Sunday, October 29, 2017

ޤައުމީ ރޫޙު




ޢަބްދުﷲ ސަޢީދު
 
"ޤައުމީ ލޯބި ދަރިންގެ ހިތުގައި އަށަގަންނަވައިގެން ނޫނީ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ދުރުމިން ކައިރިއެއް ނުކުރެވޭނެއެވެ."  މިއީ ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީކްއަންޔޫ ވިދާޅުވެފައިވާ ބަސްފުޅެކެވެ. ރޫޙަކީ ފުރާނައެވެ. އެއީ ދިރިހުރުމުގެ ބާރެވެ. މަޖާޒީގޮތުން ރޫޙަކީ ޖޯޝާއި ހަރަކާތެވެ. ޤައުމީ ރޫޙަކީ ޤައުމީ ޖޯޝެވެ. ޤައުމީ ކަންކަމުގައި ހުންނަ ފޯރިއާއި ހަރަކާތްތެރިކަމެވެ. އެމީހެއްގެ ފުށުން ޤައުމީ ރޫޙު ފެނިގެންދާ މިންވަރު ބިނާވަނީ ޤައުމީ ކަންކަމުގައި އެމީހަކު ދެކޭގޮތެއްގެ މައްޗަށެވެ. ޤައުމަށްޓަކައި ޖިހާދުކޮށް ޤުރުބާންވި އަބުޠާލުންނަކީ އެބޭފުޅުންގެ އެންމެ އަގުބޮޑު ޖައުހަރު ކަމުގައިވާ ފުރާނަ، ޤައުމަށްޓަކައި ޤުރުބާންކޮށް ރޫޙީއުފާ ހޯއްދެވި ބޭފުޅުންނެވެ. އެއީ އެބޭފުޅުން ދުނިޔޭގައި ނެތްނަމަވެސް ދިރުންހުރި ބޭފުޅުންތަކެކެވެ. އެބޭފުޅުންނަކީ އެބޭފުޅުންގެ ޒިކުރާތައް ތާއަބަދު ޤައުމުގެ ދަރިން އާކޮށް އާލާކުރާނެފަދަ ލީޑަރޝިޕެއް ދައްކަވާފައިވާ ބޭފުޅުން ތަކެކެވެ. އެ ބޭފުޅުން އެވަނީ ޤައުމީ ރޫޙު އިންތިހާއަށް ސާބިތުކޮށްދީފައެވެ.

ޤައުމީ ރޫޙު އުފެދިގެން އަންނަނީ އެމީހަކު ޤައުމުދެކެ ލޯބިވާ މިންވަރެއްގެ މައްޗަށެވެ. ޤައުމާމެދު ފަޚުރުވެރިވާ މިންވަރެއްގެ މައްޗަށެވެ. ޤައުމީ ލޯބި ޤައުމުގެ ދަރިންގެ ހިތްތަކުގައި އުފެދެނީ ޤައުމުގެ މުހިންމު ކަމާއި ޤައުމުގެ މާޒީ އާއި ތާރީޚު ދަރިންނަށް އެނގިގެންނެވެ. ޤައުމީ އަބުޠާލުން ކުރެއްވި ޖިހާދުތަކާއި ކާބަފައިންގެ ހިތްވަރު ދައްކުވައިދޭ ހާދިސާތަކާއި ޤައުމީ ރުކުންތަކާއި ޤައުމިއްޔަތުގެ ބައިތައް އުގަންނައި ދެވިގެންނެވެ. ޤައުމެއްގެ ދަރިން އެ ޤައުމަކަށްޓަކައި ފަޚުރުވެރިވާ މިންވަރާއި ޤައުމުދެކެވާ ލޯބީގެ ތޫނުކަމާއި ކޮށިކަން ބިނާވަނީ އެ ޤައުމެއްގެ ދަރިން އެ ޤައުމެއްގެ ތާރީޚަށް ތޫނުވެ ކޮށިވި މިންވަރެއްގެ މައްޗަށެވެ.
ޤައުމީ ރޫޙު އަބަދުވެސް ވާންޖެހޭނީ އަމިއްލަ އެދުންތަކުގެ ކުރިމަތީގައި ގަދަފަދަ ބާރަކަށެވެ. ޤައުމުގެ ސިޔާސީ ލީޑަރުންނާއި މުއައްސަސާތަކުގެ ވެރިންގެ ލީޑަރޝިޕް ކޮލިޓީސްތަކުން ޤައުމީ ރޫޙު ސާބިތުވާން ޖެހެއެވެ. އެ ނަމޫނާ ފެންނަން ޖެހެއެވެ. ބަހާއި ޢަމަލު ސީދާވެ ދިމާވާން ޖެހެއެވެ. ޤައުމަށް ޚިދުމަތް ކުރުމާއި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޢަމަލީ ދައުރެއް އަދާކުރަން ޖެހެއެވެ. ހަމައެކަނި ދުލުން ހާމަކޮށްލާ ބަސްތަކަކުން ޤައުމީ ރޫޙާއި ވަޠަނީ ލޯތްބެއް ނުދެއްކޭނެއެވެ.
ޤައުމީ ރޫޙުގެ ނިރު ފަޅައި ހެދެމުންދާނީ އެކަމަށް އެކަށޭނަ މާހައުލެއްގައި އެކަށީގެންވާ ފެން ދެވިގެންނެވެ. ޤައުމީ ބޮޑެތި މައްސަލަތަކާއި ބަލިތައް ގޯހުން ގޯހަށްދާން ދޫކޮށްނުލައި ހައްލުކޮށް ފަރުވާ ހޯދައިގެންނެވެ. ޤައުމީ ލޯބި އުފެއްދޭނީ އެކަމަށްޓަކައި އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްގެންނެވެ. ޤައުމުގައި އުފަންވެ ބޮޑެތިވަމުން އަންނަ ދަރިންނަކީ މި ޤައުމަށް ކިހާ މުހިންމު ބައެއްކަން އެނގިތިބެ އެގޮތުގައި ތަރުބިއްޔަތު ކޮށްގެންނެވެ. އެ ދަރިންނަށް ޤައުމުގެ އެހާރާއި މިހާރުގެ ވެރިންނާއި ޚިދުމަތްތެރިން އަދި އެބޭފުޅުންގެ އަގުހުރި ޚިދުމަތްތައް އޮޅުވާނުލައި އޮޅުންފިލުވައިދީގެންނެވެ. އޮފީސްތަކާއި މުއައްސަސާތަކާއި ޤައުމީ ފެންވަރުގައިވެސް އިސްވެދިޔަ ވެރިންނާއި އެބޭފުޅުންގެ ޚިދުމަތްތަކުގެ އަގު މިއަދުގެ ޖީލުން ވަޒަންކޮށްގެންނެވެ.
ޤައުމީ ރޫޙު ނެތިކޮށްލަނީ ބައިބައިވުމުންނެވެ. ވެރިކަމަށްޓަކައި އުފައްދާ ބޮޑެތި ފިތުނައިގެ އަލިފާންގަނޑުތަކުންނެވެ. ސިޔާސީ ބޭނުމަށްޓަކައި ދޫކޮށްލާ ވިހަގަދަ ތީރުތަކުންނެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ޤައުމަށް ޣައްދާރުވާ މީހުންނަށް އެއްވެސް ބަޔަކު މިހާތަނާ ޖެހެންދެންވެސް އިތުބާރުކޮށްފައި ނުވާކަމެވެ. އެމީހެއްގެ އުފަން ބިމަށް ހަރާންކޯރުވި މީހަކު އެހެން ބަޔަކަށް ވަފާތެރިވާނެކަމަށް ނުދެކުމެވެ. އެހެންކަމުން ޤައުމަށް ޚިޔާނާތެރިވާ ކޮންމެ މީހަކު ފޭއްސި ކޮންމެ އިލޮށިގަނޑެއްވެސް ހެރިފައިވަނީ އެމީހެއްގެ ލޮލަށެވެ.  


No comments: