Tuesday, July 25, 2017

ސިފައިންގެ ކަނބަލުންގެ ޚިދުމަތް


ޢަބްދުﷲ ސަޢީދު

އަންހެނުންގެ ޚިދުމަތަކީ ފިރިހެނުންނެކޭ އެއްފަދައިން ޤައުމަށް ނުހަނު ބޭނުންތެރި އަދި އެހާމެ މުހިންމު ޚިދުމަތެކެވެ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބައެވެ. އަންހެނުންނާ ނުލައި ފުރިހަމައަށް ނުދެވޭ އެތައް ޤައުމީ ޚިދުމަތެއް އެބަހުއްޓެވެ. އޭގެތެރޭގައި އަސްކަރީ އަދި މަދަނީ ޚިދުމަތްތައްވެސް ހިމެނެއެވެ. ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސަފުތަކުން އަންހެން ކަނބަލުން ފެނުމަކީ އުފާކުރަންޖެހޭ ކަމެކެވެ. ސިފައިންގެ ޚިދުމަތްފަދަ ދީނީ އަދި ޤައުމީ މުހިންމު ޚިދުމަތެއްގައި އަންހެނުންގެ ބައިވެރިވުމާ ދައުރު ފުޅާ ދާއިރާއެއްގައި އޮތުމަކީ މިއަދު އަޅުގަނޑުމެން ފަޚުރުވެރިވާންވީ ކަމެކެވެ.


ދިވެހިރާއްޖޭގައި ސިފައިން އުފެދުނީއްސުރެ ސިފައިންގެ ތެރޭގައި ޚިދުމަތް ކުރަމުން އައީ ފިރިހެނުންނެވެ. ނަމަވެސް ސިފައިންގެ ތެރެއަށް އަންހެނުން ލެއްވުމަށް ސަރުކާރުން ގަސްތު ކުރައްވައި، 18 ނޮވެންބަރު 1962 ގައި އިޢުލާނެއް ކުރެއްވިއެވެ. މި އިޢުލާނާ ގުޅިގެން ވަރަށްގިނަ ޢަދަދެއްގެ އަންހެނުން ސިފައިންގެ ތެރެއަށް ވަނުމަށް ހުށަހެޅިއެވެ. ނަމަވެސް އެފަހަރު އެ ފުރުސަތެއް އަންހެނުންނަކަށް ނުލިބުނެވެ. އޭގެ  26 އަހަރު ފަހުން އަނެއްކާވެސް ސިފައިންގެ ތެރެއަށް އަންހެނުން ވެއްދުމަށް ސަރުކާރުން އިޢުލާން ކުރެއްވިއެވެ. އެއީ 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން،  ޤައުމުގެ ސަލާމަތީ ކަންތައްތައް އިތުރުން ހަރުދަނާ ކުރެއްވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅެކެވެ. އަންހެނުންނަށް ސިފައިންގޭގައި ޚިދުމަތް ކުރުމުގެ ފުރުސަތު ހުޅުވާލުމުން އެކަމަށް ކުރިލި ހިތްވަރުފަދަ ކަނބަލުންގެ ތެރެއިން އެ ކަނބަލުންގެ ޢުމުރާއި ޞިއްޙަތަށްބަލައި ހޮވާލެވުނު ބަޔަކަށް ތަމްރީނުދީ، 1989 މާރިޗު 1 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ދިވެހި އަސްކަރިއްޔާއިން 65 ބޭކަނބަލަކަށް ވަޒީފާ ހަމަޖެއްސެވިއެވެ. އެހެންވީމާ މާރިޗު މަސް ވެގެން ގޮސްފައިމިވަނީ އެއް ގޮތަށްވުރެ ގިނަ ގޮތުން ސިފައިންގެ ކަނބަލުންނަށް ޚާއްޞަ މަހަކަށެވެ. މާރިޗު މަސް ޚާއްޞަވާ އަހެންގޮތަކީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރެވޭ އަނިޔާތައް ހުއްޓުވުމަށާއި، އަންހެނުންގެ ޙައްޤުތައް ހޯދައި ދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރެވޭ އަންހެނުންގެ  ދުވަސް މާރިޗު މަހުގެ 8 ވަނަ ދުވަހު ފާހަގަ ކުރެވޭތީއެވެ.


ސިފައިންގެ ޚިދުމަތަށް ފުރަތަމަ އަންހެނުން ވެއްދިއިރު އޮތީ މައިގަނޑު ދެ ޝަރުތެކެވެ. އެއީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމާއި، ޒުވާން އަންހެނަކަށްވުމެވެ. އޭރު ސިފައިންގެއަށް ވެއްދި ކަނބަލުންނަށް ދެވުނީ އެ ކަނބަލުންނަށް ޚާއްޞަ ލުއި ތަމްރީނުތަކެކެވެ. އޭރު އެކަނބަލުން ބެލެވިފައި އޮތީ ސިފައިންގެ ތެރޭގައި ސިފައިން ކުރަމުންދާ ބުރަ އަދި ބަރު ޑިއުޓީތަކާއި އަސްކަރީ ތަމްރީނުތައް ހެދޭނެ ބައެއްގެ ގޮތަކު ނޫނެވެ. އެހެންނަމަވެސް މިއަދު އެކަންވަނީ ބަދަލުވެފައެވެ. މިއަދު ސިފައިންގޭގައި ވަރަށް ގިނަ ދާއިރާތަކެއްގައި، ފިރިހެން ސިފައިންނެކޭ އެއްފަދައިން އަންހެން ސިފައިން ހަރަކާތްތެރިވަމުން އެބަގެންދެއެވެ. އަސްކަރީ ތަމްރީނުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހަދައި މި އަސްކަރިއްޔާގައި ޚިދުމަތް ދެމުން އެބަގެންދެއެވެ. ސިފައިންގެ ތެރޭގައި އަންހެން އިންސްޓްރެކްޓަރުން ތަފާތު ދާއިރާ ތަކުގައި ހަރަކާތްތެރިވަމުން އެބަ ގެންދެއެވެ. އަސްކަރިއްޔާގެ މައިބަދަ ކަމުގައި ބުނެވޭ އެންލިސްޓެޑް ސިފައިންގެ އިތުރުން އޮފިސަރުންނާއި ވޮރަންޓް އޮފިސަރުން ސިފައިންގެ ކަނބަލުންގެ ތެރޭގައި އެބަތިއްބެވެ. ފަންނީ ދާއިރާތަކަށް ބަލާލާއިރު، ޑޮކްޓަރުންނާއި، ނަރުހުންނާއި، ފަޔަރފައިޓަރުންނާއި، އިންޖިނޭރުންނާއި، އިދާރީ ހިންގުންތެރިންނާ، ފޮޓޯ ގްރާފަރުންނާ އަދިވެސް ފަންނީ ތަފާތު ދާއިރާ ތަކުގެ ކަނބަލުން މި މުއައްސަސާގައި އެބަތިބި. ކުޅިވަރުގެ ދަނޑުތަކުގައި ޤައުމު ތަމްސީލުކޮށްދީ، ދިވެހި އަސްކަރިއްޔާއަށް ރީތި ނަމާއި ފަޚުރުވެރި ވަނަތައް ހޯދައިދެމުންދާ އަންހެން ސިފައިން އެބަ ތިއްބެވެ. މިއުޒިކާއި، ލަވަ ކިޔުމާއި، ބެރު ޖެހުމާއި، ނެށުމާއި، ތަމްސީލު ކުޅުންފަދަ ފަންނީ ދާއިރާތަކުން ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ފަންނުވެރި ހުނަރުވެރިން އެބަތިބި. މީގެއިތުރުން ޤައުމީ ފަޚުރުވެރި އެވޯޑްތައް ހާސިލުކޮށްފައިވާ ކަނބަލުން މި މުއައްސަސާއިން ފެންނަމުން ދިއުމަކީ ސިފައިންގެ ކަނބަލުންނާއި މި މުއައްސަސާއާއި މި ޤައުމުވެސް ސިފައިންގެ ކަނބަލުންނަށް ފަޚުރުވެރިވާނެ ކަމެއްކަން ކަށަވަރެވެ.

މިހާރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި ލޮބުވެތި ކަނބަލުންނަކީ ދިވެހި ސިފައިންގެ ތާރީޚު ބަދަލު ކޮށްލާފައިވާ ހިތްވަރު ގަދަ، ޢަޒުމް ވަރުގަދަ، ކެރޭ ހީވާގި ބައެކެވެ. މިއަދު ސިފައިންގެ ކަނބަލުންގެ ހިއްސާއެއްނެތި ދޭ އެއްވެސް ޚިދުމަތެއް ދިވެހި އަސްކަރިއްޔާއަކު ނެތެވެ. ސިފައިންގެ ބޭކަލުންނާ އަޅާބަލާއިރު، ނިސްބަތުން ސިފައިންގެ ކަނބަލުން މަދު ނަމަވެސް ވަރަށް ވަރުގަދަ ހިތްވަރަކާއި ޖޯޝަކާއެކު ސިފައިންގެ ކަނބަލުން ގެންދަވަނީ ދިވެހި އަސްކަރިއްޔާގައި ދިވެހި އަންހެނުން ވަރަށް ފުރިހަމަށް ތަމްސީލު ކޮށްދެމުންނެވެ. އަންހެނުންގެ މަޤާމު މި މުއައްސަސާގައި ވަރަށް ފުރިހަމައަށް އަދާކުރަމުންނެވެ.

މިކަންވަނީ މިއަހަރު (2017 ވަނަ އަހަރު) އަލަށް ބޭއްވި ސިފައިންގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތުގަޔާއި ސިފައިންގެ ހެވިކަމުގެ 12 ވަނަ މުބާރާތުގައި ފިސާރި ރަނގަޅަށް ސިފައިންގެ ކަނބަލުން ސާބިތުކޮށްދީފައެވެ. ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމަކީ ދިވެހި އަންހެނުން އާންމުކޮށް ކޮށްއުޅޭ ކަމަކަށް ނުވިނަމަވެސް، ފިރިހެން ސިފައިންނާ ވާދަކޮށް އެއް ހަމައެއްގައި ސިފައިންގެ ކަނބަލުން ވަނީ ކުޅަދާނަކަމާއި ހުނަރުވެރިކަން ދައްކުވައިދީފައެވެ. ހަމައެހެންމެ، މިއަހަރު ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީވެރިޔާގެ ވާދައިގެ ތަށްޓަށް ބޭއްވި ސިފައިންގެ ހެވިކަމުގެ މުބާރާތުގައި ފިރިހެން ސިފައިންނެކޭ އެއްގޮތަށް، ފިރިހެން ސިފައިން ބޭނުންކުރި ހަތިޔާރާއެކު، ހަމަ އެ ސީކްއެސް 45 މިނިޓަށް އެ ކަނބަލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ކުރިން ސިފައިންގެ ކަނބަލުންނަކީ ހެވިކަމުގައި އެސްއެމްޖީފަދަ ލުއި ހަތިޔާރު ބޭނުންކުރި ބައެއްނަމަވެސް މި މުބާރާތުގައި އަންހެން ސިފައިން ބޭނުންކުރީ ފިރިހެން ސިފައިންވެސް މި މުބާރާތުގައި ބޭނުންކުރި އެސްއެލްއާރު ރައިފަލްކަން ފާހަގަކޮށްލަންޖެހެއެވެ.

މިއަށްވުރެ ބޮޑަށް ފާހަގަ ކޮށްލަންޖެހޭ ކަމަކީ މި މުބާރާތަށް ފުރަތަމަ ފަހަރަށް އަންހެން ގެމައެއްގެ ގޮތުގައި ނުކުމެ، ފިރިހެން ސިފައިންގެ ބައެއް ގެމަތައް މުބާރާތުގައި ވަނަ ހޮވުމުގައި ބެލި ބައެއް ދާއިރާތަކުން ފަހަތަށް ޖައްސާލާފައި ހޯދި ކުރިއެރުންތަކެވެ. އަދި މުބާރާތަށް ތައްޔާރުވުމުގައި ހުރިހާ ސިފައިންގެ ކަނބަލުން ދައްކުވައިދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމެވެ. ސިފައިންގެ ހުރިހާ ކަނބަލުންގެ ބައިވެރިވުމާއި ހިތްވަރާއި ޢަޒުމެވެ. ހެވިކަމަށް ނެގުނު ގެމައިގެ އިތުރުން ސިފައިންގެ ޚިދުމަތުގައި ތިއްބެވި ހުރިހާ ސިފައިންގެ ކަނބަލުންވެސް އެއް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތާއި ބައިވެރިވި ބައިވެރިވުމެވެ. ޚާއްޞަ ކޮށް މިފަދަ ސިފަވަންތަ ވާދަވެރި ބޮޑު މުބާރާތެއްގައި ފިރިހެން ސިފައިންގެ ގެމަތަކާ ވާދަކުރުމަށް ނިކުތް ހިތްވަރު ގަދަ ކެރޭ އަންހެން ސިފައިންގެ ގެމައިގެ މެންބަރުންނާއި މުދައްރިބުންނާއި މެހިތަރުންގެ ޢަޒުމާއި ހިތްވަރެވެ. ރެއާއި ދުވާލު، ވާރެއާއި އަވީގައި ދައްކުވައިދިން ކިޔަމަންތެރިކަމާއި ސާބިތުކަމެވެ. ސިފައިންގެ ކަނބަލުންގެ ގެމައިގައި ހިމެނި އަންހެން ސިފައިންނަށާއި ދިވެހި ހުރިހާ އަންހެނުންނަށް ފަޚުރާ ޝަރަފު ހޯދައިދިނުމަށް ޝައުޤުވެރިކަމާއެކު ކުރި މިންނަތް މަސައްކަތެވެ. މި މުބާރާތުގައި ސިފައިންގެ ކަނބަލުން ދައްކުވައިދިން ހިތްވަރާ ޖޯޝަށް ވެދުން މިކުރަނީ ވަސް މީރު ގުލްދަސްތާތައް. އަމުނާ މިލަނީ މުތީގެ ހާރުތަކެވެ. ދަންނަވަން ޖެހެނީ އައްސަރިބަހާ ސާބަހެވެ.


ހުރިހާ ކަމެއްގެ ކުރިއަށް، ސިފައިންގެ އިސްކުރާނީ

      ކެރިގެން ފިދާ މި ޤައުމަށް، ވާނީ ސިފައިންގެ ކަނބަލުން

ސިފައިންގެ ޔުނިޓްތަކުގައި، ޚިދުމަތް ދެމުން އުފަލުގައި

      ސިފަވަންތަކަން މަތީގައި، ދާނީ ސިފައިންގެ ކަނބަލުން

No comments: