Tuesday, November 7, 2017

ޤައުމީ ޚިދުމަތުގައި ސިފައިން



ޢަބްދުﷲ ސަޢީދު 


ޤައުުމީ ޚިދުމަތާނުލައި ޤައުމެއް ނޯންނާނެއެވެ. ޤައުމަށް ޚިދުމަތްކުރާނެ ޤައުމު ދެކެ ލޯބިވާ ދަރިންތަކެއް ނެތް ޤައުމެއްގެ ޤައުމީ ދިދައަކަށް މިނިވަންކަމާއެކު ވިހުރިލާކަށް ފުރުސަތެއް ނުލިބޭނެއެވެ. ޤައުމީ ޚިދުމަތަކީ ހަމައެކަނި ސަލާމަތީ ބާރުތަކުން ޤައުމަށްކުރާ ޚިދުމަތެއް ނޫނެވެ. ހަމައެކަނި ދައުލަތާއި ސަރުކާރުގެ މުވައްޒަފުންކުރާ މަސައްކަތްތަކެއް ވެސް ނޫނެވެ. ޤައުމުގެ ކޮންމެ ދަރިއަކު ޤައުމަށްޓަކައި ކުރާ ކޮންމެ ކަމަކީވެސް ޤައުމީ ޚިދުމަތެކެވެ. ކޮންމެ ގިންތިއެއްގެ ކޮންމެ ފަންތިއެއްގެ މީހަކު ޤައުމަށް ޚިދުމަތް ކުރިއަސް އެއީ ޤައުމީ ޚިދުމަތެވެ. އެހެންނަމަވެސް ސިފައިންގެ ޤައުމީ ޚިދުމަތާއި އެހެނިހެން ފަރާތްތަކުން ކުރާ ޤައުމީ ޚިދުމަތާ ތަފާތުތަކެއް ހުރެއެވެ. 


ސިފައިންގެ ޤައުމީ ޚިދުމަތް ގުޅިފައިވަނީ އެބައިމީހުންގެ ފުރާނައާއެވެ. ފުރާނައަކީ އިންސާނާއަށް މާތްﷲ ދެއްވި އެންމެ އަގުހުރި ނިޢުމަތެވެ. އެ ނިޢުމަތުން މަޙުރޫމްވުމަށް ޖެހިއްޖެނަމަ ޤައުމަށްޓަކައި އެކަމަށް ވެސް ސިފައިން ތިބެނީ ތައްޔާރަށެވެ. ސިފައިންގެ ކުރިމަތީގައި ދީނާއި ޤައުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯވެއެވެ. ސިފައިންގެ ޤައުމީ ޚިދުމަތަކީ އެއްވެސް އަމިއްލަ އެދުމެއްނެތި ދެވޭ ޚިދުމަތެކެވެ. އެ ޚިދުމަތަކީ މީހަކު ބުނާނެ ޝުކުރުގެ ބަހަކާ ގުޅިފައިވާ ޚިދުމަތެއް ނޫނެވެ. އެއީ ލިބިދާނެ މާއްދީ މަންފާއަކާ ގުޅިފައިވާ ޚިދުމަތެއް ނޫނެވެ. ސިފައިންގެ ޤައުމީ ޚިދުމަތަކީ ޤައުމީ ރޫޙާއި ޤައުމީ ޖޯޝާ ގުޅިފައިވާ އޮންނަ ޚިދުމަތެކެވެ. އަމިއްލަ ޝައުޤުވެރިކަމާއި ހިތްވަރާއި ޢަޒުމާ ގުޅިފައި އޮންނަ ޚިދުމަތެކެވެ.

ސިފައިންނަކީ ޤައުމު ދިފާޢުކުރުމަށްޓަކައި ހަނގުރާމަކުރުމަށް ތައްޔާރަށް ތިބޭ މީހުންނެވެ. އެއީ ހަނގުރާމަ ވެރިންނެވެ. އެއީ ހަނގުރާމަކުރާ ލަޝްކަރުގެ މީހުންނެވެ. ސިފައިންނަކީ ދައުލަތާއި ޤާނޫނު އަސާސީ ހިމާޔަތްކޮށް ބެލެހެއްޓުން ހަވާލުކޮށްފައި އޮންނަ ލަޝްކަރެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކޮށް ޤާނޫނީ ވެރިކަމަށް އުނިިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެ ކަމަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށް، ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ ދައުލަތުގެ ބާރެވެ. 

ސިފައިންގެ ދައުރަކީ ސިފައިން އަދާކުރަން ހަމަޖެހިފައިވާ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމެވެ. ސިފައިންނަކީ އަސްކަރީ ބައެކެވެ. އަސްކަރީ ބާރުތަކުގެ ތެރޭގައި ހިމެނެނީ އެއްގަމާއި، ކަނޑާއި، ވައިގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސިފައިންގެ ބާރުތަކެވެ. ޤައުމުގެ ޢިއްޒަތާއި ކަރާމަތް އަދި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ، ބައިނަލް އަޤްވާމީ އަދި ޤައުމީ އިޙްތިފާލްތަކުގައި ސިފަވަންތަ ހެވިކަމުގެ ހަރަކާތްތަކާއި އަސްކަރީ ހަރަކާތްތައް ތަމްސީލު ކުރުމަކީ ވެސް ސިފައިންގެ މަސްއޫލިއްޔަތެކެވެ.

ޑިމޮކްރެޓިކް ޤައުމުތަކުގައި ސިފައިންގެ ޚިދުމަތް ވެފައި އޮންނަނީ ޤައުމީ ސަލާމަތީ ބާރުތަކުގެ އެންމެ އިސް ބާރުކަމުގައެވެ. ކޮންމެ ޤައުމެއްގައި ވެސް އެއީ އެ ޤައުމެއްގައި ދިރިއުޅޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަސްކަރީ ބާރެވެ. ސިފައިންގެ އެންމެ އިސް ވާޖިބަކީ ޤައުމީ ސަލާމަތުގައި އަބަދުވެސް ތައްޔާރަށް ތިބުމެވެ. ޤައުމު ސަލާމަތް ކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާންޖެހިއްޖެނަމަ ޤުރުބާންވުމަށް ފަސްނުޖެހި ސާބިތުކަމާއެކު ތިބުމެވެ. އެކަމަށްޓަކައި ހޯދަންޖެހޭ ތަމްރީނާއި ވަސީލަތްތައް ހޯދާ އަހުލުވެރިވެގެން ތިބުމެވެ.

ޤައުމީ ޚިދުމަތުގައި ދިވެހި ސިފައިންނަކީ ނަމޫނާ ބައެކެވެ. 1892 ވަނަ އަހަރުގެ އެޕްރީލު މަހުގެ 21 ވަނަ ދުވަހު ސިފައިން އުފެދުނިއްސުރެ ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމެއްގައި ސިފައިންވަނީ އެކަން ސާބިތު ކޮށްދީފައެވެ. ސިފައިން މި ޤައުމު ދެކެވާ ލޯތްބާއި، ސިފައިން މި ޤައުމާއި ރައްޔިތުންނާމެދު ދެކޭގޮތް 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިންނާއި ސުނާމީ ކާރިސާފަދަ ބޮޑެތި ކާރިސާތަކުން ދިވެހިން ވަނީ ތަޖުރިބާކޮށްފައެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވި ޝަހީދުންގެ ތެރޭގައި ދުޝްމަނުންނާ ކެރިގެން ކުރިމަތިލައި ޖިހާދުކޮށް ޝަހީދުވި ޝަހީދުން ހިމެނެއެވެ. އެ ބޭފުޅުންގެ ލޭ މި ލޮބުވެތި ބިމަށް އޮހޮރާލީ މި ޤައުމުގެ ޙައްޤުގައެވެ. އެ ބޭފުޅުންގެ އެ ޤުރުބާނީއަކީ ދުވަހަކު ވެސް އަގުއަދާކުރެވޭ ޤުރުބާނީއެއް ނޫނެވެ. މިއަދުގެ ޖީލަށްޓަކައި، އެ ބޭފުޅުންވެވަޑައިގެންނެވި ޤުރުބާނީގެ އަގު އަޅުގަނޑުމެން ވަޒަންކުރަނީނަމަ އަޅުގަނޑުމެން ވާންޖެހޭނީ އެ ބޭފުޅުން ދިފާޢުކޮށްދިން މިނިވަންކަން ދަމަހައްޓަން މަސައްކަތްކުރާ މި ޤައުމު ދެކެ ލޯބިވާ ބަޔަކަށެވެ. ޤައުމަށް ދެރައެއް ލިބިދާނެ ކޮންމެ ކަމަކުން ދުރުވެ، އެ ބޭފުޅުން ފަދައިން ޤައުމަށްޓަކައި އަދާކުރަންޖެހުނު ކޮންމެ އަގެއް އަދާކުރަން ތައްޔާރަށް ތިބޭ ބަޔަކަށެވެ.
ސުނާމީ ކާރިސާއާއި އެނަމާ ބޯޓު ބަންޑުންޖަހާލި ހާދިސާއަކީ ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައި ސިފައިން މަސައްކަތްކުރާގޮތް ދާދިފަހުން ފެނިގެންދިޔަ ދެ ހާދިސާއެވެ. އެއީ އަމިއްލަ ފުރާނައާއި އާއިލާއަށް ބެލުމެއްނެތި ދިވެހި ރައްޔިތުންގެ ޙައްޤުގައި ރެއާއި ދުވާލު ސިފައިން މަސައްކަތުގައި އުޅުނު ދުވަސްކޮޅެވެ. މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއަކީ ފަހުގެ ތާރީޚުގައި ސިފައިންގެ އިޚްލާޞްތެރި ޚިދުމަތް ފެނިގެންދިޔަ ކާރިސާއެކެވެ. 

މިއަދަށް ނަޒަރު ހިންގާލާއިރު، މި ޤައުމު ދެކެމުންމިދާ އަވަސް ތަރައްޤީއާއި ކުރިއެރުންތަކުގެ ތެރެއިން ވެސް ސިފައިންގެ ދައުރެއްނެތް ދާއިރާއެއް ނެތެވެ. އެންމެ ބޮޑެތި ބިޔަ މަޝްރޫޢުތަކުން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދޭ އިޖްތިމާޢީ ޚިދުމަތްތަކާއި އަސާސީ ޚިދުމަތްތައް ދަމަހައްޓަައި ތަރައްޤީކުރުމުގައި ވެސް ސިފައިން ހިއްސާވެއެވެ. ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގައި ވެސްގެ ސިފައިންގެ ހިއްސާ އޮވެއެވެ. ޤައުމު ބިނާކުރުމުގައި ސަރުކާރަށް އެއްބާރުލުންދީ، ނަތީޖާ އަވަހަށް ހާސިލުކުރުމުގައި ސިފައިންނަކީ ނަމޫނާ ބައެކެވެ. ދާދިފަހުން މާލޭގެ މަލަމައްޗަށް އައި ތަރައްޤީގެ ރީތި މަންޒަރުތަކާއި ރާއްޖޭގައި ހިނގަމުންދާ ބޮޑެތި ބިޔަ މަޝްރޫޢުތަކުން އެކަން ސާބިތުކޮށްދެއެވެ. މޯލްޑިވްސް، ޗައިނާ ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު އެ މަޝްހޫރު ފެށުމަށްޓަކައި ކުރެވުނު ސާވޭގައި ސިފައިން ބުރަ މަސައްކަތްތަކެއް ކުރިއެވެ. ޢިއްޒުއްދީނު ފާލަމާއި ރަސްފަންނުން ތަރައްޤީ ކުރުމުގައި ވެސް ސިފައިންގެ ހިއްސާ އެކުލެވެއެވެ. ސުނާމީ ބިނާ ޕާކާއި، ރަސްރަނި ބަގީޗާއިން ސިފައިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ފެނިގެންދެއެވެ.  

ސިފައިންގެ މީހާ، ޙަޤީޤީ ސިފައިންގެ މީހަކަށްވަނީ ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަ އަސްކަރީ އަޚްލާޤު ނުވަތަ ސިފަވަންތަކަމުގެ ސަބަބުންނެވެ. އެހެން މުއައްސަސާތަކާއި އަސްކަރިއްޔާތަކާ ހުންނަ އެންމެ ބޮޑުތަފާތަކީ އަސްކަރިއްޔާގައި އެކަކު އަނެކެއްގެ މައްޗަށް އޮންނަ އިތުބާރާއި ޔަޤީންކަމެވެ. އެކެއްގެ މައްޗަށް ބަރޯސާވެގެން އަނެކަކު މަސައްކަތް ކުރަންޖެހޭ ޖެހުމެވެ. ފަސްނުޖެހި އަމުރަށް ކިޔަމަންތެރިވުމުގެ ވަރުގަދަ ރޫޙެވެ. ކޮމާންޑަރުން އަންގާ ތަރުތީބަކުން އަންގާ ގޮތަކަށް ހަރަކާތްތެރިވުމެވެ. އެ މީހަކު ކުރިމަތިލާންޖެހެނީ ސީދާ އަމިއްލަ ފުރާނަ ދާފަދަ ކަމަކާ ކަމަށްވިޔަސް ފަސްނުޖެހި އަމުރަށް ކިޔަމަންތެރިވުމެވެ. ސިފައިންގެ ހިތްތަކުގައި ހަރުދަނާ ޤައުމީ ރޫޙަކާއި ވަޠަނީ ލޯތްބެއް އޮވެއެވެ. އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކޮށް ފިދާވަނީ އެހެންވެގެންނެވެ. ސިފައިންނަކީ ދީނީ އަޤީދާ އަށް އަމިއްލަ ޒަމީރު ތަބާކޮށް، ނަފްސު ކޮންޓްރޯކުރާ ބައެކެވެ. ފުރިހަމަ ސިފައިންގެ މީހާ ހުންނާނީ، ދީނާއި ޤައުމާއި މުޖުތަމަޢު އަދި ސިފައިންގެ މުއައްސަސާ ދައްކާ، ބަޔާންކުރާ ޤާނޫނީ އަދި އަޚްލާޤީ އިންތިތަކަށް އެމީހެއްގެ ނަފްސު ބައްޓަންގޮތްގެންނެވެ. ޤައުމީ ޚިދުމަތުގައި ސިފައިން ކުރާ ކޮންމެ ކަމެއް ފުރިހަމަވެގެން ދަނީ މި ދެންނެވި ސަބަބުތަކާއެކުގައެވެ. ސިފައިންގެ ޤައުމީ ޚިދުމަތަށް ރައްޔިތުން އިތުބާރުކޮށް ޝުކުރުވެރިވެ އެކަމުގެ އަގު ވަޒަންކުރާ މިންވަރަށް ވާސިލުވެވެނީ އެހެންވެގެންނެވެ.




No comments: