Tuesday, November 14, 2017

ކަރިންބެގެ ޝަކުވާ

ޢަބްދުﷲ ސަޢީދު

ރާއްޖޭގައި ކޮލެރާ ފެތުރުނު ދުވަސްވަރެވެ. ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކުއްލި ހާދިސާތަކުގައި ޤައުމުގެ ސަލާމަތަށްޓަކައި ސީދާ ރައީސް އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށުން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި ދުވަސްވަރެވެ. މާލޭގައި ދިޔައީ އެކަމަށްޓަކައި ގަލޮޅު ދަނޑުގައި މަރުކަޒު ހަދައި ބަލި މީހުންނަށް ފަރުވާ ދެމުންނެވެ. ހެލްތު މިނިސްޓަރުކަމުގައި ހުންނެވީ އަލްފާޟިލާ މުއުމިނާ ޙަލީމެވެ.  އެއީ 1978 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރެއެވެ.
މާލޭގެ ފަޅުމައްޗަށް ފާޚާނާކޮށް، ޤަޟާހާޖަތަށްދިއުން ހެލްތު މިނިސްޓްރީން އޮތީ މަނާކޮށްފައެވެ. އަދި މާލޭގެ ފަޅުތެރެއަށް މޫދަށް އެރުންވެސް ސަރުކާރުންވަނީ މަނާކޮށްފައެވެ.


މަނަދޫން މާލެއައި ބައްތެލީގެ ނެއްވަކަށްހުންނެވީ ޢަބްދުލްކަރީމެވެ. މިހާރުގެ ކުދިންނަށް އެނގޭނީ "ހައްވާފުޅު ކަރިންބެ"އޭ ބުނިއްޔާއެވެ. އޭރު އެކިއެކި ކުށްކުށުގައި އަރުވާލާ މީހުން ފޮނުވާލަނީ އަތޮޅުތަކުން އަންނަ ނާލުބައްތެލިތަކާއި އޮޑިދޯނި ފަހަރުގައި  ނެވިމީހާއާ ހަވާލުކޮށްފައެވެ. މާލޭގައި ކޮލެރާ ފެތުރެމުންދަނިކޮށް މަނަދޫން މިއައި ބައްތެއްޔަށް ޕްރިޒަންސުން ކުށްވެރިންގެ ދެމީހަކު އަރުވައިފިއެވެ. މި މީހުންގެ ތެރެއިން މީހަކު ބޮޑުކަމު ދާންޖެހިއްޖެއެެވެ. އެވާހަކަ ކަރިންބެ ކައިރި ބުނުމުން ކަރިންބެ ބުނުއްވިއެވެ. ހަމަހިލާ އެއްގޮތަކަށްވެސް މޫދަށް ޤަޟާހާޖަތަށް ގޮސްގެންނުވާނެއެވެ. އޭރު ބައްތެލި ތަކުގައި "ގުއިޖޯލި" ހަދާފައިހުރެއެވެ. އެއީ ވަށައިގެން ނިވާކޮށްފައި ކުޑަ ދޮރެއް ލާފައިހުންނަ ތަށްޓެއް ނުހުންނަ ފާޚާނާއެކެވެ. މޫދަށް ފާޚާނާކޮށްފައި މޫދުން ފެންނަގައިގެން ތާހިރުވާގޮތަށް ހަދާފައިހުންނަ ތަނެކެވެ. މާލޭ ފަޅުތެރޭގައި ތިބޭއިރު ގިނަ މީހުން ބޭނުންކުރަނީ ގުއިޖޯއްޔެވެ. އަނެއްބަޔަކު މޫދަށް ފައިބައިގެން ގޮސްވެސް ފާޚާނާކޮށް ހަދަތެވެ. ކޮންމެވެސް ވަރަކަށް އާންމު ފާޚާނާތައްވެސް ހުރެއެވެ. އެތަންތަނުގެ ކިޔު ވަރަށް ބޮޑެވެ. ބައެއް މީހުންނަށް ކިޔުގައި ތިއްބާ މުންޑުގަނޑަށް ބޮޑުކަމު ދެވެއެވެ. އެހެންދިމާވެގެން މޫދަށް އެރުނު މީހަކު އޮތީ ހައްޔަރުކޮށްފައެވެ. ދޯނީގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށް އެއްގަމަށް ފޭބުން މަނައެވެ. އެހެވެ މިއިން އެއްވެސް ގޮތެއް ހަދާކަށް ކަރިންބެ ހުއްދައެއް ނުދެއްވިއެވެ. ފާޚާނާއަށް ދާންވެފައިހުރި މީހާ ބަނޑުގައި އަތްއަޅައިގެން ބައްތެލީގައި އެނބުރެނީއެވެ.
ކަރިންބެ ބައްތެލިން ފުންމާލައިގެން ދުއްވައިގަތީ ޕްރިޒަންސް ޑިވިޜަނަށް ދާށެވެ. އޭރު އެތަން ހުންނަނީ ސިފައިންގެ ކުރިމަތީގައި ހުރި މޭނާ ބިލްޑިންގގައެވެ. އެތަނަށް ދުރުވެ ކަރިންބެ ބުނުއްވިއެވެ. ކުށްވެރިއަކު ފާޚާނާއަށް ދާންޖެހިއްޖެއެވެ. އެކަމަކު މޫދަށް ފާޚާނާކުރުން މިއޮތީ މަނާވެފައެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އެ މީހުންނަށް ދެން ހަދާނެގޮތެއް ބުނެދޭކަށް ނޭނގުނެވެ. އޭރު އެތަނުގައި އިސް ބޭފުޅަކަށް ހުންނެވީ މޫސާ ފިކުރީއެވެ. ފިކުރީބެ ބުނުއްވިއެވެ. ޢަބްދުލް ކަރީމާއެވެ. އަޅުގަނޑުމެން ބުނާނީ ވަކި ކީކޭތޯއެވެ؟
ކަރިންބެ ދުއްވައިގަތެވެ. އެދިޔަގޮަތަށްގޮސް ވެންނެވީ ގަލޮޅު ދަނޑަށެވެ. ކަރިންބެގެ ނަސީބު ރަނގަޅުކަމުން ކަމެއް ނޫނީ ނަސީބު ދެރަކަމުންކަމެއް ނޭނގެއެވެ. އޭރު ދަނޑުގައި ނާޞިރު ވަޑައިގެން ނޫޅުއްވައެވެ. އެކަމަކު އެ ދުވަސްވަރަކީ ވަރަށް ގިނަ ވަގުތު ދަނޑުގައި ނާޞިރު ވަޑައިގެން އުޅުއްވި ދުވަސްވަރެކެވެ. ކަރިންބެ ދަނޑަށް ދުރުވިއިރު އިސްބޭފުޅަކަށް ހުންނެވީ އަޙްމަދު ޙިލްމީ ދީދީއެވެ. ކަރިންބެ ދުރުވެ ޙިލްމީއަށް މި ވާހަކަ ދަންނަވައިފިއެވެ. ކަރިންބެއަކީ ކުރިން މާލޭގައި އުޅުއްވި ބޭކަލެކެވެ. ބޮޑެތި ބައެއް ބޭފުޅުން ދެނެލައްވައެވެ. ޙިލްމީއަކީ ވެސް ކަރިންބެ ދެނެލައްވާ ބޭފުޅެކެވެ. ޙިލްމީ ވިދާޅުވިއެވެ. ޢަބްދުލްކަރީމާއެވެ. ތިޔައީ ވަރަށް ރަނގަޅު ޝަކުވާއެކެވެ. ތިޔައީ ވަރަށް ތެދު ވާހަކައެކެވެ. ދެން ޢަބްދުލްކަރީމް އޮޑިއަށް ދުރުވާށެވެ. ތިކަމާ އެބައުޅެމެވެ.
ކަރިންބެ އޮޑިއަށް އަންނަން އައިިއިރު މޭނާ ބިލްޑިންގގައި ހިންގާ އޮފީސްތަކުގެ މީހުންތައް އޮތީ ތިރިއަށް ފައިބައެވެ.  "އެ ޝަކުވާ އުފުލި ކަލޭގެ މިހިރަދަނިއްޔޭ" މީހުން ކިޔައެވެ. އެމީހުން ތިބީ ނުރުހިފައެވެ. ހިތްހަމަނުޖެހިފައެވެ. ކޮންމެއަކަސް ކަރިންބެ އޮޑިއާ ހަމައަށް އަންނަންވާއިރަށް މައްސަލަ އޮތީ ހަމަޖެހިފައެވެ. ރައީސް އިބްރާހީމް ނާޞިރަކީ މައްސަލަ ހުށަހެޅި މީހާއާއި އޭނާގެ ހައިސިއްޔަަތަށް ބެއްލެވި ބޭފުޅެއް ނޫނެވެ. ކަރިންބެ ކުޑައެވެ. އޭނާ ދެއްކި ވާހަކައިގައި އެކަމަކު ބުރަދަނެއް ހުރިކަން އެމަނިކުފާނު ޤަބޫލު ކުރެއްވިއެވެ.  

No comments: