Monday, December 5, 2011

ހަބްޝީގެފާނުގެ ޒިއާރަތާއި އޭނާގެ ވާހަކަ


ހަބްޝީގެފާނުގެ ޒިއާރަތާއި އޭނާގެ ވާހަކަ

ޢަބްދުﷲ ސަޢީދު-

ޅ. އަތޮޅު ކުރެންދޫގައި ހަބްޝީގެފާނުގެ ޒިޔާރަތް އަޅާނުލެވި ވީރާނާވަމުން އެބަދެއެވެ. ދިވެހިންގެ އަތްތެރި މަސައްކަތާއި ކުރީގެ ސަގާފަތް ފެންނަންހުރި އާސާރީ ތަރިކަތަކެއް ވާރެއާއި އަވީގައި އެދަނީ ހަލާކުވަމުންނެވެ. މިއީ އެއްޒަމާނެއްގައި ކުރެންދޫގެ ރައްޔިތުން އެތަނަކަށްޓަކައި ފަޚުރުވެރިވި ބިނާއެކެވެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން މީހުން ޒިއާރަތް ކުރަމުންދިޔަ އެތައްބައެއްގެ ހިތުގައި ގަދަރާއި ހައިބަތު އުފުލިފައިއޮތް ތަނެކެވެ. މިހާރު އެތަންއޮތްގޮތުން އެކަންތައްތަކާއި އެދުވަސް ސިފަކުރަންވެސް ދަތިވާނެއެވެ. އެކަމަކު އަދިވެސް އޭރު ބޭނުންކުރި ބައެއް ސާމާނު މި ޒިއާރަތުން ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި ނަދުރު ބުނެގެން މީހުންނާއި ކުދިން ކިރަން ބޭނުންކުރި ސާމާނު ހިމެނެއެވެ.

ހަބްޝީގެ ފާނުގެ ޒިއާރަތުގައި ފާހަގަ ކުރެވޭ އެއް ތަނަނީ ޒިއާރަތުގައި ހުންނަ ވަޅުކޮޅެވެ. އެވަޅުކޮޅު ހުންނަނީ ހިޔާކޮށްފައި ހުންނަ ކުޑަ ގެއެއްގެ ތެރޭގައެވެ. އެތަން ސިފަކުރެވެނީ ހިނަވާ ގެއެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެއީ މިހާރު ބައެއް ސާމާނު ވައްދާފައިވާ ގުދަނެކެވެ. އެތަނުގެ އެއްފަރާތުގައި ވެލިގޯނިތަކެއް ހުއްޓެވެ. އެ ވެލިގޯނި ތަކަކީ ހަބްޝީގެފާނުގެ މަހާނަކޮޅު މައްޗަށް އެޅުމަށްޓަކައި ޒިއާރަތުގެ ވަޅުން ނަގާފައިވާ ވެއްޔެވެ. އެވެލި ނަގަނީ އާންމުކޮށް ކުޑަ އީދުގައެވެ. ވެލި ނަގާ ހިއްކާ ފުރާނައިގެން ބޮޑު ޢީދަށް މަހާނަ ޒީނަތްތެރިކުރުމަކީ ޒަމާނުއްސުރެ ކުރެންދޫ މީހުން ކޮށްއުޅޭކަމެކެވެ. މިހާރުވެސް އެކަން ކޮންމެވެސް ބަޔަކު އެބަކުރެއެވެ.

ހަބްޝީގެފާނަށް ނިސްބަތްކޮށް ކުރެންދޫގައި ސްކޫލެއްވެސް ކުރިން ހިންގިއެވެ. އެތަންވެސް މިހާރުވަނީ ވީރާނާވެފައެވެ. ހަބްޝީގެ ފާނަކީ ކޮންބޭފުޅެއްތޯ އަހާލައިފިނަމަ ދުވަސްވީ މީހުންވެސް ހަބްޝީގެފާނުގެ ވާހަކަ ކިޔައިދެން ޖެހިލުންވެއެވެ. ސަބަބަކީ މިޒަމާނުގެ ކުދިން އެމީހުންގެ އެވާހަކަތައް ޤަބޫލު ކުރާނެ ކަމާމެދު އޮތް ޝައްކާއި ވަހުމެވެ. އެހެން އެކަންއޮތަސް ހަބްޝީގެފާނަކީ "ވަލީވެރިއެއް" ކަމަށް ހުރިހާ އެންމެން ކަހަލަގޮތަކަށް ބުނެއެވެ. ހަބްޝީގެފާނުގެ ޒިއާރަތަކީ ކުރިން ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް ޒިއާރަތެވެ. ނަދުރުބުނެގެން ކުދިން ކިރުމާއި ޒިއާރަތަށް ޞަދަޤާތްކުރުމާއި ނަދުރުފުއްދުމަށް އަންނަ މީހުންގެ ކުރިމަތީގައި އޭރު މި ޒިއާރަތަކީ ރާއްޖޭގެ މި ސަރަޙައްދުގައި ހުރި "އެންމެ ކަރާމާތްތެރި" ބިނާއެވެ. މިހާރު ދިދައެއްނެތި ހުންނަ އުސް ބޮޑު ދިދަ ދަޑީގައި އޭރު ބޮޑު ހުދު ދިދައެއް ވިހުރި ވިހުރި ހުރެއެވެ. ޒިއާރަތް ޒީނަތްތެރިކުރުމަށް ވަށައިގެންވެސް ހުދު ދިދަ ޖަހާފައިހުންނަކަމަށް ބުނެވެއެވެ. މުޅި ސަރަޙައްދަށް އޮންނަނީ ރީތި ދޮންވެލި އަޅާ ރީތިކޮށް ކުނިކަހާ އޮމާންކޮށްފައެވެ.

މިހާރު ޒިއާރަތަށް ވަންނަ ތަނުން ލޮލުގައި އަޅައިގަންނާނީ ކުދިން ކިރާ ކައްޓާ އެޅުވުމަށް ބިމަށް ޖަހާފައިވާ ލަކުޑި "ސޭލަ" އެވެ. ސޭލައިގެ ދަނޑި އަދިވެސް ޒިއާރަތުގައި އެބައޮތެވެ. ޒިޔާރަތްހުރީ އެކިއެކި ބައިބަޔަށެވެ. ހަބްޝީގެ ފާނުގެ ހަށިކޮޅު ފަސްދާނުވެޑުވިފައިވާތަން ހުރީ މީހުންނަށް ނުވަދެވޭގޮތަށް ތަޅުލާފައެވެ.

ހަބްޝީގެފާނަކީ ހަބުޝްކަރަ (އިތިއޯޕިއާ)އަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވާކަމަށް ވެއެވެ. ހަބްޝީގެފާނު ރާއްޖެވަޑައިގެންނެވިއިރު ރަސްކަމުގައި ހުންނެވީ މައްކާގެ ބޭކަލެއްކަމުގައިވާ ޝަރީފުއްދީނު މައްކީއެވެ. އެޒަމާނަކީ ދިވެހިންގެ ތެރޭގައި ރީތިކޮށް ޤުރުއާން ކިޔަވާ މީހުން މަދު ޒަމާނެކެވެ. ހަބްޝީގެފާނަކީ ރީތިކޮށް ޤުރުއާންކިޔަވާ ވިދާޅުވާ ބޭކަލަކަށްވާތީ ހަބްޝީގެފާނު ޤުރުއާން ކިޔަވާ ވިދާޅުވާ އަޑު އެހުމަށް މާލޭ ހުކުރު މިސްކިތްދޮށަށް މީހުން ޖަމާވެއެވެ. އެދުވަސްވަރު ޝަރީފުއްދީން ރަދުންގެ އަނބިކަނބަލުން ވެސް މެދުދޮރޯށިފޮތިކޮޅު "ހިތްލަވާލައިގެން" ހަބްޝީގެފާނު ޤުރުއާން ކިޔަވާ ވިދާޅުވާ އަޑު އެއްސެވުމަށް ހުންނަވާ ކަމަށްވެއެވެ. އެކަމަނާ މިހުންނެވިހުންނެވުމުގައި ހަބްޝީ ގެފާނަށް ހިތްޕުޅާހަމަ ކުރެއްވިކަމަށްވެއެވެ. ރަދުންގެ އަނބިކަނބަލުން ހަބްޝީގެފާނާ ހިތްޕުޅާ ހަމަކުރެއްވިކަން ރަސްގެފާނަށް އެނގިވަޑައިގެންނެވުމުން ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވިއެވެ. އެގޮތުން މާލޭ ލޮނުޒިއާރަތްކޮޅު ވަރުނުލާ ރާޅުގަނޑާދިމާލުން އެއްގަމުގައި ދަޑިފަނުން ހުރަގެއެއް (ޖަލެއް) އަޅުއްވާ އެތަނުގައި ހަބްޝީގެފާނު ހައްޔަރުކުރެއްވިއެވެ.

އެދުވަސްވަރަކީވެސް ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ވަރަށް މަތިވެރި ލޯތްބަކާއި ޤަދަރެއް ދެވިފައިވާ ދުވަސްވަރެއްކަމުން ޖަލެއް ހައްދަވާ ބަންދުކުރެއްވި ނަމަވެސް ރައްޔިތުންގެ މެދުގައި ހަބްޝީގެފާނަށް އޮންނަ ލޯތްބާއި ރުހުމަށް އެއްވެސް ބަދަލެއް ނާދެއެވެ. ޒިއާރަތްކުރާމީހުން އެކަލޭގެފާނުގެ އަރިހަށް ޒިއާރަތްކޮށް ޤުރުއާން ކިޔަވާ އަޑު އަހަމުން ގެންދެއެވެ. އެބައިމީހުން ހަބްޝީގެފާނަށް ފެނާއި ކާބޯތަކެތި ދީ އެހީވެދީ ހަދަމުން ގެންދިޔައެވެ. ޖަލުގައި ބަންދުކޮށްފައި ހުންނެވި ދުވަސްވަރު ނަމާދުކުރައްވަން ނިކުމެވަޑައި ގަންނަވަނީ "ލޮނުމަގާންކޮޅަށް" ކަމަށް ބުނެވެއެވެ.

ހަބްޝީގެފާނު ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވާއިރުމައްދުތަކަށް ދަންމަވާލައްވާލެއް ރީތި ކަމާއި އަޑުމަހުރަޖު ގެންގުޅުއްވާރީތި ކަމުން ރަސްގެފާނުގެ އަނބިކަނބަލުންގެ ހިތްޕުޅުން ހަބްޝީގެފާނަށް ދެއްވި ޖާގައިގެ ބޮޑުކަން ފާޅުވީ ހުރަގޭގައި ހަބްޝީގެފާނު ހައްޔަރުކުރައްވާފައި ހުންނަވަނިކޮށް އެތަނަށް އެކަމަނާ ޒިއާރަތް ކުރެއްވުމުންނެވެ. ބުނެވޭ ގޮތުގައި އެއީ ހިތިވިލޭރެއެއްގައެވެ. މިކަމާ ރަދުން ކޯފާވެ ހަބްޝީގެފާނު އަރުވާލަން ނިންމެވިއެވެ.

ހަބްޝީގެފާނު ގޮވައިގެން ދަތުރުކުރި ބައްތެލި ކުރެންދޫއަށް އައީ ހިޖުރައިން 918 ވަނަ އަހަރުގެ ރަމަޟާން މަހު 18 ވަނަދުވަހުއެވެ. އެރަށަށް ފޭބެންނެވުމަށް ހަބްޝީގެފާނަށް ދެންނެވުމުން "ރަސްގެފާނު ކޯފާވެގެން މިރަށަށް އަރުވާލިޔަސް ތިމަންނާގެ ކުށެއް ނޯންނާނެޔޭ" ވިދާޅުވެ އެރަށަށް ފޭނެއްނެވުމަށް ދެކޮޅު ހެއްދެވިއެވެ. އެހެންނަމަވެސް އެންމެފަހުން "މިއީ މީހުންނުބައި ރައްގަނޑެކޭ. އޮންނަންރަނގަޅު ފަސްގަނޑެކޭ" ވިދާޅުވެ، ކުރެންދޫ "ރެއްކާމަގު" ކިޔާމަގަށް ފައިބަންނަވައިފިއެވެ. އެޒަމާނަކީ ރައިވެރިން ރަށްރަށުގައި ނަގާކިޔާ ހަރުމީހުންގެ ގޮތުގައި ތިބި ދުވަސްވަރެވެ. ކުރެންދޫގެ ވެރިއެއްގެ ގޮތުގައި ހުރިކަމަށްވަނީ "ރެއްކާބެ" ކިޔާ ރައިވެރިއެކެވެ. ހުދު ޖުއްބާކޮޅެއްގައި ހުންނެވި ބޭކަލަކު ރަށަށް ފައިބައިވަޑައިގަންނަވާ ތަން ފެނުމުން ރެއްކާބެ ދެބަދި ރާ ހިފައިގެން ހަބްޝީގެފާނު އަރިހަށް އަތުވެއްޖެއެވެ. ރެއްކާބެ، ހަބްޝީގެފާނަށް ރާފޮދު އަރުވާ ހަބްޝީގެފާނު ހުންނަވަންވާނީ ރެއްކާބެގެ ގޭގައިކަމަށް ދެންނެވިއެވެ. "އަންނާށޭ ތިމަންނަގެއިންކެވޭނެޔޭ. ބަލިވެއްޖިއްޔާ ބަލާނަމޭ. މަރުވެއްޖިއްޔާ ވަޅުލާނަމޭ" ރެއްކާބެ ދަންނަވައިފިއެވެ. އެހެންނަމަވެސް ހަބްޝީގެފާނު އެގޭދޮށަކަށް ވަޑައެއް ނުގަންނަވައެވެ. " ބޭބެދާށޭ. އަހަރެން ޢިޝާނަމާދު ކޮށްލައިގެން ދާނަމޭ " ހަބްޝީގެފާނު ވިދާޅުވެ މަޑުކުރެއްވީކަމަށް ބުނެވެއެވެ.

އެދުވަސްވަރު ރާވެރިންގެ އާދައަކީ އުދަރެހުގެހުޅަނގުފަރާތުން ފާޅުވާ "ރާވެރިންގެ ތަރި" އޮއްސެންވާއިރަށް ހުރިހާރައިވެރިންވެސް ގެއަށް ވަނުމެވެ. މިއާދައިގެމަތިން ކުރެންދޫ ރައިވެރިބޭވެސް ގެއަށްދިއައީ އެވެ. ރައިވެރިބޭ އިޝާނަމާދުކޮށްގެން ހަބްޝީގެފާނު ކޮބައިތޯ ބަލާލިއެވެ. ގެއަށް އައިކަމަކަށް ނުވެއެވެ. ދެންބެލީ ހާރުކާން އާދޭތޯއެވެ. ހާރުކާކަށްވެސް ނާދެއެވެ. ހަބްޝީގެފާނުގެ އެއްވެސް ޚަބަރެއް ނުވުމުން ހަބްޝީގެފާނާއި ބައްދަލުވީ ތަނަށް ރައިވެރިބޭ ދިޔައެވެ. އޭރު ހަބްޝީގެފާނު އޮތީ މަރުވެފައެވެ. ޅ. ކުރެންދޫގައި ހުރި ޒިއާރަތަކީ ހަބްޝީގެފާނު މަރުވި ތާނގާ ބިނާކޮށްފައިވާ ހަބްޝީގެފާނުގެ ޒިއާރަތެކެވެ.

ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚާ އިސްލާމީ ސަޤާފަތާ ގުޅިފައިވާ އަދި ކުރީ ޒަމާނުގައި ދިވެހިންގެ އާދަކާދަ ސިފަކުރެވޭ މި ޒިއާރަތަކީ ތާރީޚީ ބިނާއެކެވެ. ހަބްޝީގެފާނުގެ ވާހަކަ ކިޔައިދީ، ސިފަކުރެވޭގޮތަށް މި ޒިއާރަތް އާބާތުރަފިލުވާ ފަތުރުވެރިންނަށް ހުޅުވާލެވިއްޖެނަމަ މިއީ އާމުދަނީ ހޯދޭނެ ވަސީލަތަކަށްވާނެއެވެ.

No comments: