Friday, October 18, 2013

ކުޑައިރުގެ ހަނދާނެއް: ފެންވަރާ ސައިބޯނި





އަޅުގަނޑުމެން ބޮޑަތިވަމުން އައި ދުވަސްވަރަކީ "ދިޔާ ސައިބޯނީގެ ޒަމާނެއް" ނޫނެވެ. އޭރު ހުންނަނީ ގަޑު ސައިބޯންޏެވެ. އެ ސައިބޯނި އޮންނާނީ ސައިބޯނި ދަޅުގައެވެ. ސައިބޯނި ދަޅު ހުންނާނީ ވަޅު ދެފަޅިއަށް ބައިކޮށްފައިވާ ފާރުގައި ހަރުކޮށްފައި ހުންނަ ފިލާކޮޅެއްގެ މަތީގައެވެ. ބޮލުގަޔާއި ގައިގައިލާންވެސް ސައިބޯނި ފުދެއެވެ. ފިޔާތޮށި ކުލައިގެ ފާ ސޭންޕޫ ފެންނަން ފެށީ ތަންކޮޅެއް ބޮޑުވި ފަހުންނެވެ. ސައިބޯނި ލަމުން ލަމުން ދިޔަ ވަރަކަށް ދާނީ ގިރެމުން ތުނިވަމުންނެވެ. ސައިބޯނި ދެބައި ހަމައަށް ގިރޭއިރު ގިނަ ސައިބޯނި ތަކުގައި ވަހެއް ނުހުންނާނެއެވެ. ސައިބޯނި ވަކިވަރަކަށް ތުނިވުމުން އެންމެ ފަހުން ގުޅައަކަށް ވަށާލަން ޖެހެއެވެ. ދެން އޮންނާނީ ކަވާބެއްގެ ސިފައިގައެވެ.


ސައިބޯނި ގައިގައި މާ އަވަސް އަރުވާލައިގެން ލާއުޅެފިނަމަ އާންމުކޮށް ދެ ލަނޑެއް ލިބޭނެއެވެ. އެއް ލަނޑަކީ އަތުން ދޫވެގެން ބިން މައްޗަށް ވެއްޓުމެވެ. ދެވަނަ ލަނޑަކީ ފެންވަޅަށް ވެއްޓުމެވެ.

ބިންމައްޗަށް ވެއްޓިއްޖެނަމަ ގިނަ ފަހަރު އޮންނާނީ ވެލިގަނޑަށް ވެއްޓިފައެވެ. އެހިސާބުން ސައިބޯނި ދެކެ ނިކަން ފޫހިވެއެވެ. އޮންނާނީ ވެލިވަދެފައެވެ. ގައިގައި އުގުޅާކަށް ހިތެއް ހަމައެއް ނުޖެހޭނެއެވެ. ވެލި ފިލުވަން އުޅެފިނަމަ ސައިބޯނިން ބޮޑުބައެއް ގިރިގެންދާނެއެވެ. ފެނަށްލައިގެން ގިނައިރުވީމާ ސައިބޯނީގައި ހުންނަ ވަސްކޮޅު ފިލާނެއެވެ.

ފެންވަޅަށް ވެއްޓުނީމާ ހޯދަން ޖެހޭނީ ބޮޑު ތިނޯހެކެވެ. ދާނި ދަނޑީގެ ކުރިއަށް ތިނޯސް ޖަހާފައި ސައިބޯނީގެ މެދަށް ތިނޯސް ހަރާލައިގެން ނެގެއެވެ. އެކަމަކު ގިނަ ފަހަރަށް ތިނޯހެއް އަތަކު ނުޖެހޭނެއެވެ. ހަރު އިލޮއްޓެއްގެ ކޮޅު ތޫނުކޮށްގެން ސައިބޯންޏަށް ހެރޭތޯ ވަޅުގައި ބަޑުއަޅުވައިގެން އޮވެއޮވެ ވަރުބަލިވާއިރުވެސް އެކަމެއް ފަސޭހައެއްކޮށް ނުވާނެއެވެ. ގިނަ ފަހަރަށް އިލޮށި ބިނދޭނީއެވެ. ބައެއް ފަހަރު ކާމިޔާބު ވާނެއެވެ. ކާމިޔާބު ނުވެއްޖެނަމަ އަޅާނުލާ ޖެހޭނީ ދާށެވެ. ސައިބޯނި މީދާ ގެންދިޔައީ ކަމަށް މަންމަމެން ނިންމަފާނެއެވެ. އޭގެ ދެތިން ދުވަސްފަހުން ފެންވަޅުން ސައިބޯނީގެ ބައިތައް ގިރިގެން އަރަން ފަށާނެއެވެ. ދެން ފެންނާނީ ވަޅަށް ލާފައި ހުންނަ ގުރުވަކޮޅާއި ކައްޓަފޫޅި ކޮޅުވެސް މަރުވެގެން ފެން މައްޗަށް އަރާފައި އޮށްވައެވެ.

އިސްކޮޅުން ދެމިލާ ތަންކޮޅެއް ބޮޑުވިފަހުން ވަޅަށް ސައިބޯނި ވެއްޓުމުން ސައިބޯނި ނެގުމަކީ އެއްވެސް ކަމެއް ނޫނެވެ.  ވަޅުގެ ތިލަވަތްގަލުގައި އޮންނަ ސައިބޯނީގައި ދާނީގެ ފުލުހުން ޖައްސާ އޮބާލުމަށްފަހު ކުއްލިއަކަށް މައްޗަށް ލަތްކެއް ޖަހަނީއެވެ. އޭރުން ސައިބޯނި ގިނަ ފަހަރަށް ފެންގަނޑު ތެރެއިން މައްޗަށް އަރައެވެ. އެވަގުތު ދާނި ދިމާކޮށްގެން ސައިބޯނި ދާނި ތެރެއަށް ލަނީއެވެ.
މިއަދު އަޅުގަނޑުމެން މިދެކޭ ދިޔާ ސައިބޯނި ލައިގެން ބޮޑެތިވާ ކުދިންނަށް މިހިރަ މިހިރަ ވާހަކަތަކީ ހަގީގީ ވާހަކަތަކެއް ކަމަކަށްވެސް ގަބޫލެއް ނުކުރެވޭނެއެވެ. ކުރާނެ ކަމެއްނެތެވެ. 

No comments: