Wednesday, October 23, 2013

ޤައުމު ރޮނީ އެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟


ނުވިސްނެއެވެ. ނޭނގުނެވެ. އަހަރެންގެ ހަޔާތުގައި އުފަލާއި ހިތާމަ އެކުލެވެއެވެ. މިއަދު މިދެކޭފަދަ ނާޒުކު އެތައް ދުވަހެއް ދެކުނީމެވެ. ޤައުމެއްގެ ހަޔާތުގައި އިތުރަށް ކުރަންޖެހޭނެ އާ ތަޖުރިބާއެއް ނެތެކެވެ. އަޅުވެތިކަމެވެ. އަޅުވެތިކަމުގެ ހިތި ހިތާމައާއި ހިތްދަތި ކަމެވެ. ރައްޔިތުންގެ ވޭނާއި ގިސްލުމުގެ އަގު ގުގުމާފައިއޮތް ދުވަސްތަކެވެ. ދިވެހިންގެ ލޭގައި ހުރުމަތެއްނެތި ގޮތް ހުސްވެފައިވާ ދުވަސްތަކެވެ. ބެލުމެއްނެތި ޙައްޤަކާނުލައި ދިވެހިންގެ ލޭ އޮހޮރުވަމުން ދިޔަ ލާއިންސާނީ ދުވަސްތަކެވެ. ދިވެހިންގެ ޢިއްޒަތެއް އަބުރެއް ނެތް  ދުވަސްތަކެވެ. މިނިވަންކަމެވެ. މިނިވަން ވަޔާއެކު ޤައުމީ ނިޝާން ވިހުރެމުންދިޔަ އުފާވެރި ދުވަސްތަކެވެ.


ދިވެހިންގެ ކަރަށް ރާއަޅައި އިސްލާމެއް ނަމަ މަރާނެކަމުގެ އިންޒާރު ދެމުންދިޔަ ދުވަސްތައް ލިޔެވިފައިވަނީ ތާރީޚުގައެވެ. ދީނީ ޢިލުމުވެރިއެއްނެތި ދިޔަ ދިގު މާޒީއެވެ. ނަމާދުކޮށް ޤުރުއާން ކިޔަވަން އެނގޭ މީހުން އުނާލެވޭހާ މަދުވެގެންދިޔަ ދުވަސްތަކެވެ. އެއަށްފަހު ވާދޫ ދަންނަކަލޭފާނުގެ އަގުހުރި ދީނީ ޚިދުމަތްކެވެ.  ރައްޔިތުން މާޔޫސްވެ ގޮތް ހުސްވެފައިވާއިރުވެސް އަހަރެން އުންމީދެއް ގެއްލުވައެއް ނުލަމެވެ. އަހަރެންނަށް އެގެއެވެ. އަހަރެންގެ މައިކަށިން ވަފާތެރި އިޚްލާޞްތެރި ދަރިން އުފެއްދީމެވެ.

ނުވަވަނަ ޙަސަން ރަސްގެފާނު ދިވެހި ތަޚްތު ދޫކުރައްވާ ގޯވާއަށް ވަޑައިގެން ނަސޯރާ ދީނަށް ވެންނެވިއެވެ. ޕޯޗުގީޒުންނަށް ރާއްޖެ ހިފުމަށް ދައުވަތު ދެއްވިއެވެ. ކޮންފަދަ ބޮޑު މުޖްރިމެއްތޯއެވެ؟ ޕޯޗްގީޒުންގެ ތިންވަނަ އެޓޭކުގައި ޝަހީދުވެގެންދިޔައީ 6 ވަނަ ޢަލީ ރަސްގެފާނެއެވެ. ކޮންމެ ގޮތެއް ވަރިހަމަކޮށްލި ރައްޔިތުން އެދުވަހު ތިއްބެވެ. "އައްޔަސް އަދިރިއަސް ވާނީ އެއްގޮތް" ކަމަށް ބުނި މީހުން ތިއްބެވެ. ގަނޑުވަރުން ނިކުންނަވައިގެން ލަޝްކައިގެން ވަޑައިގެންނެވީ އަޒުމާ އެކުގައެވެ. އެހެންނަމަވެސް އީދު މިސްކިތާ ހަމައަށް ވަޑައިގެންނެވުނުއިރު ދުނގެތި ވަލަށްވަދެ ލަޝްކަރު ފިލައިފިއެވެ. ގިނިކަންޏާ ކަހަލަ ގޮތަކަށް ދުޝްމިނުންނާ ދެކޮޅަށް ނިކުންނެވިއެވެ. ޢިބުރަތްތެރި ފިލާވަޅުތަކެއް ދެއްކެވުމަށްފަހު ޝަހީދެއްގެ މަތިވެރި ދަރަޖަ ހޯއްދެވިއެވެ.

އެއީ އަސަރުކުރި ދުވަހެކެވެ.  ލޭ ކަރުނަ އޮހޮރިގެން ދިޔަ ދުވަހެކެވެ. ދެންވާނެ ގޮތެއް ނޭނގޭތީއެވެ. 15 އަހަރަށް ދެމިގެންދިޔަ ޕޯޗުގީޒުންގެ އަނިޔާވެރިކަން ނިމުމަކަށް ގެންނަވަން 16 ރިޔަނުގެ އަގަމަތި މަސްދޯންޏެއްގައި ފަންރިޔަލުގައި އުތީމު ތިން ތަކުރުން ދަތުރު ފަށައިފިއެވެ. އުންމީދުގެ ހުޅުކޮޅު ދިއްލިއްޖެއެވެ. ދުނިޔޭގެ ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ޕޯޗުގީޒުންގެ ކިއްލާގައި އޮތް އަދިރިއަދިރިން ގަތުލުކޮށް ދިވެހިންގެ ދީނާއި މިނިވަންކަން އަބުރާ ހޯއްދަވައި ދެއްވިއެވެ. އުތީމު ބޮޑުތަކުރުފާނަށް ސާބަހާއި އައްސަރިބަހެވެ.

މަލާބާރީން ނުވަތަ ހޮޅިންގެ ދުއްތުރާ ކުރިމަތިވި ވަގުތު ނިކުންނެވީ ހުރާގޭ ދޮންބަންޑާރައިންނެވެ. ޒަމާނީ ރަސްކަމުގެ ގޮތްގަޑުގެ ބަދަލުގައި ޖުމްހޫރީ ވެރިކަމެއް ތަޢާރުފުކޮށްދެއްވީ ސުމުއްވުލް އަމީރު މުޙައްމަދު އަމީނެވެ. އެމަނިކުފާނުގެ އުމުރުން 43 އަހަރުފުޅުގައި އަހަރެމެން ދޫކުރައްވާ ވަޑައިގެންނެވީ ދިވެހިންގެ އަތްތަކުން ދިން އަނިޔާތަކަށް އެކަށީގެންވާ ފަރުވާ ނުލިބިގެންނެވެ. އެއީ ޤައުމު ދެކެ ލޯބިވާ ކޮންމެ ދަރިއަކު ކަރުނަ އަޅާނެ ހާދިސާއެކެވެ. ޤައުމަށް ބޭރުގެ ބާރުތަކުގެ ހިމާޔަތް ބޭނުންވާ ކަމަށް ބުނެ މަސައްކަތްކުރި ފަރާތްތަކުން އިނގިރޭސިންގެ ހިމާޔަތަށް އެދުނެވެ. އެ ހިމާޔަތުން އަހަރެންނަށް ތަޖުރިބާ ކުރެވުނު އަޅުވެރިކަން ނިމުމަކަށް ގެންނެވީ ސާހިބުއްދައުލާ އިބްރާހީމް ނާޞިރެވެ. އެއީ މިނިވަންކަމުގެ ބަޠަލެވެ. ސިޔާސީ ހާލަތު އޮތްގޮތުން ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ބައްދަލުވީ ފުރާނަނެތް ހަށިކޮޅާ އެކުގައެވެ.

މަޒީން މިއަދުގެ މިހާލަތަށް ރުޖޫޢަ ވަމާހެވެ. މިއަދު މި ޤައުމު މިއޮތް ހާލަތާމެދު މި ޤައުމުގެ ދަރިން ކަންބޮޑު ވޭހެއްޔެވެ؟ މި ހާލަތުގެ ނާޒުކުކަން ބޮޑެވެ. ވިސްނާ ފިކުރު ކުރައްވާށެވެ. އިޖްތިމާޢީ ފޭރާން ވަނީ ވީދިފައެވެ. ނުވަތަ ވީދާލެވިފައެވެ. ސިޔާސީ އޮއިވަރު ބާރެވެ. ބޭރުން އަންނަ ކުނިބުނި ސިޔާސީ އޮއިވަރާއެކު ރާއްޖޭގެ ކަނޑުތަކުގައި ފެތުރެނީއެވެ. ސިޔާސީ ކަނޑުތައް ކެރި އުތުރެނީއެވެ. ޤައުމީ މަސްހަތު ސިޔާސީ ކަނޑުގެ ތެރެއަށް ގެނބެނީއެވެ. ދުނިޔެވީ އެދުންތަކާއި މާއްދިއްޔަތުގެ ދަޅަތަކަށް ހެއްލި ގެއްލެނީއެވެ. އަގެއް ހުރި ރައްޔިތެއް ނެތެވެ. ޝަރަފެއް އޮތް މަޤާމެއް ނެތެވެ. އިތުބާރުކުރަންވީ ދުލެއް ނެތެވެ. 

No comments: