Wednesday, December 27, 2017

ދީނީ ގޮތުން ހަރުކަށި ފިކުރު



ޢަބްދުﷲ ސަޢީދު 

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ފަރާތްތަކަކީ ދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ގޮތްތައް ގެންގުޅެ، އެގޮތްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކެވެ. ދީނަށް ލޯބިކޮށް، ދީނުގެ ޝިއާރުތައް ފާޅުކޮށް، ދީނަށް ނަޞްރުދީ، ދީން ކުރިއެރުވުމަށް މަސައްކަތްކުރާ މީހުންނަށް ދީނީ ހަރުކަށި ފިކުރުގެ މީހުންނެކޭ ކިޔައިގެން ނުވާނެއެވެ. އަދި ނުވެސް ކިޔޭނެއެވެ.


ދީނީ ހަރުކަށި ފަރާތްތައް ކަމަށް ބަލަނީ "ހައްދު ފަހަނައަޅާފައިވާ" ފަރާތްތަކެވެ. ޢަރަބި ބަހުގައި ހައްދު ފަހަނައެޅުމަށް ކިޔަނީ "އަލްޣުލުއްވު" އެވެ. މި ލަފުޒުގެ ލުޣަވީ މާނައަކީ ކަމެއްގައި ކަނޑައެޅިފައިވާ އިން ފަހަނައަޅާ ދިއުމެވެ. އަލްލުޣުލުއްވުގެ އިޞްޠިލާޙީ މާނައަކީ ހައްދު ފަހަނައަޅާ ދިއުމެވެ. އެއީ އެ އެއްޗަކަށް ޙައްޤުވެގެންވާ ވަރަށްވުރެ ބޮޑަށް ސަނާ ކިޔުމުންނާއި ޤަދަރު ކުރުމުގެ ގޮތުން އެއްޗަކަށް އިތުރުކުރުމެވެ. ނުވަތަ އެއީ ކަމެއްގައި ކަނޑައެޅިފައިވާ އިމުން ބޭރުވެ ހަރުކަށިވުމެވެ.

ހައްދުފަހަނައަޅައިދަނީ މައިގަނޑު 3 ގޮތަކުންނެވެ. އެއީ:-
1. ޢަޤީދާގައި ހައްދުފަހަނައަޅައި ދިނުމާއި،
2. ޢަމަލުުގައި ޙައްދު ފަހަނައަޅައި ދިނުމާއި،
3. މީސްތަކުންގެ މައްޗަށް ޙުކުމް ކުރުމުގައި ޙައްދު ފަހަނައަޅައި ދިނުމެވެ.
އަޤީދާގައި ހައްދުފަހަނައަޅައިދިނުމަކީ މާތް ﷲ ޝަރުޢު ނުކުރައްވާ ކަމެއް ޢަޤީދާއެއްގެ ގޮތުގައި ޤަބޫލުކުރުމެވެ. މިއީ ހައްދުފަހަނައަޅާ ދިނުމުގެ އެންމެ ނުރައްކާތެރި ގޮތެވެ. ޢަމަލުގައި ހައްދުފަހަނައަޅައި ދިނުމަކީ އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިނުވާ ޢަމަލެއް ނުވަތަ ޢަމަލު އަދާކުރާގޮތެއް އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އަދި އެހެން މީހުންގެ މައްޗަށް ޝަރުޢީ ގޮތުން ލާޒިމު ކަމެއްކަމުގައި ދުށުމެވެ. މީސްތަކުންގެ މައްޗަށް ޙުކުމް ކުރުމުގައި ހައްދުފަހަނައަޅައިދިއުމަކީ ވަކި ބަޔަކީ ނުވަތަ ވަކި މީހަކީ ކާފަރެއްކަމަށް ނުވަތަ ބިދުޢަވެރިއެއްކަމަށް ނުވަތަ ފާސިޤެއްކަމަށް ނިމުމުގައި ހައްދުފަހަނައަޅައިދިނުމެވެ.

ހައްދުފަހަނައަޅައިދާ ސަބަބުތަކަށް ބަލާއިރު ފާހަގަކުރެވެނީ މައިގަނޑު 6 ސަބަބެކެވެ. އެއީ:-
1. ކީރިތި ޤުރުއާނުގެ މާނަ ފަހުމުނުވުމާއި،
2. ކީރިތި ރަސޫލާގެ ސުންނަތް ފަހުމުނުވުމާއި،
3. އުންމަތުގެ އިސްވެގޮސްފައިވާ ސަލަފުއްޞާލިޙުންނާއި ޢިލްމުވެރިންގެ ޤަދަރު ނޭނގުމާއި،
4. އީމާންކަމުގެ ޙަޤީޤަތާއި އީމާންކަމާއި ޢަމަލާހުރި ގުޅުން ނޭނގުމާއި،
5. އިސްލާމްދީނުގެ ޙުކުމްތަކުގެ ތަރުތީބު ނޭނގުމާއި،
6. މީސްތަކުންގެ ދަރަޖަތައް ނޭނގުމެވެ.

ކީރިތި ޤުރުއާން ވިސްނޭނީ ޢަރަބިބަހާއި، ޤުރުއާން ތަފްސީރު ކުރުމަށް ޢިލްމުވެރިން ގެންގުޅުއްވާ އުސޫލުތަކާއި ޝަރީޢަތުގެ މަޤާޞިދުތަކާއި، ސުންނަތް ވަރަށް ބޮޑަށް އެނގިގެންނެވެ. އުންމަތުގެ ސަލަފުން ކީރިތި ޤުރުއާން މާނަ ކުރައްވާފައިވާގޮތް ނުބަލައި، އަމިއްލަ ވިސްނުމަށް ޤުރުއާން މާނަކޮށް ހަދަން ފަށައިފިނަމަ އިސާހިތަކު މީހާ މަގުން ކަހާލަފާނެއެވެ. ޢިލްމުވެރިންގެ ބަސް ޤަބޫލުކުރުމުގެ ބަދަލުގައި، ދީނީ ގޮތުން އެއްވެސް އެއްޗެއް ކިޔަވާފައިނުވާ މީހުންގެ ބަސް ޤަބޫލުކުރަން ފަށައިފިނަމަ ވަރަށް އަވަހަށް މަގު އޮޅިދާނެއެވެ. ކޮންމެ ނުބައެއްގެ އަސްލަކީ ޖާހިލުކަމެވެ. ޢިލްމު ނެތުމެވެ. ނުބައި ބޮޑުވެގެންދަނީ ނުދަންނަ ޖާހިލުން، ޢިލުމުވެރިންގެ ބަސްތައް ދޫކޮށް ދީނުގެ ޙުކުމްތައް ނެރުމުންނެވެ. އަދި އެ ޖާހިލުންނަކީ ޢިލްމުވެރިން ކަމުގައި އެބައިމީހުންގެ ބޭރުފުށުގެ ފޭރާމުންނާއި ދައްކާ ވާހަކަތަކުން ޤަބޫލުކޮށް އެބައިމީހުންނަށް އެއަށްވުރެ ޖާހިލު އެހެން ބަޔަކު ތަބާވުމުންނެވެ.

ކީރިތި ރަސޫލާގެ ސުންނަތަކީ ކީރިތި ޤުރުއާނުގެ ޝަރަޙައެވެ. އިސްލާމީ ޝަރީޢަތުގެ ޢަމަލީ ނަމޫނާއެވެ. ކީރިތި ޤުރުއާނުގެ މާނަ ދެނެގަނެވޭނީ ސުންނަތުން ބަލައިގެންނެވެ. ހައްދުފަހަނައަޅައިދިނުމުގެ ސަބަބުތަކުގެ ތެރެއިން ކީރިތި ރަސޫލާގެ ސުންނަތް ފަހުމުނުވާ ގިނަ މީހުންނަށް ސުންނަތުގެ ތެރެއިން އެނގިފައި އޮންނަނީ ވަރަށް މަދު މިންވަރެކެވެ. އެކަމަކު އޭނާ ހީކުރަނީ ހުރިހާ އެއްޗެއް އޭނާއަށް އެނގޭ ކަމަށެވެ. އޭނާ ދަންނަ ހަދީސެއް ނޫނީ އޮންނަ ކަމެއް ނޭނގެއެވެ. އަދި އެހެން ހަދީސެއް އޮވެދާނެކަމަށް ނުވަތަ އޮންނާނެކަމަށް ޤަބޫލުކުރާކަށް ވެސް ބޭނުމެއް ނުވެއެވެ.

ކީރިތި ރަސޫލާގެ އަޞްޙާބުންނަކީ ޝަރުޢުގެ މައިގަނޑު އުސޫލުތަކުގެ ތެރޭގައި ހިމެނޭ އަސްލެކެވެ. އެ ބޭފުޅުންގެ ކުރިފުޅުމަތީގައި ކީރިތި ޤުރުއާން ބާވާލެއްވުނު އަދި އެ ޤުރުއާނަށް ކީރިތި ރަސޫލާ އެ ބޭފުޅުންގެ ކުރިފުޅުމަތީގައި ޢަމަލު ކުރެއްވި ގޮތް އެނގިވަޑައިގަންނަވާނީ އެ ބޭކަލުންނަށެވެ. އެހެންކަމުން އިސްލާމްދީނުގެ އެންމެ ހެޔޮ ވިސްނުން އަދި އެންމެ ރަނގަޅު ތަޞައްވުރު ލިބޭނީ ޝަރުޢީ ނައްޞުތައް އެ ބޭކަލުންގެ ވިސްނުންފުޅާ އެއްގޮތަށް ތަފްސީރުކޮށްގެންކަން ކަށަވަރެވެ. ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށިކަން މުސްލިމުންގެ މެދުގައި އުފަންވެގެން އައީ އުންމަތުގެ ސަލަފުންނާއި ޢިލްމުވެރިންގެ ޤަދަރު އުންމަތުގެ ބަޔަކަށް އޮޅުމުގެ ސަބަބުންނެވެ.

އީމާންކަމަކީ ހިތުން ޔަޤީންކުރާ ޔަޤީންކުރުމާއި، ދުލުން ވާ އިޤްރާރަކާއި، ގުނަވަންތަކުން ކުރާ ޢަމަލެކެވެ. ހެޔޮ ޢަމަލުން އީމާންކަން އިތުރުވެ، ނުބައި ޢަމަލުން އީމާންކަން އުނިވެއެވެ. އީމާންކަމުގައި ހިމެނޭ އިސްވެ ދެންނެވުނު ތިން ޝަރުތު ހަމަވެއްޖެނަމަ އެއީ މުއުމިނެކެވެ. ހަރުކަށި ފަރާތްތަކުން ޤަބޫލުކުރަނީ އީމާންކަން އުނިއިތުރުނުވާ ކަމަށެވެ. ބޮޑެތި ފާފަވެރިން ކާފަރުކުރަނީ އެހެންވެއެވެ. އެ މީހުން ދެކެނީ އަޒާބު ލިބޭ މީހަކަށް ސަވާބެއް ނުލިބޭނެ ކަމަށެވެ. ކުރާ ފާފައަކުން އެމީހާގެ ހުރިހާ ހެޔޮ ޢަމަލެއް ފިލާދާކަމަށް ޤަބޫލުކުރެއެވެ. އީމާންކަމަކީ އެތައް ބަޔަކަށް ބެހިގެންވާ ކަމެކެވެ. ކޮންމެ ފާފައަކުން މީހާ ދީނަކުން ބޭރެއް ނުވާނެ ކަމެއް އެމީހުންނަކަށް ނޭނގެއެވެ.

އިސްލާމްދީނުގައި ހެޔޮކަންތައްތަކާއި ހަރާމް ކަންތައްތައް ވެސް ވަނީ ދަރަޖަތަކަކަށް ބެހިފައެވެ. ވައްކަން ކުރުމާއި، ޝިރުކުކުރުމަކީ ވެސް ހަރާމް ދެކަމެވެ. އެހެންނަމަވެސް އެއީ އެއްފަދަ ދެ ކަމެއް ނޫނެވެ. ކުފުރުގެ ތެރޭގައި ޢަޤީދާގެ ކުފުރާއި ޢަމަލުގެ ކުފުރު ހުރެއެވެ. އެއަށް ބޮޑުކުފުރާއި ކުޑަކުފުރޭ ކިޔައެވެ. އަދި ބޮޑު ޝިރުކާއި ކުޑަ ޝިރުކޭ ވެސް ކިޔައެވެ. ޢަޤީދާގެ ކުފުރަކީ އިސްލާމީ މިއްލަތުން ބޭރުވެ ތާ އަބަދަށް ނަރަކައިގައި އޮންނާނެ ކުފުރެވެ. ޢަމަލުގެ ކުފުރަކީ މާތް ﷲގެ ވަޢީދަށް ހުށަހެޅޭ، ނަމަވެސް އޭނާއަށް ދާއިމީ ތަނަކަށް ނަރަކަ ނުވާ ކުފުރެވެ. އާންމުކޮށް ހުރިހާ ފާފަތަކެއް ހިމެނެނީ މި ކުފުރުގެ ތެރޭގައެވެ. ކުފުރަށް ފަހު އޮންނަނީ ހަރާމް ކަންތައްތަކެވެ. ހަރާމް ކަންތައްތައް ވެސް ދެ ބަޔަކަށް ބެހެއެވެ. އެއީ ބޮޑެތި ފާފަ އާއި ކުދި ފާފައެވެ. މިކަންކަމުގައި އޮޅުން އެރުމަކީ ހަރުކަށި ފިކުރަށް މީހުން ހުށަހެޅޭ ސަބަބެކެވެ.

މީސްތަކުންގެ ދަރަޖަތައް ނޭނގުމަކީ ވެސް ހަރުކަށި ފިކުރަށް މީހާ ހުށަހެޅޭ ސަބަބެކެވެ. މީސްތަކުން ބެހެނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކާފަރުންނާއި، މުނާފިޤުންނާއި، މުއުމިނުންނެވެ. އީމާނުގެ އަހުލުންވެރިންގެ ތެރޭގައި ފާސިޤުން ހިމެނެއެވެ. އެއީ ކާފަރުންގެ ދަރަޖައަށްނުދާ އުރެދުންތަކަށް އަރައިގަންނަ މީހުންނެވެ. މުނާފިޤުންވެސް ދެބަޔަކަށް ބެހެއެވެ. އެއީ ޚާލިޞް މުނާފިޤުންނާއި މުނާފިޤުންގެ ބައެއް ސިފަތައް އެބައެއް ފަރާތުން ފެންނަ މީހުންނެވެ. ނިފާޤުކަމުގެ ސިފަ ހުންނަ ކޮންމެ މީހަކީ އަދި ކާފަރެއް ނޫނެވެ. މީހަކު ދޮގެއް ހަދާ ކޮންމެ ފަހަރަކު ކާފަރަކަށް ނުވެއެވެ. މިކަންކަން ނޭނގުމަކީ ހަރުކަށިކަމާއި ހައްދު ފަހަނައަޅާ ދިއުމުގެ އޮއިވަރުގައި މީހުން ބެހޭ ސަބަބުތަކެވެ.

ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުން އުޅޭކަން މިއީ ޤަބޫލުކުރަންޖެހިފައިވާ ޙަޤީޤަތެކެވެ. ދިވެހިރާއްޖޭގައި ދީނީ ގޮތުން ހަރުކަށި މީހުންގެ ފަރާތުން ފެންނަނީ މައިގަނޑު 6 ކަމެކެވެ. އެއީ:-
1. ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤަބޫލު ނުކުރުމާއި،
2. ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއި،
3. ކޯޓުން ބޭރުގައި ކައިވެނިކުރުމާއި،
4. ބޭރުގެ ޤައުމުތަކުގައި ކުރެވޭ ދާޚިލީ ހަނގުރާމަތަކަށް މީހުން ފޮނުވުމާއި ބައިވެރިވުމާއި،
5. މީހުން ކާފަރުކުރުމާއި،
6. ދަރިންނަށް ވެކްސިން ނުދިނުމެވެ.

ޤާނޫނީ ގޮތުން ދިވެއްސަކަށް ވެވެނީ މުސްލިމަކަށެވެ. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނެއް ރަސްމީ ގޮތުން ބަލައިގެންފައެއް ނުވެއެވެ. އަދި އެހެން ދީނަކަށް އަޅުކަންކުރާނެ ތަނެއް މި ދިވެހި ފަސްގަނޑަކު ނުވެއެވެ. ދިވެހިން އިސްލާމްދީނުގެ މަތީގައި ދިރިއުޅެމުންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ރާއްޖޭގައި ދީނީ ބައިބައިވުންތަކާއި، ދީނީ ފިތުނަތަކާއި، މަޒުހަބީ އަރާރުންތަކެއް ނެތި ވަރަށް ގިނަ ދުވަހު އެކުވެރިކަމާއި އެއްބައިވަންތަކަމާއި ސުލުހަވެރިކަމާއެކު ރީތި ދިރިއުޅުމެއް ދިވެހިން ދިރިއުޅެފިއެވެ. ދީނީ ގޮތުން ރަނގަޅު ގޮތް އެގިބަޔާންވުމުން އެކަންކަމުގައި ހިފަމުން ނުރަނގަޅުގޮތް ދޫކޮށްލަމުންނެވެ. މިއިން ކަމެއްގައި ވެސް އެއްބަޔަކު އަނެއްބަޔަކު ކާފަރުކޮށް، ލޭ އޮހޮރުވާލާ ހިސާބަށް ގެންގޮސްފައެއް ނުވެއެވެ. އެހެން އުޅެމުންދާތާ އެތައް ޒަމާނެއް ވެފައިވަނިކޮށް ދުނިޔޭގައި ފެތުރެމުންދާ ދީނީ ހަރުކަށި ފިކުރުތައް ރާއްޖެއާ ހަމައަށް ފޯރައިފިއެވެ. ދީނީ ގޮތުން ހަރުކަށި ފިކުރުތަކެކޭ އެއްގޮތަށް ލާދީނީ ކަންކަންވެސް ދިވެހިރާއްޖޭގެ މިނިވަން ޖައްވުން ފާޅުވާން ފަށައިފިއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކޭ ބުނާތީ ހިތަށް ކެތްނުވާ ބަޔަކު އުޅެއެވެ. އެއީ އިއްޔެއަކު މިއަދު އުފަންވެގެން އުޅޭ ބައެއް ނޫނެވެ. އެތައް ޒަމާނެއް ކުރިއްސުރެ ފަށާފައިވާ އެ ކެމްޕޭނުގެ މަޅީގައި ދިވެހިންގެ ބަޔަކު ޖައްސައިފިއެވެ. ހަމައެގޮތަށް ޒަމާނުއްސުރެ ދީނީ އަދި މަޒުހަބީ އަރާރުންތަކެއް ނެތް މި ލޮބުވެތި ސައްތައިން ސައްތަ އިސްލާމީ ދައުލަތަށް ނިސްބަތްވާ ދިވެހިންގެ ސިކުޑީގެ ތެރޭގައި ހަރުކަށި ފިކުރުގެ އޮށް ވެސް ބަޔަކު އިންދައިފިއެވެ. މި ދެ ފިކުރު ކުރިއެރުވުމުގެ މަސައްކަތް ވެސް އެ ދެ ފިކުރުގައި ޖެހިފައިވާ މީހުން އެބަކުރެއެވެ. ހަމައެއާއެކު، މި ދެބައި މީހުންގެ ކުރިމަތިލުންތައް ސިއްރާއި ފާޅުގައި ހިނގަމުން އެބަދެއެވެ. ބައެއް މާރާމާރީތަކާއި، ބައެއް ފަރާތްތަކުގެ ޤަތުލުތަކުގެ ސިއްރަކީ އެއީ ކަމުގައި އެބަހީވެއެވެ.

ލާދީނީ ފިކުރުގެ މީހުންނާއި ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންނަކީ ދިވެހިންގެ ތެރެއިން ނިސްބަތުން ވަރަށް މަދު ބައެކެވެ. އަދިވެސް އާބާދީގެ ބޮޑު ބަޔަކީ މި ދެ ފިކުރުންކުރެ އެއްވެސް ފިކުރަކަށް ތާޢީދުނުކުރާ މެދުމިނުގައި ސާބިތުވެ ތިބި ރައްޔިތުންނެވެ. 

No comments: