Thursday, June 1, 2017

ޤައުމީ ސަލާމް





ޢަބްދުﷲ ސަޢީދު
ޤައުމީ ސަލާމަކީ ޤައުމީ މުނާސަބަތުތަކުގައި ކިޔަން ހަދާފައި އޮންނަ ޚާއްޞަ ލަވައެވެ. އެ ލަވައިގައި އެ ޤައުމެއްގެ ޤައުމިއްޔަތާއި އަޤީދާއާއި އެ ބައެއްގެ ޢަޒުމް ބަޔާންކޮށްދީފައި ހުރެއެވެ. ގިނަ ޤައުމުތަކުގެ ޤައުމީ ސަލާމްތަކުގެ ރާގާއި ޅެން ނުވަތަ ލަވަ ހުންނަނީ ޖޯޝާއި ފޯރީގައި ކިޔާލެވޭ ގޮތަށެވެ. ޤައުމީ ސަލާމަކީ ކޮންމެ ޤައުމެއްގައިވެސް ގިނަ ބަޔަކު ދަންނަ އަދި އެ ލަވައަށް އިޙްތިރާމް ކުރާ އަދި ޤާނޫނީ ގޮތުންވެސް އިޙްތިރާމް ކުރަންޖެހޭ ލަވައެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާގެ (ވ) ގައި ބުނަނީ ޤައުމީ ދިދަ އަށާއި، ދައުލަތުގެ ނިޝާނަށާއި، ޤައުމީ ސަލާމަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށެވެ. 

ދިވެހި ޤައުމީ ސަލާމުގެ ތާރީޚަށް ބަލާލާއިރު، 1940ގެ އަހަރުތަަކާ ހަމައިގައި ޤައުމީ ސަލާމުގެ ގޮތުގައި ރާގެއް ބޭނުން ކުރަމުން އައެވެ. ލަވައެއް ޅެމެއް ނެތް އެ ރާގަށް އޭރު ކިޔަނީ "ސަލާމަތީ" އެވެ. އެއީ އެކިއެކި ޤައުމީ މުނާސަބަތު ތަކުގައި ރަސްކަމުގެ އެތެރެކޮއިލު ތެރޭގައި ބެރުދުންމާރި ތާޅަފިލިވެރިން (ރޯޔަލް ބޭންޑް) ގައި އޭރު ކުޅެމުން އައި ރާގެކެވެ. ޤައުމީ ސަލާމަށް ޅެމެއް ހެއްދެވުމަށް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީ ޙަވާލު ކުރެއްވީ އަލްއުސްތާޛު މުޙައްމަދު ޖަމީލް ދީދީއާ އެވެ. އަތިރީގޭގައި ހުރި ގަޑިއަކުން ޖަހާ ރާގަކަށް ހެއްދެވި އެ ލަވައިގެ ރާގަކީ "Auld Lang Syne" އެވެ. ސިފައިންގެ ބޭންޑްގައި ޤައުމީ ސަލާމެއްގެ ގޮތުގައި މި ރާގު ކުޅުމަށް މިއުޒިކް ނޯޓްތައް ލިޔުއްވީ ސިފައިންގެ 2 ނަންބަރު ސަރުދާރު (ސާރޖަންޓް) އިބްރާހީމް ޙަބީބެވެ. ގާޑް އޮފް އޮނަރ އެއްގައި ޤައުމީ ސަލާމް ފުރަތަމަ ފަހަރަށް ކުޅުނީ 1947 ޑިސެންބަރު 10 ވަނަ ދުވަހުއެވެ.
މިހާރު ބޭނުންކުރާ ޤައުމީ ސަލާމުގެ ރާގަކީ އިނގިރޭސި ރާނީ ކްއީން އެލިޒަބަތު (2 ވަނަ) ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ހެއްދެވި ރާގެކެވެ. ރައީސް އިބްރާހީމް ނާޞިރުގެ އެދިވަޑައިގެންނެވުމަށް މި ރާގު ހައްދަވައި ދެއްވީ ސްރީލަންކާގެ މިއުޒިކް ޕްރޮފެސަރެއް ކަމަށްވާ ޕެންޑިތު ޑަބްލިޔު.ޑީ އަމަރަދޭވާ އެވެ. މި ރާގު ފުރަތަމަ ލިޔުއްވީ ސިފައިންގެ ބޭންޑް ޕާޓީގެ މެންބަރެއް ކަމަށްވާ ބެއްޔަ ހުއްތު އެވެ. ސިފައިންގެ ބޭންޑް މާސްޓަރަކަށް ހުންނެވި ޔުރެކާ އިކެމާ ވަނީ ބޭންޑްގައި ޤައުމީ ސަލާމް ކުޅޭއިރު، ޤައުމީ ސަލާމް ނިމޭއިރު ކޯޑެއް ނެގުމުން ރާގު އެންމެ ފުރިހަމަ ނުވާކަމަށް ވިދާޅުވެ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެންނަވާފައެވެ. އޭނާ ހެއްދެވި ކޯޑާއެކު ޤައުމީ ސަލާމް ފުރިހަމަ ވެގެން ދިޔައީ 1989 ފެބްރުއަރީ 07 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭރު ޤައުމީ ސަލާމް ކުޅޭއިރު ތަންކޮޅެއް ލަސްކަން ފާހަގަ ކުރައްވައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އެދިވަޑައިގެންނެވުމަކަށް މިހާރު މިއޮތް ގޮތަށް ޤައުމީ ސަލާމުގެ ރާގު ބަދަލު ކުރެއްވީ 1989 ވަނަ އަހަރު ބޭންޑް މާސްޓަރ ކޯސް ފުރިހަމަ ކުރައްވައިގެން ވަޑައިގެންނެވި ސްޓާފް ސަރޖަންޓް ޙަސަން ޔޫސުފެވެ.
ޤައުމީ ސަލާމަކީ ހުރިހާ ޤައުމެއްގައިވެސް ވަރަށް ބޮޑަށް ޙުރުމަތްތެރިކޮށް ހިތާ ލަވަ އެކެވެ. އެ ލަވަ ކިޔާއިރު އެންމެވެސް ތިބެނީ ކޮޅަށް ތެދުވެ އެވެ. ލަވަ ކިޔާ ވަގުތަކީ އެންމެންވެސް ހިމޭން ކަމާއެކު އެ ލަވައަށް ހުސްކޮށްލާ ވަގުތު ކޮޅެކެވެ. ޤައުމީ ސަލާމަށް އަސްކަރިއްޔާ ތަކުގެ ސިފައިން ކުރުނީސް (ސެލިއުޓް) ކުރެއެވެ. ކުޅިވަރުގެ ދަނޑުތަކުގައި ކުޅުންތެރިންނާއި އޮފިޝަލުން ޤައުމީ ސަލާމް ކިޔަން ތިބެނީ އެ ބައި މީހުންގެ ކަނާތް މޭގެ ވާތް ފަރާތުގައި އަޅައިގެން ތިބެއެވެ. ޤައުމީ ފެންވަރުގެ ކޮންމެ ރަސްމިއްޔާތެއްގައިވެސް ޤައުމީ ސަލާމް ހިނަމައެވެ.

No comments: