Thursday, May 4, 2023

ޗާގޯސް އާއި ރާއްޖޭގެ އިމުގެ މައްސަލަ

 
ޢަބްދުﷲ ސަޢީދު

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލަގޯއާ ދެމެދުގައި އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖެއާއި މޮރިޝަސްގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެން ދިޔައީ 28 އެޕްރީލް 2023 ވީ ހުކުރު ދުވަހުއެވެ. މި މައްސަލަ ނިންމީ ޖަރުމަނުވިލާތުގައި ހުންނަ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިންނެވެ.

މި މައްސަލައަކީ ޗާގޯސްއާ ދެމެދުގައި އޮތް ކަނޑުގެ މައްސަލައެއް ކަމަށް ވިޔަސް އިޓްލޮސްއިން އިއްވި ޙުކުމުގައި އެއް މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ މައްސަލައެއްގެ ގޮތުގައެވެ. އެގޮތަށް އިޓްލޮސްއިން ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ނެރެފައިވާ އިސްތިޝާރީ ލަފައަށް ބިނާކޮށް، ޗާގޯސް އަކީ މޮރިޝަސްގެ ބައެއްކަމަށް ނިންމައިގެންނެވެ.

މޮރިޝަސް އިން އިޓްލޮސްއަށް އޮކްޓޫބަރު 2019 ގައި ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި އޮންނަ ކަނޑުގެ އީއީޒެޑް ކަނޑައެޅުމުގެ މައްސަލަ ހުށަހެޅުމުން ދިވެހިރާއްޖެއިން އިޖުރާޢީ ނުކުތާއެއް ހުށަހެޅިއެވެ. އެއީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އިމުގެ ދެބަސްވުމެއް ނެތް ކަމަށެވެ. ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ ކަނޑަނޭޅި އޮތުމުން މޮރިޝަސްގެ ދައުވާ އިޓްލޮސް އިން ކުރިއަށް ގެންދެވޭނެކަމަށް ނުދެކޭކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ މި އިޖުރާޢީ ނުކުތާ ބަލައި ނުގަތުމަށް ނިންމަވައި އިޓްލޮސް އިން އައިސީޖޭގެ އިސްތިޝާރީ ލަފައަށް ބިނާކޮށް ނިންމީ ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށެވެ.

 

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާ ބެހޭ ޤާނޫނުގައިވާ ގޮތުން ކަނޑުގެ ސަރަޙައްދު ބެހިގެންވަނީ އެތެރޭކަނޑާއި، އާކިޕެލަޖިކް ކަނޑުގެ އިތުރުން އާކިޕެލަޖިކް ބޭސްލައިންތަކުން ބޭރުގައިވާ 12 ނޯޓިކަލް މޭލުގެ ފުޅާ ކަނޑު ހިމެނޭ ސަރަޙައްދީ ކަނޑާއި އެ ކަނޑުގެ ބޭރު ކައިރިން ފެށިގެން ބޭރުގައިވާ 12 ނޯޓިކަލް މޭލު ފުޅާ ގުޅިފައިވާ ކަނޑުގެ އިތުރުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމަށެވެ. މީގެތެރެއިން ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގަނީ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރަށް 12 ނޯޓިކަލް މޭލަށް އޮންނަ ސަރަޙައްދެވެ.

 

ދިވެހިރާއްޖޭގެ އީއީޒެޑް ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަކީ ސިޔާދަތީ ޙައްޤު ލިބިގެންވާ ސަރަޙައްދެކެވެ. މި ސަރަޙައްދަކީ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ސަރަޙައްދުގެ ތެރެއިން ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަޙައްދެވެ. މި ސަރަޙައްދު ކަނޑައެޅުމުގައި އެހެން ޤައުމެއްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާނަމަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާ ބެހޭ ޤާނޫނުގައި ވަނީ އެ ޤައުމަކާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވެވޭ އެގްރިމެންޓެއްގެ ދަށުން މައްސަލަ ނިންމާގޮތަށެވެ. އެހެން ނަމަވެސް ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ފުށުއަރާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ މައްސަލަ އޮތީ މިހާތަނަށް ވަކި ގޮތަކަށް ނުނިމިއެވެ. މިގޮތަށް ފުށުއަރާ ސަރަޙައްދުތަކުގެ ތެރެއިން އިންޑިއާއާއި ސްރީލަންކާއާ ދިވެހިރާއްޖެއިން ފުށުއަރާ ސަރަޙައްދު ވަނީ އެ ޤައުމުތަކާ ވާހަކަދައްކައިގެން 1976 ވަނަ އަހަރު ކަނޑައަޅައި ނިންމާފައެވެ.

 

އދ. އިން ދުނިޔޭގެ ކަނޑުގެ ޤާނޫނު ނުވަތަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ފާސްކުރީ 1982 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއާއި މޮރިޝަސްއަކީ ވެސް މި މުއާހަތާ ޤަބޫލުކޮށްފައިވާ ދެ ޤައުމުކަމަށްވާތީ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދުގައި ޚިޔާލު ތަފާތުވި މެރިޓައިމް ބައުންޑަރީގެ މައްސަލަ ހައްލުކުރުމުގެ ކަންތައްތައް މޮރިޝަސްއިން ހުށަހަޅައިގެން ކުރިއަށް ގެންދިޔައީ އެ މުއާހަދާއިން ބާރު ލިބިދޭ ބައިނަލްއަޤްވާމީ ޓްރެބިއުނަލުންނެވެ. އިޓްލޮސްއިން މި މައްސަލައިގައި ނިންމާފައި ވަނީ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމުގައިވާ އީއީޒެޑުން ފުށުއަރާ ކަނޑުގެ ސަރަޙައްދަކީ 92،563 އަކަ ކިލޯ މީޓަރުކަމަށެވެ. އިޓްލޮސްއިން ނިންމީ އިންވަކިކުރުމުން ދިވެހިރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ޙައްޤުވާކަމަށާއި، މޮރިޝަސްއަށް ޙައްޤުވަނީ 45،331 އަކަ ކިލޯމީޓަރުކަމަށެވެ. މި ނިންމުމާއެކު ބައިނަލްއަޤްވާމީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއް ފުރަތަމަ ފަހަރަށް ކަނޑައަޅައި ނިމުނީއެވެ.

No comments: