Wednesday, March 26, 2014

"ހަފްތާ ޚަބަރު": ރާއްޖޭގެ ސްކޫލަކުން ރަޖިސްޓްރީ ކޮށް، ޗާފްކޮށްގެން ނެރުނު ފުރަތަމަ ނޫސް

ހަފްތާ ޚަބަރު: ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަދުގެ ހެޑަރ
ހަފްތާ ޚަބަރަކީ ހަފްތާއަކު އެއް ފަހަރު ނެރެމުން ދިޔަ ހަފްތާ ނޫހެކެވެ. މަނަދޫގައި ހުންނަ ނ. އަތޮޅު އަތޮޅު މަދަރުސާއިން މި ނޫސް ފުރަތަމަ ނެރެންފެށީ 28 އޭޕްރީލް 1984 ގައެވެ. އޭރު އެއީ އަތުން ލިޔެގެން ނެރޭ ނޫހެކެވެ. މިގޮތުގައި މެދު ނުކެޑި އެއް އަހަރު ދުވަހު މި ނޫސް ނެރުނެވެ. އޭރު ނޫސް ކިޔަން ބޭނުންވާ ފަރާތްތައް އިތުރުވުމުން ބައެއް އަދަދުތައް ތިން ކޮޕީ ނުވަތަ ފަސްކޮޕީ އަދި ހަކޮޕީވެސް އަތުން ލިޔެގެން ނެރެމުން ދިޔައެވެ. އޭރު އެ މަސައްކަތަކީ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލް ހިންގަވަން ތިއްބެވި ވެރިން ބައިވެރިވެގެން ޓީމެއްގެ ގޮތުގައި ކުރަމުންދާ ބޮޑު މަސައްކަތެކެވެ. ޚާއްޞަ މަސައްކަތެކެވެ. ބުރަ މަސައްކަތެކެވެ.


މިގޮތުގައި މި މަސައްކަތް ކުރަމުން ދަނިކޮށް ނޫސް ނެރުމުގެ މަސައްކަތް ކުރަމުންދިޔަ ފަރާތްތަކަށް އާ ހިތްވަރެއް ލިބިގެން ދިޔައީ ނޫސްވެރިކަމުގެ ރަންގަލަން ހާސިލުކުރައްވާފައިވާ އަދި ދިވެހި ނޫސްވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަނަދޫ ޢަބްދުއްސައްތާރު ދެއްވަން ފެއްޓެވި ދީލަތި އެހީގެ ސަބަބުންނެވެ. ނޫސް ނެރުމަށް ބޭނުންވާ ކަރުދާހާއި ކޮޕީ ހިލޭ ދެއްވަން ފެއްޓެވިއެވެ. އަދި މަނަދޫއަށް ވަޑައިގެން ނޫސްވެރިކަމުގެ ފަންނުވެރިކަމާބެހޭ ގޮތުން މަޢުލޫމާތު ދެއްވައި އެ މަސައްކަތް އިސްކޮށް ކުރަމުން ދިޔަ ދަރިވަރުންނަށާއި މެނޭޖްމަންޓަށް ހިތްވަރު ދެއްވަމުން ގެންދެވިއެވެ. 

މި ބަދަލާއެކު 50 ކޮޕީ އަތުން ލިޔެ ނެރެންފެށިއެވެ. އެއީ އޭރު މަނަދޫގައި ހުރި ގެތަކުގެ ނިސްބަތުން ކޮންމެ ތިން ގެއަކަށް ނޫހެކެވެ. އޭރު ރަށުތެރޭގައި ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ތެރޭގައި އެއްގެއެއްގައި ނޫސް ކިޔާފައި އަނެއް ގެއަކަށް ގެންދިއުމަކީ މައްސަލައަކަށް ނުވެއެވެ. ޝަޢުޤުވެރިކަމާއެކު ނޫސް ކިޔަމުން ރައްޔިތުން ގެންދިޔައެވެ. އޭރު އެއީ ހިލޭ ބަހާ ނޫހެކެވެ. ބެލެނިވެރިންނާއި ސްކޫލާ ދެމެދު ވަރުގަދަ ގުޅުމެއް އެނޫހުގެ ސަބަބުން އުފެއްދިއެވެ. ދަރިވަރުންގެ ލީޑަރޝިޕް ދައްކުވައި ދިނުމަށް އެއީ ހުޅުވިފައިހުރި ބޮޑު ދޮރެކެވެ. ސްކޫލުގެ ކަންތައްތަކާމެދު ބެލެނިވެރިންނަށް ފާޑުކިޔައި ޚިޔާލު ދިނުމަށް އެއީ ޚިޔާލު ފޮއްޓެކެވެ. 

މިގޮތުގައި ނޫސް ނެރެމުން ދަނިކޮށް އޭރުގެ އެޑިއުކޭޝަން މިނިސްޓަރ އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން (ޑރ. މުޙައްމަދު ޒާހިރު ޙުސައިން) މަނަދޫއަށް ވަޑައިގަތީ މަނަދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހުނު ޖަޕާން ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވުމަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހަފްތާ ޚަބަރަށް ބަސްދީގަތުމެއް ދެއްވިއެވެ. ނޫހުގެ ރިޕޯޓަރުންގެ ގޮތުގައި ދަރިވަރުންގޮސް އެމަނިކުފާނާ ބައްދަލުކޮށް އިންޓަރވިއުއަކަށް އެދުމުން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ބޮޑު ހައިރާންކަމެކެވެ. އެހެންނަމަވެސް ބަސްދީ ގަތުން ދެއްވިއެވެ. ބަސްދީގަތުން ދެއްވުމަށްފަހު އެމަނިކުފާނު "ހަފްތާ ޚަބަރާ" ބެހޭ ގޮތުން ސުވާލު ކުރައްވައި މަޢުލޫމާތު ސާފު ކުރެއްވިއެވެ. 

އޭރުވެސް އެއީ ދުވަހުނޫސް ހަވީރުގެ ޗެއަރމަން އެވެ.  ދިވެހި ނޫސްވެރިކަމުގައި ލީޑް ކުރަމުންދިޔަ ނޫހުގެ އެންމެ އިސް ފަރާތަށްވީތީ އެމަނިކުފާނު ހަފްތާ ޚަބަރު ކުރިއަށް ގެންދިއުމަށް ޚިޔާލުފުޅުތަކެއް ދެއްވިއެވެ. ލަފާފުޅުތަކެއް ދެއްވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޒަމާނާ ގުޅޭގޮތަށް ނޫސްވެރިކަން ކުރިއަރުވާއި ތަރައްޤީ ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އެމަނިކުފާނުގެ ލަފާފުޅާއެކު ހަފްތާ ޚަބަރު ރަޖިސްޓްރީ ކުރިއެވެ. އެއީ ރާއްޖޭގެ ތާރީޚުގައި ސްކޫލެއްގައި ދަރިވަރުން ނެރެމުންދިޔަ ނޫހެއް ސަރުކާރުން ރަޖިސްޓްރީ ކޮށްދިން ފުރަތަމަ ފަހަރެވެ. ސަރުކާރުން ހޯއްދަވައިދެއްވި އަތުން އަބުރާ ޗާޕް މިޝިނަކުން ސްޓެންސިލްގައި ލިޔެ ނޫސް ޗާޕް ކުރަން ފަށައިފިއެވެ. ޗާޕް ކޮށްގެން ނެރުނު ފުރަތަމަ ނޫސް ނެރުނީ 19 ޖުލައި 1985 ގައެވެ. 

ހަފްތާ ޚަބަރުގެ ޗާޕް ކޮށްގެން ނެރުނު ބައެއް އަދަދުތައް ދިވެހިރާއްޖޭގެ ޤައުމީ ލައިބްރަރީގައި އާކައިވް ކުރެވިފައި އެބަހުއްޓެވެ. އެ ނޫސްތަކުގައި ރާއްޖެއާއި ނ. އަތޮޅުގެ ޚަބަރުތަކާއި މަނަދޫގެ ޚަބަރުތައް ލިޔެފައިވެއެވެ. އިންޓަރވިއުތަކާއި ޅެންތަކާއި މަޒުމޫނުތަކާއި ރިޕޯޓްތައް ޝާއިޢުކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ ފޮޓޯ ބައެއް އަދަދުތަކުގައި ޖަހާފައެއެވެ. އެއީ ތާރީޚުގެ ޞަފްޙާއެކެވެ. އެ ދުވަސްވަރު މަނަދޫއާއި އަތޮޅުގެ ހާލަތު ވަރަށް ރަނގަޅަށް ދައްކައިދޭ ގަލަމީ ތަސްވީރެކެވެ. 







No comments: