Tuesday, May 23, 2023

އަސްކަރީ ލީޑަރުންގެ ތެރެއިން: ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު

 


ޢަބްދުﷲ ސަޢީދު 

 

ގ. ހުދުކޮކާ، ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސާޖަން ޖެނެރަލެވެ. އެމްއެންޑީއެފް މެޑިކަލް ކޯރގެ ކޮމަޑާންޓެވެ. ދިވެހި އަސްކަރިއްޔާގެ ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލް ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު ސިފައިންގެ ޚިދުމަތް ފައްޓަވާފައިވަނީ 30 އެޕްރީލް 1990 ގައެވެ. ޕްރައިވެޓް ރޭންކުގައި ސިފައިންގެ ޚިދުމަތް ފެއްޓެވި ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު ޕްރައިވެޓުގެ ރޭންކުން ޕްރޮމޯޓްވީ ކޯޕްރަލްގެ ރޭންކަށެވެ. އެއަށްފަހު ލެފްޓިނަންޓެއްގެ ގޮތުގައި 8 އޮކްޓޫބަރު 2000 ގައި ކަމިޝަން ކުރެއްވިއެވެ. ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، ލެފްޓިނަންޓް ކާނަލް، ކާނަލްގެ މަޤާމު ފުރުއްވައި ބްރިގޭޑިއަރ ޖެނެރަލްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތީ 3 މޭ 2023 ގައެވެ. 

 

 

ސިފައިންގެ މެޑިކަލް ސާރވިސްގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު ވަނީ

މެޑިކަލް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ މަޤާމު ފުރުއްވާފައެވެ. މި މަޤާމުގައި ހުންނަވައިގެން [ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް] ވުޖޫދަށް ގެނައުމުގައާއި، އެތަނުން ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރައްވައި އެތަން ތަރައްޤީ ކުރެއްވުމުގައި ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އެމްއެންޑީއެފް މެޑިކަލް ބޯޑުގެ ޗެއަރމަން، އެމްއެންޑީއެފް ލަފާދޭ މަޖިލިހުގެ މެންބަރުކަން، އެމްއެންޑީއެފް މިލިޓަރީ ޖަސްޓިސް ކޮމިޝަންގެ މެންބަރުކަން، މެރިޓޯރިއަސް އެވޯޑް ބޯޑުގެ މެންބަރުކަން، އެމްއެންޑީއެފް ޕްރޮމޯޝަން ބޯޑުގެ ވައިސް ޗެއަރމަންކަން، މެޑިކަލް ކޯރގެ ސަރޖަންޓް ޖެނެރަލްކަން،

ޞިއްޙީ ދާއިރާއިން ޢާންމު ޞިއްޙަތު ކުރިއެރުވުމާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2016 ލިބިވަޑައިގެންފައިވާ ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙަންމަދަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި ޑޮކްޓަރެއްގެ ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭރުން ފެށިގެން ޞިއްޙީ ރޮނގުން މީހުން ހޭލުންތެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން، ދިވެހި އަސްކަރިއްޔާއިން ހިންގާފައިވާ ފަސްޓްއެއިޑް ކޯސްތަކުގައި ކިޔަވައިދެއްވައި، އެ ދާއިރާއިން މުދައްރިބުން ތަމްރީނުކޮށްދެއްވާފައިވެއެވެ. އަދި ބޭސިކް ފީލްޑް ފަސްޓްއެއިޑް ކޯހާއި، ކްލިނިކަލް އެސިސްޓެންޓް އޮރިއެންޓޭޝަން ކޯހާއި، އީ.ސީ.ޖީ ޓެކްނީޝަން ކޯހާއި، މިނޫންވެސް އެހެން ބައެއް ކޯސްތައް ހިންގުމަށް ބޭނުންވާ ކަރިކިއުލަމް ތައްޔާރުކޮށްދެއްވާފައިވެއެވެ. މީގެއިތުރުން، ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ފަސްޓްއެއިޑް ޕްރޮގްރާމް ފަރުމާކުރައްވައި، ކަރިކިއުލަމް އެކުލަވައިލައްވައި، ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙަންމަދުގެ ބެއްލެވުމުގެ ދަށުން ގިނަ ކޯސްތަކެއް ހިންގަވާފައިވެއެވެ. އަދި ދިވެހި ރެޑް ކްރެސެންޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އިމަރޖެންސީ ފަސްޓް ރެސްޕޮންސް ޓްރޭނިންގ ޕްރޮގްރާމު ވިލަރެސްކޮށްދެއްވައި، އެ ޕްރޮގްރާމްގައި ވެސް ކިޔަވައިދެއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ގްރޭޑް 1ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ރާވާހިންގަވައިދެއްވައި، މިކަމާ ގުޅިގޭ ވަރަށް ފުރިހަމަ ރިޕޯޓެއް ތައްޔާރުކުރައްވާފައިވެއެވެ. އަދި  ގްރޭޑް 1ގެ ދަރިވަރުންގެ ސްކޫލް ހެލްތު ސްކްރީނިންގ ޕްރޮގްރާމު ހިންގާނެ ނޭޝަނަލް ގައިޑްލައިނެއް ތައްޔާރުކޮށްދެއްވާފައިވެއެވެ.

ޞިއްޙީ ދާއިރާއަށް މީހުން ހޭލުންތެރިކުރެއްވުމުގެ ރޮނގުން ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙަންމަދު ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ނެރުއްވާ  [އައްޑަނަ] މަޖައްލާގައި ޞިއްޙަތާ ގުޅުންހުރި ތަފާތު މައުޟޫޢުތަކަށް ލިޔުންތައް ލިޔުއްވައި، ތަފާތު ސެމިނާރތަކަށާއި ވާރކްޝޮޕްތަކަށް ޞިއްޙީ ދާއިރާއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ކަރުދާސްތައް ހުށަހަޅުއްވަމުންނެވެ. ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި މިހާރު ވެސް އެފަދަ އިސް މަޤާމުތައް ފުރުއްވައި ޞިއްޙީ ޚިދުމަތުގައި ދެމި ހުންނެވި ބޭފުޅެކެވެ.

ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދު މިހާތަނަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި، 11 ކުލަ ދެއްވާފައިވެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ސައްތައިގެ މެޑެލި، 17 ވަނަ ސާކްސަމިޓް މެޑެލި، މިނިވަން ފަންސާހުގެ މެޑެލި، ޖުމްހޫރީ ފަންސާހުގެ މެޑެލި، އިންސާނީ ޚިދުމަތުގެ މެޑެލި – ކޮވިޑް 19 އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ 1 އަދި 2ވަނަ ފަހަރަށް، ހުނަރުވެރިކަމުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ އަދި އަޚުލާޤީ ކުލަ 1، 2 އަދި 3ވަނަ ފަހަރަށެވެ.

No comments:

މާސިނަރީން ގެންނަން އުޅުނު އިންޤިލާބު

ޢަބްދުﷲ ސަޢީދު   ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް 1980 ޖަނަވަރީ 29 ވީ އަންގާރަ ދުވަހު ބޭރު މީހަކު ފޯނުކުރ...