Tuesday, July 25, 2017

އަލްމަރުޙޫމް ކދ. އަޙްމަދު މަނިކުގެ ސިފައިންގެ ޚިދުމަތް

­­­  

ޢަބްދުﷲ ސަޢީދު

އަލްމަރުޙޫމް ކަޅުހުއްތު ދޮންމަނިކުގެ އަޙްމަދު މަނިކު ނުވަތަ ކ.ދ. އަޙްމަދު މަނިކަކީ އެމަނިކުފާނު ސިފައިންގެ ޚިދުމަތުގައި އުޅުއްވި ދުވަސްވަރު ސިފައިން ކުރި ހުރިހާ ބޮޑެތި މަސައްކަތްތަކާއި ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މިގޮތުން ދެކުނު ގަޑުބަޑާގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަނާއި އަދާކުރި މުހިންމު ޑިއުޓީތަކުގައި އިޚްލާޞްތެރިކަމާއެކު ކުރެއްވި ޚިދުމަތް ފާހަގަ ކޮށްލަންޖެހެއެވެ. ވަޒީރުލްއަޢުޒަމް އަދި ސިފައިންގެ ވެރިޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު މޯލްޑިވްސްޓަރގައި ތިނަދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ކ.ދ. އަޙްމަދު މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި ތިނަދޫއަށް ފައިބައިވަޑައިގެންނެވުމަށް މޯލްޑިވްސްޓަރުން އިންޖީނު ބައްތެއްޔަށް ވަޒީރުލްއަޢުޒަމް ފައިބައި ވަޑައިގަންނަވައި، އެމަނިކުފާނުގެ އަރިހުގައި އެ ބައްތެއްއަށް އަރުއްވަން އަމުރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ކ.ދ. އަޙްމަދު މަނިކު ހިމެނިވަޑައިގެންނެވިއެވެ.  އެމަނިކުފާނު ގެންދެވީ ތިނަދޫ ރައްޔިތުންނަށް އަންގަން ބޭނުންފުޅުވާ އެންގެވުމަށް ގޮވުމަށް ހަމަޖެއްސެވި ދެ ބޭފުޅުންގެ އެހީތެރިއަކަށެވެ. މީގެއިތުރުން އެ ގަޑުބަޑާގުޅިގެން ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ކ.ދ. އަޙްމަދު މަނިކު ޑިއުޓީ ކުރެއްވިއެވެ. އޭގެ ތެރޭގައި އެ ގަޑުބަޑުގެ އެންމެ މުހިންމު އެއް ރަށް ކަމުގައިވާ ގދ. ތިނަދޫ ވެސް ހިމެނެއެވެ.

އަލްމަރުޙޫމް ކ.ދ. އަޙްމަދު މަނިކު ވަނީ 61 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. ކ.ދ. އަޙްމަދު މަނިކު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 6 މޭ 1953 ގައި މުވާޞަލާތުގެ އޮބްޒަރވަރެއްގެ ވަޒީފާއިން ނެވެ. އޭގެފަހުން މެޓް އޮފީހުގެ އޮބްޒާވަރ ކަމާއި، ޅ. އަތޮޅުގެ ކާތިބު (ދެ ނަންބަރު) ކަން ކުރެއްވިއެވެ. އޭގެފަހުން ހުންނެވީ ދާޚިލިއްޔާގެ ޅ. އަތޮޅުގެ 2 ނަންބަރު ކާތިބުގެ މަޤާމުގައެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ  1959 މާރިޗު 3 ވަނަ ދުވަހު އެވެ. ސިފައިންގެ ޚިދުމަތުގައި 7178 ދުވަސް ހޭދަ ކުރެއްވިއެވެ. އެއީ 19 އަހަރާއި 07 މަހާއި 24 ދުވަހެވެ.

އަލްމަރުޙޫމް ކ.ދ. އަޙްމަދު މަނިކު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ދެ ނަންބަރު ސިފައިންގެ މީހެއްގެ މަޤާމުގަައެވެ. މުސާރައަކީ 120 ރުފިޔާއެވެ. އޭރު ސިފައިންގޭގައި 1 ނަންބަރު ސިފައިންނާއި 2 ނަންބަރު ސިފައިން ތިބެއެވެ. އެ މަޤާމުން ވަކިކުރައްވައި ސިފައިންގެ މީހެއްގެ މަޤާމަށް ބަދަލު ކުރެއްވީ 26 އެޕްރީލް 1959 ގައެވެ. އެ މަޤާމުގެ މުސާރައަކީ 150 ރުފިޔާއެވެ. އެ މަޤާމުން ވަކި ކުރައްވައި، ސިފައިންގެ 4 ނަންބަރު ސަރުދާރުގެ މަޤާމް ދެއްވީ 18 ސެޕްޓެންބަރު 1959 ގައެވެ. އޭރު މަޤާމަށް ބަދަލު ކުރައްވަނީ ކުރިން ހުރި މަޤާމުން ވަކި ކުރައްވާފައެވެ.  އެ މަޤާމުގެ މުސާރައަކީ 225 ރުފިޔާއެވެ. ސިފައިންގެ 3 ނަންބަރު ސަރުދާރުގެ މަޤާމަށް ބަދަލު ކުރެއްވީ 3 އޮގަސްޓް 1961 ގައެވެ. މުސާރައަކީ 300 ރުފިޔާއެވެ. ސިފައިންގޭގައި އެންމެ ފަހުން އަދާކުރެއްވި މަޤާމަކީ ސިފައިންގެ 2 ނަންބަރު ސަރުދާރު ކަމެވެ. 7 އެޕްރީލް 1970 ގައި ބަދަލު ކުރެއްވި އެ މަޤާމުގެ މުސާރައަކީ 375 ރުފިޔާއެވެ.  އެ މަޤާމުގައި 1978 ނޮވެންބަރު 15 ވަނަ ދުވަހާ ހަމައަށް ހުންނެވިއެވެ.

ކ.ދ. އަޙްމަދު މަނިކަކީ ސިފައިންގޭގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސިފައިންގެ އިސް މަޤާމުތަކެއް ފުރުއްވައި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ސިފައިންގެ ހެވިކަމުގައި އެއީ އަރާ ހުންނެވި ހެވިކަމަށް ކުޅަދާނަ ބޭފުޅެކެވެ. އެއީ ހަށިހެޔޮ އަދި ދުޅަހެޔޮ ސިފަވަންތަ ޝަޚްސިއްޔަތެކެވެ. ސިފައިންނަށް ހެވިކަން ދަސްކޮށްދެއްވުމަށް 1959 ވަނަ އަހަރު ސްރީލަންކާއިން ގެންނެވި މޭޖަރ (ރިޓަޔަރޑް) ޑީއެފް ފޮސްޓަރގެ އިރުޝާދުގެ ދަށުން ހެވިކަން ދަސްކުރެއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. ފޮސްޓަރގެ މި އަގުހުރި މަސައްކަތަށްފަހު ސިފައިންގެތެރޭގައި އުފެދިގެންދިޔަ ޕެރޭޑް ކޮމާންޑަރުންގެ ތެރޭގައި ކ.ދ. އަޙްމަދު މަނިކު ހިމެނިވަޑައިގެންނެވިއެވެ.

ކ.ދ. އަޙްމަދު މަނިކަކީ އިދާރީ ހިންގުންތެރިއެކެވެ. އަތުލިޔުން ރީތި ބޭފުޅެކެވެ. 1959 ވަނަ އަހަރު ސިފައިންގޭގައި، އިދާރީ އޮނިގަނޑު އަލަށް އެކުލަވާލެއްވިއިރު އެ މަނިކުފާނަށް ސިފައިންގެ އޮފީހުގެ ކާތިބުކަން ދެއްވިއެވެ. މިއީ އެ ޒަމާނުގައި ސިފައިންގެ އޮފީހުގައި ކުރަންޖެހޭ އިދާރީ އެންމެހާ ކަންތައްތައް ކޮށް، ބެލެހެއްޓުމުގައި  ވަރަށް މުހިންމު މަޤާމެކެވެ. ސިފައިންގެއިން ޕައިލެޓްކަން ދަސްކުރުމަށް އެންމެ ފުރަތަމަ ނެންގެވި ތިން ބޭކަލުންގެ ތެރޭގައި ކ.ދ. އަޙްމަދު މަނިކު ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް އެ ފުރުސަތު ގެއްލި ވަޑައިގެންނެވީ އެމަނިކުފާނުގެ ލޮލުގެ މައްސަލައެއް ހުރިކަން ފާހަގަ ކުރެއްވުމުންނެވެ.

ސިފައިންގެ ކޯސްޓްގާޑް އުފެއްދެވުމުގެ ކުރިން ރާއްޖޭގެ މަސްކަނޑުތައް ބެލެހެއްޓުމަށް ސިފައިންގެ މަސްބޯޓް ފަހަރާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ލޯންޗު ފަހަރުގައި ޕެޓްރޯލްކުރި ދުވަސްވަރު އެ މަސައްކަތުގައިވެސް ކ.ދ. އަޙްމަދު މަނިކު ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި ހުޅުލޭ އެއަރޕޯ÷ޓުގެ މަސައްކަތް ކުރެވުނު ދުވަސްވަރު އެ މަސައްކަތުގައިވެސް ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. ކދ. އަޙްމަދު މަނިކަކީ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އެމަނިކުފާނު ވަނީ ސިފައިންގެ ސަރުދާރު (ޗީފް އޮފް ޑިފެންސް ފޯސް) ގެ މަޤާމުގެ ނިޝާން 1960 ވަނަ އަހަރު ކޮމާންޑަރ ނާއިބުގޭ ޅަތުއްތަށް ދެއްވި ރަސްމިއްޔާތުގައި ސިފައިންގެ ފަރާތުން ވާހަކަފުޅު ދައްކަވާފައެވެ. އޭރު ކ.ދ. އަޙްމަދު މަނިކު ހުންނެވީ ސިފައިންގޭގައި އޭރު ކުރިއަށްދިޔަ ސިގްނަލް ކުލާހުގެ ދަރިވަރެއްގެ ގޮތުގައެވެ.

1969 ވަނަ އަހަރު ރަޝިއާ ސަރުކާރުން ރާއްޖެއަށް މެޝިން ބަޑި ހަދިޔާ ކުރެއްވުމުން އެ ބަޑި ކިޔަވައިދެއްވަން އައި ޓީމާއެކު ބޯޓު ފަހަރުގައި އެ ބަޑި ހަރުކުރުމަށް ސައިޓްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ ސިފައިންގެ 2 ނަންބަރު ސަރުދާރު ކ.ދ. އަޙްމަދު މަނިކެވެ. އަދި ރަޝިއާއިން ހަދިޔާ ކުރެއްވި ބަޑިއާބެހޭ ސްޕެއަރޕާޓްސް އާއި މަރާމާތުކުރަން ބޭނުންކުރާ ސާމާނާ ސިފައިންގެއިން ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނެވެ. 20 ޖުލައި 1959 ގައި ސަރުކާރުން ހެންވޭރު ޖަލު އުފައްދަވައި، އެ ޖަލުގައި މީހުން ހައްޔަރުކުރައްވަން ފެށްޓެވި ދުވަސްވަރު ޖަލުގެ ޑިއުޓީ ބަލަހައްޓަމުންދިޔަ ސިފައިންނާއި ސެކިިއުރިޓީގެ ކަންތައްތަކާ އިސްކޮށް ހަވާލުވެވަޑައިގެން ހުންނެވީ ކ.ދ. އަޙްމަދު މަނިކެވެ. 1963 ވަނަ އަހަރުގެ ތެރޭގައި އެކިއެކި މައްސަލަތަކުގައި އަރުވާލައިފައި ތިބޭ ކުށްވެރިން މުއްދަތު ހަމަވެގެން ދޫކޮށްލަން މާލެ ގެންނައިރު، މުއްދަތު ހަމަވަންދެން ބައިތިއްބަމުން އައީ ވިލިނގިލީ ޖަލުގައެވެ. އެ ދުވަސްވަރު އެ މީހުންނާ ހަވާލުވެވަޑައިގަންނަވަމުން ގެންދެވީ ވެސް ކ.ދ. އަޙްމަދު މަނިކެވެ.


ސިފައިންގޭގައި ކާކީ ކުންފުނި އުފައްދަވައި، މަސްބޯޓު ފަހަރު ދުއްވައި، މަސްވެރިކަމުގެ ވިޔަފާރި ކުރި ދުވަސްވަރު އެ ވިޔަފާރިން ގެއްލުންވާންފެށުމުން އެ މަސްބޯޓު ފަހަރުގައި މާލެއާއި އައްޑޫއާ ދެމެދު ދަތުރުކުރަން ފެށިއެވެ. އެ ދުވަސްވަރު އެ ދަތުރުތަކާ ހަވާލުވެ ހުންނެވީ ވެސް ސިފައިންގެ 3 ނަންބަރު ސަރުދާރުގެ މަޤާމުގައި ހުންނެވި ކ.ދ. އަޙްމަދު މަނިކެވެ.

ކ.ދ އަޙްމަދު މަނިކަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ސަރުކާރުގެ ވަރަށް މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ކ.ދ. އަޙްމަދު މަނިކު ސިފައިންގެ ވަޒީފާއަށްފަހު ފުރަތަމަ އަދާކުރެއްވީ ލ. އަތޮޅުގެ އަތޮޅުވެރިކަމެވެ. އޭގެފަހުން ދ. އަތޮޅާއި ހދ. އަތޮޅުގެ އަތޮޅުވެރިކަންވެސް ކުރެއްވިއެވެ. އެމަނިކުފާނު ފުރުއްވާފައިވާ އެހެން ބައެއް މަޤާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއާޒްގެ ވަކީލު ކަމުގެ މަޤާމާއި، ކަސްޓަމްސްގެ ސީނިއަރ އެސިސްޓެންޓް ކަލެކްޓަރ ކަމުގެ މަޤާމާއި، ސްޕޯޓްސް ޑިވިޜަންގެ ވަކީލުކަމުގެ މަޤާމު ހިމެނެއެވެ. އަދި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ ނައިބުކަމުގެ މަޤާމާއި، ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަޤާމު ހިމެނެއެވެ. އެންމެފަހުން ފުރުއްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަޤާމެވެ. އެ މަޤާމުން ވަކިވެވަޑައިގެންފައިވަނީ 5 ނޮވެންބަރު 2008 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ވަރަށްދިގު މުއްދަތެއްގައި އަލްމަރްޙޫމް ކ.ދ. އަޙްމަދު މަނިކު ވަނީ ކުރައްވާފައެވެ. ހދ. އަތޮޅުގެ މެންބަރުކަން 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާއިރު، ދ. އަތޮޅުގެ މެންބަރުކަމާއި،  ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ހދ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ.


ސަރުކާރަށް ވަރަށްދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ހެންވޭރު ޝޭޑީގްރޯވ ކ.ދ. އަޙްމަދު މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހިތްޕުޅުގެ އާލާސްކަންފުޅެއްގައި 2017 މާރިޗު 25 ވަނަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި އޭ.ޑީ.ކޭ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ. އަލްމަރްޙޫމް ކ.ދ. އަޙްމަދު މަނިކު އަވަހާރަވިއިރު އަނބިކަނބަލަކާއި، 4 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި، 3 އަންހެން ބޭފުޅުންނެވެ. އަލްމަރުޙޫމް ކދ. އަޙްމަދު މަނިކުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ރަޙުމަތްލައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.

No comments: