރެއެވެ. ކްރިޕްރޯ ކަރަންސީއަކީ އެކަމަށް ޚާއްޞަ ޑިޖިޓަލް އެސެޓެއް މެދުވެރިކޮށް، ހިންގާ ޓްރާންސްސެކްޝަންތަަކަކުން އުފައްދާ ޑިޖިޓަލް ކަރަންސީ ނުވަތަ ވާޗުވަލް ކަރަންސީއެވެ. އެއީ އަތްލެވޭ ފައިސާއެއް ނޫނެވެ. ކްރިޕްރޯ ކަރަންސީގެ ތެރެއިން ބިޓްކޮއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގައި އާދަޔާޚިލާފު ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ބިޓްކޮއިންގެ އަގު ރަނުގެ އަގަށްވުރެވެސް މިއަދު ބޮޑެވެ. ބިޓްކޮއިންގެ ވިޔަފާރިއަކީ ފައިސާ އިންވެސްޓްކޮށްގެންނާއި ބިޓްކޮއިން ގަނެވިއްކައިގެން ފައިދާ ހޯދާ ވިޔަފާރިއެކެވެ.

ބިޓްކޮއިން ދުނިޔެއަށް ތަޢާރަފުވުމުގެ އަސްލަކީ 2008 އޮގަސްޓް 18 ވަނަ ދުވަހު ބިޓްކޮއިން.އޯގްގެ ނަމުގައި ރަޖިސްޓްރީކުރި ޑޮމައިންއެކެވެ. އެ އަހަރުގެ ނޮވެންބަރުމަހު ސަޓޯޝީ ނަކަމޯޓޯ ލިޔެފައިވާ ބިޓްކޮއިނާބެހޭ ކަރުދާހެއް އެ ވެބްސައިޓުގައި ހިމެނިއެވެ. ނަކަމޯޓޯ ތައްޔާރުކުރި ބިޓްކޮއިން ސޮފްޓްވެއަރ އާންމުކޮށް އެންމެންނަށް ހުޅުވާލީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ބިޓްކޮއިން ތަޢާރަފުވި ދުވަހެއްކަމުގައި ބަލަނީ 2009 ޖަނަވަރީ 3 ވަނަ ދުވަހެވެ. އެކަމަކު ބިޓްކޮއިންގެ ބާނީއަކީ ކާކުކަންވަނީ ސިއްރުކޮށްފައެވެ. ނަކަމޯޓޯގެ ނަމަކީ ޚިޔާލީ ނަމެއް ނުވަތަ އެނޮނިމަސްއެކެވެ. އެގޮތަށް ހެދީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންނާއި، މީޑިއާއާއި ސަރުކާރުތަކުގެ ކިބައިން ސަލާމަތްވުމަށްކަމަށް ވެއެވެ.

ބިޓްކޮއިން އިންވެސްޓް ކުރުމަށް ކުރަންޖެހެނީ ދެކަމެކެވެ. އެއީ ބްލޮކްޗެއިން ވޮލެޓެއް ކްެރިއޭޓްކުރުމާއި ބިޓްކޮއިން ގަތުމެވެ. ބިޓްކޮއިން ޕްރޮސެސްކުރުމަށް ބޭނުންކުރަނީ މައިނިންގ ނަމަކަށް ކިޔާ ޕްރޮސެސްއެކެވެ. މި ޕްރޮސެސްގެ ދަށުން ކޮމްޕިއުޓަރަށް 64 ޑިޖިޓުގެ އުނދަގޫ ހިސާބު މައްސަލައެއް ނިންމަންޖެހެއެވެ. ކޮމްޕިއުޓަރުން ނިންމާ ކޮންމެ މައްސަލައަކާއެކު ބިޓްކޮއިންގެ ބްލޮކެއް ޕްރޮސެސްވެގެންދެއެވެ. މި ބިޓްކޮއިންތައް ބެހެއްޓިފައި ހުންނަނީ ވާޗުއަލް ބިޓްކޮއިން އެޑްރެސްތަކެއްގައެވެ. މި އެޑްރެސްތަކުގެ ރެޖިސްޓްރީއެއް ނޯންނާތީ މައްސަލައެއް ދިމާވިޔަސް ކަމާބެހޭ ފަރާތްތަކަށް ބިޓްކޮއިން ބޭނުންކުރާ ފަރާތް ހޯދުމަކީ ފަސޭހަކަމެއްނޫނެވެ. މިއީ އެއްވެސް ޤައުމެއްގެ އެއްވެސް ބޭންކެއްގެ ކޮންޓްރޯލް އެއަށް ފޯރާ ފައިސާއެއް ނޫނެވެ. ބިޓްކޮއިނުން ބުނާގޮތުގައި ބިޓްކޮއިންގެ ލިމިޓެޑް އަދަދަކީ 21 މިލިއަނެވެ. ތަޖުރިބާކާރުން  އަންދާޒާކުރާ ގޮތުގައި 2021 ވަނަ އަހަރު ބިޓްކޮއިނެއްެގެ އަގު އެއް މިލިއަން ޑޮލަރަށް އަރާނެއެވެ. 
ބިޓްކޮއިންގެ މުއާމަލާތްތަކަކީ ޤާނޫނީގޮތުންނާއި ދީނީ ގޮތުން ހުއްދަ ކަމެއްތޯ ކުރެވޭ ސުވާލަށް ބިޓްކޮއިންގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނަނީ އާއެކޭއެވެ. ބިޓްކޮއިންގެ ވިޔަފާރި އޮތީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ހުއްދަ ކަމެއްގެ ގޮތުގައި ކަމަށެވެ. ބިޓްކޮއިން މަނާނުކުރާ ހުރިހާ ޤައުމެއް ހިމަނާފައިވަނީ ބިޓްކޮއިން ހުއްދަ ޤައުމުތަކުގެ ލިސްޓްގައެވެ. އޭގެތެރޭގައި ޔޫރަޕިއަން ޔުނިއަން، އެމެރިކާ، ޗައިނާ، އިންޑިއާ، ޖަޕާން، ޖަރުމަން، އިނގިރޭސިވިލާތްފަދަ ބޮޑެތި ޤައުމުތައް ހިމެނެއެވެ. ރަސްމީ ސިފައެއްގައި ބިޓްކޮއިން މަނާކޮށްފައިނުވާތީ ސައުދިޢަރަބިއްޔާ، ޖޯޑަން، ލެބަނަން، މެލޭޝިއާ، އިންޑޮނޭޝިއާ ފަދަ އިސްލާމީ ޤައުމުތައްވެސް ހިމަނާފައިވަނީ ބިޓްކޮއިން ހުއްދަ ޤައުމުތަކުގެ ލިސްޓްގައެވެ. ބިޓްކޮއިން މަނާކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ކިރިގިސްތާން، އިކިއުޑޯ، ބޮލީވިއާ ހިމެނެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަކުން ބިޓްކޮއިންގެ މުއާމަލާތްތައް މަނާނުކުރިއަސް އެ ޤައުމުތަކުގެ ޓެކްސް ޤާނޫނުތަކާ އެ މުއާމަލާތްތައް ޚިލާފުކަމަށް ބުނެއެވެ. ޙަޤީޤަތުގައި ބިޓްކޮއިންގެ ވިޔަފާރިއަކީ އެކަން މަނާކޮށް، ތަންފީޒުކުރަން އުނދަގޫ ނިޒާމެއްގެ ތެރެއިން ކުރެވޭ މުއާމަލާތެކެވެ. ތުރުކީވިލާތުގެ ދީނީ އެންމެމަތީ މަޖިލިސް ކަމަށްވާ ޓާކިސް ޑައިރެކްޓަރޭޓް އޮފް ރިލިޖަސް އެފެއަރޒުން ބުނެފައިވާގޮތުގައި ބިޓްކޮއިންގެ މުއާމަލާތްތައް އިސްލާމްދީނާ ފުށުއަރައެވެ. މެލޭޝިއާގެ ފަތުވާ ކައުންސިލުން ވެސް ބުނެފައިވަނީ އެއީ ރަނގަޅު މުއާމަލާތެއް ނޫން ކަމަށެވެ. މެލޭޝިއާއިން ރަސްމީކޮށް ވަރަށް އަވަހަށް ބިޓްކޮއިން މަނާކުރާނެކަމަށް ވެއެވެ.
ގިނަ ޤައުމުތަކުން އެންމެ ބޮޑަށް ކަންބޮޑުވަނީ ބިޓްކޮއިން ބޭނުންކޮށްގެން ހަތިޔާރާއި މަސްތުވާތަކެތީގެ ވަގުވިޔަފާރިއާއި، މަނީލޯންޑްރިން އާއި ހައްދުފަހަނައަޅާފައިވާ ޢަމަލުތައް ހިންގާ ފަރާތްތަކަށް ފައިސާ ފޮނުވުންފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާތީއާއި، ބިޓްކޮއިންގެ ޒިންމާދާރު ފަރާތަކީ ކޮބައިކަން ނޭނގޭތީއެވެ. ވަގުވިޔަފާރިކުރާ ފަރާތްތަކާއި ސައިބަރ ޖަރީމާތައް ހިންގާ ފަރާތްތަކުން ފައިސާގެ ބޮޑެތި އަދަދުތަކަށް ޑިމާޑްކޮށް، ބިޓްކޮއިނުން ފައިސާ ހޯދަނީ، ބިޓްކޮއިނުންކުރާ ފައިސާގެ މުއާމަލާތްތައް ހޯދުމަކީ ތަޙުޤީޤީ އިދާރާތަކަށް ފަސޭހަކަމަކަށް ނުވާތީއެވެ.



ހަވާލާ:

https://www.investopedia.com/terms/b/bitcoin.asp

http://www.euronews.com/2017/11/28/bitcoin-is-not-compatible-with-islam-turkeys-religious-authorities-say

https://www.coingecko.com/buzz/bitcoin-islam-islamic-banking-finance?locale=en

https://en.wikipedia.org/wiki/Bitcoin

No comments: