Monday, August 21, 2023

ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ އިސްލާމްދީނަށް ކުރެއްވި އަގުހުރި ޚިދުމަތްތައް

 


ޢަބްދުﷲ ސަޢީދު
 
އަޅުގަނޑު ކުޑައިރު ރޭޑިއޯއިން ފޮނުވި ދީނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއްގައި އެންމެ ގިނައިން އިވެމުންދިޔަ އެއް އަޑަކީ ށ. މަރޮށްޓަށް އުފަން މ. ރިހާބު ފަޟީލަތުއްޝައިޚު ޢުޘްމާނު ޢަބްދުﷲ ޢުމްރީގެ އަޑެވެ. "ފަރުޟު ޒަކާތް" ފަދަ ޕްރޮގްރާމްތަކަކީ އުޘްމާން ޢަބްދުﷲއަށްޚާއްޞަ ޕްރޮގްރާމެކޭ އޭރު އަޅުގަނޑަށް ހީވެފައި އޮތެވެ. އެ ސިލްސިލާ ޕްރޮގްރާމްގައި ޢުޘްމާން ޢަބްދުﷲގެ މަޑުމައިތިރި އަޑުން ދެއްވި ހެޔޮ ނަސޭހަތްތައް ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. ރޭޑިއޯގެ އިތުރުން ޓީވީ މޯލްޑިވްސްއިން ފޮނުއްވި ދީނީ ގިނަ ޕްރޮގްރާމްތަކެއް މެދުވެރިކޮށް ވެސް ޢުޘްމާން ޢަބްދުﷲ ގެ އަގުހުރި ޚިދުމަތްތައް ދިވެހީންނަށް ދިޔައީ ލިބެމުންނެވެ.
 
 
 
ޢުޘްމާން ޢަބްދުﷲގެ ޝަޚްޞިއްޔަތުން ފާހަގަވާ އެންމެ ޚާއްޞަ ސިފައަކީ ހެދުން ތުރުކުރައްވާ ގޮތެވެ. ހުދު ގަމީހާއި ހުދު ތާކިހަލެވެ. ކުރުކޮށް ކޮށާލައިފައި ހުންނަ ހުދު ތުބުނޅިއެވެ. އެ ޝަޚްޞިއްޔަތުގައިވާ މަޑުމައިތިރިކަމެވެ. އަބަދުވެސް ފެންނަ ލުއި ހިނިތުންވުމެވެ. ދީނީ ކަންތައްތަކަށް ދެއްވި ޚާއްޞަ އިސްކަމާއި ދެއްކެވި ރީތި ނަމޫނާއެވެ. ހިތްތިރިކަމާއި ޚުލުޤުގެ ރީތި ކަމާއި ސާފުތާހިރުކަމެވެ.
އިސްލާމްދީން އުނގަންނައިދެއްވުމާއި، ދީނީ ރޮނގުން ދިވެހިރައްޔިތުން ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޢުޘްމާނު ޢަބްދުﷲ ކުރެއްވި ފަދަ ޚިދުމަތެއް ކުރެއްވޭނީ މަދު ބޭފުޅަކަށެވެ. 
 
ޢުޘްމާން ޢަބްދުﷲ އަކީ ސައުދީ އަރަބިއާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާގެ ކުއްލިއްޔާ އުޞޫލުއްދީން ވައްދަޢުވާއިން މަތީ ތަޢްލީމު ޙާޞިލު ކުރެއްވި ބޭފުޅެކެވެ. ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެންނެވީ 1975 ވަނަ އަހަރުއެވެ. އެ ދުވަސްވަރަކީ ދިވެހީންގެ މެދުގައި ދީނީ ހޭލުންތެރިކަން ފެތުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ދުވަސްވަރެކެވެ. އެކަމަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ދީނީ ޝިޔާރު ފާޅުކުރައްވައި ދީނީ ނަސޭހަތް ދެއްވަމުން ގެންދެވިއެވެ.
 
ދީނީ އުސްތާޛެއްގެ ގޮތުގައި އެންމެ ފުރަތަމަ ކިޔަވައިދެއްވުމުގެ މަސައްކަތް ކުރެއްވީ މަދްރަސަތުއްޠައިބގެ ނަމުގައި މާލޭގައި ސްކޫލެއް އުފައްދަވައިގެންނެވެ. އެތަން އުވާލުމުން އުފަން ރަށް ކަމުގައިވާ ށ. މަރޮށީ ހުންނަ މަދްރަސަތުލް މުނައްވަރާ ހިންގެވުމުގައި ޢަމަލީގޮތުން މަސައްކަތްކުރެއްވިއެވެ. ކުރީގެ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ، މުދައްރިސެއްގެ ގޮތުން ޢުޘްމާން ޢަބްދުﷲ ވަނީ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. 
 
ދިވެހީންގެ މެދުގައި ޒަކާތާ މެދު ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީ ޢުޘްމާން ޢަބްދުﷲ އެވެ. ރޭޑިއޯއާއި ޓީވީގެ ޕްރޮގްރާމްތަކުގެ އިތުރުން ދީނުގެ މަގާއި ތަފާތު ގިނަ ނޫސް މަޖައްލާތައް މެދުވެރިކޮށެވެ. ރައީސް އަލްއުސްޠާދު މައުމޫން ޢަބްދުއްޤައްޔޫމް 1983 ވަނަ އަހަރު އުފެއްދެވި ޒަކާތާބެހޭ އޮފީސް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހީންގެ މެދުގައި ޒަކާތާމެދު މާބޮޑު ހޭލުންތެރިކަމެއް ނެތެވެ. އެހެންކަމުން އެންމެ އިސްކަމެއްކަމަށް ހައްދަވައިގެން ޢުޘްމާން ޢަބްދުﷲއަށް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ދިވެހިރައްޔިތުން ހޭލުންތެރިކުރެއްވުމެވެ. 
 
ޢުޘްމާން ޢަބްދުﷲއަކީ ހަމައެކަނި ދީނީ ވާހަކަ ދެއްކެވި ބޭފުޅެއް ނޫނެވެ. ދީނީ ފޮތްތައް ވެސް ލިޔުއްވާ ޝާއިޢުކުރެއްވި މުސައްނިފެއް ވެސް މެއެވެ. ދަމުނަމާދާއި ސުންނަތް ނަމާދުތައް، އިސްލާމްދީނުގައި އަންހެނުންގެ ޢައުރަ، މި ދެ ފޮތުގެ އިތުރުން ދީނީ ބައެއް ލިޔުންތައް ތަރުޖަމާ ވެސް ކުރައްވާފައިވެއެވެ. މިގޮތުން ސަޢުދީ ޢަރަބިއްޔާގެ މުފްތީއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު ޢުޘައިމީން ފިޤުހުއް ސުންނާ އާއި، ނަމާދާއި، ޙައްޖާއި، ރޯދައާ ބެހޭގޮތުން ކުރެވިފައިވާ ސުވާލުތަކަކަށް، ދެއްވާފައިވާ ޖަވާބުތަކެއްގެ ތަރުޖަމާ ހިމެނެއެވެ. އަދި އުންމަތުގެ ޢާންމު މުސްލިމުންނަށް ބޭނުންތެރި ފިލާވަޅުތަކެއް މިފޮތާއި ސޫރަތުލް ފާތިޙާއާ ގުޅިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ލިޔުއްވާފައިވާ ފޮތެއްވެސް ހިމެނެއެވެ.
 
ސަރުކާރުގައި ޢުޘްމާން ޢަބްދުﷲ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ވަނީ ޚިދުމަތް ކުރައްވާފައެވެ. 1980 އިން 1985 އަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ށ. އަތޮޅު މެންބަރުކަން ވެސް އުޘްމާން ޢަބްދުﷲ ކުރައްވާފައިވެއެވެ. 
 
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2012 ވަނަ އަހަރު އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދިނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޢުޘްމާން ޢަބްދުﷲ އަށް ވަނީ ލިބިވަޑައިގެންފައެވެ.
ޢުޘްމާން ޢަބްދުﷲ އަވަހާރަވީ 2023 އޯގަސްޓް 21 ވަނަ ދުވަހު މާލޭގައެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންަވަރުކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. 
 
މަޢުލޫމާތު:
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައްޔިތުންގެ މަޖިލިސްގެ އިދާރާ

No comments: