Friday, March 28, 2014

މަނަދޫ ކަމަނަ ދައިތަ: ކަމަނަ މާމަ


މަނަދޫ ކަމަނަދައިތަ: އުމުުރުން 108 އަހަރުގައި (1979)

މަނަދޫ ކަމަނަ ދައިތަ ނުވަތަ ކަމަނަ މާމަގެ ބައްޕައަކީ މަނަދޫ ދޮންޢަލީ ތަކުރުފާނެވެ. އެއީ ރަދުންގެ ލަޝްކަރުގައި ހިމެނޭ ހަގުބޭކަލުންގެ ތެރޭގައި މަތި ފެންވަރުގައި އުޅުއްވި ބޭކަލެކެވެ. ކަމަނަ ދައިތަގެ މަންމައަކީ ވަޑި މޫސާފުޅުގެ ދަލޭކާފުޅެވެ. ވަޑި އާއިލާއަކީ މާލޭގައި މަޝްހޫރު އާއިލާއެކެވެ.  ކަމަނަ ދައިތަގެ ބައްޕަ ވަޑި މޫސާފުޅުވަނީ ހެންވޭރު ބަންޑާރަ އެދުރުގެ މަޤާމު އަދާކުރައްވާފައެވެ. ކަމަނަ ދައިތަ އުފަންވީ 1871 ވަނަ އަހަރުގައެވެ. އޭރު ރާއްޖޭގެ ތަޚްތުގައި އިންނެވީ އައްސުލްޠާން މުޙައްމަދު މުއީނުއްދީން (2 ވަނަ) އެވެ. ކަމަނަ ދައިތަގެ އުމުރުން ދެ މަހުގައި މަންމަ ނިޔާވިއެވެ. ކަމަނަ ދައިތަ ބަލާ ބޮޑުކުރީ މަނަދޫ ދޮންޢަލީ ތަކުރުފާނުގެ އާއިލާގެ މީހުންނެވެ. ބައްޕަ ފަރާތުގެ ބޮޑު ބޭބެއާއި ބޮޑު ދައިތައާ ދެބެންނެވެ. 


ކަމަނަ ދައިތަ ފުރަތަމަ ކައިވެނި ކުރީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނައިގެ ރަސްކަމުގެ ކުރިންނެވެ. މުޙައްމަދު ޝަމްސުއްދީން ދެފަހަރެއްގެ މަތިން ރަސްކަން ކުރެއްވިއެވެ. ފުރަތަމަ ރަސްކަން ކުރެއްވީ 07 މެއި 1893 ކުން 20 ޖުލައި 1893 އަށެވެ. ދެވަނަ ފަހަރަށް ރަސްކަން ކުރެއްވީ 11 މާޗް 1903 ކުން 07 އޮކްޓޯބަރު 1934 އަށެވެ. 

ކަމަނަ ދައިތަ ތިން ކައިވެންޏެއް ކުރިއެވެ.  ފުރަތަމަ ކައިވެނި ކުރީ ބޮޑުކާށި ދޮންމަނިކާއެވެ. މިއީ "ބޮޑުކާށި ދޮންބެ" ގެ ނަމުން މަޝްހޫރުވެފައިވާ ޤައުމީ ދިދަ ފެހުމުންވެސް މަޝްހޫރުކަމާއި މަޤުބޫލުކަން ހޯއްދަވައި، އަދި 2003 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި މ. ފްލޮރަންސް އަލްމަރުޙޫމް ޙުސައިން ޙަސަންމަނިކެއް ނޫނެވެ. އެކަމަކު މިއީ ޙުސައިން ޙަސަންމަނިކުގެ ބައްޕަ ފަރާތު ކާފައެވެ. ބޮޑުކާށި ދޮންބެ (ޙުސައިން ޙަސަންމަނިކު)އާއި ބޮޑުކާށި ތުއްތުމަނިކު (ޢަބްދުއްރަޙްމާން ޙަސަންމަނިކު)އާއި ބޮޑުކާށި އަބޫބަކުރު (އަބޫބަކުރު ޙަސަންމަނިކު)އާއި ބޮޑުކާށި ކުޑަމަނިކު (އިބްރާހީމް ޙަސަންމަނިކު) އަކީ އެއްބަޑު އެއްބަފާ 4 މީހުންނެވެ. މިއީ އަޅުގަނޑުގެ މަންމަ ފަރާތުގެ ބޮޑުބޭބެއިންނެވެ. އަޅުގަނޑުގެ މަންމަ މި ހަތަރު ބެއިންނާއި އެއްބަޑު ވަކި ބަފައެވެ. މި 4 ބެއިންގެ ބައްޕައަކީ ބޮޑުކާށި ޙަސަންމަނިކެވެ. ބޮޑުކާށި ޙަސަންމަނިކު ނިޔާވުމުން އަޅުގަނޑުގެ މާމަ މަނަދޫ ބޮޑުކާށިގޭ (ފަހުން ކުދިލުބޯމާގޭ) ފާތުމަތު މޫސާ ކައިވެނި ކުރީ އަޅުގަނޑުގެ ކާފަ އިބްރާހީމް ޙަސަނާއެވެ. 

ކަމަނަ ދައިތަ ފުރަތަމަ ކައިވެނި ކުރި ބޮޑުކާށި ދޮންމަނިކާ އިނދެގެން އުޅެނިކޮށް އޭނާ ނިޔާވުމުން އޭގެފަހުން އެހެން ދެމީހަކާ ކައިވެނި ކުރިއެވެ. އޭގެތެރެއިން އެކަކީ މަނަދޫ ކުރު އާއިލާގެ (މަނަދޫ ކުރު މޫސަބޭ އާއިލާގެ) ކުރު ޢަލީ އެވެ. މިއީ ކުރުމޫސަބެއާ އެއްބަޑު އެއްބަފާ މީހެކެވެ.  ދެން ކައިވެނި ކުރި މީހަކީ ރ. އަތޮޅު މަނިކުބޭ ކިޔާ މީހެކެވެ. މީނާއަށް އާންމުކޮށް ކިޔަނީ "ކުޑަކާފަ" އެވެ. މިއީވެސް ވަރަށް ހިތްހެޔޮ މީހެކެވެ. ކަމަނަ ދައިތައަށް 8 ކުދިން ލިބުނެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި އިނީ ތުއްތުމަނިކެ ނުވަތަ ތުއްތައިތަ އެވެ. އެންމެފަހުން ނިޔާވީ ޙުސައިން ކޮޔެވެ. މި ޙުސައިންކޮޔަކީ ވަރަށް މަޝްހޫރު މާލޭގެ ކެޔޮޅެކެވެ. ގެއަކީ މއ. ކަނޑުފެންނަގެއެވެ. ތުއްތުމަނިކެއަކީ ބޮޑުކާށި ޙަސަންމަނިކާ އެއްބަފާ މީހެކެވެ. 

ކަމަނަ ދައިތަ 1979 ވަނަ އަހަރުގެ މެއި 19 ވަނަ ދުވަހު ހަވީރު ނޫހުގެ މެނޭޖިންގ އެޑިޓަރ ކޮޕީ މުޙައްމަދު ރަޝީދަށް ދިން ބަސްދީގަތުމެއްގައި  އެންމެ ދުރުހަނދާނެއްކަމަށް ބުނެފައިވަނީ ކުޑަބަންޑާރައިން ރަސްކަން ކުރެއްވި ދައުރެވެ. ކުޑަބަންޑާރައިންނަކީ މީލާދީން 1886 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު، އެއިރު ހުންނެވި ރަދުން އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްތިޢުފާ ދެއްވުމުން ރަސްކަމަށް އިސްކުރެއްވި އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)އެވެ. އޭފަހުން އަނެއްކާވެސް ނޫރައްދީން ބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގެންނެވިއެވެ. އެހެންކަމުން އޭގެފަހުން ރާއްޖޭގައި ރަސްކަންކުރެއްވި މުޙައްމަދު އިމާދުއްދީން 5 ވަނަ އާއި މުޙައްމަދު އިމާދުއްދީން 6 (ހާޖީ އިމާދުއްދީން) އަދި މުޙައްމަދު ޝަމްސުއްދީން 3 އާއި ޙަސަން ނޫރައްދީން (2 ވަނަ)ގެ ރަސްކަމުގެ ދުވަސްވަރުގެ ހަނދާންތައް ކަމަނަ ދައިތަގެ ހަނދާންތަކާވާނީ ގުޅިފައެވެ. 1932 ވަނަ އަހަރު ފުރަތަމަ ޤާނޫނު އަސާސީ އެކުލަވާލައި، 1953 ވަނަ އަހަރު ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާން ކުރުންފަދަ ބޮޑެތި ޤައުމީ ޚާއްޞަ ދުވަސްތައް ކަމަނަ ދައިތަވަނީ ދެކެފައެވެ.  މުޙައްމަދު އަމީންގެ ރައީސްކަމުގެ ދައުރާއި މުޙައްމަދު ފަރީދުގެ ރަސްކަމާއި އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ އިތުރުން މައުމޫން ޢަބްދުލް ޤައްޔޫމުގެ ރައީސްކަމުގެ ފުރަތަމަ ދައުރުވެސް ކަމަނަ ދައިތައަށް ފެނުމުގެ ނަސީބު ވަނީ ލިބިފައެވެ. ރާއްޖެއަށް 1923 ވަނަ އަހަރު ކުރިމަތިވި ބޮޑު ވިއްސާރަ އާއި 1922 ވަނަ އަހަރު ކުރިމަތިވި ބޮޑުރޯގާ އާއި 1959 ވަނަ އހަރު ކުރިމަތިވި އިންފުލުންޒާއާއި 1978 ވަނަ އަހަރު ކުރިމަތިވި ކޮލެރާގެ ދުވަސްތައްވެސް ކަމަނަ ދައިތަ ދެކުނެވެ. 

މަނަދޫ ކަމަނަ ދައިތައަށް އުމުރުން 108 އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގޭގައި އުޅުމުގެ ނަސީބު ލިބުނެވެ.

No comments: