Sunday, December 17, 2017

އަލްމަރުޙޫމް ވޮރަންޓް އޮފިސަރ ގްރޭޑް 2 މުޙައްމަދު ޙަބީބުގެ ހަނދާނުގައި

އަޅުގަނޑު ސިފައިންގެ ޚިދުމަތާ ގުޅުނުއިރު ވޮރަންޓް އޮފިސަރ ގްރޭޑް 2 މުޙައްމަދު ޙަބީބަކީ ސިފައިންގޭގައި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް މެރިން އިންޖިނިއަރެވެ. ސިފައިންގެ ސާރވިސް ނަންބަރަކީ 614 އެވެ. ޙަބީބު ސަރ އަކީ ގދ. ފިޔޯރީ ބޭކަލެކެވެ. ދަފުތަރަށް ބަދަލުވުމުން ލިބިލައްވާފައިވާ ދަފުތަރު ނަންބަރަކީ 3915 އެވެ.

އަސާސީ ތަމްރީނު ނިންމުމަށްފަހު އަޅުގަނޑު ފުރަތަމަ މަސައްކަތްކުރީ ބޯޓް ރިޕެއަރސްގައި ކަމަށްވާތީ އެ ދުވަސްވަރު އަޅުގަނޑަށް މަސައްކަތްކުރަން ޖެހުނީ "ޙަބީބު ސަރ" އާ ވަރަށް ގާތުންނެވެ. އަޅުގަނޑު މަސައްކަތްކުރި ސެކްޝަންގެ ވެރިއެއްގެ ގޮތުގައި މަސައްކަތް ނުކުރެއްވިޔަސް، ޙަބީބު ސަރ އަކީ އެ ސެކްޝަންގެ ކަންތައްތަވެސް ވަރަށް ގާތުން ބައްލަވަމުން ގެންދެވި ބޭކަލެކެވެ. އަދި އޭރު ޙަބީބު ސަރގެ ޓީމުން ކުރަމުންދިޔަ މަސައްކަތް އަޅުގަނޑަށްވެސް ވަރަށް ގާތުން ފެނުނެވެ.

ސިފައިންގޭގައި ބޭނުންކުރާ ކަނޑުގައި ދުއްވާ ހުރިހާ އުޅަނދު ފަހަރެއްގެ އިންޖީނު މަރާމާތުކޮށް ހަދަމުން އޭރު ގެންދިޔައީ އެންއެސްއެސް އިންޖިނިއަރިންގ ސާރވިސް (މިހާރުގެ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް) ގެ މެރިން އިންޖިނިއަރިންގ ސެކްޝަނުންނެވެ. އެ ސެކްޝަން އޭރު އޮންނަނީ ދެ ބަޔަކަށެވެ. އެއީ އިން ބޯޑް އިންޖިނިއަރިންގ އާއި އައުޓް ބޯޓް އިންޖިނިއަރިންގ އެވެ. ޙަބީބު ސަރ އަޅުގަނޑަށް ފެނުނުއިރު ހުންނަވަނީ މެރިން އިންޖިނިއަރިންގގެ އައުޓް ބޯޑް އިންޖިނިއަރިންގެ އެންސީއޯ އިންޗާޖުގެ މަޤާމުގައެވެ. އޭރު އައުޓް ބޯޑު އިންޖިނިއަރުންގެ ގޮތުގައި ޙަބީބު ސަރގެ ދަށުން މަސައްކަތްކުރައްވަން ތިއްބެވީ ޝަރުހޫޒް އަމްޖަދާއި، ޢަލީ ޝިފާޢު އާއި، މުޙައްމަދު ޝާހިދާއި، އަޙްމަދު އިޙްސާނާއި ޢަލީ ނާޒިމެވެ. އެއީ އޭރު ލާންސް ކޯޕްރަލުންނާއި ޕްރައިވެޓުންނެވެ. މިއަދު މި ދެންނެވި ބޭކަލުންނަކީ ރާއްޖޭގެ އައުޓް ބޯޑް އިންޖިނިއަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި އިތުބާރުހުރި މޮޅެތި އިންޖިނިއަރުންނެވެ. މި ބޭކަލުން އެ ދާއިރާގައި އަލިފުބާ ޖެއްސެވީ ޙަބީބު ސަރގެ "ބަރު" އަޑުގެ ދަށުންނެވެ. ފަހުން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނު ހޯއްދަވާ އުސް ހަރުފަތްތަކަށް ވާސިލުވީއެވެ.

މި ނޫނަސް ސިފައިންގޭގައި އޭރު އުފެދިގެންދިޔަ ގިނަ އިންޖިނިއަރުންނަކީ ޙަބީބު ސަރގެ ބެލުމުގެ ދަށުން އުފެދިގެންދިޔަ އިންޖިނިއަރުންނެވެ. ކުރިން އައުޓްސޯސް ކޮށްގެން ހަދަމުންދިޔަ ސިފައިންގެ ކޯސްޓްގާޑުތަކުގެ އިންޖީނުތައް ސިފައިން މަރާމާތުކޮށް ބަލަހައްޓަންފެށިއިރު ޙަބީބު ސަރ އަކީ ސިފައިންގެ ތެރޭގައި ހުރި އެންމެ އިސް އެއް އިންޖިނިއަރެވެ. ފަހުން ރާއްޖެއިން ބޭރަށް ސިފައިން ފޮނުވައިގެން ތަމްރީނު ވެގެންއައިސް، ޙަބީބު ސަރ އަށްވުރެ މަތީ ރޭންކުގައި އިންޖިނިއަރުންގެ ގޮތުގައި ޚިދުމަތް ކުރެއްވި ބޭފުޅުން ވެސް ޙަބީބު ސަރ، ޙަބީބު ސަރގެ ގޮތުގައި ބަލައިގެންނެވިއެވެ.

ޙަބީބު ސަރގެ އިންޖިނިއަރިންގ ޚިދުމަތް ފެށިގެން ސިފައިންގޭގައި އައީ ކޯސްޓްގާޑުގެ ތެރެއިންނެވެ. ކޯސްޓްގާޑުގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި އަލްމަރުޙޫމް ކާނަލް ކާށިދޫ ޙުސައިން ފުޅާއި، އަލްމަރުޙޫމް ކާނަލް (ރިޓަޔަރޑް) ޙަސަން ނަޞީރުގެ އިރުޝާދުގެ ދަށުންނެވެ. 1995 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހު ސިފައިންގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުގައި އިންޖިނިއަރިންގ ސާރވިސް އުފައްދަވައި، ކޯސްޓްގާޑުގެ މެރިން އިންޖިނިއަރިންގ ސެކްޝަން އެ ޔުނިޓަށް ބަދަލުކުރެއްވިއިރު، ޙަބީބު ސަރ އިންޖިނިއަރިންގ ސާރވިސް އަށް ބަދަލުވީއެވެ. ސިފައިންގެ ޚިދުމަތުން ފުލުހުންގެ ޚިދުމަށް ބަދަލުވަންދެން ހުންނެވީ އިންޖިނިއަރިންގ ސާރވިސްގައެވެ.

ޙަބީބު ސަރ އަކީ ވަރަށް ކެރޭ ހީވާގި އަދި އެހާމެ މުރާލި މަސައްކަތްތެރިއެކެވެ. މަސައްކަތުގެ ޢަމަލީ މައިދާނުގައި ސުޕަވައިޒް ކުރައްވަމުން އެންމެ އާދައިގެ މީހެއްހެން މަސައްކަތްކުރެއްވި ބޭކަލެކެވެ. ވެރިއެއްގެ ގޮތުގައި ހަމައެކަނި ގޮތްކިޔަން ހުންނެވުމަކީ ޙަބީބު ސަރގެ އާދައެއް ނޫނެވެ.

ޙަބީބު ސަރ އަކީ އިންޖިނިއަރެއްގެ އިތުރުން ސިފައިންގެ ޕެރޭޑުގައި ވެސް ފަހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ. އެއީ ޑްރިލް އިންސްޓްރެކްޓަރެކެވެ. ސިފައިންގެ ތެރޭގައި 1990 ގެ އަހަރުތަކުގެ ތެރޭގައި ފޯރީގައި ޑްރިލް ކޮމްޕެޓިޝަންތައް ބޭއްވުނު ދުވަސްވަރު އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) ގެ ގެމަ ގޮވައިގެން ކޮމާންޑަރެއްގެ ގޮތުގައި ނިކުންނެވިއެވެ. އަދި ފަހުން އީއެމްއީގެ ގެމައިގެ ކަންތައްތައް އެންމެ އިސްކޮށް ހަވާލުވެ ބެލެހެއްޓެވުމުގައި ޔުނިޓުގެ ފަރާތުން އިސް ވެރިއެއްގެ ގޮތުގައި  ހަރަކާތްތެރިވެ ލެއްވިއެވެ. ޙަބީބު ސަރގެ ކޮމާންޑަރުކަމުގެ ދަށުން އަޅުގަނޑު ޑްރިލް ކޮމްޕެޓިޝަނަކަށް އެރީމެވެ. އަދި ޙަބީބު ސަރ އިސް ވެރިއަކަށް ހުންނަވައިގެން އެހެން ކޮމާންޑަރުންގެ ދަށުން ވެސް ޑްރިލް ކޮމްޕެޓިޝަންތަކުގައި އީއެމްއީ ތަމްސީލުކޮށްދިނީމެވެ.  އޭގެ އެއްފަހަރަކު މުޅި މުބާރާތުން ތިންވަނަ ވެސް ލިބުނެވެ. އެއީ އީއެމްއީ ފަދަ އިންޖިނިއަރިންގ ޚިދުމަތްތަކެއްދޭ ޔުނިޓަކަށް ބަލާއިރު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެކެވެ.

މިއިން ކޮންމެ ފަހަރަކީ ވެސް ޙަބީބު ސަރގެ އެތައް ހަނދާނެއް ބިންވަޅު ނެގިފައިވާ ދުވަސްތަކެކެވެ. އޭރު އާންމުކޮށް ހެވިކަން ފަރުތަކުރަނީ ކޭކޭގަޔާއި ޓީޖެޓީ ސަރަޙައްދުގައެވެ. އޭގެތެރެއިން އެއް ހަނދާނަކީ އެއް ދުވަހު ދުވާލުގެ މެންދުރު ގަޑީގައި ކޭކޭ އިން ބީކޭއަށް ޕެރޭޑް ކުރުވާފައި ގެންދިޔަ ހަނދާނެކެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު ބޭއްވި ޕްރެކްޓިސްއެއްގައި ޙަބީބު ސަރ ބޭނުންވާ ވަރަށް ސްމާޓްކޮށް ހަރަކާތްތައް ނުގެނެވެނީއެވެ. އެހެންވެ އެންމެން އެއްކޮށްފައި ވާހަކަކޮޅެއް ދައްކާލާފައި ބީކޭއަށް ދާން ނައްޓާލީއެވެ. ބޮޑުތަކުރުފާނު މަގުން ކަސްޓަމްސް ކައިރިން ހަރުއަޑުން "ވާތްކަނާތް" ގޮވަމުން އެހެރަދަނީއެވެ. "ބަނޑު ހިންދާ، އިސްއުފުލާ، މޭފުށްޕާ، އަތް ނަގާ، ކުރިއަށް ފަހަތަށް ބާރަށް އަތް ހޫރާ، ފުންނާބު ޖަހާ" ގޮވަމުންނެވެ. އެއަޑަށް އެކި ފިހާރަތަކުންނާއި އެކި ތަންތަނުން މީހުން ނިކުމެ ބަލަން ތިއްބެވެ. ގެމައިގެ ތެރޭގައި ތިބި ސިފައިންނަށް ވެސް ސޮހިފައި ތިބޭކަށް ނުކެރޭނެތާއެވެ. އިރުކޮޅަކުން ފައިތަކުގެ އަޑު އެއް އަޑަކަށްވެ، އަތްތައް މައްޗަށް އަރާ ތިރިވާން ފަށައިފިއެވެ. އެއީ އެ ފަހަރު އެންމެ ޖޯޝުގައި ކުރެވުނު ފަރިތަކުރުމެވެ. އެންމެ އެއްވަރު އަދި އެންމެ ފުރިހަމަ ފަރުތަކުރުމެވެ.

ހެވިކަމުގެ މުބާރާތުގައި އޭރުވެސް ސިންކްރޮނައިޒްޑް ބައެއް އޮވެއެވެ. އެބައި ނިމިގެންދާނީ ދެކޮޅުން އަންނަ ދެ ބައި ގުޅި އެއްވަރުވުމުންނެވެ. ފަރިތަކުރުން ތަނުގައި އެގޮތަށް އެއްވަރަށް ގުޅާލެވިއްޖެނަމަ އެއީ "ރަނގަޅު އެއްޗެއް ޖެއްސުނީ" އެވެ. ބައެއް ފަހަރު ޙަބީބު ސަރ ބޭނުންވާ ގޮތަށް ރަނގަޅު އެއްޗެއް ނުޖެއްސިގެން އަދަބެއްގެ ގޮތުން ތަކުރާރުކޮށް އެތައް ފަހަރަކު ރަނގަޅު އެއްޗެއް ޖެއްސެންދެން ފަރިތަކުރަން ޖެހެއެވެ. އަނެއް ބައި ފަހަރު ހިތްހަމަޖެހޭ އެންމެ އެއްޗެއް ޖެއްސޭ އިރަށް އެންމެންނަށް ދަޅުވެސް ބައްސަވާފާނެއެވެ. 

ވަކި ވަރަކަށް މުބާރާތް ކައިރިވުމުން އެކަމަށް އޮންނަނީ އެހެން ޑިއުޓީތަކުން ވީއްލާފައެވެ. ރެއެއް ދުވާލެއް ހެނދުނެއް ހަވީރެއް ފަރިތަކުރާކަށް ނޯވެއެވެ. ހެވިކަމުގެ މައިދާން ޔުނިޓްތަކަށް ބަހާފައި އޮންނަ ތާވަލަށް އެތަނަށް އަރަނީއެވެ. އެހެން ވަގުތުތަކުގައި ޓީޖެޓީއާއި މާލޭގެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައިވެސް ފަރިތަކުރަނީއެވެ. ފަރިތަކުރުން ނިންމާލާފައި އޮންނާނީ އަރާމު ކުރުމެވެ. ދެ ގަޑިއިރެއްހާ ވަގުތު އަރާމުކުރަން ލިބޭނެއެވެ. ގަޑިއަށް ނުދެވިއްޖެނަމަ އަދަބު އޮންނާނެއެވެ. އެހެންވެ އެންމެންވެސް ގަޑިއަށް ސަމާލުކަން ދެއެވެ. ޙަބީބު ސަރ ވެސް އުޅުއްވީ އަޅުގަނޑުމެން އެންމެ ނިދާ ބެރެކްސްގައެވެ. އަޅުގަނޑުމެން ގަޑިޖެހޭތީ ފެންވަރާ ދެކޮޅަށް ދުވެ ޔުނިފޯމް އަޅަން އުޅޭއިރުވެސް ބައެއް ދުވަސް ދުވަހު ޙަބީބު ސަރ އޮންނާނީ އެނދުގައި ނިދިކުރައްވާފައެވެ. ނިދިކުރައްވާފައިކަމެއް ނުވަތަ ލޯ މަރާލައްވައިގެން އަޅުގަނޑުމެން އުޅޭ ނޫޅޭގޮތް ބައްލަވަނީ ކަމެއް ނޭނގެއެވެ. ތެޅެމުން ފޮޅެމުން އަޅުގަނޑުމެންނަށް ޕެރޭޑް ގްރައުންޑަށް ދެވޭއިރު ގަޑި ނުޖެހި ދެވޭނީ ހަމަ ކިރިއާއެވެ. އެކަމަކު ސަފަށް (ފޯލިންގ އަށް) ގޮވާލާއިރު ޙަބީބު ސަރ މޫނުގައި ހުދު ފުށް ޖައްސަވައިގެން ޙާޟިރުވެ ހުންނަވާނެއެވެ. ޙަބީބު ސަރ ބުނުއްވާ ގޮތުގައި ޕެރޭޑަށް އަންނަންވާނީ ފުށްޖަހާ ރަނގަޅަށް ތައްޔާރުވެގެންނެވެ. 

ޙަބީބު ސަރ ސިފައިންގެ ޚިދުމަތުން ވަކިވެލެއްވީ ސިފައިންނާއި ފުލުހުންގެ ޚިދުމަތް ވަކިވެގެންދިޔައިރު ފުލުހުންގެ ޚިދުމަތަށް ބަދަލުވުމުންނެވެ. ފުލުހުންގެ ތެރޭގައިވެސް ފުރަތަމަ މަސައްކަތް ކުރެއްވީ މެރިން ޕޮލިސްގެ ތެރޭގައި އިންޖިނިއަރެއްގެ ގޮތުގައެވެ.

އަޅުގަނޑު ދަންނަ ޙަބީބު ސަރ އަކީ ބުނުއްވަން ބޭނުންވާ އެއްޗެއް ދަށުގައި މަސައްކަތްކުރާ މީހުންނާ ދިމާލަށް ސީދާ ސާދާކޮށް ބުނުއްވާ ބޭކަލެކެވެ. ބައެއް ފަހަރު ބާރަށެވެ. އަނެއް ބައިފަހަރު މަޑުންނެވެ. ރަނގަޅަށް މަސައްކަތްކުރާ މީހުންދެކެ ނުހަނު ލޯބިވާ އަދި އެފަދަ ފަރާތްތަކަށް އިހްތިރާމުކުރެއްވި ވެރިއެކެވެ. ރުޅި ދުރުވެގެން ވާހަކަ ދެއްކެވިއަސް އެއްވެސް މީހަކަށް ބޮޑު އަދަބެއް ލިބެއް ބޭނުންވި ބޭކަލެއް ނޫނެވެ.

ޙަބީބު ސަރ ނިޔާވީ 2017 ޑިސެންބަރު 17 ވަނަ ދުވަހު އުމުރުފުޅުން 56 އަހަރުގައެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތލައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. 

No comments: