Wednesday, December 27, 2017

އަޅުގަނޑުގެ ފުރަތަމަ ތިއަރީ: ކާމިޔާބުގެ 4 ކާފު



ޢަބްދުﷲ ސަޢީދު

ކޮންމެ މީހަކު ވެސް ކާމިޔާބު މީހަކަށް ވާން ބޭނުންވެއެވެ. މޮޅު މީހަކަށް ވާން ބޭނުންވެއެވެ. ކަންކަމުގައި ކުރިއަރާ ދާން ބޭނުންވެއެވެ. އެހެން މީހުންގެ ކުރިމަތީގައި މަޤްބޫލު އަދި އެހެން މީހުން ބަލައިގަންނަ ޝަޚްސިއްޔަތަކަށްވާން ބޭނުންވެއެވެ. މިއީ އެއްވެސް މީހަކަށް ނުވެވޭނެ ކަމެއްނޫނެވެ. ކާމިޔާބު މީހަކަށްވުމަކީ ވަކި މީހަކަށް އޮތް ކަމެއް ނޫނެވެ.


ދުނިޔޭގައި ކާމިޔާބު އެތައް ބަޔަކު އެބައުޅެއެވެ. ކުރީގައި އުޅެފައިވެސް ވެއެވެ. އޭގެ ބައެއް ފަރާތްތަކުން ހޯދި ކާމިޔާބުތައް އަދިވެސް ފަނޑުވުމެއްނެތި ވިދަވިދާ އެބަހުއްޓެވެ. ކާމިޔާބު ޝަޚްސިއްޔަތެއް ޚިޔާލަށް ގެންނަވާށެވެ. އެބޭފުޅަކު ކާމިޔާބު ބޭފުޅަކަށްވީ ކީއްވެގެންތޯ ވިސްނާލައްވާށެވެ. ކާމިޔާބުގެ މި ހަތަރު ކާފު ނެތް މީހަކު ކާމިޔާބު މީހަކަށް ވެފައިވަނިކޮށެއް އަޅުގަނޑަކަށް ނުފެނުނެވެ.
ކާމިޔާބަކީ ފަތަޙައާއި ނަޞްރާއި ލިބޭ މޮޅެވެ. ދުނިޔޭގައި ތަންތަނާއި މީހުންގެ ހިތްތައް ފަތަޙަކޮށް، ނަޞްރާއި ނާސީބާއި ކާމިޔާބު ހޯދައި، ކުރިމަތިލާ ކަންތައްތަކުން މޮޅުވެ، އެ މީހަކު ބޭނުންވާ ކަންތައްތައް ހާސިލުކުރަމުންދަނީ ކާމިޔާބު މީހުންނެވެ. އެ ކާމިޔާބަށް އެއިން ކޮންމެ ޝަޚްސިއްޔަތެއް ވެސް ވާސިލުކޮށްދީފައިވާތީ ފެންނަނީ އެ ބޭފުޅެއްގެ ކިބައިގައި ހުރި ޚާއްޞަ ސިފަތަކެކެވެ. އެ ސިފަތަކަކީ އެކަމަށްޓަކައި މަސައްކަތްކޮށްފިނަމަ  އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް ހޯދިދާނެ، ނަފްސުގައި ހަރުލެއްވިދާނެ، އަދި ހަރުދަނާކުރެވިދާނެ ސިފަތަކެކެވެ. އެ ސިފަތަކުގައި ހިފެހެއްޓިއްޖެނަމަ ހަމަ ކޮންމެ މީހަކަށް ވެސް ކާމިޔާބު މީހަކަށް ވެވިދާނެއެވެ.

ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ ކޮންމެ މީހަކީ ވެސް ކިޔަމަންތެރި މީހަކަށް ވާން ޖެހެއެވެ. ކިޔަމަންތެރިކަމުގެ ސިފަނެތް މީހަކަށް ކާމިޔާބު މީހަކަށް ނުވެވޭނެއެވެ. ދެ ދުނިޔޭގައިވެސް ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ އެންމެ ފުރަތަމަ ބޯލަނބާ ކިޔަމަންވާންވީ ހެއްދެވި ފަރާތަށެވެ. މައިންބަފައިންނާއި މުދައްރިސުންނާއި ވެރިންގެ ބަސްއަހައި ކިޔަމަންތެރިކަން އަދާކުރަންޖެހެއެވެ. ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށްހިތައި، ކިޔަމަންތެރިވާން ޖެހެއެވެ. އެބައެއްގެ ތެރޭގައި ހުންނަ އުސޫލުތަކަށާއި އާދަކާދަތަކަށް އިޙްތިރާމުކުރަންޖެހެއެވެ.

ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ ކޮންމެ މީހަކީ ވެސް ކެތްތެރި މީހަކަށް ވާންޖެހެއެވެ. ދުނިޔެއަކީ އަޑިގުޑަންތައް ގިނަ ތަނެކެވެ. ކޮންމެ ކަމެއްވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށާއި، އެކަމެއްގައި ދިމާވާ ގޮންޖެހުންތަކާއި ހުރަސްތަކުގެ ކުރިމަތީގައި ވެސް ސާބިތުވެ ދެމިހުރެގެންނޫނީ ކާމިޔާބަށް ވާސިލު ނުވެވޭނެކަން ދަންނަންޖެހެއެވެ. ކާމިޔާބުގެ ކުރިބޯށްޓަކީ ކުއްލިއަކަށް ހާސިލުވެވޭނެ އެއްޗެއްނޫނެވެ. ހުރިހާ ކަމަކީ އެއްގޮތަކަށް ހިނގާ ކަންތައްތަކެއް ނޫނެވެ. ހުރިހާ ފަހަރަކު ހުރިހާކަމެއް އެ މީހަކު އެންމެ ހިތްހަމަޖެހޭގޮތަށް ނުހިގަފާނެއެވެ. ކާމިޔާބާ ހަމައަށް ވާސިލުވުމުގައި އެތައް ފަހަރަކު ނާކާމިޔާބާ ކުރިމަތިލާން ޖެހިދާނެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ކެތްތެރިކަން ކުރިއަށްނެރެ، އެހެން މީހުން ކުށްވެރިކުރުމުން ދުރުވެ ޤަޟާާޤަދަރަށް އީމާންވާންޖެހެއެވެ. ރުޅިވެރިކަމާއި ހަސަދަވެރިކަމުން ދުރުވެ، ހިނިތުންވުމާއި އޯގާތެރިކަމާއި ހިތްތިރިކަމާއެކު މުއާމަލާތްކުރުންމަތީ ދެމިހުންނަންޖެހެއެވެ.

ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ ކޮންމެ މީހަކީ ވެސް ކެރޭ މީހަކަށް ވާންޖެހެއެވެ. ކަންތައްތަކުގައި ޖެހިލުންނުވެ ބޭނުންވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތްކުރާ މީހަކަށް ވާންޖެހެއެވެ. ގަދައަޅާކުރާ މަސައްކަތް އެހެންމީހުންނާ ތަފާތުކޮށް އެއަށްވުރެ ރަނގަޅަށް މޮޅަށް، ފުރިހަމައަށް ކުރަންޖެހެއެވެ. ކުރިމަތިވާ ހުރަސްތައް ގިރާކޮށް، ކާމިޔާބުގެ އައްސޭރިއަށް ވާސިލުވެވޭނީ ބުއްދީގެ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. ކާމިޔާބަށް ޖެހިލުންވާ މީހަކަށް ކާމިޔާބަކަށް ދަތުރެއް ނުކުރެވޭނެއެވެ. އެހެން މީހުންނަށް އިޙްތިރާމުކުރަންޖެހެއެވެ.

ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ ކޮންމެ މީހަކީ ވެސް ކަންފަހި މީހަކަށް ވާންޖެހެއެވެ. އެ މީހަކު ވާންޖެހޭނީ އެހެންމީހުންގެ އިހްސާސްތައް ދަންނަ މީހަކަށެވެ. އެހެން މީހުންގެ ބޭނުންތައް ފުއްދައިދޭ މީހަކަށެވެ. ކަންތައްތައް މީހުންނަށް ފަސޭހައިން ކޮށްދޭ، މަސައްކަތް ދަންނަ، މަސައްކަތް ކުރާ މީހަކަށެވެ. މިފަދަ މީހަކަށްވެވޭނީ ކޮންމެ މީހަކީ ވެސް ހުނަރުވެރި ޤާބިލު، ޒިންމާދާރު މީހަކަށް ވެގެންނެވެ. އަބަދުވެސް ހިތްވަރާއި ޢަޒުމާއެކު މަސައްކަތްކުރާ، އުފެއްދުންތެރި، ނަތީޖާ ހާސިލުކުރާ މީހަކަށް ވެގެންނެވެ.


ކާމިޔާބު ކޮންމެ ޝަޚްސިއްޔަތުންގެ ހަޔާތުން ވެސް އިސްވެ ދެންނެވުނު ކާމިޔާބުގެ ހަތަރު ކާފު ފެންނާނެއެވެ. މި ހަތަރު ސިފައަކީ އެ ބޭފުޅުން ހޯއްދަވާފައިވާ ކާމިޔާބީތަކަށް ވާސިލުކޮށްދިން ވަރަށް ޚާއްޞަ ސިފަތަކެއްކަން އެ ބޭފުޅުންގެ ހަޔާތުނާމާއިން އެނގޭނެއެވެ. 

No comments: