Tuesday, July 25, 2017

ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނު

­­­  

ޢަބްދުﷲ ސަޢީދު

އާންމު ފަރުދަކާއި ސިފައިންގެ މީހަކާ ތަފާތުކޮށްދޭ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަ ސިފަވަންތަ އަސްކަރީ އަޚުލާޤެވެ. ސިފައިންގެ މީހާގެ ކިބައިގައި ހުންނަ ސިފަވަންތަކަމަކީ ދެވޭ ތަޢުލީމާއި ތަމްރީނާއި ތަރުބިއްޔަތުގެ ތެރެއިން އަށަގެންނުވޭ ޚާއްޞަ ސިފައެކެވެ. އާންމު ފަރުދަކު ސިފައިންގެ މީހަކަށް ބަދަލު ކުރުމަށް ފުރަތަމަ ހަދަންޖެހެނީ އަސްކަރީ ތަމްރީނެކެވެ. ސިފައިންގެ މީހަކަށް އާންމުކޮށް ވެވެނީ ސިފައިންގެ މީހަކަށްވުމަށްޓަކައި ހަދަންޖެހޭ އަސާސީ ތަމްރީނު ފުރިހަމަކޮށް، ޤާނޫނީ ގޮތުން ކުރަންޖެހޭ ހުވާކުރުމުންނެވެ. ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ ކެރޭ ހުޝިޔާރު، ޤާބިލު ބަޔަކަށް ހެދުމާއި، އަދި މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ޤައުމަށްޓަކައި ޤުރުބާންވާން އަބަދުވެސް ތައްޔާރަށް ތިބޭ ތެދުވެރި، ވަފާތެރި ބަޔަކަށް ހެދުމާއި، އެކަމަށްޓަކައި ދޭންޖެހޭ ތަޢުލީމާއި ތަމްރީނު ދިނުން ސިފައިންގެ ޤާނޫނުން ލާޒިމު ކުރާތީ، ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނަށް ހުއްޓުމެއް ނާދެއެވެ. 

 ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި އިންސާނީ ވަސީލަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރެވޭ މަސައްކަތުގައި 2016 އެޕްރީލް 21 ވަނަ ދުވަހަކީ ފާހަގަކޮށްލަންޖެހޭ ދުވަހެކެވެ. އެއީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ހުޅުވުނު ދުވަހެވެ. ޤައުމީ ސަނަދުގެ އޮނިގަނޑާ އެއްގޮތަށް ކޯސްތަކާއި ތަމްރީނުތައް ފަރުމާކޮށް ހިންގާ މި ކޮލެޖުން ވޭތުވެދިޔަ އަހަރު ހިންގި 61 ކޯހަކުން 1635 ދަރިވަރުން ދަސްވެނިވެފައިވެއެވެ. ސިފައިންނަށް ހިންގި ކޯސްތަކުން 1248 ސިފައިން ދަސްވެނިވެފައިވެއެވެ. އަނެއް 387 މީހުންނަކީ ސީޑީއެސްއެސް އިން އާންމު ފަރާތްތަކަށް ހިންގި ކޯސްތަކާއި ޓްރޭނިންގ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ މީހުންނެވެ. ސީޑީއެސްއެސް ވުޖޫދަށް އައުމުގެ ކުރިންވެސް ސިފައިންގޭގައި ތަމްރީނު ދެވޭނެ ހަރުދަނާ ނިޒާމެއް އޮތެވެ. ދިވެހިރާއްޖޭގައި 1892 ވަނަ އަހަރު ސިފައިން އުފެދިގެން އައީ ވެސް ހެވިކަމާއި ތަމްރީނުގެ ތެރެއިންނެވެ. އޭރު ސިފައިން ހެވިކަންދަސްކޮށް، ތަމްރީނުތައް ހެދީ އާގަނޑުވަރުގައެވެ. އެ ތަމްރީނުތަކުގެ ތެރޭގައި ހިމެނެނީ ކަނޑިއައްޑަނައިގެ ހެވިކަމާއި ލޮންސީގެ ހެވިކަމާއި ކުޅިޖެހުންފަދަ ކަންތައްތަކެވެ. އޭރުންސުރެ ސިފައިންނަށް ދެވެމުންއައި އެންމެ ވަރުގަދަ އަސްކަރީ ތަމްރީނަކީ ހެވިކަން ކަމުގައި ވެގެންދިޔަ ޒަމާންތަކެއް ދިވެހި ސިފައިން ދެކެފައިވެއެވެ. 

ރާއްޖެއިން ބޭރުން ސިފައިން ފުރަތަމަ ތަމްރީނު ހޯދީ 1942 ވަނަ އަހަރުއެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސިލޯނުގައި އޮތް ޕަންޖާބު ރެޖިމެންޓުގައި އަސްކަރީ ތަމްރީނު ހޯދީ ސިފައިންގެ 12 މީހުންނެވެ. އޭގެފަހުން 13 ޑިސެންބަރު 1959 ގައި ސިލޯނުގެ އާމީގެ މޭޖަރ (ރިޓަޔަރޑް) ޑީއެފް ފޮސްޓަރ ރާއްޖެ ގެންނަވައި ބަޑިޖަހާށާއި ޕެރޭޑްކުރަން ދަސްކޮށްދިނެވެ. ރާއްޖޭގައި ސިފައިންނަށް ތަމްރީނު ދިނުމަށް ފުރަތަމަ ޤާއިމުކުރި ސެންޓަރަކީ 1986 ޖޫން 6 ވަނަ ދުވަހު ހުޅުވި "ގިރިފުށީ ޓްރޭނިންގ ކޭމްޕް" އެވެ. އޭގެ ދުވަސްކޮޅެއް ފަހުން މިލިޓަރީ ޓްރޭނިންގ ސެކްޝަން އުފެއްދެވިއެވެ. އަދި އެ ޔުނިޓުގެ ނަން 1993 ވަނަ އަހަރު "އެންއެސްއެސް ޓްރޭނިންގ ޔުނިޓް"ގެ ނަމަށް ބަދަލު ކުރެއްވިއެވެ. އެއަށްފަހު އެޔުނިޓް އުވާލައްވައި ޑިފެންސް އިންސްޓިޓިއުޓް އޮފް ޓްރޭނިންގ އެންޑް އެޑިއުކޭޝަން (ޑައިޓް) އުފެއްދެވީ 13 އޮކްޓޯބަރު 2005 ގައެވެ. ޑިފެންސް އިންސްޓިޓިއުޓް އޮފް ޓްރޭނިންގ އެންޑް އެޑިއުކޭޝަން ބަދަލުވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒަށެވެ. 

އަސްކަރީ ތަމްރީނަށް އަބަދުވެސް ސިފައިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އެހެންނަމަވެސް 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަށްފަހު ސިފައިންނަށް ތަމްރީނު ދިނުމުގެ ސިޔާސަތަށް އިންޤިލާބީ ވަރަށް ބޮޑު ބަދަލުތަކެއް ނެގެސްފައިވެއެވެ. ސިފައިންގެ ތެރޭގައި އަސްކަރީ ގޮތުން ތަމްރީނު ލިބިފައިވާ ސިފައިން އޭރު ވަރަށް މަދެވެ. ސިފައިންގެ މީހުންނަށް އަސާސީ ތަމްރީނުގެ ގޮތުގައި ދެވެނީ ނަފްސު ހަރުދަނާ ކުރުމަށް ދެވޭ ތަމްރީނުތަކެކެވެ. 1986 ވަނަ އަހަރުގެ ޖޫން 6 ވަނަ ދުވަހު ގިރިފުށީ ޓްރޭނިންގ ކޭމްޕްގައި ފެށި ފުރަތަމަ ކޯހާއެކު އަސާސީ ތަމްރީނު ސިފައިންގެ ތެރޭގައި ދޭންފަށާފައިވިޔަސް ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއާ ކުރިމަތިވިއިރު ސިފައިންގޭގައި ގިނައީ އެފަދަ ތަމްރީނެއް ލިބިފައިނެތް މީހުންނެވެ. ކޮންމެ އަހަރަކު ބާއްވާ ބަޑިމުބާރާތުގެ އިތުރުން ބަޑިޖެހުމެއް ނޯވެއެވެ. އެ ބަޑި މުބާރާތުގައިވެސް އޭރު ބަޑިޖެހުމަށް ވަޒަން ދެނީ ވަރަށް މަދު އަދަދަކަށެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަށްފަހު، ސިފައިންނަކީ ހަތިޔާރަށް އަހުލުވެރި، ހަނގުރާމަވެރި ހާލަތްތަކަށް ތައްޔާރަށްތިބޭ ބައެއްގެ ގޮތުގައި ބައްޓަން ކުރުމުގެ މަސައްކަތް ފެށިއެވެ. މިގޮތުން އަސާސީ ތަމްރީނުގައި ކިޔަވައިދެވޭ މާއްދާތަކަށް ބަދަލުގެނެސް، އެއްގަމާއި ކަނޑުގައި ހަނގުރާމަ ކުރާނެ ގޮތްތަކާއި، ބަލަހައްޓަންޖެހޭ ތަންތަން ގާޑުކޮށް ބަލަހައްޓާނެ ގޮތާއި، ހަނގުރާމަކޮށް ދިފާޢު ކުރާނެ ގޮތްތައް ދަސްކޮށްދީ ދިވެހި އަސްކަރީ ތާރީޚާއި ފެތުމާއި، ފީލްޑް ފަސްޓް އެއިޑާއި ފިޒިކަލް ޓްރޭނިންގ ފަދަ މާއްދާތައް އިތުރުކުރިއެވެ. އަސާސީ ތަމްރީނަށް މި ބަދަލުތައް ގެނެސް، އެއަށްވުރެ މަތީ ފަންތިއެއްގައި ރާއްޖޭގައި ސިފައިންނަށް ދެވޭނެ އަސްކަރީ ތަމްރީނުތަކެއް ފަރުމާ ކުރިއެވެ. މިގޮތުން އިނގިރޭސި ވިލާތުގެ އަސްކަރިއްޔާގެ ތަޖުރިބާ ކާރު އިންސްޓްރަކްޓަރުންގެ އެހީއާއެކު 1989 ވަނަ އަހަރު ސްފެޝަލް ޓާސްކް ފޯސް ޓްރޭނިންގ ކޯސް ތަޢާރަފު ކުރިއެވެ. އަދި ޖޫނިއަރ ލީޑަރުން ތަމްރީނުކުރާ ލީޑަރޝިޕް ޕްރޮގްރާމެއްގެ ގޮތުގައި އެންސީއޯ ކޭޑަރ ކޯސް 1990 ވަނަ އަހަރު ހިންގަންފެށިއެވެ. މި ކޯހަކީ ސެކްޝަންތަކާއި ޕްލެޓޫނު ލެވެލްގައި ލީޑް ކުރާނެ އެންސީއޯއިން ތަމްރީނު ކުރުމުގެ ފެށުމެވެ. މީގެއިތުރުން ކޯސްޓްގާޑުގައި މަސައްކަތް ސިފައިންގެ ޤާބިލުކަން އިތުރު ކުރުމަށް އިނގިރޭސިވިލާތުގެ ރޯޔަލް ނޭވީއާ ގުޅިގެން ތަމްރީނުތަކެއް ކުރިއަށް ގެންދިޔައެވެ. މި ތަމްރީނު ތަކުގެ އިތުރުން އިންޑިއަން ނޭވީއާ ގުޅިގެން، ދެ ޤައުމުގެ ކަނޑުގެ ސިފައިންގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކޮށް ދެ ޤައުމުގެ ކަނޑުގެ ސިފައިން ގުޅިގެން އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަ ކުރުމަށްޓަކައި 1991 ގައި "ދޯސްތީ" ގެ ނަމުގައި އެކްސަސައިޒެއް ކުރިއަށް ގެންދަން ފެށިއެވެ. މިއީ ބޭރުގެ ޤައުމެއްގެ އަސްކަރިއްޔާއަކާ ގުޅިގެން ދިވެހި ސިފައިން ރާއްޖޭގެ ސަރަޙައްދުގައި ހިންގި ފުރަތަމަ އެކްސަސައިޒެވެ. މި ތަމްރީނު ކޯސްތަކާއި އެކްސަސައިޒުތަކުގެ އިތުރުން ސިފައިންގެ ޤާބިލުކަން އިތުރު ކުރުމަށް މަރުކަޒީ ފެންވަރުގައި ހިންގާ އިތުރު ތަމްރީނު ޕްރޮގްރާމްތައް ސިފައިންގެ ތެރެއަށް ތަޢާރަފުކުރިއެވެ. އޭގެތެރޭގައި ޚާއްޞަ އިސްކަމެއް ދީގެން ސިފައިންނަށް ތަމްރީނު ދިނުމަށްޓަކައި ތަފާތު ދާއިރާތަކުން އިންސްޓްރެކްޓަރުން ތަމްރީނު ކުރަން ފެށިއެވެ. ޑްރިލް އިންސްޓްރެކްޓަރ ކޯހާއި، ވެޕަން އިންސްޓެރްކްޓަރ ކޯހާއި، ފިޒިކަލް ފިޓްނަސް އިންސްޓްރެކްޓަރ ކޯހާއި ސްވިމިންގ އިންސްޓްރެކްޓަރ ކޯސް ފަދަ ކޯސްތަކެވެ. 

ވޭތުވެދިޔަ 2016 އަހަރު ސިފައިންގެ ޝިޢާރަކީ "ތަމްރީނާއި ތަރުބިއްޔަތު، ސިފައިންގެ ބިންގާ" އެވެ. މި ޝިޢާރުގެ ދަށުން ވަރަށް ގިނަ ޕްރޮގްރާމްތަކެއް ސިފައިން ހިންގިއެވެ. އޭގެތެރެއިންވެސް ބެކް ޓު ބެރެކްސްގެ ނަމުގައި ސިފައިންގެ ހުރިހާ ޔުނިޓްތަކެއްގެ ސިފައިން ޝާމިލުވާގޮތަށް ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ހިންގި އަސްކަރީ ތަމްރީނު ޕްރޮގްރާމް ފާހަގަ ކުރެވެއެވެ. މިއަދު ސިފައިންނަކީ ބޭރުގެ އަސްކަރިއްޔާތަކާއެކު ސަވައިލެންސް އޮޕަރޭޝަންސް ތަކާއި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާ ބައެކެވެ. މީގެތެރޭގައި ދިވެހި ސިފައިންގެ ކޯސްޓްގާޑާއި އިންޑިއާއި ސްރީލަންކާގެ ކަނޑުގެ ބާރުތައް ގުޅިގެން ރާއްޖޭގައި ބާއްވާ އެކްސަސައިޒް ދޯސްތީއާއި ދިވެހި ސިފައިންގެ މެރިން ކޯރ އާއި އިންޑިއާގެ އާމީ ގުޅިގެން ކުރިއަށް ގެންދާ އެކްސަސައިޒް އެކުވެރިން ފާހަގަ ކުރެވެއެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއާއި ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ބޭކަރ މެޓަލް، ވެކްޓަރ ބެލެންސް މެޓަލް، ފްލޭސް މެޓަލް، ފްލޭސް ބެލެންސް މެޓަލް، އައިއެމްއެސް ޓްރޭނިންގ، ޕެސިފިކް ޑިފެންޑަރ އައުޓްރީޗް، ލޮޖިސްޓިކް ސަބްޖެކްޓް މެޓަރ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމްފަދަ ޕްރޮގްރާމްތައް ފާހަގަ ކުރެވެއެވެ. މިހާރު ދިވެހި އަސްކަރިއްޔާއިންވެސް ބޭރު ޤައުމުތަކަށް ހުޅުވާލައިގެން ކޯސް ހިންގައެވެ. މިގޮތުން ކޯސްޓްގާޑުން ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް ބޭސިކް ޑައިވިންގ ކޯސް ފާހަގަ ކޮށްލެވެއެވެ. މި އަހަރު ހިންގީ މި ކޯހުގެ ފަސް ވަނަ ބުރެއެވެ. އެ ބުރުގައި އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ސްރީލަންކާއިން ބައިވެރިވިއެވެ. މި ކޯހުން ފާސްވި ފަރާތްތަކަށް ބެޖު ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތު ބޭއްވީ ކަނޑު އަޑީގައެވެ. މިއީ ސިފައިން މިފަދަ ރަސްމިއްޔާތެއް މިގޮތަށް ބޭއްވި ފުރަތަމަ ފަހަރެވެ. 

ސިފައިންގެ އަސްކަރީ ތަމްރީނުގެ ފުރޮޅު ނުހުއްޓިދަނީ އެނބުރެމުންނެވެ. އަސާސީ ތަމްރީނުގެ އިތުރުން އޯލް އާރމްސް ޓްރެއިނިންގ ކޯސްތަކާއި، މިލިޓަރީ އޮކިއުޕޭޝަނަލް ސްޕެޝަލިޓީސްއާ ގުޅޭ ކޯސްތަކާއި ސިފައިންގެ ޚިދުމަތްތަކާގުޅޭ ދާއިރާތަކުން ތަފާތު އަސްކަރީ ތަމްރީނުތައް ސިފައިންދަނީ ހަދަމުންނެވެ. ޓްރޭނިންގ ޕައިޕްލައިނެއް ކަނޑައެޅި، ޔުނިޓްތަކުގެ ޓީއޯއެންއީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ މަސައްކަތް ނުހުއްޓިދަނީ ކުރިއަށެވެ. ޅ. މާފިލާފުށީގައި ޤާއިމު ކުރެވިފައިވާ ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުން މެރިން ކޯރ އާއި ކޯސްޓްގާޑާއި ލޮޖިސްޓިކްސް ތަމްރީނުތައް ހިންގާއިރު، ގިރިފުށީގައި ހުންނަ އެންސީއޯ އެކެޑެމީން އެޑްވާންސް ޑިޕްލޮމާއާ ހަމައަށް ކިޔަވައިދެވޭނެ ޕްރޮގްރާމްތައްވަނީ އެކުލަވާލާފައެވެ. މީގެއިތުރުން ބޭރުގެ އަސްކަރިއްޔާތަކުގެ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން އަސްކަރީ ތަމްރީނު ހޯދޭނެ ފަހި ފުރުސަތުތައް މިއަދު ސިފައިންނަށްވަނީ ތަނަވަސްވެފައެވެ. ވޭތުވެދިޔަ 2016 ވަނަ އަހަރު އެކަނިވެސް ދުނިޔޭގެ 12 ޤައުމަކުން ސިފައިންގެ 201 މީހުން ތަމްރީނު ފުރިހަމަ ކުރިއެވެ. ދިވެހި ސިފައިންގެ އަސްކަރީ ތަމްރީނުގެ ދުވެލި އަންނަނީ ބާރުވަމުންނެވެ. ތަޢުލީމީ ޒުވާނުން ގިނަ މި މުއައްސަސާގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށެވެ. ބޭރުގެ އަސްކަރިއްޔާތަކާއެކު ފުރިހަމަ ކުރާ ތަމްރީނުތަކުން ދިވެހި ސިފައިން ހޯދާ ފަޚުރުވެރި ކާމިޔާބީތަކަށް އެކަނި ބަލާލިޔަސް މި ވާހަކައިގެ ތެދުކަން ސާބިތުވާނެއެވެ.

No comments: