Saturday, June 1, 2013

މަގޭ ވޯޓް


ވޯޓު ލުމުގެ ޙައްޤަކީ އަޅުގަނޑަށްވެސް ލިބިގެންވާ ޙައްޤެކެވެ. އެއީ އެހެން ކޮންމެ ރައްޔިތެކޭ އެއްފަދައިން އަޅުގަނޑުގެ ކޮޑުގައިވެސް އެޅިފައިވާ އަމާނާތެކެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އުފުލަންޖެހިފައިވާ މަސްއޫލިއްޔަތެކެވެ. އަޅުގަނޑުގެވެސް އާއިލާއެއް އޮވެއެވެ. ވޯޓްލެވޭ އުމުރުގެ ދަރިއަކު އަދިނެތަސް އަނތްބަކާއި މައިންބަފައިން ދުނިޔޭގައި ﷲ ގެ އިރާދަފުޅުން އެބަ ތިއްބެވެ. އެކަމަކު ދުވަހަކުވެސް އެއިން މީހަކު ވޯޓުދޭގޮތެއް ނުބަލަމެވެ. ނުވެސް ބަލާނަމެވެ. އަދި އެއިން މީހަކުވެސް ވޯޓުލަނީ ކާކަށްތޯ އަޅުގަނޑު ކުރެންނެއްވެސް ނާހައެވެ. އަހާނެ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ. 


އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަކީ ސިޔާސީ އެއްވެސް ޕާޓީއެއްގައި އުޅޭ ބައެއް ނޫނެވެ. ޤާނޫނީ ގޮތުން އެކަން އަޅުގަނޑުގެ މައްޗަށް މަނާކުރެއެވެ. އެކަމަކު އަންހެނުން އެކަމުން މަނާވެފައިވަނީ އޭނާ އަމިއްލައަށެވެ. ދުވަހަކުވެސް ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި އޭނާ ބައިވެރިއެއް ނުވެއެވެ. ޖަލްސާތަކަށްގޮސް މުޒާހަރާތަކަށް ނުކުމެ އުޅޭކަން އޭނާގެ ޝަޢުޤުވެރިކަމެއް ނެތެވެ. ބައެއް ފަހަރު އެއީ ނަސީބެކޭވެސް ހިތަށްއަރައެވެ. ސިޔާސީ ގޮތުން ތަފާތު ފިކުރުގެ މީހުން އަޅުގަނޑުގެ ޢާއިލާގައިވެސް އެބަތިއްބެވެ. ރަޙުމަތްތެރިންގެ ތެރޭގައިވެސް މިތަފާތު އެބަހުއްޓެވެ. އެކަމަކު އެއްވެސް މީހަކީ އަޅުގަނޑުގެ ހަތުރެއްނޫނެވެ. ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ހުރިހާ އެންމެންނާވެސް ވަރަށް ބަދަހި ގުޅުމެއް އެބައޮތެވެ. މިއިން އެއްވެސް ފަރާތަކުން އެފަރާތެއްގެ ފިކުރާ އެއްގޮތަށް އަޅުގަނޑު އަނބުރާކަށް މަސައްކަތެއް ނުކުރެއެވެ. ވިސްނައިދީ ހަދާކަށް މަސައްކަތެއް ނުކުރެއެވެ. އެކަންކަމާ މަޝްވަރާކޮށް ޚިޔާލު ބަދަލެއްވެސް ނުކުރެއެވެ. މިއީ މިއަދު ރާއްޖެ ވެއްޓިފައިވާ ސިޔާސީ ވެށީގައި ބައެއް މީހުންނަށް ޤަބޫލުކުރަން ދަތިވެދާނެ ޙަޤީޤަތެކެވެ.

ސިފައިންނަށް ވޯޓް ލުމުގެ ޙައްޤު ޤާނޫނުން ލިބިދިންފަހުން އަޅުގަނޑު މިދަނީ ވޯޓް ލަމުންނެވެ. ފުރަތަމަ ރިޔާސީ ނޫނީ ބަރުލަމާނީ ނިޒާމުތޯ ބެލުމަށް ނެގި އާންމު ވޯޓެވެ. އެއަށްފަހު ރިޔާސީ އިންތިޚާބެވެ. ދެން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބެވެ. އެއަށްފަހު ލޯކަލް ކައުންސިލް އިންތިޚާބެވެ. މިއިން އެއްވެސް އިންތިޚާބަކާ ގުޅިގެން އަޅުގަނޑާ މޫނު ކެނޑުނު އެކުވެރިންނެއް ނެތެވެ. އަދި ގުޅުހުން ހީނަރުވި ޢާއިލާގެ މެމްބަރުންނެއްވެސް ނެތެވެ. މިއީ ﷲ ދެއްވި ހާދަބޮޑު ރަޙްމަތެކެވެ.

އަޅުގަނޑު ޤަބޫލުކުރާ ފަލްސަފާއަކީ ވޯޓަކީ އެއްވެސް ފަރާތެއްގެ މަޖްބޫރުކަމެއްނެތި ދެވެންވާނެ އެއްޗެއްކަމެވެ. އިންތިޚާބު ތަކުގައި ވޯޓް ހޯދަން މަސައްކަތް ކުރުމަކީ އިންތިޚާބު ތަކުގައި ވާދަކުރައްވާ ބޭފުޅުންގެ ކަމެކެވެ. އިންތިޚާބުތަކުގައި އެބޭފުޅަކަށް ވޯޓް ދޭންޖެހެނީ ކީއްވެގެންކަން ބަޔާންކޮށްދީ ހެދުމަކީ ކެންޑިޑޭޓަށް ލިބިގެންވާ ޙައްޤެކެވެ. ވޯޓުލުމަށްފަހު ވޯޓްގެ ކަންތައްތައް އެނިމުނީއެވެ. ވޯޓަކީ ސިއްރު ވޯޓެއްކަމަށްވާނަމަ އެވޯޓާމެދު އަދި އެވޯޓްލީގޮތާމެދު ވާހަކަ ދެއްކުމަކީ އަޅުގަނޑު ޤަބޫލުކުރާ ކަމެއްނޫނެވެ. ކުރިމަތި ލައްވާފައިވާ ހުރިހާ ބޭފުޅުންނަށް ވޯޓްލާން ބޭނުންވިޔަސް އެކަމެއް ނުވާނެއެވެ. އެކަން އެގޮތަށް ކޮށްފިނަމަ އެވޯޓްވާނީ ބާތިލު ވޯޓަކަށެވެ. ކިތަންމެ ގިނަ ކެންޑިޑޭޓުންނެއް ކުރިމަތި ލެއްވިޔަސް އިންތިޚާބު ކާމިޔާބު ކުރެއްވޭނީވެސް އެއް ބޭފުޅަކަށްކަން އެބޭފުޅުންވެސް ޤަބޫލުކުރައްވާނެއެވެ. ވޯޓާއި ފައިސާއާ އެއްތަން ކޮށްގެން ނުވާނެއެވެ. 

ކޮންމެ ކަމަކަށް ވޯޓްދިނަސް،  ލޯމަރާފައި ފާހަގައެއް ޖަހާލުމަކުން ވޯޓް ލުމުގެ ޤާނޫނީ ޒިންމާ އަދާކުރެވުނީ އެއްނޫނެވެ. ވޯޓްދިނުމަކީ ފަރުދެއްގެ ހައިސިއްޔަތުން އެމީހަކާއި ހަވާލުވެފައިވާ އެއަށްވުރެ މާމަތިވެރި، މާއަގުބޮޑު އަމާނާތަކަށްވާތީ ވޯޓުލާން ދިއުމުގެ ކުރިން  ވޯޓްލާނީ ކޮންބޭފުޅަކަށްތޯ ވިސްނާ ފިކުރު ހިންގަންޖެހޭނެއެވެ. އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އެމީހެއްގެ ބުއްދިއަށް ފެނުނު އެންމެ ރަނގަޅު ގޮތަކަށް ވޯޓް ދިނީމާ އެމީހެއްގެ ޤާނޫނީ ޒިންމާ ފުރިހަމަކުރެވުނު ކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ. ވޭތުވެދިޔަ ހުރިހާ އިންތިޚާބެއްގައިވެސް އެ ހިތްހަމަޖެހުން އަޅުގަނޑަށް ލިބުނެވެ. 

No comments: