Saturday, May 20, 2023

ދިވެހިރާއްޖޭގެ ކެޑޭޓުގެ ތާރީޚު -1

 

 

 

ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖޭގެ ކެޑޭޓް ހަރަކާތްތަކުގެ ތާރީޚަށް ބަލާއިރު ތިން ދުވަސްވަރެއް ނުވަތަ ތިން ޒަމާނެއް ފާހަގަކުރެވެއެވެ. އެއް ދުވަސްވަރަކީ މަދަރުސަތުލް ސަނިއްޔާގެ ފިރިހެން ގޮފި (މިހާރުގެ މަޖީދިއްޔާ ސްކޫލް) ގައި 19 މާރިޗު 1945 ގައި އުފެއްދެވި "ޚާއްޞަ ޕާޓީ" ގެ ހަރަކާތާއެކު ކެޑޭޓްގެ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރެވެ. އެއީ ދިވެހިރާއްޖޭގައި ކެޑޭޓް ހަރަކާތުގެ ބިންގާ އެޅިގެންދިޔަ ދުވަސްވަރެވެ. މަދަރުސަތުލް ސަނިއްޔާގެ ނަމުން މަދަރުސަތުލް މަޖީދިއްޔާގެ ނަމަށް ނަން ބަދަލުކުރެއްވީ 6 އެޕްރީލް 1947ގައެވެ. އަނެއް ދުވަސްވަރަކީ 1961 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައި އިނގިރޭސި މީޑީއަމަށް ކިޔަވައިދޭން ފެށުމާއެކު މަޖީދިއްޔާ ސްކޫލުގައި "ދަ މޫވްމަންޓް"ގެ ނަމުގައި ކެޑޭޓްގެ ހަރަކާތްތަކަށް ބޮޑު ކުރިއެރުމަކާއެކު އާ ދިރުމެއް އައި ދުވަސްވަރެވެ. އެ ދުވަސްވަރު އުފެދިގެން އައި ކެޑޭޓުގެ ވަރުގަދަ ރޫޙުގެ ތެރެއިން 25 އޯގަސްޓް 1963ގައި މަޖީދިއްޔާ ސްކޫލުގައި "މަޖީދިއްޔާ ކެޑޭޓް ކޯރ" އުފެދި، ކެޑޭޓް ހަރަކާތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އައެވެ. އަނެއް ދުވަސްވަރަކީ މުޅި ރާއްޖޭގެ ހުރިހާ ސްކޫލް، މަދަރުސާތަކެއްގައި ހަރަކާތްތެރިވާ ކެޑޭޓުންގެ މައްޗަށް 25 ޖުލައި 1995 ގައި "މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ" އުފެދުމަށް ފަހުގައި އައި ދުވަސްތަކެވެ. މިއީ ކެޑޭޓުގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެޑޭޓުގެ ހަރަކާތްތައް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ވިލަރެސްކުރެވިގެން ކުރިއަށްގެންދަންފެށި ދުވަސްވަރެވެ.

 

 

ޚާއްޞަ ޕާޓީ

 

ދިވެހިރާއްޖޭގައި ކެޑޭޓުގެ ހަރަކާތް ފުރަތަމަ ފެށުންކަމަށް ބަލަނީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެފާނުގެ ޒަޢާމަތުގައި މަދަރުސަތުލް ސަނިޔާގެ ފިރިހެން ގޮފި (ފަހުން މަޖީދިއްޔާ ސްކޫލް) ގައި ފެށި "ޚާއްޞަ ޕާޓީ"ގެ ހަރަކާތް ފެށުމަށެވެ. އެ ދުވަސްވަރަކީ ދިވެހި ދައުލަތް ހިންގަވާ މަޖިލިހުގެ ރައީސްކަމާއި ވަޒީރުއްދާޚިލިއްޔާ (ހޯމް މިނިސްޓަރ)ގެ މަޤާމުގައި ހުންނަވައިގެން މުޙައްމަދު އަމީން ދިވެހި ދައުލަތް ހިންގެވި ދުވަސްވަރެވެ. އޭރު އެއީ ސިފައިންގެ ވެރިޔާ ވެސް މެއެވެ.

 

 

މަޖީދިއްޔާ ސްކޫލުގައި ޚާއްޞަ ޕާޓީ އުފެއްދެވީ މީލާދީން 19 މާރިޗު 1945 ގައެވެ. އެއީ ހިޖުރައިން 04 ރަބީޢުލްއާޚިރު 1364 އެވެ. އޭރު އެ ހަރަކާތް ބިނާވެފައި އޮތީ "ކަސްރަތު"ގެ މައްޗަށެވެ. ކަސްރަތަކީ މިހާރުގެ ހެވިކަމެވެ.  ޚާއްޞަ ޕާޓީގެ ހަރަކާތް ފެށިގެން ދިޔައީ ސިފައިންގެ ވަރަށް އިސް ތިން ބޭފުޅެއްގެ ބުރަ މަސައްކަތާއެކުގައެވެ. ޚާއްޞަ ހަރަކާތަށް އެންމެ ފުރަތަމަ ނެގުނު 60 ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް މުޙައްމަދު އަމީން ހަވާލުކުރެއްވި މުދައްރިބުންނަކީ ސިފައިންގެ އޮފިސަރު ސާރޖަންޓް އައްނަބީލް އިބްރާހީމް ޙަބީބާއި ސިފައިންގެ އޮފިސަރު ސާޖަންޓް ބަންދު މުޙައްމަދު ކަލޭފާނެވެ. މި ދެ ބޭފުޅުންގެ ދަށުން މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވީ ކޯޕްރަލް ބަންދު މޫސާފުޅެވެ.

 

ޚާއްޞަ ޕާޓީގެ ދަރިވަރުންނަށް ފުރަތަމަ ދިން ތަމްރީނުތަކަކީ ހެވިކަމުގެ ތެރެއިން ފުޓް ޑްރިލް އާއި ފެތުމާއި ރިޔާނެގި ދޯނި ދުއްވުގެ ތަމްރީނުތަކެވެ. އެންމެ ފުރަތަމަ ހެވިކަމުގައި ބޭނުންކުރީ އެ ދުވަސްވަރު ސިފައިންގެ ތެރޭގައި ވެސް ބޭނުންކުރި ފަދައިން ދިވެހި ކޮމާންޑްތަކެވެ. ޚާއްޞަ ޕާޓީގެ ހަރަކާތް ފެށިގެން ކުރިއަށް ދަނިކޮށް 1949 ވަނަ އަހަރުންފެށިގެން މަޖީދިއްޔާ ސްކޫލުގެ ނާޒިރެއްގެ ގޮތުގައި މުޙައްމަދު އަމީން އެ ސްކޫލަށާއި ޚާއްޞަ ޕާޓީގެ ހަރަކާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވިއެވެ.

 

މަޖީދިއްޔާ ސްކޫލުގައި ޚާއްޞަ ޕާޓީ އުފެއްދެވީ މައިގަނޑު ތިން މަޤްޞަދެއް ހާސިލުކުރެއްވުމަށެވެ. އެއީ ދަރިވަރުންކީ ރިވެތި އަޚްލާޤުގެ ވެރިބަޔަކަށް ހަދައި، އަދި ދަރިވަރުންގެ ތެރޭގައި އަޚްލާޤާއި ސުލޫކު ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ދަރިވަރުންތަކެއް އެކުލަވާލުމާއި، އަޚްލާޤާއި ސުލޫކު ރަނގަޅު ކިޔަމަންތެރި ގަޑިއަށް ފަރުވާތެރި ދަރިވަރުންތަކެއް ބިނާކުރުމާއި، ސްކޫލު ދައުރަށް ފަހު ވެސް ޤައުމުގެ ގޮވާލާ ކޮންމެ ވަގުތެއްގައި ތެދުވާން ތައްޔާރަށް ތިބޭނެ ދަރިންތަކެއް އުފެއްދުމެވެ. ޚާއްޞަ ޕާޓީގެ މައިގަނޑު މަފުހޫމަކީ ޤައުމުދެކެ ލޯބިވާ ފުރިހަމަ ހަށިހެޔޮ އަދި ދުޅަހެޔޮ ޤައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކުރާނެ ދަރިންތަކެއް ބިނާކޮށް އުފައްދައި ތަރުބިއްޔަތުކުރުމެވެ.

 

ޚާއްޞަ ޕާޓީގެ ފުރަތަމަ ޔުނީފޯމަކީ ދެ ޖީބުލީ ކާކީ ކުލައިގެ ގަމީހަކާއި، މުންޑެއް ގޮތަށް އަންނައޮންނަ ކާކީކުލައިގެ ފޮތިގަނޑަކާއި ހުދު ހަރުވާޅެކެވެ. ބެލްޓެއްގެ ގޮތުގައި އޮންނަނީ ސޯރުފޮތިފަށެކެވެ. ބޮލުގައި އަޅަނީ ކާކީ ކުލައިގެ ބޮލަށް ކޮއްޕިއެކެވެ. ބޮލަށް ކޮއްޕީގެ ކަނާތްފަރާތު އަރިމަތީގައި މުށިކުލައާއި ހުދުކުލައިގެ ދެފަށް ހުރެއެވެ.

 

މަޖީދިއްޔާ ސްކޫލުގައި 1961 ވަނަ އަހަރު އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށިއިރު ވެސް ޚާއްޞަ ޕާޓީގެ ހަރަކާތްތައް ހިނގަމުންދިޔައެވެ. މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ މިސްޓަރ ޖޭވީ ހިލް ހަވާލުވެވަޑައިގަތުމާއެކު ޚާއްޞަ ޕާޓީގެ ހަރަކާތަށް "ދަ މޫވްމަންޓް" ގެ ނަން ދެއްވިއެވެ.  މަޖީދިއްޔާ ކެޑޭޓް ކޯރ (އެމްސީސީ) އުފެއްދެވީ 25 އޯގަސްޓް 1963 ގައި މަޖީދިއްޔާ ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް ޖޭވީ ހިލް އެވެ. މަޖީދިއްޔާ ސްކޫލުގެ ފުރަތަމަ ކެޑޭޓް މާސްޓަރަކީ ސްރީލަންކާގެ ބޭފުޅެއްކަމަށްވާ ލެފްޓިނަންޓް ނާނަޔަންކާރާ އެވެ. (ނޯޓް: ދެވަނަ ބައިގައި ހިމެނޭނީ މަޖީދިއްޔާ ކެޑޭޓް ކޯރގެ ވާހަކަތަކެވެ.)

No comments: