Sunday, May 10, 2020

ކޯވިޑް 19: ތަފާތު ރޯދަމަހެއް

 


ޢަބްދުﷲ ސަޢީދު

 

މި ބަރަކާތްތެރި ރަމަޟާން މަސް ހުރިހާ ގޮތަކުން ވެސް އެހެން އަހަރުތަކާ ތަފާތެވެ. އަޅުގަނޑުމެންގެ ހަޔާތުގައި މިއަށްވުރެ ހިތްދަތި، އަސަރުން ފުރިފައިވާ ރޯދަމަހެއް ބައްދަލު ކޮށްފައެއް ނުވެއެވެ. ދުނިޔެއަށް ފެތުރިފައިވާ ކޯވިޑު-19 ގެ އާލަމީ ވަބާގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުން މުޅިން ބަދަލުކުރަން މަޖުބޫރުވީއެވެ. ރާއްޖޭގައި ވެސް މި ބަލި އާންމުކޮށް ފެތުރެމުން ދާތީއެވެ. މި ވަގުތަކީ ހުރިހާ ދިވެހިން ވެސް ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ތިބި ވަގުތެކެވެ.

 

މި ރޯދަމަހަށް ދިވެހިން ތައްޔާރުވީ ގެތަކުގަޔާއި ރަށްރަށުގައި ފުރަބަންދުގައި ތިބެގެންނެވެ. އެހެންނާ ގަނެއާކުރާ ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރުތައް އާކުރާކަށް ފުރުސަތެއް ނުލިބުނެވެ. ރޯދަމަހާ ދިމާކޮށް އަޅުވާ ބޮޑެތި ސޭލުތަކެއްނެތެވެ. އަދި ރޯދަމަހަށް ތައްޔާރުވުމަށް ގޭގޭގައާއި އޮފީސްތަކުގައި ބޮޑެތި އާއިލާތަކުގައި މާހެފުންތަކެއް ނުބޭއްވުނެވެ. ރޯދަމަހަށް ބޭނުންވާނެ ޒަރޫރީ ކާބޯތަކެތި ހޯދުމަށް ފިހާރަތަކަށް ލިސްޓް ފޮނުވައިގެން އެ ތަކެތި ހަމަނުވެގެން އުޅެނޮކޮށް ރޯދަމަސް އަތުވެއްޖެއެވެ.

 

ކުރީގެ ގިނަ ރޯދަ މަސްތައް ފެށޭއިރު ކުކުޅު ބިހާއި ފިޔާގެ އަގު އަރައިގެން ދާހެން މި އަހަރު އެކަމެއް އެހެނެއް ނުހިނގައެވެ. މުހިންމު ޒަރޫރީ ބައެއް ތަކެތީގެ އަގުތައް ވަނީ ކޮންޓްރޯލް ކޮށްފައިވުމުން އެތަކެތީގެ އަގުތައް ވެސް ހުރީ ހިފެހެއްޓިފައެވެ.

 

އެންމެ ކާރޫބާރޫ ބޮޑު ވާ މާލޭގެ ބަނދަރުމައްޗާއި މާރުކޭޓް ސަރަހައްދު ވެސް އޮތީ ފަޅަށެވެ. ތޮއްޑޫ ކަރަޔާއި، ކަނޑޫދޫ ގިތެޔޮ މިރުހާއި ކާށިދޫ ކޮޕީފަތްތައް އަދި ލޮލަކަށް ނުފެނެއެވެ. ފޮޓޯއަކުން ފެނުނަސް އަތުޖެހޭނެ ކަމެއް ނޭނގެއެވެ. އަތުޖެހުނަސް ކޮންމެކޮންމެ ދުވަހަށް ނުލިބޭނެކަށް ޔަގީނެވެ. ކޮންމެ ދުވަހަކު މޮޑެލާނެ ފަތެއް ނުވަތަ ތަރުކާރީއެއް ނުލިބޭނެއެވެ. ފަނިގިރާނެ ކަރައެއް އަލަނާސިއެއް ޖުމުހޫރީ މޭވާއެއް ނުލިބޭނެއެވެ. ކޮންމެ ރެއަކު ހާރުގެ ފަހުގުޅަ މޮޑެލާނެ ދޮންކެޔޮ ހޯދުން ދަތިވާނެއެވެ. ފިހެލާނެ ތާޒާ ފަރުމަހެއް ކޮންމެ ދުވަހަކު ލިބޭނެ ގޮތެއް ނެތެވެ. ކުރީ ރޯދަމަސްމަހު ހެދި ވަރަށް ހެދިކާ ނުހެދިދާނެއެވެ. މިއީ ޚަރަދަށް ވަރަށް ބޮޑަށް ބަލަންޖެހޭ ރޯދަ މަހެކެވެ.

 

އެންމެ ބޮޑު ތަފާތަކީ މިސްކިތްތައް ފަޅުވުމެވެ. ރޯދަމަސް އައުމުން މިސްކިތްތައް ފުރި މަގުތައް ބަންދުވެގެން ދާތަނެއް މި ރޯދަމަހަކު ނުފެނެއެވެ. ތަރާވީސް ނަމާދާއި ރަމްޟާން މަސް އިހުޔާ ކުރުމުގެ ޕްރޮގްރާމާއި ޖަމާޢަތުގައި ކުރެވޭ ދަމު ނަމާދުން ވެސް މަހުރޫމުވީއެވެ. މިސްކިތް ދޮށުގައި ކުރިއަށްދާ ރޯދަ ވީއްލުމުގެ ފޯރިއެއް ނުފެންނާނެއެވެ.

.

ކޮންމެ ދުވަހެއްގެ ހަވީރު ފިނިބުރު ޖެހުމާއި މަޑިއެރުވުމާއި ރޭގަނޑު ކުޅޭ ބައިބަލާ ކުޅުމަކަށް ވެސް ފުރުސަތެއް ނެތެވެ. މުނިފޫހި ފިލުވުމުގެ ފޯރިގަދަ ޓީވީ ޝޯތަކާއި ލަވަޔާއި މިއުޒިކުގެ ޝޯތަކެއް ވެސް ނެތެވެ. ސްކޫލުތަކާއި އޮފީސްތައް ބަންދެވެ. ވިޔަފާރި ކުރުމުގައި ގެންގުޅެން މިޖެހެނީ އާ ގޮތެކެވެ. އެއީ ދިވެހީންނަށް "އާ ނޯމަލް" އެކެވެ.

No comments: