Friday, May 5, 2023

މި ކިޔައިދެނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔަގޮތް

ޢަބްދުﷲ ސަޢީދު

ފެންނަނީ ދިވެހި ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން ދައްކައިދޭ ރަސްކަމުގެ ދަރުބާރެވެ. ތަޚުތުގައި އެއިންނެވީ ދިވެހިރާއްޖޭގެ ރަސްގެފާނެވެ. ކޮންމެ ވެސް މީހަކު ރަދުންނަށް ކަރުދާސްގަނޑެއް ދައްކަވާއިރު އޭނާގެ ފަހަތުން ފެންނަން އެތިބީ ބޭރުގެ ސިފައިންގެ ބައެކެވެ. ދެން ފެންނަނީ ދުވަސްވީ ބޭކަލަކު ރަސްކަމުގެ ދަރުބާރު ނުކުންނަވަންދާ މަންޒަރެވެ.

މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މާލޭ ދެކުނު ފަރާތުގައި ބޮޑުތަކުރުފާނު މަގަށް ފެންނާނެހެން ސްޓެލްކޯ ފާރުގައި ކުރެހި ކުރެހުންތަކުން ތަސްވީރެކެވެ. މި ތަސްވީރުން ކުރެހުންތެރިޔާ ކިޔައިދީފައި މިވަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހީން ދިޔަ ގޮތެވެ. އޭނާގެ ދަވާދު ފިހިން ސިފަކޮށްފައި އެވަނީ މީލާދީން 1887 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހެވެ.

 

ރަސްކަމުގެ ތަޚުތުގައި އެ އިންނެވީ އޭރުގެ ރަސްގެފާނު ކުޑަ ބަންޑާރައިންނެވެ. ރަސްމީ ނަންފުޅަކީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (2) އެވެ. ރަދުންގެ އެންމެ އަރިހުގައި ކޮޅަށް އެ ހުންނެވީ ސަރުކާރު ހިންގެވުމުގެ ވެރިޔަކަށް ހުންނެވި ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) ކަކާގޭ މުޙައްމަދު ރަންނަބަޑޭރިކިލެގެފާނެވެ. އަރިހުގައި ދެން އެ ތިއްބެވީ ހާދިމުންގެ ދެ މީހަކާއި ހަށިފާރަވެރިއެކެވެ. ރަސްކަމުގެ ދަރުބާރުގައި އެތިބި ބޭރުގެ ސިފައިންނަކީ އިނގިރޭސީންނެވެ.

ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ  ޙިމާޔަތުގެ ދަށަށް ގެންދިޔައީ  ރާއްޖެއާއި އިނގިރޭސީންނާ ދެމެދު  "ބަދަލުކުރެވުނު" ސިޓީތަކަކުން ކަމަށް ބޭރުފުށުން ފެންނަން އޮތަސް، ހަގީގަތުގައި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހީން ގެންދިޔައީ ދިވެހީންނަށް ބަޑިން ބިރުދައްކައިގެންނެވެ. އެއީ ހިމާޔަތް ދިނުމުގެ ނަމުގައި ކޮށްފައިވާ ޒާތެއްގެ އިސްތިޢުމާރެކެވެ.

އެންމެ ފުރަތަމަ އިނގިރޭސީން މަސައްކަތްކުރީ އެ މީހުން  ބޭނުންވާ ޕޮއިންޓްތައް ހިމަނައިގެން އިނގިރޭސީންގެ ހިމާޔަތަށް އެދި ދިވެހިރާއްޖޭގެ  ރަސްގެފާނުގެ ސިޓީފުޅެއް  ހޯދާށެވެ. އެގޮތަށް އެކަން ނުކުރެއްވުމުން ދެން މަސައްކަތްކުރީ ސިޓީއެއް ލިޔެގެން ގެނެސް ރަދުންގެ ސިއްކަފުޅު ޖައްސުވާށެވެ. މިކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ އޭރުގެ ފަނޑިޔާރު މަނިކުފާނު އައްޝައިޚުލް ފަގީހު މުޙައްމަދު ޖަމާލުއްދީން ބްނު އައްނައިބު އީސަލް މުލަކީ އެވެ. އެއީ މަޝްހޫރު ނައިބު ތުއްތު އެވެ.

އިނގިރޭސީން ސިލޯނުގެ މުސްލިމު ސޯޅިއާއެއް ލައްވައި ޢަރަބިން ލިޔުއްވައިގެން ގެނައި ސިޓީގައި ވެސް ރަދުން ސޮއެއް ނުކުރެއްވިއެވެ. އެކި ފަހަރުމަތިން އަސްކަރީ މަނަވަރުތަކުގައި ރާއްޖެ އައިސް ރަދުން ލައްވާ ސޮއިކުރުވަން އުޅެ އެކަން ނުވުމުން އެންމެ ފަހުން އިނގިރޭސީން މަސައްކަތްކުރީ އަސްކަރީ ބާރު ދައްކައި ބިރުދައްކާށެވެ. އެ މީހުން އިޚްތިޔާރުކުރީ "ގަންބޯޓް ޕޮލިސީ" އެވެ. އިނގިރޭސި ހަނގުރާމަމަތީ ބޮޑު މަނަވަރެއް މާލެއާ ކައިރިކޮށް ބަޑިތައް އަމާޒުކޮށް ތައްޔާރީ ހާލަތަށް ގެނައެވެ. ދެންމެދެންމެ ބަޑި ތަޅައިގެންފާނެހެން ހީވާވަރުކޮށްލިއެވެ.

ކުރެހުމުން އެ ފެންނަނީ އެ ނާޒުކު އަދި ޙުޟޫރަތްތެރި ހާލަތަށް ގެނައުމަށްފަހު އިނގިރޭސި ސިފައިން ދިވެހިރާއްޖޭގެ ރަސްގެފާނު ލައްވާ ސިޓީގައި ސޮއިކުރުވުމަށް ރަސްކަމުގެ ދަރުބާރަށް ގޮސްތިބި މަންޒަރެވެ. މި ބިރުވެރި ހާލަތުގައި "މަނިއްޕުޅާއި މަނިއްޕުޅުގެ ރަސްކަން ވެސް ދެމި އޮންނާނީ ތިޔަ އެއްޗެއްގައި ސިއްކަފުޅު ޖައްސަވައިގެން" ކަމަށް ބޮޑުވަޒީރު ވިދާޅުވެ ދީލާލެއްވިއެވެ. ނަމަވެސް  ނައިބު ތުއްތު ވިދާޅުވީ "ކާފަރުން ދައްކާ ބިރަކަށް ތިޔަ އެއްޗެއްގައި ސިއްކަފުޅު ޖެއްސެވުމަށްވުރެ ކާފަރުންނާ ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގަތުން ވެސް މާރަނގޅުވާނެ" ކަމަށެވެ.

ކޮންމެ އަކަސް އިނގިރޭސީންގެ ބިރުދެއްކުމުގެ ކުރިމަތީގައި ރަސްގެފާނު އެންމެފަހުން ނިންމެވީ އިނގިރޭސީން ގެބައި ސިޓީގައި ސޮއި ކުރައްވާށެވެ.

ތަސްވީރު އެ ފެންނަނީ އެ ނިންމެވުމުން ރަދުން ނިންވެމާއެކު  "ތިޔަފަދަ އެއްޗެއްގައި ސިއްކަފުޅު ޖައްސަވާތަނެއްގައި ވެސް އިންނަވާކަށް ބޭނުންފުޅެއް ނޫނޭ" ވިދާޅުވެ ނައިބު ތުއްތު ރަސްކަމުގެ ދަރުބާރު ދޫކުރައްވައި ވަޑައިގަންނަވާ މަންޒަރެވެ. ނައިބު ތުއްތަކީ ދީނީ ޢިލްމުވެރިއެކެވެ. އަދި ކުޅަދާނަ މޮޅު އަދީބެކެވެ.

ނޯޓު: ތަސްވީރުގެ ކުރެޑިޓް ލިބިގެންވަނީ ހައްގުވެރި ފަރާތަށެވެ.

No comments: