Friday, October 25, 2013

ނ. އަތޮޅުގެ ތާރީޚް: މަނަދޫ ބައްތެލީގައި ވަޒީރުލް މަޢާރިފް މަނަދުއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު



28 ސައްވާލް 1376 (28 މޭ 1957) ގައި އޭރުގެ ވަޒީރުލް މަޢާރިފް ޞާހިބުއްސަޢާދާ އަލްއުސްތާޛު އިބްރާހީމް ޝިހާބު ނ. އަތޮޅަށް ފުރާވަޑައި ގެންނެވިއެވެ. އަރިހުގައި ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލިހުގެ ނ. އަތޮޅުގެ ޢިއްޒަތްތެރި ދެ މެންބަރުންކަމަށްވާ އަލްއަމީރު މުޙައްމަދު ނޫރައްދީނާއި، އަލްމުޙްތަރަމް ހޮޅުދޫ މޭނާ ކަލޭފާނުގެ ދޮންމަނިކެވެ. 
މި ދަތުރުފުޅުގެ ބޭނުންފުޅަކީ ނ. އަތޮޅު މަނަދޫގައި އަލަށް ހުޅުވާ ނ. އަތޮޅު މަދަރުސާ ހުޅުވައި ދެއްވުމެވެ. މި ބޭފުޅުން މަނަދޫއަށް ވަޑައިގެންނެވުމަށް މާލެއިން ފުރާވަޑައިގެންނެވީ އެދުވަހުގެ ހެނދުނު 07:20 ގައެވެ. މި ތާރީޚީ ދަތުރު މިބޭފުޅުން ކުރެއްވީ މަނަދޫ ރައްޔިތުންގެ ބައްތެލީގައެވެ. 

މި ބައްތެއްޔަކީ މަނަދޫ ރައްޔިތުންގެ އުޅަނދެކެވެ. ވަޒީރުލް މަޢާރިފުގެ މި ދަތުރުފުޅަށް ބައްތެއްޔަށް ބައެއް މޮޑިފިކޭޝަންތައް ގެނެވުނެވެ. މިގޮތުން ވަޒީރުލް މަޢާރިފަށް ޚާއްޞަ ފާޚާނާއެއް ތައްޔާރުކުރެވުނެވެ. އަދި ބައްތެލީގެ ތެރެއަކީ އެމަނިކުފާނަށް ޚާއްޞަ ކޮޓަރިކޮޅެއްގެ ގޮތުގައި އިންތިޒާމުތައް ހަމަޖެއްސިއެވެ. މި ދަތުރުފުޅުގައި ވަޒީރަށް އުނދަގޫފުޅު ވެދާނެތީ ވާހަކަ ދައްކައި ހެދީ ވަރަށް މަޑުމަޑުންނެވެ. މޫސުން ގޯސް ކަނޑު ގަދަ ދުވަސްވަރެއްގައި ކުރަންޖެހުނު ދަތުރަކަށް ވިޔަސް ވަޒީރަށް އެކަމުގެ މާބޮޑު އުދަގޫފުޅެއް ތަހަންމަލު ކުރައްވަން ނުޖެހޭގޮތަށް ހުރިހާ އިންތިޒާމުތަކެއްވެސް ބައްތެލީގެ ތެރޭގައި ހަމަޖައްސާފައި ހުއްޓެވެ. 

No comments: