Monday, December 5, 2011

އަޅުގަނޑު ބާރަށުގައި

އަޅުގަނޑު ބާރަށުގައި

ޢަބްދުﷲ ސަޢީދު

ހއ. ބާރަށަކީ އުތީމު ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނު ސިރީސަވާދީއްތަ މަހާރަދުން ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް ކުރެއްވި ޖިހާދާ ގުޅިފައިވާ ރަށެކެވެ. އެރަށަކީ ރާއްޖޭގައި ޕޯޗްގީޒުންގެ ދެވަނަ އަށް އެންމެ އިސްކޮށް ހުރި ވެރިމީހާ ކަމަށްވާ ވިޔަޒޯރު ޤާއިމުވެހުރި ވާރުކުރާ ރަށެވެ. އެހެންގޮތަކަށް ދަންނަވާނަމަ އެއީ އޭރު ރާއްޖޭގެ ދެވަނަ ވެރިރަށެވެ. އެއީ އުތީމު ތިންބެއިން ޢީދުވެދުމައިގެން ވަޑައިގަތުމުން ބޮޑުތަކުރުފާނު ބޮލަށް ޢީދުގޮން ޖެހިރަށެވެ. އެއީ ބޮޑުތަކުރުފާނުގެ ފުރަތަމަ އަނބިކަބަލުންގެ ރަށެވެ. އެއީ އައްސުލްޠާނު ޢަލީ ހަވަނަ (ޢަލީ ރަސްގެފާނު) ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަނބަލުން ކަނބާއައިސާގެ މަހާނަހުރި ރަށެވެ.

ބާރަށުގެ ދިގުމިނުގައި 2400 މީޓަރ ހުރެއެވެ. ފުޅާ މިނުގައި ހުންނަނީ 1500 މީޓަރެވެ. ރަށުގެ އާބާދީއަކީ 1794 އެވެ. ބާރަށަކީ ތިމާވެށީގެ ގޮތުންބަލާއިރު ރާއްޖެގެ އެހެން ގިނަ ރަށްރަށަށްވުރެ ޚާއްޞަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ޤުދުރަތީ ގޮތުން ވަށައިގެން ހިމާޔަތްވެފައިވާ ބޮޑު ފަޅެއްގެ އިތުރުން ބޮޑެތިކުޅިތަކެއް އެރަށުގައިވެއެވެ.

ބޮޑުތަކުރުފާނު ، ރެހެންދި އެއްލާލަށް އުޅުއްވި ރާޅުގަނޑު

ބޮޑުތަކުރުފާނުގެ ވާހަކައިގައި ޢީދު ވެދުމައިގެން ބާރަށަށް އުތީމު ތިންބެއިން ވަޑައިގެންނެވުމުން އެތިންބެއިންގެ ބޮލަށް ގޮންޖަހާނެ އަންހެން ކުއްޖަކު ވޭތޯ ކަނބާއައިސާ މަސައްކަތްކުރެއްވިއެވެ. އެކަންކުރާކަށް އެއްވެސް ކުއްޖަކަށް ނުކެރުނެވެ. އެންމެފަހުން ކަނބާއައިސާގެ އެދިވަޑައިގެންނެވުމަކަށް އެރަށު އެންމެ ނިކަމެތި އަދި އެންމެ ފަގީރު މީހާގެ ދަރިފުޅު އެކަމަށް އެއްބަސްވިއެވެ. އެއީ ބާރަށުގެ ބޯށިވަލު ބުޅާފާތުމާގެ ރެހެންދިއެވެ. ކަނބާއައިސާ އެ ރެހެންދި ފެންވަރުވާ ހެދުންދެއްވާ ނަލަހައްދުވާ ގޮންޖެހުމަށް ފޮނުއްވިއެވެ. ނަމަނަމަ މުޙައްމަދު ތަކުރުފާނު ބޮލަށް ގޮން ނުޖެހުމަށް އެދިވަޑައިގެންނެވިއެވެ. އެކަމަކު އެރެހެންދިއަށް ގޮން ޖެއްސެވުނީ އެތަކުރުފާނުގެ ބޮލަށެވެ. ގޮންޖެހުމާއެކު ވަގުތުން އެކަމަނާ ނަންގަވާ ކޮނޑުމައްޗަށް ލައްވައިގެން ވަޑައިގެންފިއެވެ. ރަށުގެ ފުށްޓަރު ފަރާތަށް ވަޑައިގެން ރާޅުގަނޑަށް އެއްލާލައްވަން އުޅުއްވިއެވެ. ރާޅުގަނޑަށް އެއްލާނުލައްވާ ދޫކޮށްލެއްވީ އެކަމަނާ ބޮޑުތަކުރުފާނާ ކައިވެނި ބައްލަވައިގަންނަވަން އެއްބަސްވެވަޑައިގެންނެވުމުންނެވެ.

ބާރަށު ފުށްޓަރު ފަރާތުގެ އެ ސަރަޙައްދަށް ދެވެން ވަލުތެރެއިން އޮންނަ މަގަކީ ތަކުރުފާނުގެ މަގެވެ. އެމަގުގައި ކުޑަކުޑަ އާސާރީ މިސްކިތެއް ހުރެއެވެ. އެއީ ތަކުރުފާނުގެ މިސްކިތެވެ. ފުށްޓަރު ފަރާތުގެ އަތިރިމަތީގެ ގުންޑޮޅި އުހެވެ. އެ ގުންޑޮޅި މަތީގައި ހުރެފައި ފުށްޓަރަށް ބިންދަމުންދާ ރާޅުގަނޑަށް ބަލާލުމުން ދިވެހިތާރީޚުގެ އެމުހިންމު ޞަފްޙާ ހިތަށް ވަޒަންކޮށްލަން ވަރަށް ފަސޭހައެވެ.

ތަކުރުފާނު މިސްކިތާއި މުންނާރު

ބާރަށުގައި ކުޑަކުޑަ އާސާރީ މިސްކިތެއް އެބަހުއްޓެވެ. މިސްކިތުގެ އެތެރޭގެ ވަޑާންގަނޑުވަނީ ރާއްޖޭގައިހުރި އާސާރީ އެހެންވެސް މިސްކިތްތައް ފަދައިގެން ލިޔެލާޖަހާފައެވެ. މި މިސްކިތަކީ ބުނެވޭ ގޮތުގައި ބާރަށުގައި ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިން ނަމާދުކޮށް އުޅުނު މިސްކިތެވެ. މި މިސްކިތުގައި ރާއްޖޭގެ އެހެން ރަށަކުން އަޅުގަނޑު ނުކެދޭ ޚާއްޞަ ކަމަކަށް ފެނުނީ މިސްކިތުގެ މުންނާރެވެ. މިސްކިތް ކައިރީގައި ހަދާފައިވާ މި މުންނާރަކީ ހަތަރެސްކަނަށް ބޮޑުގަލުން ރާނާފައިވާ މުންނާރެކެވެ. މުންނާރުގެ މައްޗަށް އަރާވަށައިގެންވާ މާހައުލަށް ބަލާލީމެވެ. ފުށްޓަރަށް ބިންދާ ރާޅުގެ އަޑު އިވެއެވެ. މިސްކިތުގެ ގޯތިތެރޭގައިއޮތް ބޮޑު ގަބުރުސްތާނާއި ވަށައިގެންވާ ސަރަޙައްދު ފެނެއެވެ. އެ މުންނާރު ޢިމާރާތް ކުރެވުނު ދުވަސްވަރެއްވެސް ނޭނގެއެވެ.

ކަނބާ އައިސާގެ މަހާނަ

ކަނބާއައިސާއަކީ ޢަލީ ރަސްގެފާނު ޕޯޗްގީޒުންނާ ހަނގުރާމަކޮށް ޝަހީދުވެވަޑާއިގެންނެވިއިރު އިންނެވި އަނބިކަނބަލުންނެވެ. އެއީ ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ. ކަނބާ އައިސާ ޝަހީދުވީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމުގެ ޖިހާދު ފައްޓަވާ އާއިލާގެ ބޭފުޅުން މަލިކަށް ގެންދެވުމަށް ކުރެއްވި ދަތުރުފުޅުގައި ސިއްތިމާވާ ރަނިކިލެގެފާނާއި ޙަސަން ތަކުރުފާނުގެ އަނބިކަމަނާ ގެންދެވުމަށް ޙަސަން ތަކުރުފާނު ބާރަށަށް ވަޑައިގެންނެވިރޭ ހިނގާދިޔަ ހަމަނުޖެހުމުގައި ޕޯޗްގީޒުންގެ ސިފައިންގެ މީހެއްގެ ކަނޑީގެ އެތިފަހަރަކުންނެވެ. އެރެއަކީ ދެހާޖީން ބާރަށުގެ ފުށްޓަރު ފަރާތުގައި ކަޅުއޮށްފުންމި ރިއްޖައްސާ ހިފަހައްޓަވާލެއްވި ރެއެވެ. އެއީ ޕޯޗްގީޒުންގެ ލޮލަށް ދުވާފަރު ދަންޑަހެލު "ވެލިކޮޅެއް" ޖެއްސެވި ރެއެވެ. އެއީ ބާރަށުގެ ފަޅުގައި ހުރިނަމަހުރި އުޅަނދުފަހަރެއްގެ ވާވެލާވެއްޔާއި ސާމާނު މަސްހުނިކުރައްވާ އޮޅުވާލެއްވި ރޭވެސްމެއެވެ. އަދި އެރެއަކީ ދުޝްމިނުންނަށް ވާގިވެރިވަމުންދިޔަ ޣައްދާރު ތުއްފާށަނާ ކަނބާއައިސާގެ ހަންޖަރު އެތިފަހަރަކުން ޤަތުލުވެގެންދިޔަ ރޭވެސްމެއެވެ.

ކަނބާއައިސާގެ މަހާނަ ހުންނަނީ ބާރަށު ތަކުރުފާނުގެ މިސްކިތުގެ ގޯތިތެރޭގައެވެ. މީހުން ހިނގާބިނގާވެހަދާ މަގާ ވަރަށް ކައިރީގައެވެ. ވަށައިގެން ހައެއްކަ އިންތިއަށް ރާނާފައިވާ ގަފޮޅެއް ފިޔަވާ އެހެން ކަމެއް ފެންނާކަށްނެތެވެ. މި ގަބުރުސްތާނުގެ ތެރޭގައި ތަންކޮޅެއް އުސްކޮށް ރާނާފައިވާ އެހެން ބިސްތާނެއްގައި ތެރޭގައި ބޮޑެތި މަހާނަގާތަކެއް ހުއްޓެވެ. ބުނެވޭ ގޮތުގައި އެއީ ބޮޑުތަކުރުފާނުގެ އާއިލީ ބޭފުޅުންގެ މަހާނަފުޅުތަކެކެވެ. އެހެންނަމަވެސް އެއީ ކޮންބައެއްގެ މަހާނަތަކެއްކަން އެނގޭނެ ގޮތެއްނެތެވެ.

އެހެންބައެއް ވާހަކަތައް

ބާރަށަށް ފައިބައިގެން ދާއިރު ފެންނާނެ އެންމެ އާސާރީ އެކައްޗަކަށްވާނީ އަތިރިމަތީގައި ހުރި ދުވަސްވީ ކާނިގަހެވެ. ބުނެވޭ ގޮތުގައި އެއީ ބޮޑުތަކުރުފާނު ރިޔާ ބާއްވަވަން ޖެއްސެވި ކަނޑައެކެވެ. އެކާނި ގަހުގެ ތަންކޮޅެއް އެއްގަމުގައި ބޮޑު ވަޅެއް އެބަހުއްޓެވެ. އެވަޅާބެހޭ ގޮތުން ބާރަށުގެ ދުވަސްވީ މީހުން ބުނަނީ އެއީ ރިޔާ ފެންލުމަށާއި މޫދުންއަރާ ފެންވެރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އައިސްފައިވާ އާސާރީ ވަޅެއް ކަމަށެވެ. ވިޔަޒޯރުގެ ވެރިކަން ބާރަށުގައި ކުރި ގަނޑުވަރުގެ އެއްވެސް ނިޝާނެއް މިހާރު ފެންނާކަށްނެތެވެ. އެހެންނަމަވެސް ގަނޑުވަރުހުރިތަން ކަމަށް ބުނާ ސަރަޙައްދެއް އެބައޮތެވެ. އެ ސަރަޙައްދުގައި މިހާރުވަނީ އެހެން ޢިމާރާތްތައްކޮށް އާބާދުވެފައެވެ.

ބާރަށަށް އަޅުގަނޑު ދިޔައިރުވެސް ހިތުގައި އުފެދިފައިވާ ސުވާލެއް އޮތެވެ. އެކަމަކު އެއީ ވަރަށް ތަފާތު ސުވާލެކެވެ. އެރަށުގެ މީހުންނާ ކުރަން ފަސޭހަ ސުވާލެއްނޫނެވެ. އެކަމަކު އެރަށުގެ މީހެއްގެ ފަރާތުން އިސްވެ އެ ސުވާލާ ގުޅުންހުރި ވާހަކައެއް ފެށުނީމާ ސުވާލުކުރަން ފަސޭހަވިއެވެ. "ޕޯޗްގީޒުން އެހާދުވަސްވަންދެން މިރަށުގައި އުޅުނީމާ އެމީހުންގެ ނަސްލު މިރަށުގައި ނެތްހެއްޔެވެ؟" އަޅުގަނޑު މި ސުވާލު ކުރުމުން އެމީހުން ބުންޏެވެ. ނޫނެކެވެ. އެބައޮތެވެ. "ގިނަ ޒަމާންވުމުގެ ސަބަބުން މިހާރުވަނީ އެނަސްލު ވަރަށް ބޮޑަށް މަސްހުނިވެފަ.އެކަމަކުވެސް އިސްކޮޅާއި ރޫފަ އާންމު ދިވެހިންނާ އަދި މިރަށުގެ ބައެއް މީހުންނާވެސް ތަފާތުމީހުން އުޅޭ. ކުރިން މިކަންއަދި މާބޮޑުކަމަށްވޭ" ބާރަށު މީހަކު ކިޔައިދިނެވެ.ބާރަށުގެ ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެ ނަސްލު މިހާރު އެންމެ ބޮޑަށް އެނގޭނީ އެމީހުންގެ ލޮލުގެ ކުލައިންނެވެ. އާންމު ދިވެހިންގެ ލޮލުގެ ކުލަ އާއި ލޮލުގެ ކުލަ ތަފާތު މީހުންނާއި ކުދިން ބާރަށުން އަޅުގަނޑުވެސް ދެކުނީމެވެ.

No comments: