Sunday, November 19, 2017

ޤައުމީ ދުވަސް ފާހަގަކުރަނީ ކީއްވެ؟


ޢަބްދުﷲ ސަޢީދު

ޤައުމީ ދުވަހަކީ ޤައުމެއްގެ ގޮތުގައި އެ ޤައުމެއް ކަނޑައެޅިގެން ގޮސްފައިވާ ދުވަހެވެ. ނުވަތަ ޤައުމެއްގެ ހައިސިއްޔަތު އެ ޤައުމަކަށް ލިބިގެން ގޮސްފައިވާ ދުވަހެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ އެ ދުވަސް ފާހަގަ ކުރުމަށެވެ. ދިވެހިރާއްޖެފަދަ މިނިވަންކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ޤައުމަކަށް ޤައުމެއްގެ ގޮތުގައި އެ ޤައުމެއް އުފެދިގެން އައި ދުވަހެއް ނުވަތަ އެ ތާރީޚެއް ނޭނގޭނެއެވެ. އެހެންވީމާ މިފަދަ ޤައުމުތަކުގައި ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ޤައުމަކަށް އެންމެ ޚާއްޞަ ދުވަހެވެ. އެ ޤައުމެއްގެ ޤައުމިއްޔަތުގެ ރުކުންތަކަށް ނުވަތަ ޤައުމިއްޔަތުގެ ބަހާތަކާ އެންމެ ބޮޑަށް ގުޅުންހުރި ހާދިސާއަކާ ގުޅޭ ދުވަހެކެވެ.



ބައެއް ޤައުމުތަކުގައި އެ ދުވަސް ވެފައިވަނީ އެ ޤައުމަކަށް ޙަޤީޤީ މިނިވަންކަން ލިބުނު ދުވަހަށެވެ. އެހެންނަމަވެސް ޤައުމީ ދުވަހަކީ މިނިވަން ދުވަހެއް ނޫނެވެ. މިނިވަން ދުވަހަކީ، ޤައުމެއްގެ ހައިސިއްޔަތު ލިބިފައިވަނިކޮށް، އެ ބައެއްގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލިގެންދާ ހާލަތުގައި އެ މިނިވަންކަން އަލުން އަނބުރާ ލިބޭ ދުވަހެވެ. ގިނަ ޤައުމުތަކުގައި މިނިވަން ދުވަސް ފާހަގަކުރަނީ އެންމެ ފަހުން ޤައުމަކަށް އަޅުވެތިކަމަކުން މިނިވަންކަން ލިބޭ ދުވަހަށް ނިސްބަތްކޮށެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން މި ޤައުމު ޤައުމެއްގެ ގޮތުގައި ދިވެހިންނަށް ލިބުނު ދުވަހެއް އެނގޭކަށްނެތެވެ. މިނިވަންކަމުގެ ދިގު ތާރީޚެއް އޮތް ދިވެހިރާއްޖޭގައި ދިވެހިން ވަޒަންވެރިވެރި އުޅެންފަށައި ޤައުމެއްގެ ހައިސިއްޔަތުފާޅުކޮށް، ޤައުމެއްގެ ގޮތުގައި އެހެންމީހުން ބަލައިގަނެފައިވާ ތާރީޚެއް އެނގޭނެ ގޮތެއްނެތެވެ. އަދި އެއީ ހޯދެންވެސް އޮތް ތާރީޚެއް ނޫނެވެ.

ދިވެހިން ޤައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަނީ ޕޯޗުގީޒުންގެ އަތްދަށުން އައްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ދިވެހި ޤައުމު މިނިވަންކޮށްދެއްވި ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މީލާދީން އެއީ 1573 ވަނަ އަހަރުގެ ޖުލައިމަހުގެ 2 ވަނަ ދުވަހެވެ. އެ ދުވަހަކީ 15 އަހަރާއި 6 މަސް ދުވަހުގެ އަޅުވެތިކަމަކަށްފަހު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހެކެވެ. އެކަމަކު އެ ދުވަސް ފާހަގަކުރަނީ ޤައުމީ ދުވަހުގެ ގޮތުގައެވެ. މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީންގެ "ހިމާޔަތުގެ ދަށުން" މިނިވަންކަން ލިބުނު ދުވަސް ނިސްބަތްކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެ ދުވަސް ނިސްބަތްވަނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހަށެވެ. އެއީ ބޭރުގެ އިސްތިޢުމާރީ ބާރެއްގެ ނުފޫޒުގެ ދަށުން ސަލާމަތްވެ، ދިވެހިންނަށް ދިވެހިންގެ ގޮތުގައި އަމިއްލަ އިޚްތިޔާރާއި އަމިއްލަ ވިސްނުމާއި ފިކުރާއެކު ބޭރާއި އެތެރޭގައި ހަރަކާތްތެރިވެ ބޭނުންބަޔަކާ ގުޅުންބަދަހިކޮށް، މުއާމަލާތްކޮށް ހެދުމުގެ ފުރުސަތު ލިބުނު ދުވަހެވެ. ދިވެހިރާއްޖެއަށް އ.ދގެ މެންބަރުކަން ލިބުނީ އޭގެފަހުންނެވެ.

ދިވެހިންގެ ޤައުމީ ދުވަސް ނިސްބަތްވާ ދުވަހަކީ ހަމައެކަނި ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވި ދުވަހެއް ނޫނެވެ. ޣާޒީ ރަދުންގެ ޤައުމީ ޚިދުމަތަށް ބަލާލާއިރު، ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮތް ދިގު މުއްދަތަށްފަހު އެ ރަދުންވަނީ ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ބިނާކޮށްދެއްވާފައެވެ. ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ މާތްވެގެންވާ އިސްލާމްދީނެވެ. ޣާޒީ ރަދުން ރާއްޖެ މިނިވަންކޮށްދެއްވިއިރު އިސްލާމްދީނުގެ ހުޅު މި ރާއްޖޭގައިވަނީ ކަނިވެފައެވެ. ދީން ދަންނަ މީހުން މަދެވެ. ޤުރުއާން ކިޔަވަން އެނގޭ މީހުން މަދެވެ. ހެޔޮނުބައި ވަކިކޮށް ދަސްކޮށްދޭނެ މީހުންނެއްނެތެވެ. އިމާމުވެ ނަމާދުކުރާނެ އިމާމުންނާއި ކަށުކަމާކެމީގެ ކަންތައްތައް ދަންނަ މީހުންނެއްނެތެވެ. ދީނީ ޙުކުމްތައް ދަންނަ މީހުންނެއް މަދެވެ. މި ހާލަތަކަށް ވެއްޓިފައިވަނީ ދިވެހިރާއްޖެއިން އިސްލާމްދީން ފޮހެލައި، ކްރިސްޓިއަންދީން މި ރާއްޖޭގައި ފެތުރުމަށް ޕޯޒުގީޒުގެ އިސްތިޢުމާރީ ބާރުން ކުރި މަސައްކަތްތަކުގެ ސަބަބުންނެވެ. ދީނީ ޢިލްމުވެރިންނާއި އިމާމުންނާއި އެދުރުންފަދަ މީސްމީހުން ގަސްތުގައި ޝަހީދުކޮށް ހުސްކުރީކަމަށް ވެދާނެއެވެ. ކޮންމެއަކަސް އެނގޭ ކަމަކީ އެފަދަ މީހުން ނެތްކަމެވެ. އުތީމު ރަދުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވުމަށްފަހު ވެއްޓިފައިވާ ވަޅުގަނޑު ރާއްޖެ ނެންގެވުމަށް ވަރަށް ބުރަ މަސައްކަތްޕުޅެއް ކުރެއްވިއެވެ. ވާދޫ ދަންނަކަލޭފާނު މެދުވެރިކުރައްވައި ދީން ފެތުރުއްވިއެވެ. ޝާފީ މަޒުހަބަށް ދީނީ ކަންތައްތައް ބައްޓަން ކުރެއްވިއެވެ. ވީރާނާވެފައިވާ މިސްކިތްތައް އާބާތުރަ ފިލުއްވައި، އާ މިސްކިތްތައް ބިނާކުރެއްވިއެވެ. އިމާމުންނާއި މުދިމުން ލައްވައި ނަމާދު ވަގުތުތަކުގައި މިސްކިތްތަކުގައި ބާރަށް ބަންގިގޮވައި، ޖަމާޢަތުގައި ނަމާދު ކުރައްވަން ފެއްޓެވިއެވެ. ޤާޟީން އައްޔަންކުރައްވައި، އިސްލާމްދީނާ އެއްގޮތަށް ޝަރީޢަތް ހިންގަވަން ފެއްޓެވިއެވެ. އެތައް ޒަމާނަކަށްފަހު ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ﷲގެ ކަލިމަފުޅު އުފުލެއްފެށިއެވެ. ދިވެހިން މިނިވަންކަމާއެކު ހެއްދެވި ފަރާތަށް އަޅުކަންކުރަންފެށިއެވެ. ދިވެހިންގެ ޤައުމިއްޔަތުގެ އެންމެ އިސްތަނބު ވެއްޓިފައިވަނިކޮށް ކޮޅަށް ނަންގަވައި، އެ ތަނބުގެ މައްޗަށް ޤައުމު ބިނާކުރެއްވީ ބޮޑުތަކުރުފާނެއެވެ.


ދިވެހި ދައުލަތަށް "އައްދައުލަތުލް މަހަލްދީބިއްޔާ" ގެ ނަމުން ނަން ދެއްވިއެވެ. ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްކަން ޣާޒީ މަހާރަދުން އިޢުލާން ކުރެއްވިއެވެ. އޭގެކުރިންވެސް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަސްރަސްކަލުންނާއި ރަނިކަންކުރެއްވި ރަނިރަނި ކަނބަލުން ވެސް ހިންގެވީ ދައުލަތެވެ. ހަމަ ދިވެހިންގެ ދައުލަތެވެ. އެކަމަކު އެ ދައުލަތަށް އެނަން ދެއްވިކަން އެނގިފައެއް ނުވެއެވެ. ދައުލަތުގެ ނިޝާނެއް ފުރަތަމަ ބޭނުންފުޅު ކުރެއްވީވެސް އުތީމު ރަދުންނެވެ. "ހުވަލްޣަނީ" ޢަރަބި އަކުރުން ސިޓީފުޅުތަކުގަޔާއި ފަތްކޮޅުތަކުގައި ޖައްސަވަން ފެއްޓެވިއެވެ. ތާރީޚީ ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި ދިވެހިން މިހާރު ބޭނުންކުރާ ތާނަ އަކުރު ތަޢާރަފުކުރެއްވީވެސް ބޮޑު ތަކުރުފާނެއެވެ. އެއީ އެމަނިކުފާނު ދިވެހި ޤައުމަށްކޮށްދެއްވި ވަރަށް އަގުހުރި ޚިދުމަތެއް ގޮތުގައި ބަލައިގަންނަންޖެހެއެވެ. އެއީ ދިވެހި ޤައުމިއްޔަތުގެ ދެވަނަ ރުކުން ކަމުގައިވާ ދިވެހި ބަހަށް ކޮށްދެއްވާފައިވާ މުހިންމު ޤައުމީ ޚިދުމަތެކެވެ. ބޮޑުތަކުރުފާނަކީ ބޮލީގެ ބަދަލުގައި ފުރަތަމަ ފަހަރަށް ލީގަލް ޓެންޑަރެއްގެ ގޮތުގައި ފައިސާއެއް ފުރަތަމަ ޖެއްސެވި ރަދުންނެވެ. އެއީ ދިގު ލާރިއެވެ. މީގެއިތުރުން ބޮޑުތަކުރުފާނަކީ ދިވެހިރާއްޖޭގައި އުވިނެތިގެން ގޮސްފައިވާ ދިވެހި އަސްކަރު ނުވަތަ ދިވެހި ސިފައިން އަލުން އުފެއްދެވި ރަދުންނެވެ. ޤައުމީ ސަލާމަތަށްޓަކައި ލަޝްކަރެއް ހަނގުބޭކަލުންގެ މައްޗަށް އެކުލަވާލައްވައި، ޤައުމު ދިފާޢުކުރުމުގެ ޚިދުމަތަށް ނެރުއްވިއެވެ. ހަނގުބޭކަލުން އުފައްދަވައި، ތަމްރީނުކޮށް، ބަނޑުހަޑުލުން މުސާރަ ދެއްވިއެވެ. ޣާޒީ ރަދުންނަކީ މި ނޫންވެސް އެތައް ޤައުމީ އަގުހުރި ޚިދުމަތްތަކެއް މި ޤައުމަށް ކޮށްދެއްވައި، ސުމަކުން ފައްޓަވައިގެން ޤައުމެއްގެ ގޮތުގައި މި ދިވެހިރާއްޖެ ބިނާކޮށްދެއްވި މި ޤައުމުގެ ޤައުމީ ބަޠަލެވެ. އެ ފުރުސަތު އެމަނިކުފާނު ހޯއްދެވީ ޕޯޗުގީޒުންނާ ދެމެދު ފަސްވަރަކަށް އަހަރު ދުވަހު ކުރެއްވި ޖިހާދުގައި ކާމިޔާބާ ނަޞްރު ހޯއްދަވައިގެންނެވެ. ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ޤައުމު ސަލާމަތްކުރެއްވި ދުވަހަށް ދިވެހިންގެ ޤައުމީ ދުވަސް ނިސްބަތްކުރުން ހަމަ ރަނގަޅު ނޫންތޯއެވެ. އެ ދުވަސް ދިވެހިން ފާހަގަކޮށް (ސެލެބްރޭޓްކޮށް) އުފާފާޅުކޮށް އުޅެން ރަނގަޅު ނޫންތޯއެވެ. 

ޤައުމީ ދުވަސް ފާހަގަކުރަނީ ޤައުމެއްގެ ހައިސިއްޔަތު އެ ޤައުމަކަށް ލިބުނު ދުވަހުގެ އުފާފާޅުކުރުމަށެވެ. އެ ދުވަސް ގެނެސްދެއްވި ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރުމަށެވެ. ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ މުހިންމު ބަހާތަށް އަދުގެ ޖީލަށް ވިސްނައިދީ ބުނެދީ އަންގައިދީ ހަދައި، އެކަންކަމަށް ރައްކާތެރިވުމަށް ބާރުއަޅައި ހަނދާންކޮށްދިނުމަށެވެ. ޤައުމިއްޔަތުގެ ރޫޙާއި ޤައުމީ ލޯބި އުފެއްދުމަށެވެ. ޤައުމު ޤައުމެއްގެ ގޮތުގައި އޮވެގެންނޫނީ އެ ޤައުމެއްގެ ރައްޔިތުންނަށް އެ ޤައުމުގައި ދިރިނޫޅެވޭނެކަން ވިސްނައިދިނުމަށެވެ. ކޮންމެ މީހަކަށްވުރެވެސް ޤައުމު ބޮޑުވާނެކަން ޤަބޫލުކޮށްދިނުމަށެވެ. އަމިއްލަ މަޞްލަޙަތުގެ ކުރިއަށް ޤައުމީ މަޞްލަޙަތު އިސްކުރަންޖެހޭނެކަން ހިތުގެ ހިމަނާރުތަކާ ހަމައަށް ވާސިލުކޮށްދިނުމަށެވެ. ދީނުގައިވެސް ވަޠަނަށް ޚާއްޞަ މަޤާމެއް ދެއްވާފައިވާކަން ބަޔާންކޮށްދިނުމަށެވެ.

ކީރިތި މާތް ނަބިއްޔާ މައްކާއިން މާދީނާއަށް ހިޖުރައަށް ވަޑައިގަންނަވަމުން މައްކާއާ މުޚާޠަބުކުރައްވާ ހާދީސް ކުރެއްވި އަސަރުން ފުރިގެންވާ ބަސްފުޅު ހިތްމައްޗަށް ގެންނަވާށެވެ. އަދި މަދީނާއަށް ހިޖުރަކުރެއްވި ބޭފުޅުންގެ ހިތްޕުޅުގައި އެ ރަށާމެދު ލޯބި ޖެއްސެވުމަށް އެދިވަޑައިގެން ކުރެއްވި ދުޢާފުޅާމެދު ފިކުރު ހިންގަވާށެވެ. ދިވެހިން ޤައުމީ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މި ލޮބުވެތި ވަޠަން އަޅުގަނޑުމެންނަށް ލެއްވިކަންމައްޗަށް އެކަލާނގެއަށް ޝުކުރުވެރިވުމެވެ. އެކަމަށްޓަކައި މެދުވެރި ކުރެއްވި ފަރާތްތަކަށް ހެޔޮ ދުޢާކޮށް އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުން ޢިބުރަތާއި ފިލާވަޅާއި ނަމޫނާ ހާސިލުކުރުމެވެ. ކޮންމެ މީހަކީވެސް ޤައުމީ ޒިންމާއެއްއޮތް މީހެއްކަން ހަނދާންކޮށް ޤައުމަށް ޚިދުމަތްކުރުމުގައި ފަސްނުޖެހި ސާބިތުކަމާއެކު ދެމިހުރުމަށް ޢަޒުމު އާކުރުމެވެ. ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ޤައުމު ސަލާމަތްކުރުމަށް ތައްޔާރަށްހުރުމެވެ. 

No comments: