Tuesday, May 26, 2020

ނ. އަތޮޅު މަދަރުސާގައި "ނާޒިރު ތުއްތުބޭ" ގެ ޚިދުމަތް




ނ. އަތޮޅު މަދަރުސާ ހިންގެވުމާ ދެވަނައަށް ހަވާލުވެވަޑައިގެންނެވި ނާޒިރެވެ. ނ. އަތޮޅު މަދަރުސާގައި ޒަމާނީ ތަޢުލީމުގެ ބިންގާ އަޅުއްވައި ދެއްވައި ޚިދުމަތްތެރި ނަމޫނާ ޖީލެއް މަނަދޫގައި ބިނާކޮށް ދެއްވި ވަރުގަދަ ލީޑަރެވެ. ރާއްޖޭގެ ހުރިހާ އިސްކޫލެއްގެ ތެރެއިން ނ. އަތޮޅު މަދަރުސާއަށް ފާހަގަކޮށްލެވޭ އިސްކޫލަކަށް ހެއްދެވިއެވެ. އިސްކޫލުގެ ކުރިމަގަށް ޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވެވަޑައިގަތުމަށް ވެސް ތައްޔާރަށް ހުންނެވިކަމަށް ތަޢުލީމާ ބެހޭ ވަޒީރަށް ދެންނެވިއެވެ. މަގާމު ދައްކުރައްވާފައި ވެސް އިސްކޫލުގެ ކުރިމަގު އުޖާލާ ކޮށްދެއްވާށޭ ދެންނެވިއެވެ. އެ އިޚްލާސްތެރި ޚިދުމަތްތެރިއަކީ ނ. މަނަދޫ، ލިލީ، ޢަބްދުލް ޢަޒީޒު ޤާސިމް (މަނަދޫ ޢަޒީ) އެވެ. އެ ޖީލުގެ ދަރިވަރުންގެ "ނާޒިރު ތުއްތުބޭ" އެވެ. 




ނ. އަތޮޅު މަދަރުސާގެ ނާޒިރުކަމުގެ މަޤާމު ދެއްވިއިރު ޢަޒީ ހުންނެވީ ނ. އަތޮޅު އޮފީހުގެ އާރުޓީ އޮޕަރޭޓަރަކަށެވެ. އޮފީހުގެ މަސައްކަތުގައި އުޅުއްވަނިކޮށް އަތޮޅުގޭގައި މަސައްކަތް ކުރައްވާ މަނަދޫ ހުޅަނގުގޭ ހާރޫނުބޭ (އަތޮޅުގޭ ހާރޫނުބޭ) ދަންނަވައިފިއެވެ. އަތޮޅުވެރިން އެބަ ވިދާޅުވެއެވެ. އޭރު އަތޮޅުވެރިޔަކީ ހޮޅުދޫ ޙަސަން މުޙައްމަދު (ޙަސަން ކަލޭފާނު) އެވެ.

އަތޮޅުވެރިންގެ ކޮޓަރިކޮޅަށް ވެންނެވުމުން އަތޮޅުވެރިންގެ މޭޒުކޮޅުގެ ކުރިމަތީގައި ހުރި ގޮޑިއެއްގައި އިށީންނެވުމަށް ވިދާޅުވިއެވެ. ތުއްތު މި ގެނައީ ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ވެގެންނެވެ. ހާރޫނު މޫސާއަކީ މިރަށު ކަތީބަށް ވެފައި އަދި އިސްކޫލުގެ ނާޒިރު ކަމަށް ވުމުން ދެ ދިމާލުގައި މަސައްކަތް ކުރެއްވުމުގައި  ދަތިތަކެއް އެބަ ފާހަގަ ކުރެވެއެވެ. ރަށުގެ ވެރިކަމުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް  ކުރައްވަމުން އިސްކޫލުގެ ކަންތައްތައް ބެލެހެއްޓެވުމުގައި ދަތިތަކެއް ހުރި ވާހަކަ ހާރޫނު މޫސާ ވެސް ވަނީ ވިދާޅުވެފައެވެ. އެހެންވީމާ ތުއްތު މި ގެނައީ އިސްކޫލުގެ ނާޒިރަކަށް ހަމަޖައްސަން ކަމަށެވެ. އަތޮޅުވެރިޔާގެ ވާހަކަފުޅުގެ ޚުލާސާއަކީ މިއެވެ.

އެ ވަގުތު އަތޮޅުވެރިޔާއަށް ދެއްވާނެ ޖަވާބެއް ޢަޒީއަކަށް އެނގިވަޑައެއް ނުގަތެވެ. އެއީ ދުވަހަކު ވެސް އުންމީދުކުރި ކުރި ކަމެއް ނޫނެވެ. ޚިޔާލަށް ވެސް ގެނެވިފާ ކަމެއް ނޫނެވެ. ފުރަތަމަ ވެސް އިޙްސާސް ކުރެއްވުނީ އެ ޒިންމާގެ ބޮޑުކަމެވެ. އޭރު ވެސް އެ އިސްކޫލުގައި 180 ވަރަކަށް ދަރިވަރުން ކިޔަވައެވެ. އެފަދަ ބޮޑު ޒިންމާއެއް ކުރިން އުފުއްލަވާފައި ނެތުމުން ވަރަށް ބޮޑަށް ފިނި ވިއެވެ. މަޝްވަރާ ހޯދާލަންޖެހޭ ފަރާތްތަކުން މަޝްވަރާ ހޯދާލުމަށް ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަތެވެ.  އަތޮޅުވެރިން އެ ފުރުސަތު ދެއްވިއެވެ. އެކަމަކު އަތޮޅުވެރިން މާގިނަ ވަގުތެއް ނުދެއްވިއެވެ. އެހެންވީމާ މާދަމާ އަންނާށެވެ. 

އަޒީގެ ބައްޕަ، ޤާސިމް ހާރޫނު (މަނަދޫ ކާސިންހާޖީ) އޭރު ވަނީ ސްޓްރޯކެއް ޖެހިވަޑައިގެން އެ އާލާސްކަންފުޅުގައެވެ. ކުރިމަތިވި ޚާއްޞަ ހާލަތުގައި މަޝްވަރާ ހޯދަން ޢަޒީއަށް ފުރަތަމަ ވެސް ހިތަށް އެރީ އަޒީގެ ދޮންބެ، ސަޢީދު ޤާސިމެވެ. އެ ވާހަކަ އައްސަވާފައި ޢަޒީގެ ދޮންބެ ވިދާޅުވިއެވެ. "ތިމާ ނުދެނެހުރި ހުއްޓައި ތިޔަހެން އަންނަކަންތައްތައް ދޫކޮށްލާކަށް ނުވާނެއެވެ. ތިމާ އެއްވެސް ގޮތަކަށް ނޭދިހުއްޓާ ޤުދުރަތުން މެދުވެރިކުރައްވާ ކަންތައްތައް ކުރެވޭނެއެވެ. އެކަމުގެ ކޮޅުތަކާއި މަގުތައް ދައްކަވާނެއެވެ." އެހެން ވިދާޅުވުމުން ވަރަށް ބޮޑު ހިތްވަރަކާއި ހިތްހަމަ ޖެހުމެއް ޢަޒީއަށް ލިބިވަޑައިގަތެވެ. އަނެއް ދުވަހު ވަޑައިގެން އަތޮޅުވެރިޔާއާ ބައްދަލުކުރައްވައި އަތޮޅުވެރިޔާގެ ހުށަހެޅުއްވުން ޤަބޫލުކުރައްވާ ވާހަކަ ދެންނެވިއެވެ. ނ. އަތޮޅު މަދަރުސާގެ ނާޒިރުކަމަށް ސަރުކާރުން ޢަޒީ ހަމަޖެއްސެވީ 1982 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 2ވަނަ ދުވަހުއެވެ.

އިސްކޫލެއް މެނޭޖުކޮށް ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. ޚާއްޞަކޮށް އެކަށީގެންވާ އިންސާނީ ވަސީލަތާ ނުލައެވެ. އަޅުގަނޑުގެ ހަނދާން ބަލި ނޫންނަމަ ތަމްރީނު ލިބިގެން ނ. އަތޮޅު މަދަރުސާގައި ފުރަތަމަ މަސައްކުރެއްވި ޕްރައިމަރީ ޓީޗަރަކީ ނައިފަރު ޢަލީ މޫސާއެވެ. ޢަލީ މޫސާއާއި ޢަލީ މުޙައްމަދު (ނައިފަރު އަލިބެ) ގެ  ދުވަސްވަރު އިސްކޫލުގައި ގިނައީ ވަގުތީ މުދައްރިސުންނެވެ. ގުލްޝަނީގޭ ޛުލޭޚާ ޢަބްދުއްރަޙުމާން (ދަލޭދައްތަ) އާއި ނޫވިލާގޭ ޢަބްދުލްޣަފޫރު ޢަބްދުއްރަޙްމާނު (ތުއްތުކޮއި ޓީޗަރު) އާއި ފިނޮޅު ޢަބްދުލް ވައްޙާބު ޢަބްދުލް ޤާދިރު (ހާބުބޭ) އެވެ. އޭރުވެސް މަނަދޫ ކުންނަމަލަ ޢަބްދުއްރަޙީމް އަބޫބަކުރާއި އަތޮޅު އޮފީހުގެ އެހެން ބައެއް ބޭފުޅުން ދިވެއްސާއި އަރަބި ތާނަ ގަޑި ނަންގަވައި ދެއްވައެވެ. ޓީޗަރުން ތަމްރީނުކުރާ ކޯސް ފުރަތަމަ ހެއްދެވި މަނަދޫގެ ދަރި އަކީ ކަރަންކާވިލާ އިބްރާހިމް މަނިކެވެ. އެއަށްފަހު ޖެހިގެން އައި ބުރުގައި ހާބުބެއާއި ތުއްތުކޮއި ޓީޗަރު ތަމުރީނު ހެއްދެވިއެވެ. މިލަދޫ އަބޫބަކުރު މުޙައްމަދު (މިލަދޫ ޓީޗަރު) އާއި އަލަށް ތަމްރީނު ވެގެން އައި ރަށުގެ ޓީޗަރުންނާއެކު ނ. އަތޮޅު މަދަރުސާގައި ނާޒިރު ތުއްތިބޭގެ ޚިދުމަތުގެ ރަން އަހަރުތައް ގުނަންފެށުނެވެ. އެ ކާމިޔާބަށް ދަތުރުކުރީ ނާޒިރު ތުއްތުބެއާއި މުދައްރިސުންނާއި އިސްކޫލުގައި ބޮޑަށްޗަށް ތިއްބި ދަރިވަރުންގެ މިންނަތް މަސައްކަތުންނެވެ.

އޭރު އިސްކޫލުގެ ކަންތައްތައް ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ކުޑަކަމެވެ. އެކަމަށް ހައްލެއް ހޯދުމަށް އިސްކޫލުން ނިކުތީ ދަނޑު ހައްދާށެވެ. މިރުހާއި ބައްޓާއި ބަރަބޯފަދަ ތަކެއްޗެވެ.   އެ ޒަމާނަކީ އެފަދަ ތަކެތި އެ މީހަކު ދިރިއުޅޭ ގޭގޭގެ ގޯތިތެރޭގައި ހައްދާ އުޅުނު ޒަމާނެވެ. ދަނޑު ހަދައިގެން ހައްދައި ކާމިޔާބު ވާނެ ކަމަކަށް ރަށުގެ ގިނަ މީހުންނަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންވީމާ ދިމާ ކުރުމާ މަލާމާތުގެ އަޑުތަކާ ވެސް ކުރިމަތިލާންޖެހުނެވެ. އޭރު ރަށު މީހުން ދަނޑުގައި ހައްދަނީ ބިންމިއާއި ދޮނަޅައާއި ކުދިބަތާއި ޒުވާރިފަދަ ގޮވާމުގެ ބާވަތްތަކެވެ. ދަނޑު ދޫކޮށްލަންވީމާ ޖަހަނީ ކައްޓަލަ ކުރިގަނޑެކެވެ.

އިސްކޫލުން ފެށި ދަނޑުވެރިކަން ވަރަށް ރަނގަޅެވެ. މިރުހާއި ބައްޓާ އެޅީ ތިޔަވަރަކަށް ނޫނެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ. އެ ޒަމާނަކީ ތަރުކާރީގެ ފައިދާއެއް އޭގެ މާ މުހިންމުކަމެއް  ރައްޔިތުން ދެނެތިބި ދުވަސްވަރެއް ނޫނެވެ.  އިސްކޫލުގެ ދަރިވަރުން ބަރޯތަކަށް އަޅައިގެން ލާރިއަކަށް މިރުހެން، ފަސް ލާރިއަށް ބައްޓެއް ވިއްކަން ނުކުމެއުޅުނަސް އޮންނަނީ  ގަންނާނެ މީހަކު ނުވެފައެވެ.

އެއްފަހަރަކު މޫސުން ގޯސްވެގެން މަނަދޫއަށް ބަނދަރުކުރި ށ. މާއުނގޫދޫ ބަޔަކަށް މިކަން އެނގިއްޖެއެވެ. އެއީ މާލެއާއި ބައެއް ރިސޯޓުތަކަށް ތަރުކާރީއާއި މޭވާ ސަޕްލައިކުރާ ބައެކެވެ. އޭގެފަހުން އިސްކޫލުން ހައްދާ ތަކުރާރީ ގަންނަމުން ދިޔައީ އެ މީހުންނެވެ. އެ މީހުން ދަނޑަށްވަދެ އަމިއްލައަށް ކަނޑައިގެން ލާރި ދީފައި ދަނީއެވެ.

އިސްކޫލެއްގައި އަދި އެހެން ތަނެއްގައި ވެސް އެ ތަނެއްގައި އުޅޭ ބައެއްގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އުފެއްދިއްޖެ ނަމަ ނެރެވޭ ނަތީޖާ އެތައް ގުނައެއް އިތުރު ވެއެވެ. ޢަޒީގެ މާލިމީ ކަމުގައި އިސްކޫލުގައި އުފެއްދި މި ދެންނެވި ރޫޙާއި ބަދަހި ގުޅުން އޭރުގެ އާންމު މީހެއްގެ ވިސްނުމާ ފިކުރަށްވުރެ ދުރަށް ދަތުރުކުރިއެވެ. އެ ސިނާޖީން އެ ފެންވަރުގެ އެހެން އިސްކޫލުތަކަށްވުރެ އުހަށް ގެންގޮސްދިނެވެ. ދަރިވަރުންގެ އުޅުމާއި އަޚުލާޤާ ސުލޫކެވެ. ހީވާގިކަމާއި މުރާލިކަމެވެ.  މަސައްކަތްތެރި ކަމާއި އުފެއްދުންތެރި ކަމެވެ. އަދަބިއްޔާތާއި ފަންނީ ހުނަރުވެރިކަމެވެ.

އިޚްލާޞްތެރިވެ މަސައްކަތަށް ރަނގަޅުވެ ތެދުވެރިވެއްޖެނަމަ އެ މީހަކު ވާނީ ވެރިން ވަރަށް ގަޔާވާ މީހަކަށެވެ. އެގޮތުން އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޒާހިރު ޙުސައިނަށް ޢަޒީ ވީ  ވަރަށް ބޮޑަށް އިތުބާރުކުރެވޭ ބޭފުޅަކަށެވެ. ކޮންމެ ވަގުތަކު ވެސް ބައްދަލުކުރައްވައި ބޭނުންފުޅުކަމެއް ދެންނެވޭހާ ގާތް ބޭފުޅަށެވެ. އެކަމަކު އެ ގާތްކަން އޮތީ އެ ބޭފުޅުންގެ މަޤާމާއި މަސްއޫލިއްޔަތާއި ހައިސިއްޔަތުގެ ތެރޭގައެވެ. އޭގެފަހަކުން އެކަމެއްނެތެވެ.

އިސްކޫލުގެ ހަތަރު ބައިގެ މެދުމުގައި ވާދައަށް ދަނޑުވެރިކަން ކުރަމުންދިޔައިރު އަދަބީ ފޯރި ވެސް އޮތީ ވައިގައި ހިފާފައެވެ. އެކަންކަން ފެންނަނީ ބައިތުބާޒީއާއި ވާހަކަދެއްކުމާއި ބަހުސްކުރުމާއި ރައިވަރު މުބާރާތްތަކުންނެވެ. ޅެންވެރިކަމުގެ ހަވީރުކުރުންތަކާއި، ވާހަކަ ލިޔުމާއި ވާހަކަ ކިޔުމުގެ މުބާރާތްތަކުންނެވެ. އިސްޓޭޖު ޑްރާމާތަކާއި ސަގާފީ މަގުމަތީ ޕެރޭޑް ތަކުންނެވެ. ބޮޑުއަކުރު އަޅަން ދަސްކޮށްދިނުމާއި ފާރު ނޫސް ނެރުމުންވެ. ކޮންމެ ކިލާހަކުން ފާރުނޫހެކެވެ.  އަޅުގަނޑު އޭރު އުޅޭނީ ގްރޭޑް ތިނެއްގައި ހެން ހީވެއެވެ. އަޅުގަނޑުމެން ނެރުނު ފާރު ނޫހަށް ކިޔަނީ ހުންގާނެއެވެ.

 އަދަބީ މި ފޯރިއާއި ޖޯޝުގެ ތެރެއިން "އަދަބީ ނަމޫނާ" އުފަންވެއްޖެއެވެ. އެއީ އިސްކޫލުން އަތުން ލިޔެ ޝާއިޢުކުރަންފެށި މަޖައްލާއެކެވެ. އިސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ރަށުގައި އުޅުއްވާ ތަޢުލީމީ ބައެއް ބޭފުޅުން  ލިޔުއްވިއެވެ. އެ މަޖައްލާ ނެރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކާއި ފޯރީގައި ހިނގި އަދަބީ ހަރަކާތްތަކުގެ ތެރެއިން އުފަންވީ ހަފުތާ ނޫހެއް ނެރުމުގެ ޚިޔާލެވެ. އެއީ "ހަފުތާ ޚަބަރު" އެވެ. އެ ނޫސް ރަޖިސްޓްރީ ކުރުމަށް ނިންމަވައި އެޑިއުކޭޝަނަށް ފޮނުއްވިއެވެ. އެޑިއުކޭޝަންގެ ގަވާއިދު އޭރު އޮތްގޮތުން އިސްކޫލުތަކުން އެގޮތަށް ނެރޭ ނޫސް މަޖައްލާތަކުގެ  އެޑިޓަރަކަށް އަދި މަސްއޫލުވެރިޔަކަށް އެ އިސްކޫލެއްގެ އެންމެ އިސް ފަރާތަކަށް ނުވެވެއެވެ. އެހެންކަމުން ޢަޒީއަށް ޖެހިވަޑައިގަތީ ފަރުދާގެ ފުރަގަހުގައި ހުންނަވާށެވެ. އެކަމަކު ހަގީގަތަކީ އެ ނޫހުގައި ހިތެއް އޮތްނަމަ އެއީ ޢަޒީއެވެ. ސިކުނޑިއެއް ވާ ނަމަ އެއީ ވެސް ޢަޒީއެވެ. ހަފުތާ ޚަބަރު ރަޖިސްޓްރީ ކުރީ އަބޫބަކުރު މުޙައްމަދު (މިލަދޫ ޓީޗަރު)ގެ މަސްއޫލުވެރިކަމުގެ ދަށުގައެވެ. އެޑިޓަރަކަށް ހަމަޖެއްސެވީ އޭރުގެ އެންމެ ހަރަކާތްތެރި އެއް ދަރިވަރު ނާހިދާ މުޙައްމަދެވެ.

އޭރު އިސްކޫލުގެ ބޮޑަށްޗަށް ތިބި ދަރިވަރުން ގުރޫޕުތަކަކަށް އޮތީ ބައްސަވާފައެވެ. ކޮންމެ ހަފުތާއަކު ހަފުތާ ޚަބަރުގެ 50 ކޮޕީ ނެރެމުން ދިޔައެވެ. އަތުންލިޔެގެންނެވެ.  ހައިރާންވިޔަސް  މިއީ ހަގީގަތެވެ.

އެޑިއުކޭޝަން މިނިސްޓަރު ޒާހިރު ޙުސައިން މަނަދޫއަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އިސްކޫލުގެ އިދާރާއަށް ވަޑައިގަތެވެ. އެއީ އިސްކޫލު ފެންޑާމަތީގައި ހަދާފައިހުރި ކުޑަ ކޮޓަރިއެއް ވަރުގެ ތަންކޮޅެކެވެ. ފައިލްތަކާއި ބޭނުންކުރާ އެހެނިހެން ސާމާނު ބެހެއްޓުމަށް ކަށިކެޔޮފަތިން ޖަހާފައި ހުންނަ ހަރެއް ހުރެއެވެ. މިނިސްޓަރު އިދާރާއަށް ވަދެވަޑައިގެން އެކިއެކި ތަންތަނަށް ބައްލަވަމުން ގެންދަވަނިކޮށް  އެ ހަރުގަނޑުގެ ގައި ބަހައްޓާފައިހުރި ފައިލެއްގެ ދަށުގައި އޮތް ހަފުތާ ޚަބަރެއް ފެނިވަޑައިގަތެވެ. ޒާހިރު  އެ ނޫސް ނަންގަވައި ބައްލަވާލެއްވިއެވެ. އެކި ޞަފުޙާ ވަކިވަކިން ބައްލަވާ ކިޔުއްވިއެވެ. މިއީ ކިހިނެތް ކޮން ގޮތަކަށް ކޮންބަޔަކު ކުރާ ކަމެއްތޯ ސުވާލު ކުރެއްވިއެވެ. ޢަޒީ އެ މަޢުލޫމާތު އެރުވިއެވެ. ޒާހިރަކީ އޭރު ރާއްޖޭގައި ނެރެމުންދިޔަ އެންމެ ބޮޑު ނޫސް އެޖެންސީ ކަމަށްވާ ހަވީރުގެ މަސްއޫލުވެރިޔާއެވެ. ހަފުތާއަކު އެ ފެންވަރުގައި 50 ނޫސް އަތުންލިޔެގެން ނެރުމަކީ ކިހާވަރެއްގެ ކަމެއްކަން އިތުރަށް މީހަކު ބުނެދޭކަށް ނުޖެހޭނެއެވެ. އަދި އެފަދަ ނޫހަކުން މުޖުތަމަޢުއަށް ކުރާނެ ހެޔޮ އަސަރާއި އެކި ކަންކަމަށް ކިޔަވާ ދަރިވަރުގެ ލޯ ހުޅުވޭނެ މިންވަރާއި މީހުން ބިނާވާނެ ގޮތުގެ ތަސައްވުރު އިތުރަށް އޮޅުން ފިލުވައިދޭކަށް ނުޖެހޭނެއެވެ. ވަގުތުން ޗާޕު މެޝިނެއް ދެއްވަން ނިންމެވިއެވެ. ފުރަތަމަ ދެއްވީ އީޑީސީގައި ބޭނުންކޮށްފައިހުރި އަތުން އަނބުރާ މެޝިނެކެވެ. ނ. އަތޮޅު މަދަރުސާއަށް ޗާޕު މެޝިނެއް ލިބުނުއިރު ނ. އަތޮޅު އޮފީހުގައި ވެސް ޗާޕުކުރެވޭކަށް ނުހުރެއެވެ. އަތޮޅުގެ އެހެން އިސްކޫލެއްގައި ވެސް ނެތެވެ. ޗާޕު މެޝިން ލިބުމާއެކު ހަފުތާ ޚަބަރު ޗާޕުކޮށްގެން ނެރެން ފަށައިފިއެވެ. އޭރު އާފަތިހުގެ އެޑިޓަރަކަށް ހުންނެވި މަނަދޫ ޢަބްދުއްސަތާރުގެ ހިލޭ އެހީއާއެކު ނޫހުގެ މޫނުމަތި މުޅިން ބަދަލުކޮށްލަ ދެއްވިއެވެ. އާފަތިހާ  ކޮލިޓީއެއްގައި ނެރެވޭގޮތް ފަހިކޮށްދެއްވިއެވެ. އަތޮޅު އޮފީހުގެ މެސެޖު ފޯމުތަކާއި ފައިސާގެ ރަސީދު ފޮތްތަކާއި ލެޓަރހެޑްތައް ޗާޕުކުރަން ފަށައިފިއެވެ. އަތޮޅުގެ ބޮޑެތި އިސްކޫލުތަކުގެ އިމުތިހާނު ކަރުދާސްތަކާއި ކައިވެނި ޕާޓީ ކާޑުތައް ވެސް ޗާޕުކޮށްދޭން ފެށިއެވެ. އިސްކޫލުގެ ބަޖެޓުން އެއްވެސް އެއްޗެއް ނުގޮސް ހަފުތާ ޚަބަރު ނެރެމުންދަނީއެވެ. ވަޒީރުން ފެންވަރުގެ ބޭފުޅުން މަނަދޫއަށް ކުރައްވާ ދަތުރުފުޅުގެ ޚަބަރު އެ ބޭފުޅުންގެ ފޮޓޯފުޅަކާއެކު ޝާއިޢުކުރަނީއެވެ. ނޫސްނެރޭ ދުވަހަކާ ދިމާވެއްޖެނަމަ އެ ބޭފުޅުންނަށް ކޮޕީއެއް ވެދުމަށް އަރުވަނީއެވެ. އަތޮޅުގެ ޚަބަރުތައް ޖަހާތީ އަތޮޅުތެރެއަށް ވެސް ފޮނުވަން ޖެހެއެވެ. އިސްތިރާކު ދައްކަވައިގެން ނޫސް ގަވާއިދުން ކިޔަން ބޭނުންވާ މީހުން މާލެއާއި އަތޮޅު ތެރޭގައި ވެސް ތިއްބެވެ. ޤައުމީ ކުތުބުޚާނާއަށާއި ސަރުކާރުގެ ބައެއް ވުޒާރާތަކަށާއި އޮފީސްތަކަށް ނޫސް ފޮނުވަންޖެހެއެވެ. މިހާރު ވެސް ޤައުމީ ކުތުބުޚާނާގައި ބައެއް ހަފުތާ ޚަބަރު އެބަހުއްޓެވެ. އެއީ ރަޖިސްޓްރީކޮށްގެން އިސްކޫލަކުން އެންމެ ފުރަތަމަ ނެރުނު ނޫހެވެ. ޗާޕުކޮށްގެން އެ ފެންވަރުގައި ކޮންމެ ހަފުތާ އަކު ނޫހެއް ނެރުމަކީ ކުޑަކަމެއް ނޫނެވެ. އޭގެ ނަތީޖާ ވެސް ފޮންޏެވެ. ރާއްޖޭގެ ހުރިހާ އިސްކޫލުތަކަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުން ހަފުތާ ޚަބަރު ވަނީ އެއްވަނަ ހާސިލުކޮށްފައެވެ.

ޢަޒީގެ ޚިދުމަތުގެ ރަން ދައުރުގައި ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ މުހިންމު އެއް ކަމަކީ ނ. އަތޮޅު މަދަރުސާގައި ގުރޭޑު ކިލާސްތައް އުފައްދަވައި އެ ގުރޭޑު ކިލާސްތަކުގެ ސިލަބަސްތަކަށް އެ ކިލާސްތައް ފައްތަވައިގެން ކިޔަވައިދެއްވުމެވެ. ގުރޭޑު ކިލާސްތައް އުފެއްދެވިއިރު އުމުރުގެ ގޮތުން ދޮށިވުމުގެ ސަބަބުން ނިޒާމީ ތަޢުލީމުން ފުރުސަތު ނުލިބުނު ދަރިވަރުން ވެސް ބާކީނުކޮށް ކިޔަވައި ދެއްވުމެވެ. އެ ހިސާބުން ޚާއްޞަ ކިލާސްތަކެއް އުފައްދަވައި އެ މަސައްކަތް ވެސް ކާމިޔާބު ކުރެއްވިއެވެ. އެ ދަރިވަރުންނަކީ ވެސް މުސްތަޤުބަލު އޮތް ކުދިބައެއްކަން ވިސްނައިދެއްވައި، ވަރަށް ގާތުން މަސައްކަތް ކޮށްދެއްވިއެވެ. އޭގެ ނަތީޖާ ރަށާއި އަތޮޅާއި ޤައުމީ ފެންވަރުގައި ވެސް ފެނިގެން ދިޔައެވެ. އެ ދަރިވަރުންގެ ތެރެއިން ބައެއް ކުދިން ޑިގުރީ ފެންވަރަށްވުރެ މައްޗަށް ކިޔަވައި ޤައުމަށް ދަނީ ޚިދުމަތް ކުރައްވަމުންނެވެ.

ރާއްޖޭގެ އިސްކޫލެއްގައި ފުރަތަމަ އެލްކޭޖީ އާއި ޔޫކޭޖީ އުފައްދައި ނާސަރީ ކުދިންނަށް ތަޢުލީމު ދިނުމުގެ ހުއްދަ ދެއްވީ ވެސް ނ. އަތޮޅު މަދަރުސާއަށެވެ. އެއީ ވެސް ޢަޒީ ސީދާ ވަޒީރަށް ދަންނަވައިގެން ދެއްވި ޚާއްޞަ ހުއްދައެކެވެ. ގުރޭޑު 1 ގައި ސިލަބަހެއް އޮންނައިރު އެ ގުރޭޑަށް ވައްދާ ކުދިންނަށް ލިޔަންކިޔަން ނޭނގި އެ ސިލަބަސް ކަވަރުކުރުމަކީ ވެވޭނެ ކަމެއް ނޫނެވެ. ޢަޒީގެ ޝަކުވާ އަކީއެއީއެވެ. އެއްގޮތަކީ ގުރޭޑު 1ގެ ސިލަބަސް ބަދަލުކުރުމެވެ. އަނެއް ގޮތަކީ ގުރޭޑު 1 އަށް ވައްދަންވާއިރަށް އެކުދިން އިސްކޫލަށް ގެނެސް ނުރަސްމީ ގޮތުން ނަމަވެސް ކިޔަވައިދިނުމުގެ ހުއްދައެއް ދެއްވުމެވެ. އިސް އުފުލާލައްވާފައި ވަޒީރު ވިދާޅުވިއެވެ. ޓީޗަރުން ހޯދާނީ ކިހިނެއްތޯއެވެ. ޢަޒީ ދެންނެވިއެވެ. ފުރަތަމަ ޓީޗަރަކީ އަޅުގަނޑެވެ. އެހެން ޓީޗަރުން ވެސް ތިއްބެވީ މި ރޫޙުގައެވެ. ކުޑައިރުކޮޅަކު އިންނަވާފައި މިނިސްޓަރު ވިދާޅުވިއެވެ. އެކުދިން ވެސް ގެންނަވަން ވާނީ ޔުނީފޯމުގައެވެ. އެހެން ނޫނީ އިސްކޫލަކަށް އަންނަ އިހުސާސެއް އެކުދިންނަކަށް ނުކުރެވޭނެއެވެ.

ނ. އަތޮޅު މަދަރުސާގައި ނާސަރީ އުފައްދައި ކިޔަވައިދޭންފެށިތާ ކުރީކޮޅެވެ. ރާއްޖޭގެ އިސްކޫލުތަކުގެ ވެރިންގެ ބައްދަލުވުމަކަށް ޢަޒީ މާލެ ވަޑައިގަތެވެ. ޢަޒީގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވީ އެސިސްޓެންޓް ހެޑްމާސްޓަރ ކުޅުދޫ ޢަބްދުﷲ އަޙުމަދެވެ. އެ ބައްދަލުވުމުގައި ގުރޭޑު 1ގެ  ސިލަބަސް މައުލޫއަކަށް ވެއްޖެއެވެ. ބައެއް ބޭފުޅުން އެދިވަޑައި ގަތީ ނާސަރީ އުފެއްދުމުގެ ހުއްދަ ދެއްވުމަށެވެ. އެޑިއުކޭޝަނުން ވިދާޅުވަމުން އައީ އެ ހުއްދަ ދެއްވެން ނެތް ކަމަށެވެ. މި ބައްދަލުވުމުގައި ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްބޭފުޅަކު ނ. އަތޮޅު މަދަރުސާއަށް އެޑިޔުކޭޝަނުން ހުއްދަ ދެއްވައިގެން ކިޔަވައިދެމުން ގެންދަވާކަން ހާމަކުރެއްވިއެވެ. އެ ތަނުގައި ތިބި ހުރިހާ ބޭފުޅުންނަށް ވެސް ލިބިވަޑައިގަތީ ބޮޑު ހައިރާން ކަމެކެވެ. "ނ. އަތޮޅު މަދަރުސާ ކީއްވެ ހެއްޔެއްވެ."
އެޑިއުކޭޝަން މިނިސްޓީން ދެއްވީ ވަރަށް ފުރިހަމަ ޖަވާބެކެވެ. އެންމެ ފުރަތަމަ މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައި އިސްކޫލަކީ އެއީއެވެ. ސަރުކާރުން އިތުރު އެއްވެސް ޚަރަދެއް ކުރުމަކާނުލައި އެ އިސްކޫލުން އަމިއްލަ އިސްނެގުމުގައި އެކަން ކުރާނެގޮތާއި އެ ކަމުގެ ޔަގީންކަން ދެއްވުމުން  އެ އިސްކޫލަށް ހުއްދަ ދެއްވީ ތަޖުރިބާކުރުމުގެ ގޮތުންނެވެ. ހުރި މައްސަލަތަކުގެ ވާހަކަ ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެއެވެ. އެކަމަކު ގިނަ ބޭފުޅުންނަށް ނުކުރެވޭ ކަމަކީ މައްސަލައެއް ހައްލުކުރެވޭނެ އެއްގޮތަށްވުރެ ގިނަގޮތާއެކު  ވެރިންގެ އަރިހަށް ވަޑައިގަތުމެވެ. ޢަޒީގެ ތަޖުރިބާ މަނަދޫގައި ވީ ވަރަށް ކާމިޔާބު މަސައްކަތަކަށެވެ.

ނ. އަތޮޅު މަދަރުސާގެ ނަމުގައި މަނަދޫ ފަސްގަނޑުގައި އެޅި ފުރަތަމަ މަދަރުސާ (މަދަރުސަތުލް ނަހްޟާ) ހުޅުވައި ދެއްވީ އޭރުގެ ވަޒީރުލް މަޢާރިފް (އެޑިއުކޭޝަން މިނިސްޓަރު) އޮނަރަބަލް އަލްއުސްތާޛު އިބްރާހީމް ޝިހާބެވެ. އެއީ ރައީސް ނާޞިރުގެ ވެރިކަމުގައެވެ. އޭގެ އެތައް އަހަރެއް ފަހު ޝިހާބު މަނަދޫއަށް ވަޑައިގެންނެވީއެވެ. އޭރު ނ. އަތޮޅު މަދަރުސާ ޖަޕާން ސަރުކާރުން އަޅުއްވައިދެއްވި އިސްކޫލަށް ބަދަލުވެއްޖެއެވެ. އެރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ޝިހާބު ވާހަކަފުޅު ދެއްކެވިއެވެ. އިސްކޫލުގެ ގޯތިތެރޭގައި އެކި ކުލަކުލައިން ފޮޅިފައިވާ މާތަކުން ފަތުރާލާފައިވާ ސާލެއްފަދަ ބަގީޗާއަށް އެމަނިކުފާނުގެ "ރިހި ދޫ"ފުޅުން ތަޢުރީފުގެ ޖޮޒީތައް ބަންޑުންކޮށްލެވިއެވެ. މި އިސްކޫލުގެ ހިންގުންތެރި ވެރިންގެ ހިންގުންތެރިކަން އެހެން ބޭފުޅެއްކުރެން އެހުމުގެ ބޭނުމެއް ނެތެވެ. މި އިސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި ސުލޫކާއި  ކިޔަމަންތެރިކަން އޮޅުންފިލުވާކަށް ނުޖެހެއެވެ. އިސްކޫލާއި ބެލެނިވެރިންނާ އަދި މުދައްރިސުންނާ އިސްކޫލުގެ ވެރިންނާ އޮތް ބަދަހި ގުޅުމުގެ ވާހަކަ ވެސް މި އޮތް ޗާލު މާތަކުގެ ބަގީޗާ އަޅުގަނޑަށް އެބަ ކިޔައިދެއެވެ. އެހާބޮޑު އަދި އެހާ ފުރިހަމަ މާބަގީޗާއެއް ރާއްޖެއިން އެ މަނިކުފާނަށް ފެނިވަޑައިގެންފައެއް ނެތެވެ.  ވަރުގެ ބުރަ މަސައްކަތެއް އިސްކޫލެއްގެ ދަރިވަރުން ލައްވައި ކުރުވުމަކީ ކިހާވަރެއްގެ ކަމެއްކަށް އެ މަނިކުފާނަށް ވިސްނިވަޑައި ގެންނެވުނީއެވެ. އެ މަސައްކަތް ޢަޒީ ފެއްޓެވި ދުވަސްވަރު ޚިޔާލު ތަފާތުތައް ހުއްޓެވެ. ބެލެނިވެރިންނާއި މުދައްރިސުންގެ މެދުގައި ވެސް އެ ކަމަށް ނުރުހޭ ބޭފުޅުން ތިއްބެވިއެވެ. އެހެން ނަމަވެސް ޢަޒީގެ ހިކުމަތުއަމަލީގައި އެ ހުރިހާ ފަރާތްތަކެއް އެއްގަލަކަށް އެރުއްވީއެވެ.

ނ. އަތޮޅު މަދަރުސާގައި ގުރޭޑު ކިލާސްތައް މަތިވަމުން ދިޔައިރު އެންމެ ބޮޑު މައްސަލައަކަށްވީ ކިޔަވައިދޭނެ ޓީޗަރުންގެ މައްސަލައެވެ. ޚާއްޞަކޮށް އިނގިރޭސި ކިޔަވައިދިނުމުގެ މައްސަލައެވެ. އިސްކޫލުގެ ހާލަތު ބަޔާންކުރައްވައި ޢަޒީ އެ މައްސަލަ ލިޔުއްވީ ސީދާ މިނިސްޓަރަށެވެ. މާގިނަ ދުވަހެއް ނުވެ ސްރީލަންކާގެ ކުލެތުންގެ ކިޔާ އިނގިރޭސި ޓީޗަރެއް ހަމަޖައްސަވައި ދެއްވިއެވެ. އެ ކަމަކު ޢަޒީ އެދިވަޑައިގެންނެވި ގޮތަށް ހެޑުމާސްޓަރެއް ހަމަޖައްސަވައެއް ނުދެއްވިއެވެ. އެންގެވީ މާލެ ވަޑައިގަތުމަށެވެ. ޢަޒީ މާލެ ވަޑައިގެން މިނިސްޓަރާ ބައްދަލުކުރެއްވިއެވެ. މިނިސްޓަރުގެ ކޮޓަރިކޮޅުގައި އިންނަވައި މިނިސްޓަރު ކުރެއްވީ ސުވާލެކެވެ. އެހެންވީއިރު ޢަޒީއަށް ހަދާނީ ކިހިނެތް ތޯއެވެ. ފެނިވަޑައިގަންނަވާ ގޮތަކަށް އަޅުގަނޑާމެދު ޢަމަލުކުރައްވާށެވެ.  މިހާރުން މިހާރަށް ވަޒީފާއިން ވަކި ކުރެއްވިޔަސް އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތެވެ. އިސްކޫލުގެ މުސްތަޤުބަލުގެ ހުރަހަކަށް އަޅުގަނޑުވާކަށް ނެތީމެވެ. އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން މިންވަރުން އިސްކޫލު ގެނެސްދެވިފައިވާ ރާސްތާއާމެދު އަޅުގަނޑު ހިތްހަމަ ޖެހެއެވެ. ފާޚާނާ ސާފުކުރާ ކަލޭގެޔޭ ބުރަކަށީގައި ޖެއްސެވިޔަސް އެންމެ ރަނގަޅެވެ. ޢަޒީގެ މި ވާހަކަތައް އައްސަވަން އިންނަވާފައި ޑރ. ޒާހިރު ވިދާޅުވިއެވެ. އެ މީހަކު ހުރި މަޤާމުން އެއަށްވުރެ މަދުން މުސާރަ ލިބޭ މަޤާމަކަށް ބަދަލުކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އެހެންއެކަން ކުރެވޭނީ ޢަޒީގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް އޮވެގެންނެވެ. އެ ދުވަހު ޢަޒީ މިނިސްޓްރީން ނިކުންނެވީ އެ ލިޔުން ދެއްވާފައެވެ.

ކޮންމެ ތަނެއްގައި ވެސް އަދި ކޮންމެ ބައެއްގެ މެދުގައި ވެސް މީހުންނާމެދު ރުހޭ ބަޔަކާއި ނުހުރޭ ބަޔަކު ތިބޭނެވެ. ޒާތީ ހަސަދަވެރިންނާއި އިޚްލާޞްތެރިންނާއި ވަފާތެރިން ތިބޭނެއެވެ. ބައެއް މީހުންނަށް ހީވިއެވެ. ޢަޒީ ބަދަލުކުރައްވާނީ އާދައިގެ މުދައްރިސަކަށް ނޫނީ ސުޕަވައިޒަރަކަށެވެ. އެކަމަކު އެކަންވީ އެހެނެއް ނޫނެވެ. ޢަޒީ ހަމަޖެއްސެވީ އެސިސްޓެންޓް ހެޑްމާސްޓަރަކަށެވެ. މުސާރައިން ފަންސާހަކަށް ރުފިޔާ އުނިވިއިރު އިތުރަށް ލިބޭ އެލަންސްއާ އެކު ގެއަށް ގެންދަން ލިބޭ ވަރުވީ އިތުރެވެ. އޭގެ މާގިނަ ދުވަހެއް ނުވަނީސް ނ. އަތޮޅު މަދަރުސާއަށް ހަމަޖެއްސެވި ފުރަތަމަ ހެޑްމާސްޓަރު މަނަދުއަށް  ފޮނުއްވިއެވެ. އެއީ އދ. މަހެނބަދޫ ޢަބްދުﷲ ޚަލީލެވެ. ވަރަށް ޒުވާން ބޭފުޅެކެވެ. މެލޭޝިޔާއިން ކޯސް ފުރިހަމަ ކުރެއްވިގޮތަށް ވަޑައިގެންނެވީ ނ. އަތޮޅު މަދަރުސާއަށެވެ. ޚަލީލު  އިސްކޫލު ހިންގެވީ ޢަޒީ އެންމެ އަރިހުގައި ބަހައްޓަވައިގެންނެވެ. އަޅުގަނޑު ދުށީ އެއްބޭފުޅު އަނެއް ބޭފުޅަކަށް ނުހަނު ބޮޑަށް އިހުތިރާމު ކުރެއްވި ވެށްޓެކެވެ. ފުޓްބޯޅަ އާއި ބަށި މުބާރާތްތަކާއި  ސްޕޯޓްސްމީޓްތަކުގެ ކުލަގަދައެވެ. ފޯރިގަދަ ލަވަ މުބާރާތެވެ. އޭރު އިސްކޫލުގައި އޮތް ފުޓްބޯޅަ ޓީމަށް އަޅުގަނޑު ދިޔައީ ކުޅެމުންނެވެ. ދޭތެރެދޭތެރެއިން ރަށުގެ ޒުވާނުންނާ ދެކޮޅަށް ކުޅެންޖެހެއެވެ. ޒުވާނުން އުޅެނީ ދަރިވަރުން ބަލި ނުކުރެވިގެންނެވެ. ޚަލީލު އިސްކޫލާ ހަވާލުވެވަޑައިގެންނެވި ތަނާ އެފަދަ ދައުވަތެއް ލިބިއްޖެއެވެ. އުމުރާއި އިސްކޮޅާއި ޖާނުގެ ގޮތުން ތަފާތު ބަޔަކާ ދެކޮޅަށް ފިޒިކަލް ގޭމެއް ކުޅެން ދަރިވަރުން ދޫކޮށްލުމަށް ޚަލީލަށް ދަތިފުޅުވިއެވެ. އެހެން ނަމަވެސް ޢަޒީއަށް އިތުބާރުކުރައްވައި އެ ހުއްދަ ދެއްވިއެވެ. އެ ދުވަހުގެ މެޗުން ވެސް އަޅުގަނޑުމެންވީ މޮޅެވެ. ރަށުގެ ޒުވާނުންނަށް އިސްކޫލު ދަރިވަރުން ބަލި ކުރުމަކީ އޭރު ވެވޭ ކަމެއް ނޫނެވެ. ނުވާނެތާއެވެ. ކޮންމެ ދުވަހަކު ގަވާއިދުން ކުޅޭ ބަޔަކު އެކިތަންތަނުން މީހުން އެއްވެގެން ޓީމު ހަދައިގެން ބަލި ކުރުންވާނީ ދަތިކަމަކަށްތާއެވެ. އެންމެ ބޮޑު ގޮންޖެހުމަކީ އެއީއެއްވެސް ނޫނެވެ. އިސްކޫލުގެ ދަރިވަރުންނާއި މުދައްރިސުންނާ ބެލެނިވެރިން ދަރިވަރުންގެ ޓީމަށް ތަރުހީބު ދޭން އެކަތިގަނޑެއްގެ ގޮތުގައި ނިކުންނަގޮތަށެވެ. ބެލެނިވެރިން އިސްވެ ތިބޭ ސަޕޯޓުން އިދިކޮޅު ޓީމު ރޫޅާލަނީއެވެ. ރާޑިކޮށްލަނީއެވެ.

ނ. އަތޮޅު މަދަރުސާގެ ނާޒިރުކަމާއި އެސިސްޓެންޓް ހެޑްމާސްޓަރުކަން ކުރެއްވުމަފަހު 20 އަހަރު ހަމަކުރައްވާ ޕެންޝަނާއެކު ޢަޒީ ނ. އަތޮޅު މަދަރުސާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ފައިލު ލައްޕާލެއްވީ 02 ސެޕްޓެންބަރު 2002 ގައެވެ. އެކަމަކު އެ އިސްކޫލުން އެދުނު ކޮންމެ ކަމެއް ކޮންމެ ހިނދަކު ކޮށްދެއްވަނީ ހިތުގެ ލޯތްބާއެކުގައެވެ. ނަމަވެސް މިއަދު އެ ފަޚުރުވެރި މާޒީއާއި ތާރީޚުގެ ބައެއް ފަތްފުށްތައް ފެންނާކަށް ނެތެވެ. ސީލިންގ މަތީގައި ފޮށިތަކަށް ކަރުބޮލަކުއަޅާ ބަންދުކޮށްފައިހުރި ނޫސް މަޖައްލާތައް ވެސް އާމަގުގެ އެއް ފަރާތެއްގައި ފުނިޖަހާ ކުންޏާއެކު އެނދީއެވެ. މާއްދީ ތަކެތި އަންދައި އަޅިއަށް ހެދިދާނެއެވެ. އެކަމަކު އެ އިޚްލާޞްތެރި ޤައުމީ ޚިދުމަތްތައް މީހުންގެ ހިތްތަކުން ފޮހެލާނީ ކިހިނަކުން ހެއްޔެވެ؟

"ޤައުމަކަށް ކުޅަ ޚިދުމަތެއް މީހާގެ ނަން މަތިވެރިވެދާށި، އައުކަމާ ތާޒާކަމާ އެނަމަކަށް ދާއިމު ވެދާށި."



No comments: