Wednesday, July 26, 2017

ޤައުމާއި ދައުލަތް





ޢަބްދުﷲ ސަޢީދު

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ޤައުމާއި ދައުލަތް އެއީ އެކައްޗެއް ކަމަށެވެ. އެހެންނަމަވެސް ޙަޤީޤަތުގައި އެއީ ދެ މާނައެއް ދޭހަވާ ދޭއްޗެކެވެ. ޤައުމަކީ ވާހަކަ ދައްކާ  ބަހަކާއި ސަޤާފަތަކާއި ޤަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކަކާއި ތާރީޚެއް ލިބިފައިވުމާއެކު ޖިއޮގްރަފީ ގޮތުން ވަކި ސަރަޙައްދެއްގައި އަމިއްލަ ވެރިކަން ހިންގުމުގެ ބާރު ލިބިފައިވާ އިންސާނީ ޖަމާޢަތެކެވެ. އެހެންކަމުން ޤައުމުތަކަކީ ޖިއޮގްރަފީ ގޮތުން ބެހިފައި އޮންނަ ބައިތަކެއް ނުވަތަ ސަރަހައްދު ތަކެކެވެ. ޤައުމެއްގެ ސިފަ މި ސަރަޙައްދުތަކަށް ޖެހިގެން އަންނަނީ މިއިން ކޮންމެ ބަޔަކީ ސިޔާސީ ގޮތުން ވަކިވެ، މިނިވަންކަމާއި އެކު އެސަރަހައްދެއްގެ ވެރިކަން ހިންގުމުގެ ބާރާއި އެތަނެއްގެ ކަންކަން އެތަނަކުން ހަމަޖެއްސޭނެ ގޮތްތަކަށް ފަހިވެގެން ދިއުމުންނެވެ. އެތަންތަނުގައި ވަކި ސަރުކާރެއް އުފެއްދި ވަކި އިޤްތިޞާދެއް ބިނާވެގެންނެވެ. 

ދައުލަތަކީ ޤައުމެއްގައި އެޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެ މަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤައުމެއްގެ އެންމެހައި ރައްޔިތުންނާއި، އެ ޤައުމެއްގެ ސިޔާސީ ސަރަޙައްދާއި މި ހުރިހާ ފަރާތަކަށް ޖުމްލަ ކޮށް ކިޔާ ނަމެވެ. އެހެންކަމުން އާންމު ގޮތެއްގައި ޤައުމެއްނެތި ދައުލަތެއް ނޯންނާނެއެވެ. އެކަމަކު އެތައް ޤައުމަކަށް އެއް ދައުލަތެއްގެ ގޮތުގައި ދެމި އޮވެވިދާނެއެވެ. އިސްލާމީ ތަރީޚުގައި އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތަކީ މީގެ މިސާލެކެވެ. ދުނިޔޭގެ ތާރީޚުގައި ޔުނިއަން އޮފް ސޮވިއެޓް ސޯޝަލިސްޓް ރިޕަބްލިކްސްގެ ގޮތުގައި ރަޝިއާ އޮތް ޒަމާނުގައި، އެ ދައުލަތުގެ ދަށުގައި ވަރަށް ގިނަ ޖުމްހޫރިއްޔާތައް އޮތެވެ. އެމެރިކާ ނުވަތަ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އަކީ 50 އަށް ވުރެ ގިނަ ރާއްޖެ އެކުވެގެން އުފެދިފައިވާ ފެޑެރަލް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.
ބައެއް މީހުންނަށް ދައުލަތަކީ ސަރުކާރު ކަމަށްވެސް ހީވެއެވެ. އެއީވެސް ކުށްހީއެކެވެ. ސަރުކާރަކީ ޤާނޫނީ ގޮތުން ޤައުމެއްގެ ވެރިކަން ހިންގުމުގެ ބާރު ލިބިފައިވާ ފަރާތެވެ. ދައުލަތުގެ އެންމެ އިސްވެރިޔަކީ ސަރުކާރުގެ އެންމެ އިސްވެރިޔާކަމަށްވިޔަސް ސަރުކާރާއި ދައުލަތަކީވެސް ދޭއްޗެކެވެ. ޑިމޮކްރެޓިކް ޤައުމުތަކުގައި ދައުލަތް ހިންގުމުގައި ތިންބާރު ޝާމިލުވެއެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި ޢަދުލްއިންސާފު ޤާއިމުކުރުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރެވެ. ވެރިކަން ހިންގުމުގެ ބާރުގެ އެންމެ އިސް ވެރިޔަކީ ރިޔާސީ ނިޒާމު އޮންނަ ގިނަ ޤައުމުތަކުގައި ރައީސުލްޖުމްހޫރިއްޔާއެވެ. ބަރުލަމާނީ ނިޒާމު އޮންނަ ޤައުމުތަކުގައި ބޮޑުވަޒީރެވެ. އަދުލް އިންސާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސްވެރިޔަކީ އުއްތަމަ ފަނޑިޔާރެވެ. ޤާނޫނު ހެދުމުގެ ބާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސެވެ. ވެރިކަން ހިންގުމުގެ ބާރުގެ މައި އިދާރާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ނުވަތަ ބޮޑުވަޒީރުގެ އޮފީހެވެ. އަދުލްއިންސާފު ހިންގުމުގެ މައި އިދާރާއަކީ ސުޕްރީމް ކޯޓެވެ. ޤާނޫނު ހެދުމުގެ ބާރުގެ އިސް އިދާރާއަކީ ރައްޔިތުންގެ މަޖިލިހެވެ.
ޤައުމާއި ދައުލަތުގެ ވާހަކަ ދައްކާއިރު އުންމަތަކީ ކޮބައިކަމާއި ވަޠަނަކީ ކޮބައިކަންވެސް އެނގުން މުހިންމެވެ. އުންމަތަކީ ޤައުމެއް ނުވަތަ ޖަމާޢަތެކެވެ. އެހެން ނަމަވެސް އުންމަތެއް އުންމަތަކަށްވަނީ  އެ ޖަމާޢަތެއްގެ ތެރޭގައި ޙިއްޞާ ކުރެވޭ ޚާއްޞިއްޔަތުތަކެއް ވުމުންނެވެ. ޙިއްޞާކުރާ އެއްޗެއް ނެތް ބަޔަކަށް އުއްމަތެކޭ ނުކިޔޭނެއެވެ. އިސްލާމީ އުންމަތް، އުންމަތަކަށްވަނީ އިސްލާމު ދީނުގެ ސަބަބުންނެވެ. ވަޠަނަކީ ވިހާބޮޑުވި ރަށް ނުވަތަ ތަނެވެ. އެމީހެއްގެ ވަޠަނަކީ އެމީހަކު އުފަން ބިން ނުވަތަ އެމީހަކު ދިރިއުޅޭ ތަނެވެ.

No comments: