Saturday, June 1, 2013

އިސްތިރި : ލޯބިޖައްސާ ސިހުރު



 މިއީ ފޮޓޯއިން އެފެންނަ އިސްތިރީގެ ވާހަކައެއް ނޫނެވެ. މިއީ އެއަށްވުރެ މާނުރައްކާތެރި އިސްތިރިއެއްގެ ވާހަކައެވެ. އަލިފާން އަޅައިގެން ދޮންކޮށްގެން ބޭނުންކުރި އިސްތިރިއާއި މިޒަމާނުގައި ބޭނުންކުރާ ކަރަންޓް އިސްތިރިންވެސް ބޮޑުވަރަކަށް ވާނެ ކަމަކީ ގައިގައި ޖެހުގައި ފިހޭނީއެވެ. ދަންނަވަން މިއުޅޭ އިސްތިރީގެ ނުރައްކާތެރިކަމުން މުޅި މީހާގެ ހަޔާތް ގެއްލި ހަލާކުވަނީއެވެ. ދެދުނިޔޭގެ އަބާއްޖަވެރިއަކަށްވަނީއެވެ. 


ފަންޑިތަ ސިހުރުގެ ބާވަތްތަކުގެ ތެރެއިން "ސިޙްރުލް މަޙައްބަ" ނުވަތަ ލޯބިޖައްސާ ސިހުރަށް ޒަމާނުއްސުރެ ދިވެހިން ކިޔަނީ އިސްތިރިއެވެ. ލޯބިވެރިން ދުރުކުރުމަށާއި ކައިވެނިތައް ރޫޅުވުމަށް ބޭނުންކުރާ ސިހުރަށް ދިވެހިން ކިޔަނީ ވަރިތޮޅިއެވެ. މިފަހަރު މިލިޔަނީ އިސްތިރީގެ ވާހަކައެވެ. 

އިސްތިރިއަކީ އެކިއެކި އެހެން ބޭނުންތަކަށް މީހުންހަދާ ފަންޑިތަ ސިހުރަށްވުރެ މާނުރައްކާތެރި އެއްޗެކެވެ. ސަބަބަކީ އެކަމުން ގިނަ ފަހަރަށް އެކަންކުރި މީހާ ސަލާމަތްނުވާތީއެވެ. ލޯބިވެރިޔާ ހާސިލުކުރަން ނުވަތަ ފިރިމީހާގެ ލޯބިގަދަކުރަން ނުވަތަ އަނބިމީހާ ގައިގޯޅިކުރަން ހަދާ އިސްތިރިތަކުން ބައެއް މީހުން މޮޔަވެ އެވޭންދެނިވި ގޮތުގައި މުޅި ހަޔާތް ފާއިތުކޮށްފައިވާ މީހުންކަމަށްބުނާ މީހުން އަޅުގަނޑުވެސް ދެކުނީމެވެ. 

އިސްތިރި ހަދަނީ ދެގޮތަކަށެވެ. އެއްގޮތަކީ ކޮންމެވެސް ފަންޑިތަ ފޮތަކުން ބަލައިގެން ހެދުމެވެ. އަނެއް ގޮތަކީ ފަންޑިތަހަދާ މީހެއްގެ ކައިރިއަށް ގޮސްގެން ސިހުރު ހެއްދުމެވެ. މިދެގޮތަކީވެސް ނުރައްކާތެރި ދެގޮތެވެ. ފޮތްބޮޑި ބަލައިގެން ފަންޑިތަ ހަދާމީހުންނަށް އެކަމުގެ މައިތިރި ނޭނގެނީއެވެ. އަދި އެކަން ގޯސްވެ އެމީހާއަށް ހުށަހެޅުމުން އެހެން މީހަކަށްވެސް އެކަމުން އެމީހާ ސަލާމަތްކޮށްދިނުން ފަސޭހައެއް ނުވެއެވެ. ދެވަނަ ގޮތުގައި ފަންޑިތަވެރިން ފަންޑިތަ ހަދުވަންދާ މީހުންގެ އަތުން ބޮޑު އަގުނެގުމާއި ފާހިޝް އަމަލުތައް އެމީހުންގެ ބޮލަށް ސަވާރުވެގެން ހިންގުން ފާހަގަކުރެވެއެވެ. އިސްތިރި ކާމިޔާބުވާނީ އެވެނި މިވެނި ކަމެއް ކޮށްގެންކަމަށްބުނުމުން ފަންޑިތަ ހަދުވަންދާ މީހާ އެކަމުގައި ހުންނަ ފޯރިއާއި ޖޯޝުގައި ފަންޑިތަވެރިޔާ ބުނިހާގޮތެއް ހަދައި ދެދުނިޔެއިން ގެއްލި ހަލާކުވެއެވެ. 

ސިހުރަކީ ﷲ އަށް ޝިރުކު ކުރުމެވެ. އެހެންކަމުން ޖިންނި ޝައިޠާނުންގެ ރުހުން ހޯދުމަށް ސިހުރުވެރިން ﷲގެ މަގުން އެއްކިބާވެ ފާޙިޝް ޢަމަލުތައް ހިންގައި އެސޮރު ރުއްސައެވެ. މިކަމުގައި އިސްތިރި ހަދަންދާ މީހާ ބައިވެރިކުރުވައެވެ. މިއީ ރާއްޖޭގައިވެސް މިކަން ހިންގަމުންދާގޮތެވެ. އާންމުކޮށް ސިހުރުވެރިން މިފަދަ ކަންތައްތައް ކުރުމަށްފަހު ކާތަކެއްޗާއި ބޯތަކެތި ހިތް ރުއްސަން ބޭނުންވާ މީހާއަށް ކާންދީ ބޯންދީ ހެދުމަށް ދެއެވެ. އަދި ބައެއް ތަކެތި އެކި ތަންތަނުގައި ވަޅުލާހަދަން ދެއެވެ. މޫދަށް ނުވަތަ ކަނޑަށް ތަކެތި ފައްތާ މަސްމަހާމެއްސަށް ކާންދީވެސް ހަދައެވެ. މިނޫނަސް ތަފާތު ގޮތްތައް ސިހުރުވެރިން ބޭނުންކުރެއެވެ. މިކަންކަމުގެ ސަބަބުން ޖިންނި ޝައިޠާނުން އެ ސިހުރު އުފުލައެވެ. އަދި ލޯބި ހޯދަން އުޅޭ މީހާއަށް ވަސްވާސް ދެއެވެ. ސިހުރުން ވާގޮތަކީ ހަގީގީ ލޯބި ލިބުމުގެ ބަދަލުގައި ބޮޑު އޮޅުން ބޮޅުންގަޑެއްގެ ތެރެއަށް މީހާ ވެއްޓެނީއެވެ. 

 އިސްތިރި ޖެހިފައިވާ މީހުންގެ ފަރާތުން ފެންނާނެ ޢަލާމާތްތައް 

1-    އާދަޔާ ޚިލާފަށް މާބޮޑަށް ލޯބިވެ އެކަމުގައި ހައްދުފަހަނަ އެޅުން
2-    އާދަޔާ ޚިލާފަށް ގިނައިން ޖިންސީ ގުޅުން ހިންގާހިތްވުމާއި އަބަދުވެސް އެޚިޔާލުގައި ހުރުން
3-    އެއްދާން ކުރާއިރު ނުލިބޭވަރަށް ލައްޒަތު ލިބޭކަމުގެ ހީވުން
4-    ހަމަނިދި ނުލިބުން
5-    އަބަދު އެމީހާ ކައިރިއަށް ދާހިތްވެ އަބަދުވެސް ކައިރީ ހުންނަހިތްވުން
6-    ހުވަފެނުގައި އެމީހަކު ގިނައިން ފެނުމާއި އެމީހާއާއެކު އެއްދާން ކުރާތީ ހުވަފެނުގައި ގިނަގިނައިން ފެނުން
7-    ކޮންމެ ހާލެއްގައި އުޅެންޖެހުނަސް އެމީހަކު ބޭނުންވުން
8-    ކިތަންމެ ނުބައި ކަމެއް ނުވަތަ ތިމާ ކިތައްމެ ނުރުހޭ ކަމެއް އެމީހާ ކުރިކަމުގައިވިޔަސް އެކަމާ ނުރުހުން
9-    އާދަޔާ ޚިލާފަށް މެއަށް ނުވަތަ ހިތަށް ތަދުވުން

No comments: